ރެޑް ބުލް ހާފް ކޯޓުގެ ރާއްޖެ ކޮލިފައިން ބުރު ކާމިޔާބުކުރި ސްނެޕާސް ޓީމު. (ފޮޓޯ/އަހުމަދު އަހުސަން)

ރެޑް ބުލް

ރެޑް ބުލް ހާފް ކޯޓު މޯލްޑިވްސްގެ ޗެމްޕިއަންކަން ސްނެޕާސްއަށް

ކޮލިފައިން ބުރު ކާމިޔާބު ކުރުމުން ސްނެޕާސްއަށް މިސްރުގެ ގާހިރާގައި މި މަހު ބާއްވާ ރެޑް ބުލް ހާފް ކޯޓުގެ ނެޝަނަލް ފައިނަލްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ
13 ސެޕްޓެމްބަރު 2022

ރެޑް ބުލް އިން އިންތިޒާމުކޮށްގެން 'ރެޑް ބުލް ހާފް ކޯޓު'ގެ ނަމުގައި ބާއްވާ 3 އޮން 3 ސްޓްރީޓްބޯލް މުބާރާތުގެ ރާއްޖޭގެ ކޮލިފިކޭޝަން ބުރު، އެންމެ މެޗަކުން ވެސް ބަލިނުވެ 'ސްނެޕާސް' އިން ކާމިޔާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ބާސްކެޓްބޯޅަ ކޯޓުގައި ބޭއްވި އެ މުބާރާތުގައި ޖުމުލަ 16 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ކޮލިފިކޭޝަން ބުރުން މޮޅުވާ ޓީމު ދަތުރުކުރާނީ މިސްރުގެ ގާހިރާގައި މި މަހުގެ ފަހުކޮޅު ބާއްވާ ރެޑް ބުލް ހާފް ކޯޓުގެ ނެޝަނަލް ފައިނަލްސްއަށެވެ.

ތަފްސީލު - ސްނެޕާސް އިން ރާއްޖޭގެ ކޮލިފިކޭޝަން ބުރު ކާމިޔާބުކުރީ ފައިނަލުގައި 22-13ގެ ނަތީޖާއަކުން 'ޝޫޓާސް'ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސްނެޕާސްގެ ޓީމުގައި ހިމެނެނީ:

  • އިބްރާހިމް ރަޝްވާން

  • އަބްދުﷲ އަމްޒަރު

  • އިސްމާއިލް ވިލްދާން

  • މުހައްމަދު ރިޝްވާން

ރެޑް ބުލް ހާފް ކޯޓު ރާއްޖޭގެ ކޮލިފައިން ބުރުގެ މެޗެއްގެ ތެރެއިން. (ފޮޓޯ/އަހުމަދު އަހުސަން)

ބުނީ ކީކޭ؟ - ސްނެޕާސްގެ އިސްމާއިލް ވިލްދާން ބުނި ގޮތުގައި، އެ ޓީމަށް މުބާރާތުގައި ނެރެވުނީ އުންމީދުކުރި ފަދަ ނަތީޖާއެކެވެ.

"ޓީމު ކުޅުނީ ވަރަށް ފޯރީގައި. މުބާރާތުގައި ބައިވެރިވެވީ މޮޅުވާން، އުންމީދުކުރި ގޮތަށްވީ،" އޭނާ ބުންޏެވެ.

މީގެ ކުރިން ތުރުކީގެ ކޮންޔާގައި ބޭއްވި އިސްލާމިކް ގޭމްސްގައި ސްނެޕާސް އެކުގައި ވާދަކުރުމަކީ ވެސް، ވިލްދާން ބުނި ގޮތުގައި، ޓީމްވޯކް ރަނގަޅުވި ރަނގަޅުވި ސަބަބެކެވެ.

ރެޑް ބުލް ހާފް ކޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ މުބާރާތުގެ ލޯކަލް ޕާޓްނަރު މޯލްޑިވްސްް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް ވިދާޅުވީ، މިއީ ރާއްޖޭގައި ތުރީ އޮން ތުރީ ސްޓްރީޓްބޯލް ކުރިއަރުވަން ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

"3 އޮން 3 ކުޅެން ކުދިންނަށް ބާރުއަޅައިދޭ މުބާރާތެއް މިއީ. މިއީ ކުޅުންތެރިންނަށް ބައިވަރު ފުރުސަތުތައް ތަނަސްވަސްކޮށްދޭނެ ކުޅިވަރެއް،" އޭނާ ބުންޏެވެ.

އާދަމްގެ އުންމީދަކީ ރާއްޖޭގެ ކޮލިފައިން ބުރު ކާމިޔާބުކުރި ސްނެޕާސްއިން ނެޝަނަލް ފައިނަލްސް މުބާރާތުގެ ވީ އެންމެ ދުރަށް ދަތުރުކޮށް ރަނގަޅު ކާމިޔާބެއް ހޯދުމެވެ.

އޭނާ ވިދާޅުވީ ރެޑް ބުލްއާ ވާހަކަދެއްކުމަށް ފަހު ނެޝަނަލް ފައިނަލްސްގެ ކުރިއަށް ހުރި ދުވަސްތަކުގައި ސްނެޕާސް އިން ފަރިތަކުރުންތަކެއްގައި ބައިވެރިވުމަށް ރާވާފައިވާ ކަމަށެވެ.

މި ކުޅިވަރު ރާއްޖޭގައި އިތުރަށް މަގުބޫލު ކުރުމަށް ގައުމީ ފެންވަރުގެ ލީގެއް ފެށުމުގެ އިޝާރާތެއް ވެސް އާދަމް ވަނީ ދެއްވާފަ އެވެ.

ރެޑް ބުލް ހާފް ކޯޓުގެ ނެޝަނަލް ފައިނަލްސް ކުރިއަށް ދާނީ މި މަހުގެ 28 އިން އަންނަ މަހުގެ 2ގެ ނިޔަލަށް މިސްރުގެ ވެރިރަށް ގާހިރާގަ އެވެ. ފައިނަލްސްގައި ދުނިޔޭގެ 24 ގައުމަކުން ދުނިޔޭގެ އެންމެ މޮޅު ސްޓްރީޓްބޯލަރުން ވާދަކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް