އަހަރަކަށް ވުރެ ގިނަ ދުވަހު އަނިޔާގައި ހޭދަކުރުމަށް ފަހު ކުޅެން ނުކުމެ، ކެރިއާގެ ފަހު މުބާރާތުގެ ދެ ވަނަ ބުރުގައި ސެރޭނާ ވިލިއަމްސް މިއަދު ހެނދުނު ކުޅެނީ. އޭނާ މިހާރު ހުރީ ދުނިޔޭގެ 605 ވަނަ މަގާމުގައި

ޔޫއެސް އޯޕަން

ސެރޭނާ އަދިވެސް ގެނެސްދެނީ ހައިރާންކަން، ތިން ވަނަ ބުރަށް

އެންމެން ހައިރާންކޮށްލާފައި މިއަދު އޭނާ ބަލިކުރީ ދުނިޔޭގެ ދެވަނަ އަންހެން ކުޅުންތެރިޔާ
1 ސެޕްޓެމްބަރު 2022

ނިއު ޔޯކްގެ އާތާ އޭޝް ސްޓޭޑިއަމަށް މިއަދު ހެނދުނު ވަން އެތައް ހާސް ސަޕޯޓަރުންނަށް ސެރޭނާ ވިލިއަމްސްއާ މެދު އެހާ ބޮޑު ޔަގީންކަމެއް ނެތުން އެކަށީގެންވެ އެވެ.

އޭނާއަކީ މިވަގުތު ދުނިޔޭގެ 605 ވަނަ މަގާމުގައި ހުރި ކުޅުންތެރިޔާ އެވެ. އޭނާ ވާދަކުރަން ޖެހުނީ ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާ އެސްޓޯނިއާގެ އެނެޓް ކޮންޓަވީޓްއާ އެވެ.

އެކަމަކު 23 އަހަރު ވީ ޓެނިހުގެ ހަޔާތުގައި ސެރޭނާއަކީ ގޮތްދޫކުރި އަދި ހިތްވަރު އެލުވާލި ކުޅުންތެރިއެއް ވެސް ނޫނެވެ. އޭނާގެ އެންމެ ފަހު މުބާރާތް ކަމަށް އިއުލާންކުރި ޔޫއެސް އޯޕަންގައި އެހާ ފަސޭހައިން ކަޓައިގެން ގޮސް، ސަޕޯޓަރުންގެ ހިތްހެޔޮ އަލްވަދާއުއާ އެހާ ފުރަތަމަކޮޅު ކުރިމަތިލުމަކީ ވެސް އޭނާގެ މަގުސަދެއް ކަމަކަށެއް ނުފެނެ އެވެ.

އުމުރުން މާ ހަގު، އަދި މިދިއަ އަހަރެއްހާ ދުވަހު ގަވާއިދުން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ކުޅުންތެރިންނާ ދެކޮޅަށް ނުކުމެ، ސެރޭނާ، މިދިއަ ދެ މެޗުން ސާބިތުކޮށްދިން ހަގީގަތް ވަރަށް ސާފެވެ؛ މަށަކީ އަދިވެސް ސެރޭނާ ވިލިއަމްސް އެވެ.

ޔޫއެސް އޯޕަން ދެވަނަ ބުރުގެ މެޗު ކާމިޔާބުކުރުމަށް ފަހު ސެރޭނާ ހިތްވަރު ދައްކާލަނީ

މިއަދު ހެނދުނު ކޮންޓަވީޓް ބަލިކުރީ 7-6 ،2-6 ،6-2 އިންނެވެ. އަންނަ މަހު 41 އަހަރު ފުރޭ ސެރޭނާއަށް ދެވަނަ ސެޓް ގެއްލުމުން، 26 އަހަރުގެ ކޮންޓަވީޓް އަތުން ބަލިވެ، ވަދާއީ މަރުހަބާއާ ކުރިމަތިލަނީ ކަމަށް، ގިނަ ބަޔަކަށް ހީކުރެވިދާނެ އެވެ. ނަމަވެސް ކޯޓު މަތީގައި އޭނާގެ ފިޓްނަސް ރަނގަޅުވެފައި، ލިބިފައި ހުރި އާދަޔާ ހިލާފު ހުނަރުގެ ބޭނުން ރަނގަޅަށް ހިފި އެވެ.

"މިއީ އަހަންނަށް އެންމެ ރަނގަޅަށް ކުރެވޭ ކަންތައް،" ޔޫއެސް އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ސެރޭނާ، މެޗަށް ފަހު ބުންޏެވެ.

"ގޮންޖެހުންތަކާ ކުރިމަތިލާން އަހަރެން ލޯބިކުރަން، އަހަރެން ނުކުމެ މިހުރީ ވެސް އެކަމަށް."

"އަހަންނަށް އެހާ ގިނަ މެޗުތަކެއް [މި ފަހުން] ކުޅެވިފައެއް ނެތް. އެކަމަކު އަހަރެން ވަރަށް ރަނގަޅަށް ތަމްރީންތައް ހެދިން. މިހާރު ނިއު ޔޯކްގައި މި ފެންނަނީ އެ ހުރިހާ ކަމެއް އެކުވެގެން ނުކުންނަ ނަތީޖާ."

މީގެ 23 އަހަރު ކުރިން 1999 ގައި، އުމުރުން އެންމެ 17 އަހަރުގައި، ފުރަތަމަ ޔޫއެސް އޯޕަން އަދި އޭނާގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ހޯދައި، ދުނިޔޭގެ ސަމާލުކަން އަތުލައިގަތް ސެރޭނާ، ތިން ވަނަ ބުރުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ އޮސްޓްރޭލިޔާގެ އަޖްލާ ޓޯމްޖަނޮވިޗްއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި އޭނާއަށް ދެއްކުނު ފެންވަރާ މެދު ހައިރާންވޭތޯ ކުރި ސުވާލަށް ދިން ޖަވާބަކީ މި އެވެ.

"ނޫން، އަހަންނަކީ ސެރޭނާ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް