ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު ޝަހުސިއްޔަތު ސެރޭނާ ވިލިއަމްސް، ޔޫއެސް އޯޕަންގެ ތިން ވަނަ ބުރުން ކެޓުމާ އެކު، ސަޕޯޓަރުންނަށް އަތް ދިއްކޮށްލަނީ

'އުފާވެރި ކަރުނަ'، ސެރޭނާ ވިލިއަމްސްގެ ވަދާއީ ސަލާމް

މެޗަށް ފަހު ކަރުނައާ އެކު އޭނާ ވަނީ އެންމެންނަށް ޝުކުރު އަދާކޮށްފައި
3 ސެޕްޓެމްބަރު 2022

ކާމިޔާބު 27 އަހަރުގެ ކުޅިވަރު ހަޔާތެކެވެ. ޓެނިހުގެ އެންމެ ބޮޑު މުބާރާތްތައް ހިމެނޭ ގްރޭންޑް ސްލޭމްގެ 23 ސިންގަލްސް ޗެމްޕިއަންކަމެވެ. އަންހެނުންގެ ޓެނިހަށް އިންގިލާބެއް ގެނެސްދިނެވެ. އަދި ހިތްވަރާއި ގޮތްދޫނުކުރުމުގެ މިސާލެކެވެ.

މި ހުރިހާ ސިފަތަކަކާ އެކު އެންމެ ފަހުން ސެރޭނާ ވިލިއަމްސް، ޓެނިހަށް ވަދާއީ ސަލާމް، މިއަދު ހެނދުނު، އެމެރިކާގެ ނިއު ޔޯކްގެ އާތާ އޭޝް ސްޓޭޑިއަމްގައި، ކޮށްފި އެވެ. އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ކުރިން އިއުލާންކުރި ގޮތަށް މިއީ އޭނާގެ އެންމެ ފަހު ޔޫއެސް އޯޕަން އެވެ. ނުވަތަ އޭނާގެ އެންމެ ފަހުގެ ޓެނިހުގެ ވާދަކުރުމެވެ.

ގިނަ މީހުން ހީކުރީ، މީގެ 23 އހަރު ކުރިން ހަމަ އެ ޓެނިސް ކޯޓުގައި، އުމުރުން އެންމެ 17 އަހަރުގައި ޔޫއެސް އޯޕަން ކާމިޔާބުކުރި ސެރޭނާ، މިފަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން ކަޓާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މާ ޒުވާން ދެ ކުޅުންތެރިން ބަލިކޮށް ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ޓެނިހަށް އަލްވަދާއުކިއުމުގެ ގޮތުން ސެރޭނާ ކޯޓުގައި ވާހަކަ ދައްކަނީ. އޭނާއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް އަންހެން ޓެނިސް ކުޅުންތެރިޔާ

އޭނާގެ މި ކުރިއެރުން ހުއްޓުނީ މިއަދު ހެނދުނު ދުނިޔޭގެ 46 ވަނަ ކުޅުންތެރިޔާ އޮސްޓްރޭލިޔާގެ އަޖްލާ ޓޮމްޖަނޮވިޗް އަތުން 2-1 ސެޓުން ބަލިވެގެންނެވެ. ފުރަތަމަ ސެޓް ޓޮމްޖަނޮވިޗް ގެންގޮސްފައި ވަނިކޮށް ދެ ވަނަ ސެޓް ވަރަށް ހިތްވަރުކޮށް 6-7 އިން ހޯދި އެވެ. ނަމަވެސް ފަހު ސެޓްގައި ސެރޭނާއަށް ހިފަހައްޓައެއް ނުލެވުނެވެ. ބަލިވީ 6-1 އިންނެވެ.

ކުޅިބަލަން ތިބި އެތައް ހާސް ބަޔަކު، ސެރޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ، އަތްތިލަބަޑި ޖަހަން ފެށި އެވެ. މިއީ އޭނާގެ ފަހު މުބާރާތް ކަމަށް، އިއުލާންކުރި ހިސާބުން ޔޫއެސް އޯޕަންގެ ޓިކެޓް ވިކުން ވަރަށް ބޮޑަށް އިތުރުވި އެވެ.

މެޗަށް ފަހު ކޯޓު މަތީގައި އިންޓަވިއު ދިން އިރު ސެރޭނާގެ ލޮލުން ކަރުނަ ފައިބަ އެވެ. އޭނާ ވަނީ މައިންބަފައިންނާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަދި ޓެނިސް ކުޅުންތެރިޔާ ވީނަސް ވިލިއަމްސްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. 

"މި ތަނުގައި ތިބި އެންމެންނަށް ބުނެލަން އޮތީ ޝުކުރިއްޔާއޭ، އެތައް އަހަރެއް، ދިގު އެތައް އަހަރަކު އަހަންނާ އެކު ތިބީތީ،" އުމުރުން އެންމެ 14 އަހަރުގައި 1995 ވަނަ އަހަރު ހަޔާތުގެ އެންމެ ފުރަތަމަ ޕްރޮފެޝަނަލް މުބާރާތް ކުޅުނު ސެރޭނާ ބުންޏެވެ.

"އަހަރެންގެ މި ހުރިހާ ކަމެއް ފެށުނީ މައިންބަފައިންނާ ހިސާބުން. އަހަރެންގެ ހުރިހާ ކާމިޔާބީއެއްގެ އަސްލު ހައްގުވެރިންނަކީ އެއީ. އެ މީހުންނަށްޓަކައި އަހަރެން ފަހުރުވެރިވަން."

އޭނާ ބުނި ގޮތުގައި އޭނާގެ ދައްތަ ވީނަސް ނެތް ނަމަ ސެރޭނާ ނުފެނުނީސް ކަމަށެވެ.

"ޝުކުރިއްޔާ ވީނަސް. ތިބާ ނެތް ނަމަ ސެރޭނާ ވިލިއަމްސް ނުއުފެދުނީސް."

ސެރޭނާއަކީ އެމެރިކާގެ އެންމެ މަޝްހޫރު ސަހުސިއްޔަތުގެ ތެރެއިން އެކެކެވެ. އަދި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުޅިވަރު ކުޅުންތެރިޔާ ވެސް މެ އެވެ. އެހެންކަމުން އޭނާގެ ދިގު އަދި އެހާ ވިދުން ގަދަ ކުޅުމުގެ ހަޔާތް ނިންމާލާ މުބާރާތް ބަލަން، މަޝްހޫރު އެތައް ބަޔަކު އާތާ އޭޝް ސްޓޭޑިއަމަށް ހާޒިރުވި އެވެ. މިއަދުގެ މެޗު ބަލަން ވެސް 24،000 މީހުން ވަދެ ތިއްބެވެ.

މި މުބާރާތުގައި ސެރޭނާގެ ކޮންމެ މެޗެއްގައި އޭނާ ކޯޓަށް ނުކުންނަނީ ހާއްސަ ވީޑިއޯއަކުން އިއުލާންކުރާ ތައާރަފެއްގެ ތެރެއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް