ހުޅުމާލެ ފޭސް އެކެއްގެ މަތިން: ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބައެއް ބިންތަކުން ކުލި ނުލިބުމުގެ މައްސަލަ ބޮޑު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެޗްޑީސީ

ބޮޑީ ކުންފުނީގެ ނަމާއި ކުރާ ކަންކަން، ނުދެއްކެނީ އެޗުޑީސީއަށް ކުލި

އެޗުޑީސީއިން ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ނުލިބި ހުރި ކުލީގެ ޖުމްލަ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާ
26 ނޮވެމްބަރު 2024

އެންމެ ނަން މަޝްހޫރު، އެންމެ ބޮޑެތި ކުންފުނިތަކަށް ވެސް ކުލި ދެއްކުމަކީ މާ ފަސޭހަ ކަމަކަށް ނުވެ އެވެ. ކުންފުނިތަކުގެ ނަން މަޝްހޫރެވެ. ހިންގަނީ ބޮޑެތި މަޝްރޫއުތަކެވެ. އެކަމަކު ކުލި ނުދައްކަ އެވެ. އެޗުޑީސީއިން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން 1.2 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީން އެދިގެން އެޗުޑީސީއިން ހިއްސާކުރި އަދަދުތައް ބެލި ގިނަ މެމްބަރުންގެ ސުވާލަކަށް ވީ އެ ފައިސާ ހޯދަން އެ ކުންފުނިން ކުރަނީ ކޮން ކަމެއްތޯ އެވެ. ނުވަތަ އެއްވެސް ކަމެއް ކުރޭތޯ އެވެ.

"މި ގޮތަށް ވިޔަފާރި ކުރެވިދާނެ ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް،" ކަންބޮޑުވުން ފާޅުކުރައްވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

"އެޗުޑީސީގެ އެންމެ އަގުބޮޑު ބިމުން ބިން ކުއްޔަށް ނަގައިގެން ކުލި ނުދައްކާ. ދެން އަޅުގަނޑުމެން ތިބެންވީ 20-30 އަހަރު ވަންދެން ކުލި ނުދައްކާ. އެ ގޮތަށް ކުރެވިދާނެ ހަމަ ކޮންމެ ބަޔަކަށް ވެސް."

ބިންތަކުން އެޗުޑީސީއަށް ނުލިބި ހުރި ކުލި

  • 985 މިލިއަން ރުފިޔާ: އަމިއްލަ ކުންފުނިތަކުން

  • 53 މިލިއަން ރުފިޔާ: ސަރުކާރުން

  • 185 މިލިއަން ރުފިޔާ: ސަރުކާރު ހިއްސާވާ ކުންފުނިތަކުން

  • 1.2 ބިލިއަން ރުފިޔާ: މުޅި ޖުމްލަ

'މިހެންވީމާ ބަނގުރޫޓު ވެސް ވާނެ'

މެމްބަރުންގެ ކަންބޮޑުވުމަކަށް ވީ މިހާރު ވެސް ވިޔަފާރި ކުރަމުން އަންނަ، މާލީ ގޮތުން ތަނަވަސް ކުންފުނިތަކުން އެޗުޑީސީއަށް ދައްކަން ޖެހޭ ކުލި މިލިއަނުން ނުދައްކާ އޮތުމުންނެވެ.

"އެކްޓިވްކޮށް ހިންގާ، ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން އެބަހުރި މިލިއަނުން ފައިސާ ނުދައްކާ މި ބިންތަކަށް. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. އަޅުގަނޑުމެން މި ދައްކަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓުވަމުންދާ ވާހަކަ. ބަނގުރޫޓުވާނެ ނޫންތޯ ބޮޑެތިސިންގާ ބިންތައް ނަގާފައި އެ ތަންތަނަށް ފައިސާ ނުދައްކާ ކަމުގައިވާ ނަމަ،" ޝުޖާއު ވިދާޅުވި އެވެ.

މިވަރުގެ ބޮޑު އަދަދެއް ނުލިބި އޮތުމަކީ މައްސަލައެކެވެ. އެއީ އިއްޔެ ނުވަތަ މިއަދުން ފެށިގެން ނުދައްކާ ހުރި ފައިސާއެއް ނޫނެވެ. ފައިސާ ނުދައްކާ ފުނިޖެހެމުން ޖެހެމުން އަދަދު ބޮޑުވަމުން ގޮސް، ޕޭމަންޓް އެކްސްޓެންޝަން ނުވަތަ ކުލި ދައްކަން މުއްދަތު އިތުރުކޮށްދީފައި ވެސް އެބަ ހުއްޓެވެ.

ސުވާލަކީ ޕޭމަންޓް އެކްސްޓެންޝަން ދެނީ ކޮން އުސޫލަކުން ހެއްޔެވެ؟

"މި ލިސްޓުގައި އެބަ ފެނޭ ޕޭމަންޓް އެކްސްޓެންޝަންތަކެއް ދީފައިވާތަން. މީގެ ތެރެއިން ޕޭމަންޓް އެކްސްޓެންޝަން ދީފައި މިހުރި ބައެއް ކުންފުނިތަކަކީ ރާއްޖޭޭގައި ފުޅާ ދާއިރާއެއްގައި އެތައް ބިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ކުންފުނިތައް،" ހިތަދޫ މެދު ދާއިރާގެ އަހްމަދު އަޒާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އިއްޔެ ބައްދަލުވުން ކުރިއަށް ދަނީ (ފޮޓޯ/މަޖިިލިސް)

އެޗުޑީސީއަށް 11 މިލިއަން ރުފިޔާއިން ދަރައިގެން ލިސްޓަށް އަރާފައި އޮތް ކުންފުންޏެއް މިސާލަކަށް ނަންގަވައި އޭނާ ވިދާޅުވީ އެހާ ބޮޑު އަދަދަކާ ހަމައަށް ދިޔައީ އެ ކުންފުނިން ނަގާފައި އޮތް ދެ ތިން ތަނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އެތައް އަހަރެއް ވެގެން ކަމަށެވެ. އޭގެ ތެރޭގައި ބައެއް ތަންތަނަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ ލައްކައެއްހާ ރުފިޔާ އެވެ.

"އެހެންވީމަ އެހާ ގިނަ ދުވަހު ފައިސާ ނުދައްކާ ކުންފުންޏަކަށް ޕޭމަންޓް އެކްސްޓެންޝަން ދިނީ ކޮން އުސޫލަކުންތޯ ވެސް އަޅުގަނޑުމެން ބަލަން ޖެހޭ،" އަޒާން ވިދާޅުވި އެވެ.

ބޮޑެތި ކުންފުނިތަކުން އެތައް އަހަރެއް ވަންދެން ކުލި ނުދައްކާ ތިބެ ޕޭމަންޓް އެކްސްޓެންޝަން ލިބުނަސް، އަޒާން ވިދާޅުވި ގޮތުގައި، އާދައިގެ ވިޔަފާރިތަކުގެ އެއްބަސްވުން ބާތިލުކޮށްލާއިރު އެކްސްޓެންޝަނެއް ވެސް ނުލިބެ އެވެ.

"ބޮޑެތި ވިޔަފާރިކުރާ ފަރާތްތަކަށް ފަހިި ފުރުސަތައް މި ލިބެނީ ވެސް. މީގެ ތެރެއިން ބައެއް ކުންފުނިތަކަކީ 11 މިލިއަން ރުފިޔާ، 15 މިލިއަން ރުފިޔާ ނުދެއްކޭ ވަރުގެ ކުންފުނިތަކެއް ވެސް ނޫން. މިއީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން ހިންގާ ކުންފުނިތައް،" އޭނާ ވިދާޅުވި އެވެ.

'ނުލިބި ހުރި ފައިސާ ހޯދަން ކަމެއް ކުރޭތޯ ވެސް ބަލަން ޖެހޭ'

އެޗުޑީސީއަށް ނުލިބި ހުރި ފައިސާގެ ތެރޭގައި ކުލި ނުދައްކައިގެން ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުން ނުލިބޭ 195 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ހުޅުމާލެ ފުރިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބިން ނުލިބުމުގެ ޝަކުވާ އޮތްއިރު، ޝުޖާއު ވިދާޅުވި ގޮތުގައި ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކޮށްފައިވާ ބިންތައް ހުންނަން ޖެހޭނީ އެފަދަ ފަރާތްތަކަށް ދޭން ހުސްކޮށްފަ އެވެ.

"[ހުޅުމާލޭގައި] ބިމެއް ނެތް. ހުރި ބިންތަކަށް ކުއްޔެއް ނުދައްކާ. ޓާމިނެޓުކޮށްފައި އެބަ އޮތް ބިންތަކެއް. އެހެންވީމާ އެ ބިިންތައް ނުވަތަ ލޮޓުތައް ހުސްކޮށްތޯ ނެތްތޯ އަޅުގަނޑުމެން އެބަ ޖެހޭ ސާފުކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ބައެއް ވިޔަފާރިވެރިން ގަވާއިދުން ކުއްޔެއް ނުދައްކާ (ފޮޓޯ/އެޗްޑީސީ)

ކަންބޮޑުވުންތަކާ އެކު ޝުޖާއު ހުށަހެޅުއްވީ:

  • އެ ފައިސާ ހޯދަން އެޗުޑީސީއިން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ހޯދަން

  • ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކޮށްފައި ހުރި ލޮޓުތައް (ކޮމާޝަލް ޔުނިޓުތަކާއި ބިންތައް) ހުސްކޮށް، އަލުން ކުއްޔަށް ދޭން މަސައްކަތް ކުރޭތޯ ބެލުން

ޝުޖާއުގެ ހުށަހެޅުމަށް ތާއީދުކުރައްވައި އަޒާން ވިދާޅުވީ "މިއީ މި ފާއިތުވެދިޔަ އެއް އަހަރު ތެރޭގައި ނުލިބި ހުރި ފައިސާއެއް ނޫން" ކަމަށެވެ.

"އެތައް ޒަމާނެއް ވީމާ 100 މިލިއަން، 200 މިލިއަން ރުފިޔާ ނުދެއްކި އޮންނާނީ،" އަޒާން ވިދާޅުވި އެވެ.

އެޗްޑީސީގެ މައި އޮފީސް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބިޑު ކުރުމުގައި އުފެދިފައި ނުވަތަ އުފައްދާފައި އޮތް ގޯސް އާދައެއްގެ ވާހަކަ ވެސް އޭނާ ހިއްސާކުރެއްވި އެވެ. އެއީ ބިޑުކުރުމަށް ފަހު ކޮންޓްރެކްޓު އެވޯޑުކުރާ ފަހުން އެއްބަސްވުމަށް ބަދަލު ގެނެސްގެން ކުލި ކުޑަކުރާ މައްސަލަ އެވެ.

"އެއީ އަސްލު ގާނޫނާ ހިލާފު ކަމެއް. ބައެއް ފަރާތްތަކުން ގެންގުޅޭ ޕްރެކްޓިސްއެއް، ބޮޑު އަގެއްގައި ތަންތަން ނަގާފައި ކުލި ނުދައްކާ އަހަރެއްވަރު ކޮށްލާފައި މި ބުނަނީ މި ކުލި މާ ބޮޑޭ އެހެންވީމާ ތިމަންނާމެންނަށް ދެއްކޭކަށް ނެތޭ، އަލުން ރިވައިސްކުރަން ހިނގާށޭ ކުލި،" އޭނާ ވިދާޅުވި އެވެ.

"އެހެން ހަދަން ވެގެން ކުލި ނުދައްކާ ވެސް ވަރަށް ގިނަ ފަރާތްތަކުން އެބަ ތިބޭ."

ސިޔާސީ ބަހުސެއްގައި ހުރިހާ ކުންފުނިތަކުގެ ހިސާބުތައް ހޯދަން

ކޮމެޓީގެ ބާކީ ބައި ދިޔައީ މެމްބަރުން ނިސްބަތްވާ ޕާޓީއެއްގެ ފިކުރުގައި ސިޔާސީ ބަހުސަކަށެވެ.

"މި ފައިސާ [ނުލިބި ހުރި ފައިސާ] ހޯދަން ޖެހޭނެ. ހާއްސަކޮށް އެމްޑީޕީ ވެރިކަން ނިމިގެންދިޔައިރު އެޗުޑީސީއަށް ލިބުނު ގެއްލުމުގެ ރިކަވަރީއަށްޓަކައި ވެސް މިއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ރައްދުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މި ސަރުކާރު އައިތާ އަހަރެއް ވެގެން ދިޔައިރު ދަރަނީގެ ލިސްޓު މި އޮތީ ފެންނަން ކަމަށެވެ.

"ވާހަކަ ދެއްކޭކަށް ނެތް އެއްވެސް ބަޔަކަށް. ކީއްވެ މި ފައިސާ ނުހޯދި އޮތީ؟ ކޮން މަސައްކަތެއް ކޮށްފައި އޮތީ... މީގައި އިނގިލި ދިއްކުރަން ޖެހޭ އެއް ފަރާތެއް ވެސް ނެތް، މިހާރު ވެސް މި އޮތީ މިކަން ނުކުރެވިފައި، ކުރިން ވެސް އޮތީ ނުކުރެވިފައި،" ގަފޫރު ވިދާޅުވި އެވެ.

"ވަކި ބައެއްގެ ބޮލުގައި އިލްޒާމު އެޅުމުގެ ބަދަލުގައި އެއް އަހަރު ވެގެން ދިޔައިރުގައި ހައްތަހާ ވެސް ލިސްޓު ބޮޑުވަނީ."

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ގަފޫރު (ކ) އާއި ޕީއެންސީގެ ޝުޖާއު. (ފޮޓޯ/މަޖިިލިސް)

އޭނާ ވިދާޅުވީ އެޗުޑީސީގައި ހުންނަނީ ސަރުކާރުގެ އެމްޑީއަކާއި ސަރުކާރުން އައްޔަންކުރާ ބޯޑެއް ކަމަށެވެ. އެހެންކަމުން ވާހަކަތަކެއް ދައްކާފައި އެއާ އެއްގޮތަށް އަމަލު ދިމާނުކޮށް، ރައްޔިތުންނަށް އޮޅުވާލަން 'ޑްރާމާ' ކުޅުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ބަހުސާ އެކު ކޮމެޓީ ނިމުނީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ ތަފްސީލު ކޮމެޓީއަށް ހޯދަން ފާސްކުރުމަށް ފަހު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް