ސްޕެއިންގެ އުމުރުން 19 އަހަރުގެ ކާލޯސް އަލްކަރާޒް، ޔޫއެސް އޯޕަން ފައިނަލްގައި ކުޅެނީ: އޭނާއަކީ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދި އެންމެ ހަގު ކުޅުންތެރިޔާ

ޔޫއެސް އޯޕަން

އުމުރުން 19، ޔޫއެސް އޯޕަން ޗެމްޕިއަން، ދުނިޔޭގެ އެއް ވަނަ

ފައިސާގެ އިނާމުގެ ގޮތުގައި އަލްކަރާޒްއަށް 2.6 މިލިއަން ޑޮލަރު ލިބުނު
12 ސެޕްޓެމްބަރު 2022

ސްޕެއިންގެ އުމުރުން އެންމެ 19 އަހަރުގެ ކާލޯސް އަލްކަރާޒް، ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، ޓެނިހުގެ ކުރިމަގުގެ އާ ތަރިއެއްކަން މިއަދު ސާބިތުކޮށްދީފި އެވެ. އޭގެ އިތުރުން މި ކާމިޔާބީއާ އެކު އޭނާ ވަނީ ދުނިޔޭގެ 1 ވަނަ މަގާމަށް ވެސް ދަތުރުކޮށްފަ އެވެ.

ނިއު ޔޯކްގައި މިއަދު އޮތް ފައިނަލް މެޗުގައި އޭނާގެ އަތުން ބަލިވީ، މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ އެއް ވަނަ މަގާމަށް އުއްމީދުކުރި، ކެސްޕާ ރުޑް، 3-1 ސެޓުންނެވެ. ސެޓްތައް ދިޔައީ 6-4 ،2-6 ،7-6 ،6-3 އިންނެވެ.

މިއީ ސްޕެއިން އިން އެފެދުނު މޮޅު ކުޅުންތެރިއެއް ކަމަށްވާ ރަފޭލް ނަޑާލް، 2005 ގައި ފްރެންޗް އޯޕަން ކާމިޔާބުކުރި ފަހުން ފުރާ އުމުރުގެ ފިރިހެން ކުޅުންތެރިޔަކު ގްރޭންޑް ސްލޭމްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

އަލްކަރާޒްއަށް ލިބުނު ތަރީހީ އަނެއް ކާމިޔާބިއަކީ މިއީ މީގެ 49 އަހރު ކުރިން އޭޓީޕީން ކުޅުންތެރިން ރޭންކް ކުރަން ފެށި ފަހުން ދުނިޔޭގެ އެއް ވަނައަށް އެރި ފުރާއުމުރުގެ ހަމައެކަނި ކުޅުންތެރިޔާއަށް ވުމެވެ.

"މިއީ ކުޑައިރުއްސުރެ އަހަރެން ދުށް ހުވަފެނެއް، ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ މަގާމާއި ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރުން،" މެޗަށް ފަހު އަލްކަރާޒް ބުންޏެވެ.

"މި ކާމިޔާބު ހޯދަން އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރިން. އެހެންވެ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް."

ފައިސާގެ އިނާމުގެ ގޮތުގައި އޭނާއަށް 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) ލިބުނެވެ.

މިއީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. އޭނާގެ އުމުރުން އެންމެ 11 އަހަރުގައި ވެސް އެއީ ޓެނިހުގެ ތަރިއަކަށް ވެދާނެ ފަދަ ހުނަރު ދެއްކި އެވެ. އޭނާއަށް ތަމްރީން ދެމުން އައީ ދުނިޔޭގެ ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ހުއާން ކާލޯސް ފެރޭރޯ އެވެ. އަދި މިފަހުން ވަނީ ކުޅުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ވެސް ހޯދައިފަ އެވެ.

ޓެނިހުގެ ސަޕޯޓަރުން ދެކޭ ގޮތުގައި އަލްކަރާޒްއަކީ ނަޑާލް އާއި ރޮޖާ ފެޑެރާ އަދި ނޮވަކް ޖުކޮވިޗް ނެތްތަން ކުރިމަގުގައި ފޫބައްދައިދޭނެ ހުނަރުވެރިއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް