ސިވިލް ކޯޓު ހުންނަ އިމާރާތް: ދަރަނީގެ މައްސަލަތައް ތަންފީޒުކުރަން ހުރި ގޮންޖެހުން ގިނަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ހުކުމް ކުރިއަސް ފައިސާއެއް ނުދައްކާ؛ ރަހުނެއް ނުނެގޭ!
މުހިންމު ނުކުތާތައް
ގާނޫނީ ވަކީލުން ދެކެވަޑައިގަންނަނީ ވިޔަފާރިތަކުން ވެސް ކްރެޑިޓް ކޮންޓްރޯލް ފަދަ މުހިންމު އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށް
މަދަނީ އިޖުރާއަތުގެ ގާނޫނަށް ފަހު ހުކުމް ތަންފީޒުކުރަން އަޅާ ފިޔަވަޅުތައް މަދު. އަދި އަގު މަގުކުރުމުގެ ކަންކަން ކުރިއަށް ވުރެ ދިގުލައިގެންދޭ
އަގުމަގުކުރުމުގައި ޒަމާނަށް ފެތޭ އުސޫލެއް ނުގެންގުޅޭތީ ތަފާތު އެތައް މައްސަލައެއް ކުރިމަތިވޭ
ދެ ވިޔަފާރިވެރިޔަކު އެއްބަސްވެގެން ނަގާ ދަރަންޏެއް ނޫނީ ލޯނެއް ނުދައްކައިގެން ހުށަހަޅާ މައްސަލަތައް ސިވިލް ކޯޓުގައި ހުރީ ފުނިޖެހިފަ އެވެ. ބޭންކުގެ ލޯނު ނުދައްކައިގެން ހުށަހަޅާ މައްސަލަތައް ވެސް މަދެއް ނޫނެވެ. ދަރަނި ދައްކަން ހުކުމް ކުރިއަސް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ހުކުމް ތަންފީޒުކުރަން ހުށަހަޅަން ޖެހޭ ވަރު ވެސް އެހާ ގިނަ އެވެ. ރަހުނު ހިމެނޭ ލޯނުތަކުގެ މައްސަލާގައި ވެސް ރަހުނު ތަންފީޒުކުރަން ޖެހެނީ ކޯޓަށް ދާށެވެ.
ސިވިލް ކޯޓުން ބަލަހައްޓަނީ ހުކުމް ތަންފީޒުކުރާ މައްސަލަތައް ގަނޑުކޮށް އެއް ލިސްޓެއްގަ އެވެ. އެހެންވެ އެ ކޯޓުން ހިއްސާކުރީ ކޯޓުން ހުކުމް ތަންފީޒުކުރަން ކޮންމެ އަހަރަކު ހުށަހަޅާފައިވާ ޖުމްލަ އަދަދެވެ. މީގެ ތެރޭގައި ލޯނާއި ދަރަނީގެ އިތުރަށް މުސާރައިގެ މައްސަލަތަކާއި ފައިސާ ނުހިމެނޭ މަދަނީ މައްސަލަތައް ވެސް ހިމެނެ އެވެ.
އެހެންވިޔަސް ކޮންމެ އަހަރަކުހެން ސިވިލް ކޯޓަށް 1،000 އަށް ވުރެ ގިނަ މައްސަލަ ހުކުމް ތަންފީޒުކުރަން އެބަ ހުށަހަޅަ އެވެ. އޭގެ ކުރު ތަފްސީލަކީ:
-
2017 - 1،035 މައްސަލަ
-
2018 - 1،328 މައްސަލަ
-
2019 - 1،389 މައްސަލަ
-
2020 - 1،414 މައްސަލަ
-
2021 - 1،159 މައްސަލަ
-
2022 - 1،021 މައްސަލަ
-
2023 - 680 މައްސަލަ
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 2021ގައި އަމަލްކުރަން ފެށުމުގެ ކުރިން ހުކުމް ތަންފީޒުކުރަން ހުށަހަޅާ މައްސަލަތަކުގައި ވަރުގަދަ ފިޔަވަޅު އަޅަން ކޯޓަށް އިހުތިޔާރު އޮތެވެ. އޭރު ދަރަނި ނުދައްކާ މީހާގެ ޕާސްޕޯޓު ހިފަހައްޓަ އެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ޑިރެކްޓަރުން ހާޒިރުކޮށް ޑިރެކްޓަރުންގެ މުދަލުން ވެސް ދަރަނި އަދާކުރަން ޖެހޭ ހިސާބަށް ކަންކަން ގެންގޮސްފައި އެބަ ހުއްޓެވެ. ނަމަވެސް މިހާރު ސީދާ ކުންފުނީގެ މުދަލާއި ބޭންކް އެކައުންޓްގައި ހުންނަ ފައިސާ ހިފެހެއްޓުން ނޫން ކަމެއް ނުކުރެވެ އެވެ.
"މަދަނީ އިޖުރާއަތު ގާނޫނުގެ ކުރީގައި ވެސް މިވާ ގޮތަކީ ކުންފުންޏާ ހަމައަށް ހުކުމް އަންނަ އިރުގައި އެ ކުންފުނި އޮންނަނީ ތޮށިގަނޑަކަށް ވެފައި. ދެން އެއަކު ނޯވޭ އެކައްޗެއް ވެސް. ނެތަކަސް ފަނޑިޔާރުން ދެން ހައްދަވާ ގޮތަކީ ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިގެން، މިކަހަލަ އުނދަގޫތަކެއް ކޮށްގެން ކުންފުނީގައި ނެތް ފައިސާ ވެސް ޑިރެކްޓަރުން ލައްވައި ދައްކުވަނީ،" މަދަނީ މައްސަލަތަކުގައި އޭރުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ވަކީލު ހަމްޒާ ލަތީފް ވިދާޅުވި އެވެ.
މި ކަން ކޮޅެއްގައި ނުޖެއްސުމުގެ ނުބައި އަސަރު ދައުލަތަށް ވެސް ކުރެ އެވެ. އެކި ގޮތްގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ހުކުމް ތަންފީޒުކުރަން އެތައް މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. މަދަނީ މައްސަލަތަކުގައި ދައުލަތުގެ އިދާރާތައް ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މިދިޔަ ހަ އަހަރު ހުކުމް ތަންފީޒުކުރަން ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކޮށްފަ އެވެ.
އޭގެ ތަފްސީލަކީ:
-
2018 - 3 މައްސަލައެއް؛ ޖުމްލަ: 504،633.47ރ.
-
2019 - 2 މައްސަލައެއް؛ ޖުމްލަ: 8،741،442.43ރ.
-
2020 - 4 މައްސަލައެއް؛ ޖުމްލަ: 37،971،827.54ރ.
-
2021 - 6 މައްސަލައެއް؛ ޖުމްލަ: 2،836،818.21ރ.
-
2022 - 62 މައްސަލައެއް؛ ޖުމްލަ: 8،197،396.63ރ.
-
2023 - 2 މައްސަލައެއް؛ ޖުމްލަ: 8،389،739.84ރ.
މުދަލާއި ރަހުނު އަގުމަގު ކުރުމުގެ ގޮންޖެހުން
ދަރަންޏެއް ނޫނީ މުސާރައެއްގައި ނަމަވެސް ހުކުމެއް ތަންފީޒުކުރަން ބަލާއިރު، އާ މަދަނީ އިޖުރާއަތު ގާނޫނުގެ ކުރިން ވެސް އަދި މިހާރު ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަންޏަށް ޒިންމާވާ ފަރާތުގެ މުދަލެއް ހޯދާނެ ގޮތެކެވެ. ރަހުނު ހިމެނޭ ލޯނަކަށް ވިއަސް، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދަލެއް އަގުމަގުކުރާނެ ގޮތެކެވެ. ރަހުނު ތަންފީޒުނުވެ ލަސްވާ ކަމަކީ މިއީ އެވެ.
މި ކަމުގައި ސިވިލް ކޯޓުން ފުރަތަމަ ހޯދި ހައްލަކީ ދެ ފަރާތުން އެއްބަސްވާ އަގެއް ކަނޑައެޅުމެވެ. އެކަމަކު ދެން ދިމާވީ އަގުގެ ކަންތަކުގައި ވެސް އެއްބަސްވުމަކަށް ނާދެވޭ މައްސަލަ އެވެ. އެއްބަސްވެވޭ އަގެއް ނުހޯދި މައްސަލަ ދިގުދެމިގެން ދިއުމެވެ.
ދެން މި ވީ ގޮތަކީ، އެއްބަސްވާ އަގެއް ނެތިއްޔާ ރަހުނު ވިއްކާލާނެ ދަށް އަގެއް ކޯޓުން ކަނޑައަޅަން ފެށުމެވެ. އަގު ކަނޑައަޅާނެ އިންސާފުވެރި ގޮތަކަށް އޭރުގައި ފެނުނީ 'ޝަރުއީ އަގު ކޮމިޓީ' އެވެ. އެއީ ޝަރީއަތުން ކަނޑައަޅާ މާލީ ދާއިރާގެ އިލްމީ ބައެއްގެ މައްޗަށް ހިމެނޭ ކޮމިޓީއެކެވެ. އެ ކޮމިޓީން މުދާ ބަލާފައި އަގެއް ކަނޑައަޅަނީ އެވެ.
ނަމަވެސް މި ކޮމިޓީއާ ހަމައަކުން ވެސް ހައްލަކާ ހިސާބަކަށް ނުދިޔަ އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓުން އެކުލަވާލާފައިވާ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި ވެސް ދެ ފަރާތުން އަގަށް އެއްބަސް ނުވިއްޔާ އަމަލުކުރާނެ ގޮތަކަށް ލިޔެފައި އޮންނަނީ މި ކޮމިޓީއަށް ފޮނުވައިގެން ކަނޑައަޅާ ދަށް އަގަކަށް ވުރެ ދަށް އަގެއްގައި ނުވިއްކޭ ގޮތަށެވެ.
ހަމްޒާ ވިދާޅުވި ގޮތުގައި ދަރަނި ހޯދަން މުދާ އަގުމަގުކުރުމާއި ރަހުނު ހިމެނޭ ނަމަ އެ ރަހުނެއް އަގުމަގުކުރަން ޖެހުނީ ވެސް ބޭންކުތަކުން ބައެއް ފަހަރު ރަހުނުގައި ހިމެނޭ މުދަލެއް ނުއަގުގައި ވިއްކާތީ އެ ޝަކުވާ ބޮޑުވެގެންނެވެ. ދަރަންޏަށް ޒިންމާވާން ޖެހުނު ބައެއް ވިޔަފާރިވެރިން ދުށީ މުދާ ވިއްކަން ވާނީ ވެސް ހަމަ އަގެއްގައި އަދި ދަރަނި ހަލާސްވާ މިންވަރަކަށެވެ. ނޫނީ އެއީ ދަރަނިވެރިޔާއަށް އޮތް ބޭއިންސާފެކެވެ.
"މަތީ މަރުހަލާގައި އިސްތިއުނާފުކޮށް މި ކަނޑައެޅުނީ، ރަހުނު ވިއްކާއިރުގައި އަގުމަގުކުރަން ޖެހޭނޭ. އޭގެ އަގުމަގުކޮށްގެން މުދަލުން ވިއްކަން ވެސް ވާނީ ދަރަނި ހަލާސްވާ މިންވަރަށޭ. އެކަމަކު މި އަގުމަގުކުރުން ވެގެން ދިޔައީ އަނެއްކާ ބޮޑު ބަހުސަކަށް، ބޮޑު މައްސަލަގަނޑަކަށް. ދުވަހަކު ވެސް ކޮޅެއްގައި ނުޖެހި މީގެ ހަމަ އަގެއް ނުހޯދޭ،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި އޭރު ވެސް ތިބީ މުދާ އަގުކުރުމުގެ ސީދާ ފަންނީ އިލްމު ލިބިފައި ބަޔަކަށް ނުވާތީ މުދަލެއްގެ ހަމަ އަގު އެ ކޮމިޓީއަށް ކަނޑައެޅޭ ކަމަކަށް ހަމްޒާ ގަބޫލެއްނުކުރައްވަ އެވެ. މިއަދު ވެސް ދިމާވާ މައްސަލައަކީ އަގުކުރުމުގައި ބަލާނެ މިންގަނޑެއް ނެތުމާއި އޭގެ ފަންނީ ބަޔަކަށް މަސައްކަތް ހަވާލުނުކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަތީޖާއަކީ ކަނޑައަޅާ ދަށް އަގަށް ވެސް މުދާ ގަންނާނެ ބަޔަކު ނުވެ އަނެއްކާވެސް ދިގުލައިގެން ދިޔުމެވެ.
"ޝަރުއީ އަގު ކޮމިޓީއަށް ފޮނުވުންވީ އަނެއްކާ އަނެއް މައްސަލައަށް. އެއީކީ ދެން އެހާ ޕްރޮފެޝަނަލް ބޮޑީއަކަށް ނޫން މި ވަނީއެއް. ރަނގަޅު މުސާރައެއް ނުދެވޭތީ، ވެލުއޭޝަންގެ ފަންނީ މީހުންނެއް ނުދޭ މި ކޮމިޓީއަކަށް. އެކައުންޓިން ދަންނަ ބަޔަކު މީގައި މި އުޅުނީ. އެކަމަކު ވެލުއޭޝަންއަކީ އަދި އެއަށް ވުރެ ވެސް ފަންނީ ޓެކްނިކަލް މަސައްކަތެއް،" ހަމްޒާ ކިޔައިދެއްވި އެވެ.
ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވީ އަގު ކޮމިޓީގެ ނިންމުމާ މެދު ވެސް ގިނަ ފަހަރު ދެ ފަރާތުން ހިތްހަމަނުޖޭ ކަމަށެވެ. އަގު ކޮމިޓީގެ ނިންމުންތައް މަތީ މަރުހަލާގައި އިސްތިއުނާފު ކޮށްފައި އެބަ ހުރި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ޝަރުއީ އަގު ކޮމިޓީން ނިންމާ އަގާ މެދު ވެސް ބައެއް މައްސަލަތަކުގައި ހިތްހަމަނުޖެހިގެން ހައި ކޯޓަށް ގޮސްފައި އެބަހުރި. އެއީ އެ އަގު ކޮމިޓީން އަގު ހޯދި ގޮތުގެ ފޯމިއުލާއެއް ސާފު ނުވާތީ. ނަމަވެސް މަތީ މަރުހަލާއިން ވެސް ނިންމަނީ ގަވާއިދާ ހަވާލާދީ ދެން ކުރެވޭނެ ކަމެއް ނެތޭ. ދެ ފަރާތުން އަގަކަށް އެއްބަސްނުވެވުނޭ. އެހެންވެއޭ ޝަރީއަތުން އޭގައި ގޮތެއް ނިންމީ،" މީރާގެ ބޯޑު މެންބަރު ކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު ސިރާޖު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދަށް އަގު ކަނޑައެޅުމަކީ ބޭކާރު ކަމެކެވެ. އަގަކީ މުދަލެއް ގަންނަން ބޭނުންވާ ފަރާތާއި މުދާ ވިއްކާ ފަރާތާ ދެމެދު އޮންނަ ކަމެކެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައި މި އޮންނަނީ ދަރަންޏެއް ނުދެއްކީމައި ކޯޓުގެ ހުއްދަ ހޯދުމަކާ ވެސް ނުލައި ރަހުނު ވިއްކޭ ގޮތަށް. ދެން އެއްބަސްވުމާ ހިލާފަށް ރަހުނު ވިއްކި ކަމަށް އަނެއް ފަރާތުން ދެކެންޏާ އެ ފަރާތުން މި ޖެހެނީ ކޯޓަށް ދާން. ދެން ކޯޓަށް ދާ މައްސަލައެއްގައި ކޯޓުން ވަގުތީ ފަރުވާ ވެސް ދީފައި މައްސަލަ ބަލާފައި ގޮތެއް ނިންމާނެ،" ރާއްޖޭގެ އިންޓަނޭޝަަނަލް އާބިޓްރޭޝަން ސެންޓަރުގެ ނައިބަކަށް ވެސް ހުންނެވި ސިރާޖު ވިދާޅުވި އެވެ.
އެ ތަރުތީބާ އިދިކޮޅަށް ހިންގާތީ ދިމާވާ ބޮޑު އަނެއް މައްސަލައަކީ، ސިރާޖު ވެސް ފާހަގަކުރެއްވި ގޮތަށް، މުދަލުގެ އަގު އިތުރަށް ވެއްޓުމެވެ. އަމުދުން އިމާރާތެއް ނަމަ މާރާމާތުނުކޮށް ދުވަސްވާ ވަރަކަށް އޭގެ އަގު ދާނީ ދަށްވަމުންނެވެ. އެހެންވެ ޝަރުއީ މަރުހަލާގައި ކަނޑައަޅާ ރަހުނެއްގެ އަގަށް މުދާ ނުވިކި ލަސްވާ ވަރަކަށް ގަންނަން ތިބޭ ބަޔަކު ހުށަހަޅާ އަގު ދާނީ ވެސް ދުވަހުން ދުވަހަށް ދަށްވަމުން ކަމަށް ސިރާޖު ވިދާޅުވި އެވެ.
ހަމްޒާ ގަބޫލުކުރައްވާ ގޮތުގައި ދިމާވެގެން އުޅެނީ ނިޒާމުގެ ބޮޑު މައްސަލައެކެވެ. އެއީ ރާއްޖޭގެ ވިޔަފާރި ސަގާފަތަށް މާ ބޮޑަށް ރިއާޔަތްނުކޮށް މަދަނީ އިޖުރާއަތުގެ ގާނޫނު އެކުލަވާލުމެވެ. އިނގިރޭސިވިލާތުގެ ސިވިލް ޕްރޮސީޖާ ލޯއާ ދާދި އެއްގޮތަކަށް އުސޫލުތައް ހުރި ކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވީ ކުރަންވީ ކަމަކީ ރާއްޖޭގެ ސަގާފަތަށް ގާނޫނު ފެއްތުން ކަމަށެވެ.
"ވަރަށް ގިނަ ނިޒާމީ މައްސަލަތަކެއް ވެސް މީގައި އެބަ އުޅޭ. ރާއްޖެއަކު ނެތް ބިމުގެ ރަޖިސްޓްރީއެއް ވެސް. މި ބުނީ ރާއްޖޭގެ ހުރިހާ ބިންތަކުގެ ރަޖިސްޓްރީއެއް އެއް ތާކު ނެތް. މީހެއްގެ މިލްކިއްޔާތުގައި ބިމެއް އޮތްތޯ ބަލަން ވެސް 180 އެއްހާ ކައުންސިލަކަށް ފޮނުވަން ޖެހޭ. މީހުންގެ މުދާ ރަޖިސްޓްރީކޮށްފައެއް ނުހުރޭ،" ހަމްޒާ ވިދާޅުވި އެވެ.
ވިޔަފާރިތަކުން ކްރެޑިޓް ކޮންޓްރޯލެއް ނުގެންގުޅުން
މި ރިޕޯޓަށް ވާހަކަ ދެއްކެވި ދެ ވަކީލުން ވެސް ގަބޫލުކުރައްވާ ގޮތުގައި ދެ ވިޔަފާރިއެއް ދެމެދު ދަރަނީގެ މައްސަލަތައް ބޮޑުވަނީ ވިޔަފާރިތަކުގައި ދަރަންޏަށް މުދަލާއި ހިދުމަތް އަދި ފައިސާ ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކެއް ނެތުމުންނެވެ.
ހަމްޒާ ވިދާޅުވީ ބޭންކުތަކުގައި ނަމަ ލޯނެއް ދޫކުރުމުގެ ކުރިން އެއީ ލޯނު ދެއްކޭ ވަރުގެ މީހެއްތޯ ބަލާނެ ކަމަށެވެ. އެއީ ވިޔަފާރިތަކުން ވެސް ދަރަންޏަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގައި ބަލަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކްތަކުން ގެންގުޅޭ ވަރުގެ މިންގަނޑަކަށް ނުވި ނަމަވެސް 'ކްރެޑިޓް ކޮންޓްރޯލްއެއް' ވިޔަފާރިތަކުން ވެސް އެބަ ގެންގުޅެން ޖެހެ އެވެ.
"ކޮންމެވެސް ވަރަކަށް ފަރުވާތެރިވާން ޖެހޭ އެބަ ވިޔަފާރިއަކަށް ކްރެޑިޓް ދިނުމުގެ ކުރިއަށް. މި މީހުންނަކީ ދެވޭ ކްރެޑިޓްގެ އަދަދު އަނބުރާ ދެއްކޭނެ ބައެއްތޯ؟ އަޅުގަނޑަށް ވަރަށް ފާހަގަވޭ ވިޔަފާރިތަކުން ކްރެޑިޓް ދެމުން ދެމުން ގޮސް އަނެއް ފަރާތަށް ވެސް މި ދެއްކޭނެ ފަސޭހަ ރަހުމެއް ނެތްވާ ވަރު ވީމަ ދެން ކޯޓަށް ވެސް މި ދަނީ،" ހަމްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓަށް ދިޔުމުން ވަރަށް ފަސޭހައިން ފައިސާ ދައްކަން 'ހުކުމްގަނޑު' ލިބޭނެ ކަމަށެވެ. ހުކުމް ލިބުނަސް ފައިސާ ދެއްކޭނެ ގާބިލްކަން އެ ވިޔަފާރީގައި ނޯންނާތީ އަނެއްކާވެސް ހުކުމް ތަންފީޒުކުރުމުގެ މަރުހަލާއަށް މައްސަލަ ދާނެ އެވެ. ހުކުމް ތަންފީޒުކުރަން ބަލާއިރު ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުކުމްގަނޑު ލިބުނަސް އެ ތަންފީޒު ކުރަން ބަލާއިރުގައި އެކައުންޓުގައި ފައިސާއެއް ނުހުންނާނެ. ކުރަމުންދާ ވިޔަފާރިއެއް ނުހުންނާނެ. އިންވެންޓަރީގައި މުދަލެއް ނުހުންނާނެ. ކިތަންމެ ބާރުގަދަ ތަންފީޒީ ނިޒާމެއް އޮތަސް ތަންފީޒުކުރާނެ ގޮތެއް ނޯންނާނެ،" ހަމްޒާ ވިދާޅުވި އެވެ.
އެ ވަރަށް ދަރަނިވެރިވެފައި އޮތް، އަދި ވިޔަފާރީގެ އެއްވެސް ކަމެއް ނުހިނގާ ކުންފުންޏެއް ނަމަ ދެން ކަންކުރާ އެއް ގޮތަކީ ކުންފުނީގެ ދަރަނިތައް ދައްކަން ޒިންމާވާނެ ލިކުއިޑޭޓަރަކު ކަނޑައަޅާފައި ކުންފުނި އުވާލަން ކޯޓުން އަމުރުކުރުމެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހުސެކެވެ. ކުންފުނީގެ ބޭނުމަކީ ވިޔަފާރިކޮށްގެން ހިއްސާދާރުންނަށް އޭގެ ފައިދާ ބެހުމެވެ. މި ހާލަތަށް ކުންފުންޏެއް ދިއުމުން ކުންފުނި ބޭއްވުމުގެ ބޭނުމެއް ވެސް ނެތެވެ.
ނަމަވެސް ހަމްޒާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަޖުރިބާކުރެއްވުނު ކަމަކީ ކުންފުނި އުވާލަން އަމުރުކުރަން ފަނޑިޔާރުން ފަސްޖެހުުމެވެ. އޭގެ ސަބަބެއްގެ ގޮތުގައި ހަމްޒާ ގަބޫލުކުރައްވަނީ ނިޒާމު ވަަށައިނުޖެހުމެވެ.
"ކުންފުނި އުވާލާފައި ލިކުއިޑޭޓަރަކު ހަމަޖައްސައިގެން ދެން ދަރަނީގެ ކަންކަން ހަމަޖައްސަން ބަލާއިރުގައި ވެސް އޭގެ މަގުޗާޓެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއަކު ވެސް ނޯވޭ. ގާނޫނާއި ގަވާއިދުގައި ވެސް މި ހުންނަނީ ވަރަށް މަދު އަސާސީ ކަންކަމެއް މި ކަންކަމާ ގުޅޭ. ދެން ކުންފުނި އުވާލިއްޔާ މި ދަރަނިތައް ލިބެން ޖެހޭ ބަޔަކަށް އެ ލިބޭނެ ގޮތްތަކެއް ވެސް އެބަ އޮންނަން ޖެހޭތާ،" އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ވިޔަފާރިތަކުން ކްރެޑިޓަށް ފައިސާގެ އިތުރަށް މުދަލާއި ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ފަރުވާތެރިވެއްްޖެ ނަމަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.
"ޓްރާންސެކްޝަން ހަދާއިރުގައި ފަރުވާތެރިވުން މުހިންމީ. ރަނގަޅު ބަޔަކާ އެކީގައިތޯ މި ހެދެނީ. ކަރުދާސް ކުންފުންޏަކާ އެކީގައިތޯ ނޫނީ މުދާ ހުރި ކުންފުންޏަކާ އެކީގައިތޯ،" ސިރާޖު ވިދާޅުވި އެވެ.
ކޮމެންޓް (3)
އެކްސް
ރެލީ
ހުސެން ސައީދް