ޒީނާ (އަސްލު ނަމެއް ނޫން) އާއި އޭނާގެ ތިން ކުދިން ދިރިއުޅެމުންދަނީ އޭނާގެ މާމަގެ މުސްކުޅި ގޭގައި. (ފޮޓޯ/މަމްސް އެއިޑް)

މަމްސް އެއިޑް

2 ކައިވެނިން ވެސް އަނިޔާ؛ ދެން ބޭނުންވަނީ ދަރިންނަށްޓަކައި އަމިއްލަ ފައިމައްޗަށް ތެދުވާން

ޒީނާގެ އެންމެ ބޮޑު އެއް އުންމީދަކީ ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ އަމިއްލަ މަސައްކަތެއް ފެށުން؛ މި އާއިލާއަށް އެހީވާން 'މަމްސް އެއިޑް' އިން ވަނީ ފައިސާ ހޯދަން ފަށާފައި

މިއީ ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ 'މަމްސް އެއިޑް'ގެ ކެއާ ލިސްޓުގައި ރަޖިސްޓާ ކުރެވިފައިވާ އާއިލާތަކުގެ ތެރެއިން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ގެވެށި އަނިޔާ ތަހައްމަލު ކޮށްފައިވާ އާއިލާއެއްގެ ވާހަކަ އެވެ.

މި ވާހަކަ އާޓިކަލުގައި ހިމަނާފައި މިވަނީ އެ އާއިލާއާ ހަވާލާދީ، މަމްސް އެއިޑްއިން ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ވާހަަކަތަކަށް ބަލައިގެންނެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި އާއިލާގެ ވާހަކަ ހިއްސާ ކުރުމުގެ މަގްސަދަކީ މިހާރު ދިރިއުޅެމުންދާ ހާލަތުން އަރައިގަތުމަށް އާންމުންގެ އެހީ އެ އާއިލާއަށް ހޯދައި ދިނުމެވެ.

މުޅި ހަޔާތް ވޭތުވީ ފަގީރުކަމުގައި

ޒީނާ (އަސްލު ނަން އުނިކޮށްފައި) ހަނދާން ހުންނަން ފެށީއްސުރެ ވެސް އޭނާ އުޅެ ބޮޑުވި އާއިލާއަކީ ވެސް ވަރަށް ދަތި ހާލުގައި އުޅެމުން އައި ފަގީރު އާއިލާ އެކެވެ. މަންމަ އާއި ދޮންބައްޕަގެ ޖުމްލަ ނުވަ ކުދިން ތިބި އިރު ޒީނާއަކީ މަންމަގެ އެންމެ ދޮށީ ކުއްޖާ އެވެ.

އެކަމަކު އޭނާއަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެއްކަމުން މުދާ ބެހިއިރު ވެސް ގެއިން އެއްވެސް އެއްޗެއް ނުލިބެ އެވެ. ނިދާނެ ކޮޓަރިއެއް ނެތި ޒީނާ އެންމެ ކުޑައިރުން ފެށިގެން ނިދަމުން އައީ ބޭރުގޭގެ ތަޅުންމަތީގައި ހާމައަށް، އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި އެވެ. މަންމަ ވަރަށް ގާތް ގާތުގައި ވިހަން ޖެހިފައި ހުރުމުން ގިނަ ދުވަސްތަކުގައި އޭނާއަށް ސްކޫލަށް ވެސް ނުދެވެ އެެވެ. 

ގްރޭޑް 10ގައި ކިޔަވަމުން ދިޔަ އަހަރު، ޒީނާއަށް ވުރެ އުމުރުން ދޮށީ ފިރިހެނެއްގެ ފަރާތުން އެކި ގޮތް ގޮތުން އުނދަގޫތައް ކުރިމަތިވާން ފެށި އެވެ. އޭރު ގޭގައި ހުންނަނީ ފާރު ތިރި އަދި އެއްވެސް ވަރަކަށް ހިޔާ ނުކޮށް ހުންނަ ގިފިއްޔެއްކަމުން، އެއް ދުވަހު ފެންވަރަން ހުއްޓައި އެ ފިރިހެން މީހާ ސިއްރުން ނެގި ފޮޓޯއެއް ބޭނުންކޮށްގެން ޒީނާއަށް ބިރުދައްކައި ގައިގައި އަތްލުމަށް މަސައްކަތް ކުރަން ފެށި އެވެ. އެ ވާހަކަތައް ބޮޑުދައިތައަށް ކިޔައިދިނުމުން ދެން އެ ފިރިހެން މީހާ ކުރަން ފެށި ކަމަކީ ޒީނާއާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަން ފެށުމެވެ.

އުމުރުން އެންމެ 18 އަހަރު ފުރުނުތަނާހެން ރަށުން ބޭރު މީހަކާ ކައިވެނިކޮށް، އެ މީހާގެ ރަށަށް ޒީނާ ދިރިއުޅުން ބަދަލުކުރި އެއް ސަބަބަކީ އެއީ އެވެ. ޒީނާ އުންމީދުކުރީ އެހާ ހިސާބުން އޭނާއަށް ރައްކާތެރި ދިރިއުޅުމެއް ލިބިގެންދާނެ ކަމަށެވެ.

ޒީނާ (އަސްލު ނަމެއް ނޫން) އާއި އޭނާގެ ތިން ކުދިން ދިރިއުޅެމުންދަނީ އޭނާގެ މާމަގެ މުސްކުޅި ގޭގައި. (ފޮޓޯ/މަމްސް އެއިޑް)

ދަރިން ނުލިބޭނެކަމުގެ ތުހުމަތާއި ދަރިންނާއެކު އިތުރަށް ނިކަމެތިވުން

ޅައުމުރުން ފެށިގެން ތަހައްމަލުކުރަން ޖެހުނު ފަގީރުކަމާއި ނިކަމެތިކަމުން ސަލާމަތްވާން 18 އަހަރުގައި ކުރި ކައިވެންޏަކީ ޒީނާއަށް ހެދުނު ފުރަތަމަ ގޯހެވެ. ފިރިމީހާގެ ފަރާތުން ރައްކާތެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް ކައިވެންޏަށް އަހަރެއްވީއިރު ދެ މީހުންގެ ދެމެދުގައި މައްސަލަތައް ޖެހެން ފަށައިފި އެވެ. އަހަރެއްވީއިރު ދަރިއެއް ނުލިބުމުގެ ބަހަނާގައި ފިރިމީހާ އެހެން އަންހެނަކާ ގުޅުން ބާއްވަން ފެށީ އެވެ. އެކަން ފަޅާއެރުމުން އޭނާ ކަައިރިން ވަރިވެ، ދިރިއުޅުން އަލުން ރަށަށް ބަދަލުކުރި އެވެ.

ރަށަށް ބަދަލުވުމުން ވެސް ކުރީގެ ފިރިމީހާގެ އާއިލާ މީހުން ގުޅައި ޒީނާއަކީ ދަރިން ނުލިބޭ މީހެއް ކަމަށާއި ދުވަހަކު ވެސް އިންނާނެ މީހެއް ނުވާނެ ކަމަށް ބުނެ، މަލާމާތްކޮށް އެކި ގޮތް ގޮތުން އުނދަގޫ ކުރަމުން ދިޔަ އެވެ. މިކަމުގެ ސަބަބުން ޒީނާއަށް ދިޔައީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ. 

އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެން ފެށި ދަތުރުގެ ވަަރަށް ކުރީކޮޅު، އެ ދަތުރު ފެށި ބަނދަރަށް އަލުން ހަޔާތުގެ ބޯޓު ބަނދަރުކުރަން ޖެހުމުން ޒީނާއަށް ތަހައްމަލުކުރަން ޖެހުނު ހިތްދަތިކަމުން އަރައިގަތުމަށް އަނެއްކާވެސް ޒީނާ ހިފީ އެހެން މީހެއްގެ އަތުގަ އެވެ. ރަށުގައި ދިރިއުޅެމުންދިޔަ ބީރައްޓެއްސަކު އިންނަން އެހުމުން ޒީނާއަށް އަނެއްކާވެސް ގަބޫލުކުރެވުނީ އެ ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ދަރިން ނުލިބޭނެ ކަމުގެ ތުހުމަތުތަކާ އެކު ފުރަތަމަ ކައިވެނިން މާޔޫސްކޮށްލި ޒީނާއަށް، ދެވަނަ ކައިވެނިން ދަރިއެއްގެ އުފާވެރިކަން ލިބުނެވެ.

އެކަމަކު ކައިވެންޏަށް އެންމެ ދެ މަސް ވާން އުޅެނިކޮށް ލިބުނު އެ އުފާވެރި ހަބަރު ފިރިމީހާއަށް އުފާވެރިއެއް ނުވި އެވެ. ކައިވެނިކޮށްގެން ރަނގަޅަށް ހަމަނުޖެހި ދެ މީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ދަސްނުވަނީސް ބަލިވެއިންކަން އެނގުމުން ފިރިމީހާގެ އުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި އެވެ. ގިނަ ވަގުތު ބޭރުގައި އުޅުމާއި ޒީނާއަށް ދޭން ޖެހޭ އަޅާލުން ނުދީ، ރުޅިމޫނު ދައްކައިގެން ހުރުން ގިނަވާން ފެށި އެވެ. ބަނޑުބޮޑުވީއްސުރެ ބަލިވެ، ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް، ޒީނާ ގިނަ ދުވަސްތަށް ހޭދަކުރަން ޖެހުނީ ބެޑްރެސްޓްގަ އެވެ.

"ބަނޑުބޮޑުއިރު ގިނަ ދުވަސްތަކުގައި އެކަނިމާ އެކަނި އޮންނަން ޖެހެނީ. [ފިރިމީހާ] އާސިފް ބަލާ ވެސް ނުލާނެ އަހަރެން އޮތީ ކައިގެންތޯ ވެސް. ބޭބީ އޮންނަލެއް ތިރިކަމުން ޑޮކްޓަރު އޮތީ ތެދުވެއުޅުން އެއްކޮށް މަނާކޮށްފައި. މިގޮތަށް އެކަނިވެރިކަމާކުގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު ވެސް، އަބަދު ވެސް ގަބޫލުކުރިން ކޮންމެވެސް ދުވަހަކުން އާސިފް އަލުން ރަނގަޅު ފިރިއަކަށް ވާނޭ،" ޒީނާ ކިޔައިދިނެވެ.

އެކަމަކު ފިރިމީހާ ރަނގަޅުވާނެ ކަމަށް ކުރެވުނު މި އުންމީދުތައް ވެސް ފުނޑުފުނޑުވީ އާސިފް މަސްތުވާތަކެތި ބޭނުން ކުރާކަން އެނގުނު ހިސާބުންނެެވެ. ޒީނާ ބޮޑުވި ފަދަ ނިކަމެތި ހާލުގައި ދަރިފުޅު ވެސް އުޅެންޖެހިދާނެ ކަމުގެ ބިރުވެރިކަން އަބަދުމެ ހީވެ، ޒީނާއަށް ރޮވެ އެވެ.

ނަތީޖާއެއްގެ ގޮތުން ބަނޑަށް ހަތް މަހުގައި ދަރިފުޅު ވިހެއީ، އަތޮޅު ހޮސްޕިޓަލަށް ދިއުމަށް ކުޑަކުޑަ ދޯންޏެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. ޑޮކްޓަރެއް ވެސް ނެތި، ދުވަސްނުފުރައި އެ ދޯނި މައްޗަށް ވިހެއި ކުޑަކުޑަ ދަރިފުޅު އޮތް ހާލު ފެނިފައި ހަބަރު ހުސްވި ފަހަރުތައް ވެސް ދިޔަ އެވެ.

ފިރިމީހާގެ އަޅާލުމެއް ނުލިބޭތާ ގިނަ ވަގުތުތަކުގައި އޭނާ ހުންނަނީ މަސްތުގެ ހާލަތުގަ އެވެ. ދުވަސްނުފުރާ ވިހޭ ދަރިފުޅަށް ހަ މަހުގައި ފިޓް ޖެހެން ފެށުމުން މާލެއަށް އައިސް ފަރުވާ ކުރަން ޖެހުނު ދުވަސްތަކުގައި ތުއްތު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުގައި ނިދައިގެން، ދުވާލަކު އެއް ފަހަރު ނޫނީ ދެ ފަހަރު ކައިގެން ހުރި ހަނދާންތައް ޒީނާގެ ހިތަކުން ނުދެ އެވެ. މި ހާލުގައި އުޅޭއިރު ހެޔޮ އެދޭ މީހަކު ދިއްކޮށްލާ ރުފިޔާ ކޮޅު ވެސް އާސިފް ވަގަށް ނަގައިގެން ބޭނުންކުރާތީ ދަރިފުޅުގެ ކިރު ޕެކެޓާއި ނެޕީ ފަދަ އެއްޗެހި ވެސް ނުގަނެވި މަގުމަތީގައި ސަލާން ޖަހަން ޖެހުނު ދުވަސްތަކެއް ވެސް ދިޔަ އެވެ.

އެންމެ ފަހުން ގޮތް ހުސްވެ، ދަރިފުޅުގެ އުމުރުން ދެ އަހަރުގައި އެ ދިރިއުޅުން ވެސް ޒީނާ ދޫކޮށްލީ އެވެ. ދޮންބައްޕަގެ ގޯތި ބަހަން ޖެހުނު ހިސާބުން ގޭތެރޭގައި އެކި ކަހަލަ މައްސަލަތަށް ޖެހި، ކުޑަ ދަރިފުޅާ އެކު މަގުމަތިވުމުން ޒީނާ ދެން އުޅެން ފެށީ މީހުން ދޫކޮށްލާފައި ހުންނަ ފަޅުގެތަށް ފޮޅާ ސާފުކޮށްގެން އެ ގެތަކުގަ އެވެ.

ޒީނާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ އަންހެން ދަރިފުޅު ގޭގެ މަސައްކަތެއްގައި؛ އެ ކުއްޖާގެ އުމުރުން މިހާރު 9 އަހަރު. (ފޮޓޯ/މަމްސް އެއިޑް)

ތުއްތު ކުއްޖަކު ގޮވައިގެން ޒީނާ އުޅެމުންދިޔަ ހާލަށް ހަމްދަރުދީވެ، އެހީތެރިކަމުގެ އަތެއް މިފަހަރު ދިއްކޮށްލީ ސްކޫލު ދައުރުގެ ރައްޓެއްސެއް ކަމަށްވާ ފަހުމީ އެވެ. ދެ ކައިވެނިން ލިބުނު ހިތްދަތިކަމާ އެކު ވެސް އޭނާއަށް އިތުބާރުކޮށް އުފާވެރި ދިރިއުޅުމަަކަށް އަނެއްކާވެސް ޒީނާއަށް އުންމީދުކުރެވެން ފެށުނީ އޭނާގެ ފަރާތުން އޭރު ލިބެމުންދިޔަ އޯގާތެރިކަމާއި ބޮޑެތި އެހީތެރިކަމުގެ ސަބަބުންނެވެ.

ދަރިފުޅަށް ބޭނުންވާ ކަންކަން ފަހުމީ އަމިއްލައަށް އިސްނަގައިގެން، އެއްވެސް ޝަކުވާއަކާ ނުލާ ކޮށްދެ އެވެ. ފަހުމީގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުން ފެނި، ކައިވެނިކޮށް ދިރިއުޅުން އަނެއްކާވެސް ފިރިމީހާގެ ރަށަށް ބަދަލުކުރި އެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ފަހުމީ ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ގޭގައި ޒީނާމެންނާ އެކުގަ އެވެ. ނަމަވެސް ފަހުމީ ހޯދަން އެކި މީހުން ގެއަށް އަންނަން ފެށި ހިސާބުން، ގޭގައި މަޑުކުރާ ވަގުތަށް ވުރެ ބޭރުގައި އުޅޭ ވަގުތުތައް ގިނަ ވާން ފެށި އެވެ. ދެން ރަށުތެރެއިން އިވެން ފެށީ ފަހުމީ ވެސް މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ވާހަކަތަކެވެ. ރޭގަނޑު ދަންވާ ފަހުން ގެއަށް އައިސް ވަންނައިރު ފަހުމީ ގިނައިން ހުންނަނީ މަސްތުވެފަ އެވެ.

މިކަންތައް ބޮޑުވާން ފެށުމުން ޒީނާ ދިޔައީ ފަހުމީ ގެންގުޅޭ މަސްތުވާތަކެތި ފޮރުވައި އޭނާ އެކަމުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިތަކެތި ފޮރުވާ ކޮންމެ ފަހަރަކު ފަހުމީ ރުޅިއައިސް ޒީނާއަށް އަނިޔާ ކުރެ އެވެ. މިހެން މިކަން އޮއްވައި ޒީނާ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނެވެ. ދަރިފުޅު އުފަންވިއިރު ވެސް ފަހުމީގެ އުޅުން ބަދަލެއް ނުވި އެވެ. ގަދަކަމުން ކަންކަން ކުރުވުމާއި ދަރިންގެ ކުރިމަތީގައި އަނިޔާކުރުން ވެސް ގިނަވާން ފެށި އެވެ. 

"އެއް ދުވަހު ބަދިގޭގަ އިންދާ އޭނާ ގޮވި ވަގުތު އަޑުނީވުނީމަ ރުޅި އައިސްގެން އައިސް ކުއްލިޔަކަށް އަނިޔާ ކުރީ. އޭރު ގާތްގަނޑަކަށް 15 ވަރަކަށް މިނެޓްވެދާނެ ރޮށި ފިހަންވެގެން އުނދުންމަތީގައި ރޯކޮށްފައި ހުރި ތަވާ، އޭނާ  އައި ރުޅިން އަހަރެންގެ އަތުގައި ހިފާފަ ގަދަކަމުން ތަވާމަތީގަ އަތްބާއްވައި ފިއްތާލީ،" ޒީނާ ކިޔައިދިނެވެ.

"އޭރަކު ނޭނގެ މި އަނިޔާތަކުން ސަލާމަތްވާނީ ދާނީ ކޮންތާކަށް ކާކު ކައިރިއަށް ކަމެއް ވެސް. މި ރަށުގަ އެ ގޭގަ ނެތް އަހަރެންނަށް ހެޔޮ އެދޭނެ އެއްވެސް މީހެއް."

ދެކެމުންދިޔަ އުފާވެރި ދިރިއުޅުން ބަނަވެ، މުޅި ދިރިއުޅުން ބިރުވެރިކަމުން ފުރިފައި ވިޔަސް އަނިޔާތަކާ އެކު އެ ދިރިއުޅުމުގައި އޭނާ ކެތްކުރަން މަޖުބޫރުުކުރުވީ ޒީނާގެ ދެ ކުދިންނެވެ. އެ ކުދިންގެ ހައްގުގައި އެ ވޭންތަކަށް ކެތްކުރަން ޒީނާ ދަސްކުރި އެވެ. އެއީ ކުރީގެ ކައިވެނިން ލިބުނު ފިލާވަޅާ އެކު، އަނެއްކާވެސް ވަރިވެގެން ގޮސް ވަންނާނެ ތަނެއް ވެސް ނެތީމަ އެވެ. މި ދިރިއުޅުމުގައި އަޅާލާނެ މީހަކު ނެތް ފަދައިން، ވަރިވެގެން ކުރީގެ ދިރިއުޅުމަށް ދިޔައަސް އަޅާލާނެ މީހަކު ނުހުންނާނެކަން އެނގޭތީ އެވެ.

"ހިތްހަމަ ނުޖެހޭއިރަށް ދަރިން ކުރިމަތީގަ އިސްތަށިގަނޑުގަ ހިފާ ބިމަށް ވައްޓާލާ ފައިންތަޅާނެ. އެހެން ދުވަސްތަށް ދަނިކޮށް އަހަރެން ކުރަމުންދިޔަ ހިތްވަރުވެސް އެލުނީ 3 ވަނަ ދަރިފުޅަށް ބަލިވެ އިންކަން އެނގުނު ހިސާބުން،" ޒީނާ ކިޔައިދިނެވެ.

ބަނޑަށް ދެ މަހުގައި ގަދަކަމުން ގުޅުން ހިންގައި ދިން އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އެރޭ ޒީނާ ޅެވި ހަޅޭކުގެ އަޑު ގޭތެރޭގައި ތިބޭ މީޙުންނަށް ވެސް އިވޭނެ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު އެކަކު ވެސް އަޅައެއް ނުލަ އެވެ. އެހާ ހިސާބުން ޒީނާއަށް ގަބޫލުކުރެވުނީ ދަރިންގެ ހައްގުގައި އެ އަނިޔާތަކަށް ކެތް ކުރުމަކީ ހައްލެއް ނޫން ކަމެވެ.

ވަރަށް ހިތްވަރާއި މަސައްކަތުން ފަހުމީ ކައިރިން ވަރި ވުމަށް ފަހު، ޒީނާ ދެން ނިންމީ ކޮންމެ ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވިޔަސް، އިތުރަށް އެހެން މީހަކަށް ބަރޯސާ ނުވުމަށެވެ.

ދެވަނަ ކައިވެންޏަށް ލިބުނު ދެ ފިރިހެން ދަރިންނާ އެކު ޒީނާގެ ދޮށީ އަންހެން ދަރިފުޅު ގޭތެރޭގެ މަސައްކަތެއްގައި. (ފޮޓޯ/މަމްސް އެއިޑް)

ވީރާނާވެފައިވާ ގެއެއްގައި ރައްކާތެރިކަން މާ ބޮޑު

ދެ ވަނަ ކައިވެނިން ވެސް ދިރިއުޅުމަށް އުންމީދުކުރެވުނު އުފާވެރިކަން ނުލިބުމުން، އެ ދިރިއުޅުމުން ވެސް ދުރަށް ގޮސް ޒީނާ އަނެއްކާވެސް ބަދަލުވީ މަންމަގެ ކައިރިއަށް ރަށަށެވެ. އެކަމަކު އެތަނުގައި ވެސް މަސްތުވާތަކެތި ބޭނުން ކުރާ ފިރިހެން ކޮއްކޮއެއް ހުންނާތީ އަނެއްކާވެސް ކުރިމަތިލާން ޖެހުނީ އިތުރު އުނދަގޫތަކަކާ އެވެ. އެހާ ހިސާބުން އެ ތަނުން ވެސް ނުކުމެގެން ދެން ޒީނާ ދިޔައީ މާމަގެ ފަޅުވެ، ވީރާނާވެފައިވާ މުސްކުޅި ގެއަށެވެ. 

އުފަން ރަށަށް ބަދަލުވި ފަހުން މިވީ އަހަރުތަކުގެ ތެރޭގައި، އަމިއްލަ ހިޔާވެހި ކަމެއް ނެތި، ކުދިންގެ ކަންކަމުގައި އެހީވާނެ މީހަކު ނެތި، ދިރިއުޅުން ހޭދަކުރަމުން އެ ދަނީ ވީރާނާވެފައިވާ އެ ގޭގަ އެވެ. އަށް ފޫޓު ވެސް ހަމަނުވާ ކުޑަ ކޮޓަރިއެއްގައި ތިން ކުދިން ގޮވައިގެން އުޅެން ޖެހުނަސް، ވީރާނާވެފައިވާ އެ ކުޑަކުޑަ ކޮޓަރިން ޒީނާއަށް އިހުސާސް ކުރެވެނީ މީގެ ކުރިން ދުވަހަކު ވެސް ލިބިފައި ނުވާ ރައްކާތެރިކަމެކެވެ.

ދިރިއުޅުމުގައި ދިމާވަމުންދާ ދަތިތަކަށް ކިތަންމެ ހިތްވަރުކޮށް ކުދިންގެ ކުރިމަތީގައި އުފާވެރި މޫނަކައިގެން މުޅި ދުވަސް ހޭދަ ކުރިކަމުގައި ވިޔަސް، އެކަނިވާ ކޮންމެ ވަގުތަކު ވެސް އޭނާގެ ބަދުނަސީބުވެރިކަމާ މެދު ވިސްނާލާފަައި ރޮވެ އެވެ. ޒީނާ ނެތް ދުވަހަކުން ކުޑަ ތިން ކުދިންނަށް ހިމާޔަތެއް ދޭނެ ފަރާތެއްވާނެބާއޭ ކިތަންމެ ފަހަރަކު އަމިއްލަ ނަފްސާ ސުވާލު ކުރެވެ އެވެ.

އެކަނިވެރި މައިންނަށް ލިބޭ 3،000ރ. އިން ޒީނާއަށް ކުދިންގެ ޒަރޫރީ ކަންކަން ފުރިހަމަ ކުރެވެނީ ހަމަ ކިރިޔާ އެވެ. ބޮޑު ދަރިފުޅުގެ ބައްޕަދޭ 2،000ރ. ދަރިފުޅުގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް އަތޮޅު ހޮސްޕިޓަލްއަށް ދަތުރުކުރުމާއި އެހެނިހެން ކަންކަމަށް ހަރަދުވެގެންދެ އެވެ. ދެން ޒީނާއަށް އިތުރު އާމްދަނީއެއް ލިބިގެން ދަނީ މަގުތައް ކުނި ކަހައިދީ، ގެވަޅު ބަލަހައްޓައިދީ، ސާފުކުރުމުން ލިބޭ އެއްޗެކެވެ. މި ފައިސާ ލައިގެން މަހެއްގެ މައްޗަށް ޖުމްލަ އާމްދަނީއެއްގެ ގޮތުގައި ޒީނާއަށް ލިބެނީ 6،500 އެއްހާ ރުފިޔާ އެވެ.        

މިހުރިހާ ދަތިކަމާ އެކުގައި ވެސް މިއަދު ޒީނާ އާއި ކުދިންގެ މޫނުމަތިން ފެންނަމުންދަނީ އުންމީދުގެ ކުލަވަރުތަކެކެވެ. މިއަދު ޒީނާގެ އެންމެ ބޮޑު އެއް އުންމީދަކީ ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ހަތަރު މައިންނަށް ނަފްސާނީ އެހީ ލިބޭނެ ގޮތެއްވުމެވެ. އަދި އަމިއްލަ މަސައްކަތެއް ފަށައިގަނެވޭނެ މަގުފަހުވެ، ކުދިން ކައިރީގައި ހުރެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ވުމީ ޒީނާގެ އެންމެ ބޮޑު އެއް ހުވަފެނެވެ. 

ޒީނާއާ އޭނާގެ ތިން ކުދިން ދިރިއުޅެމުންދަނީ އޭނާގެ މާމަގެ މުސްކުޅި ގޭގައި. (ފޮޓޯ/މަމްސް އެއިޑް)

މަމްސް އެއިޑްއިން ބުނި ގޮތުގައި، ޒީނާ އޭނާގެ ތިން ކުދިންނާއި އެކުގައި ދިރިއުޅެމުންދާ ގޭގެ ހާލަތު އެ ޖަމިއްޔާއިން ބެލިއިރު އެ ގެއަކީ ކުދިން ގޮވައިގެން ދިރިއުޅެން އެންމެ އެކަށީގެންވާ މާހައުލެއް ނޫންކަން ފާހަގަކުރެވުނެވެ. ނިދާ ކޮޓަރީގެ ގެންގުޅޭ ހުރިހާ ސާމާނެއް ތަރުުތީބުން ބެހެއްޓޭނެ އެއްވެސް ގޮތެއް ނެތުމުން ހުރީ އެކި ދިމަދިމާލުގައި ފޮށިތަކުގައި ކަމަށާއި ކުދިން ނިދުމަށް ބޭނުން ކުރަމުން ދިޔައީ ބާވެ ހަލާކުވެފައި ހުރި ގޮދަޑިއާއި ބާލީސްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެހެންކަމުން، މަމްސް އެއިޑުން ވަނީ ޒީނާގެ ނަމުގައި ފައިސާ ހޯދަން ފަށާފަ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، އެ ފަންޑްރައިޒިންގެ އަމާޒަކީ:

  • ޒީނާ އާއި ތިން ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން

  • އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ތަކެތި ހޯދައިދިނުން 

  • އެއް އަހަރު ދުވަހަށް ބޭނުންވާ ކާބޯތަކެތި ހޯދައިދިނުން

"އަޅުގަނޑުމެންގެ މި އެހީގެ ސަބަބުން ޒީނާއަށް މިހާރު ލިބެމުންދާ އާމްދަނީން ކޮންމެވެސް ވަރަކަށް ރައްކާކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެން ދިއުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދު. މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަން،" މަމްސް އެއިޑުން ބުންޏެވެ.

ފައިސާ ހޯދަން ބޭނުންވާ ކަންކަމުގެ ތަފުސީލް:

  • ޒީނާ އާއި ތިން ކުދިން ނަފްސާނީ ބަލީގެ ޑޮކްޓަރަށް ދައްކަން

  • އެއް އަހަރުދުވަހުގެ ކެއާ ޕެކޭޖް 

  • އެއް އަހަރުދުވަހުގެ އިންޓަވަލް

  • އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ތަކެތި ހަ މަސްދުވަހަށް ފޯރުކޮށްދިނުން

  • ކުދިންނަށް ބޭނުންވާ އަންނައުނު

  • މިކަންކަމަށް ބޭނުންވާ ފައިސާގެ އެހީގެ އަދަދަކީ 107،697ރ.

މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މަމްސް އެއިޑްގެ ނަންބަރު: 7349393، 7349392އަށް، ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދަން އެ ޖަމިއްޔާއިން އެދެ އެވެ.

އެހީގެ ފައިސާ ޖަމާކުރުމަށް:

  • 7730000562469 (މަމްސް އެއިޑުގެ ރުފިޔާ އެކައުންޓް)

  • 7730000562470 (މަމްސް އެއިޑުގެ ޑޮލަރު އެކައުންޓު)

ކޮމެންޓް (1)

profile-image-placeholder

ވާނުވާ

14 އޮކްޓޯބަރު 2024
ތަނެއް ހަދާ އިރު ޒީނާގެ ނަމުގައި ރަޖިސްތްރީ ކުރުން ރަނގަޅު

އިތުރު އާޓިކަލް

އިތުރު އާޓިކަލް