މިނިވަން މުއައްސަސާތައް ގިނަ އެކަމަކު ނުނެރެވެނީ ނަތީޖާ
ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޖާގައެއް ކިރިޔާ ލިބުނަކަސް އެ ގޮތަށް އަމަލްކުރާނެ ބަޔަކު އަބަދުވެސް އުޅޭނެ އެވެ. ފުލުހުން ފަދަ ޔުނީފޯމު ހިދުމަތްތަކަށް ލިބިދޭ ބާރުގެ ތެރެއިން ނުހައްގު އަނިޔާކުރާ ވާހަކަ ދޭތެރެދޭތެރެއިން މިހާރު ވެސް އަޑުއިވެ އެވެ.
މިހާރުގެ ގާނޫނުއަސާސީގައި މުސްތަގިއްލު މުއައްސަސާތަކެއް ހިމެނީ އެފަދަ އަނިޔާތައް ބަލާނެ ނިޒާމެއް ގާއިމްކުރާށެވެ. އޭގެ އިތުރުން އެކި ގާނޫނުތަކުން ވެސް އިތުރު މުއައްސަސާތައް އުފައްދައި، ދައުލަތުން ބަޖެޓު ދީގެން ހިންގަ އެވެ. އެގޮތުން ޔުނީފޯމު ހިދުމަތްތަކުގެ ފެންވަރު ހަރުދަނާކުރަން ވެސް ހާއްސަ ކޮމިޝަންތައް އުފެއްދި އެވެ.
އޭގެ ބައެއް މިސާލުތަކަކީ:
-
ފުލުހުންގެ ކަންކަން ބަލަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
-
ކަސްޓަމްސްގެ ކަންކަން ބަލަން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
-
ފަހުން އެ ދެ ކޮމިޝަން އުވާލައި ޔުނީފޯމު ހިދުމަތްތަަކަށް ހާއްސަކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން 2015ގައި އެކުލަވާލި
-
މުދަލާއި ހިދުމަތް ހޯދުމުގައި ލިބިދޭން ޖެހޭ ހައްގުތައް ކަށަވަރުކުރަން ކޮންޒިއުމާސް އޮމްބަޑްސްޕާސަނެއް ހުރޭ.
-
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރަން ޗިލްޑްރަން އޮމްބަޑްސްޕާސަނެއް ހުރޭ.
-
މައުލޫމާތު ލިބުމުގެ ހައްގު ކަށަވަރުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް (އައިކޮމް) ހުރޭ.
އެއްގޮތް މަސައްކަތް ހުރި ބައެއް ތަންތަން ނުހިނގާ
ފުރަތަމަ ކަމަކަށް އުފެދޭ އެއް ސުވާލަކީ އެއް ގޮތް މަސައްކަތްތަކެއް ކުރަން ޖެހޭ ގޮތަށް މުއައްސަސާތަކެއް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
މީގެ ވިސްނުމަކީ ވީހާވެސް ގިނަ ފަށަލަތަކުން މިފަދަ މައްސަލަތައް ބެލުމެވެ. ހާއްސަކޮށް އަނިޔާވެރި ސީރިއަސް މައްސަލަތަކެވެ. އަނިޔާއެއް ދީފައި، އިންސާފާ ކުރިމަތިނުލައި 'ބާރު ހުރި' މީހަކަށް 'ނުފިލޭނެ' ކަން ޔަގީންކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގަބޫލުކުރައްވާ ގޮތުގައި އެއްގޮތް މަސައްކަތްތަކެއް ހުރި ނަމަވެސް އެއް ގޮތް މަސައްކަތްތަކެއް ކުރާ ތަންތަން އުފައްދަނީ 'އާބިޓްރަރީ ބާރު' ނުވަތަ ހަމައެއް ނެތި ބާރު ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.
"މުއައްސަސާތައް ހުންނަން ޖެހޭނެ. ޑިމޮކްރެސީގެ މި އަސާސްތައް ދަމަހައްޓައިގެން ދައުލަތް ހިންގަން ވެސް ވާނީ. ދައުލަތަކުން މި މުއައްސަސާތައް ހިންގަން ހަރަދުކުރަން ޖެހުމަކީ މައްސަލައަކަށް ވެސް ވެގެން ނުވާނެ،" ރައްޔިތުންގެ މަޖިލީހުގައި އުފެއްދި ފުރަތަމަ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިމްތިޔާޒު ވިދާޅުވި އެވެ.
އެކަމަކު މި މުއައްސަސާތައް ހުރެގެން ނަތީޖާއެއް ނާންނެ ކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އޭގެ އެއް މިސާލަކަށް ދެއްކެވީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އެވެ.
އެ ކޮމިޝަނުން ބަލަން ޖެހޭ ގިނަ މަސައްކަތްތަކެއް އެޗްއާރުސީއެމުން އެބަ ކުރެ އެވެ. ހިޔާނާތުގެ ތުހުމަތު އަންނަ ނަމަ އޭސީސީން ވެސް ބަލާނެ އެވެ. ޖިނާއީ ކަމެއް ނަމަ ފުލުހުން ތަހުގީގު ކުރާނެ އެވެ. ފުލުހުންގެ އެތެރެއިން ތަހުގީގުކޮށް ފިޔަވަޅު އަޅާ ފަހަރު ވެސް މާ ގިނަ ކަމަށް ބުނެވިދާނެ އެވެ.
"ޑޫޕްލިކޭޓް މަސައްކަތްތައް ކުރެވޭ ގޮތަށް ވެސް އެބަ ހުރި ބައެއް ތަންތަން. އެންއައިސީ މި ފެންނަނީ ވަރަށް އިންއެފެކްޓިވް ބައެއްގެ ގޮތުގައި. ޕޮލިސްގެ މިސްކޮންޑަކްޓްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން އޭސީސީން ކުރާނެ. ޕޮލިސް މިސްކޮންޑަކްޓްއާ ގުޅޭ ބައެއް މައްސަލަތައް ބަލާނެ އެޗްއާރުސީއެމުން ވެސް،" އިމްތިޔާޒު ވިދާޅުވި އެވެ.
ކުރިން ކޮމިޝަނެއްގައި މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ މައުލޫމާތާއި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ދާއިރާއިިން ވެސް އާންމުކޮށް ހަރަކާތްތެރިކޮށް ފެންނަނީ ކޮންމެވެސް އެއް މުއައްސަސާއެއް ކަމަށެވެ. ކުރިން ބްރޯޑްކާސްޓިން ކޮމިޝަން އެވެ. ފަހުން ހަރަކާތްތެރިކޮށް ފެނުނީ އައިކޮމް އެވެ.
"ރައީސް ޔާމީނުގެ ވެރިކަމުގައި އޭރު ދެން ޓީވީ ސްޓޭޝަންތައް ޖޫރިމަނާކުރުމަށް ފޯރިދީގެން އުޅުނު އިރު ބްރޯޑްކާސްޓިން ކޮމިޝަން ވަރަށް ހަރަކާތްތެރި. ދެން ފަހުން މާ ބޮޑު ބޭނުމެއް ހުރި ތަނެއް ގޮތަކަށެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
މުއައްސަސާތަކުގެ އޮނިގަނޑު އިސްލާހުކުރަނީ
ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ހަފުތާއެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭގެ ބައެއް ކަންކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން 500،000އެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމުގައި މުއައްސަސާތައް ހަދަމުން، ހަދަމުން، ހަދަމުން، ހަދަމުން، ހަދަމުން ގޮސް އަޅުގަނޑުމެންނަށް މިހާރު ކަންކަމުގައި ޒިންމާވާން ޖެހޭނެ ފަރާތްތަކަކީ [ކޮބައިކަން] ނޭނގޭ މިންވަރަށް މުއައްސަސާތައް އުފެދިއްޖެ،" ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވެސް ކުރިން އިންނެވި އުޝާމް ވިދާޅުވި އެވެ.
އެ ދުވަހު އޭނާ އިޝާރާތްކުރެއްވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓަން އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށެވެ. ޕީސީބީ އުވާލާފައި، ފިނޭންސް މިނިސްޓްރީގެ ދަށަށް ސަރުކާރު ކުންފުނިތައް ގެންދަން ނިންމާފައިވާ ކަމަށް އެ ދުވަހު ވިދާޅުވި އެވެ.
އުޝާމް 'ދައުރު'އަށް ވިދާޅުވީ މުއައްސަސާތަކުގެ ކަންކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ރިވިއުއެއް ހަދަމުން އަންނަ ކަމަށެވެ. އެ ރިވިއުގެ ތެރެއިން މަސައްކަތް ދަށް މުއައްސަސާތަކާއި ބޭނުމެއް ނެތް ތަންތަން ދެނެގަންނާނެ އެވެ. އަދި އެއްކޮށްލަން ޖެހޭ މުއައްސަސާތަކެއް އުޅޭ ނަމަ އެ ކަންކަން ވެސް އެ ރިވިއުގެ ތެރެއިން ހޯދާނެ އެވެ.
"މުއައްސަސާތައް އުފެދިފައި ހުރި ގޮތުން ވަރަށް ބޮޑަށް މެންޑޭޓުގެ ފުށުއެރުން އޮތްކަން ވެސް އެބަ ފާހަގަކުރެވޭ. މާލީ ގޮތުން ވަަރަށް ބޮޑު ބުރައަކަށް ވާ ގޮތަށް އެއް މަސައްކަތެއް ކުރަން ޖެހޭ ގޮތަށް ވެސް މުއައްސަސާތައް އުފައްދާފައި އެބަ ހުރި. އެހެންވެ ވަރަށް އިންޑެޕްތު ރިވިއުއެއް އަޅުގަނޑުމެން މި ގަނޫނުތަކަށް އެބަ ކުރަން،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުއައްސަސާތަކުގެ އޮނިގަނޑު އިސްލާހުކުރާނެ ވަކި ގޮތްތަކެއް ކަނޑައެޅޭނީ އެ ރިވިއުގެ މަސައްކަތަށް ފަހު ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގައި ހުރި މުއައްސަސާތަކުގެ ތެރެއިން ތަނެއް އުވާނުލާނެ ކަމަށް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތަކަކީ؛
-
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
-
އިލެކްޝަންސް ކޮމިޝަން (އީސީ)
-
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)
-
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)
-
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
-
އޮޑިޓަ ޖެނެރަލްގެ އޮފީސް (އޮޑިޓު އޮފީސް)
-
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ)
ގިނަ ކޮމިޝަނަރުން ތިބުމުގެ ބޭނުމެއް ނުފެނޭ
މުއައްސަސާތަކުގެ ވާހަކަ ދައްކާއިރު ރާއްޖޭގައި ހަމައެކަނި މުއައްސަސާތައް ގިނައީއެއް ނޫނެވެ. މުއައްސަސާތަކުގައި ތިބޭ މެންބަރުން ނުވަތަ ކޮމިޝަނަރުން ވެސް ގިނަ އެވެ.
ރާއްޖެއަށް ވުރެ މާ އާބާދީ ބޮޑު ގިނަ ގައުމުތަކަށް ވުރެ ވެސް ރާއްޖޭގައި ކޮމިޝަނަރުންގެ އަދަދު ގިނަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މުއައްސަސާތައް ހިންގަނީ އެންމެ ކޮމިޝަނަރަކު، ނުވަތަ ތިން ކޮމިޝަނަރުން ތިބެގެންނެވެ.
ގާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތަކުގެ ތެރެއިން އީސީ، އެޗްއާރުސީއެމް، ސީއެސްސީ އަދި އޭސީސީ، މިއިން ކޮންމެ ތަނެއްގައި ފަސް ކޮމިޝަނަރުން ތިބެ އެވެ.
އެންއައިސީގައި ފަސް ކޮމިޝަނަރުން، ބްރޯޑްކޮމްގައި ހަތް ކޮމިޝަނަރުން ތިބެ އެވެ.
މި ކަން ބަދަލުކުރުމުގެ ވާހަކަ މި ފަހުން ދެއްކެވީ ވެސް ސީދާ ރައީސް މުހައްމަދު މުއިއްޒެވެ.
"މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގެ މެމްބަރުން ތިބޭކަށް ނުޖެހޭ. އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތްކުރަން އެހާ ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ މިއިން ކޮންމެ ކޮމިޝަނެއް މެމްބަރުން ތިބެން ޖެހޭ އަދަދު ގާނޫނުގައި މަދުކުރާނަން،" ރައީސް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި މުއައްްސަސާތަކުގައި ފަހެއް ނޫނީ ހަތް ކޮމިޝަނަރުން ތިބޭ ގޮތަށް ގާނޫނުތައް ފަރުމާކުރީ ވޯޓުން ކަންކަން ނިންމަން ޖެހޭ ގޮތަށް ބޭއްވުމަށެވެ. އޭރު މަޖިލީހުގައި އިންނެވި އިމްތިޔާޒު ވެސް އެކަން ފާހަގަކުރެއްވި އެވެ. އެކަމަކު އެހާ ވަރަށް ކޮމިޝަނަރުން ތިބެން ޖެހޭ ކަމަކަށް އޭނާ ވެސް ގަބޫލެއް ނުކުރައްވަ އެވެ.
"މީގައި މުހިންމީ ކޮމިޝަންތައް އެފެކްޓިވް ވުން. ނަތީޖާ ނެރުން. މަސައްކަތްތައް ކުރުން. އެކަމަށް މުހިންމީ ރަނގަޅު، ތަމްރީނު ލިބިފައި ތިބޭ މުވައްޒަފުން. އެންމެ ކޮމިޝަނަރަކު ހުރެގެން ވެސް މުއައްސަސާތައް ހިންގޭނެ. ކޮމިޝަނަރުން މަދުކުރުމަކުން ސަރުކާރަށް ފާރަވެރިވުމުގެ ނިޒާމު ގެއްލެއެކޭ ވެސް ވަކި ބުނެވޭކަށް ނެތް،" އިމްތިޔާޒު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ގަބޫލުކުރައްވާ ގޮތުގައި މުހިންމީ ގާބިލް ކޮމިޝަނަރުން ތިބުމެވެ. ފެންވަރު ހުރި މުވައްޒަފުން ކޮމިޝަނަރެއްގެ ފަހަތުން މަސައްކަތް ކުރަން ތިބުމެވެ. ކޮމިޝަނަރުންގެ އަދަދު ގިނަ ކުރުމަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވިދާޅުވި އެވެ.
"ކޮމިޝަންތައް އިތުރުވެއްޖެ. މަގާމުތައް، މީހުން އިތުރުވެއްޖެ. ގާނޫނުތައް، ގަވާއިދުތައް އިތުރުވެއްޖެ. އެކަމަކު އަސްލު ބޭނުންވާ މަގުސަދު ހާސިލެއްނުވޭ. މިއިން ކަމެއް ނެތީސް 2008ގައި ފެނުނު ދައުލަތުގެ މީޑިއާ ވެސް އިންސާފުވެރި ކޮންޓެންޓުތައް ގެނެސްދިން ތަން،" އޭނާ ވިދާޅުވި އެވެ.
ހަގީގީ މައްސަލައަކީ 'ސިޔާސީ' ނިޔަތް ގޯސްވުން
ހަސަން އާއި އިމްތިޔާޒު ވެސް ގަބޫލުކުރައްވާ ގޮތުގައި މުއައްސަސާތައް ނުހިނގުމުގެ މައިގަނޑު މުޅި މައްސަލަ ގުޅިފައި ވަނީ އޭގެ އޮނިގަނޑު އޮތް ގޮތަކާއެއް ނޫނެވެ. މިނިވަން، މުސްތަގިއްލުކަމާ އެކީ މަސައްކަތް ނުކުރުމެވެ. ސަރުކާރުތަކުން ނުފޫޒު ފޯރުވުމެވެ.
"ކޮމިޝަންތަކުގެ އަދަދު ގިނަވަގެން ނުވަތަ އޭގެ އެކަތި އަނެކައްޗަށް ލާމެހި އެހެން އޮތުމެއް ވެސް ނޫން އަސްލު މައްސަލައަކީ. ފެންވަރު ނެތް މީހުން ތަންތަނަށް ލުން،" ހަސަން ވިދާޅުވި އެވެ.
"މިދިޔަ ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އެ މީހުންނަށް ވަފާތެރިވާނެ ކަމަށް ފެންނަ، އެ މީހުންގެ ނުފޫޒުގެ ދަށުގައި ތިބެވޭނެ މީހުން ލީ."
ހަސަން ވިދާޅުވި ގޮތުގައި ގާބިލްކަން ނެތް މީހުން މުއައްސަސާތަކަށް ލަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުންނެވެ.
"ފެންވަރު ނެތް މީހުން ލައިގެން ފެންވަރު ހުރި މަސައްކަތެއް ހިނގާނެ ކަމަކަށް، ފެންވަރު ހުރި ނަތީޖާތަކެއް ނެރޭނެ ކަމަށް ދުށުމަކީ ހަމަޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ތަޖުރިބާހުރި މީހުން ވެސް މަދު. ތަޖުރިބާ ހުރި މީހުންނަށް މަގާމުތައް ދިނުމުގެ ވިސްނުމެއް ވެސް ނެތް. ދެން ދިވެހިންނަށް އެ ތަޖުރިބާ އާއި ފެންވަރު ލިބޭނެ ތަމްރީނުތައް ސަރުކާރުން ހަރަދުކޮށްގެން ހިންގުމުގެ ވިސްނުމެއް ވެސް ނެތް."
އިމްތިޔާޒު ވެސް ވިދާޅުވީ މުއައްސަސާތައް މުސްތަގިއްލުކޮށް ހިންގުމުގެ ވިސްނުމެއް ސަރުކާރުތަކުގައި ނެތުމަކީ އޭނާގެ ވެސް ކަންބޮޑުވުން އެންމެ ބޮޑު މައްސަލަ ކަމަށެވެ. ސަރުކާރު ނުރުހޭ ކަމެއް މުއައްސަސާއަކުން ނުކުރާ ގޮތަށް އޮންނަ ނަމަ، ސަރުކާރުން ހިންގާ ގޯސްތައް ބެލުމުގެ ވިސްނުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރު ހިންގާ ޕާޓީގައި ބައިވެރިވާ މީހުނަށް، ނޫނީ ވެރިންނާ ގާތް މީހުނަށް ވަޒީފާތަކެއް ދިނުމުގެ ވިސްނުމުގައި އަދި ސަރުކާރަށް ބޯލަނބާ ބަޔަކު އެ ތަންތަނުގައި ބަހައްޓަންޏާ މި މައްސަލަތައް އަބަދުވެސް އޮންނާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.
"މުއައްސަސާތައް ހިންގުމުގެ ޕޮލިޓިކަލް ވިލް ނެތުން އެންމެ ބޮޑު މައްސަލައަކީ."
ކޮމެންޓް