ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ބާސެލޯނާގެ ފޯވަޑް އަދި ބަޔާން މިޔުނިކްގެ ކުރީގެ ތަރި ރޮބަޓް ލެވަންޑޮވްސްކީ (މ) ހުއްޓުވަން ބަޔާންގެ ކުޅުންތެރިން މަސައްކަތްކުރަނީ

ލެވަންޑޮވްސްކީއަށް ލަނޑު ނުޖެހި، ބަޔާން އަތުން ބާސާ ބަލިވެއްޖެ

މިއީ ބަޔާން ދޫކޮށްލި ފަހުން ބަޔާންގެ ދަނޑުގައި ލެވަންޑޮވްސްކީ ކުޅުނު ފުރަތަމަ މެޗު
14 ސެޕްޓެމްބަރު 2022

ބަޔާން މިޔުނިކާ ދެކޮޅަށް ބަޔާންގެ ދަނޑުގައި ކުރީގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީއަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުންނުކުރެވުމުގެ ފައިދާ ޖަރުމަނުގެ ބޮޑު ކްލަބުން ރޭ ނަގައި، 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ މެޗުގައި ބަޔާން މޮޅުކޮށްދިނީ ފަހު ހާފުގައި ލޫކާސް ހެނާންޑެޒް އާއި ލެރޮއީ ސާނޭގެ ދެ ލަނޑުންނެވެ.

ފޯރިގަދަ އަދި ފޫހިފިލުވައިދިން މެޗުގައި ބަޔާންގެ ކުރީގެ ތަރި އަދި އެތައް ކާމިޔާބީއެއް އެ ކްލަބަށް ލިބުމުގެ ފަހަތުގައި ހުރި ފޯވަޑް ލެވަންޑޮވްސްކީއަށް ލިބުނު ހުސް ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި އެވެ.

މި ނަތީޖާއާ އެކު ހަ ޕޮއިންޓުން ބަޔާން ވަނީ ގްރޫޕްގެ ކުރި އަތުލައިފަ އެވެ.

މިއީ އާންމުކޮށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި ބައްދަލުކުރާ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެ ބާރެވެ. ގްރޫޕް ސްޓޭޖްގައި ދެ ޓީމު ވާދަކުރާ ދެ މެޗުގެ ތެރެއިން ބަޔާންގެ ދަނޑުގައި ކުޅުނު މެޗަށް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ވެސް ތިބީ އިންތިޒާރުކޮށްގެންނެވެ. ޚާއްސަކޮށް ބަޔާން ދޫކޮށް މި އަހަރު ބާސެލޯނާއަށް ބަދަލުވި ފޯވަޑް އޭނާގެ ކުރީގެ ދަނޑުގައި ދައްކާނެ ކުޅުމަކަށެވެ.

މެޗުގެ ކުރިން ބަޔާންގެ ސަޕޯޓަރުން، ލެވަންޑޮވްސްކީއަށް މަރުހަބާ ކިޔެވެ.

ބާސެލޯނާއަށް މި ސީޒަންގައި މިހާތަނަށް ކުޅުނު ހަ މެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. އެކަމަކު ރޭ، އެ ޖާދޫ ދެއްކޭ ގޮތެއް ނުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް