ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން މަޖިލިހުގެ މެމްބަރުން ރުހުން ދޭން ފެހި ފިތަށް އޮބާލާފައި (ފޮޓޯ/ މަޖިލީސް)
މަޖިލިހަށް އެންމެ ނަމެއް ފޮނުވުން: މިއީ ރަނގަޅު ގޮތެއްތަ؟
ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން އައްބާސް ޝަރީފް ހުންނެވީ ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ރައީސް މުހައްމަދު މުއިއްޒުގެ ގާނޫނީ ޓީމުގެ އިސް އެއް ބޭފުޅާގެ ގޮތުގަ އެވެ. އެހެންކަމުން ރައީސްގެ އިތުބާރު އައްބާސްއަށް އޮންނާނެ އެވެ.
ހުސްވެފައި އޮތް ޕީޖީގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް އައްބާސްގެ ނަން އެކަންޏެވެ. އެހެންކަމުން މަޖިލީހުން ދިރާސާކުރީ ވެސް އެ ނަން އެކަންޏެވެ. އާންމުންގެ ހިޔާލަށް ހުޅުވާލީ ވެސް ހަމައެކަނި އެ ނަމެވެ.
އެ މަގާމަށް ކުރިމަތިލެއްވި އެހެން ހުރިހާ ބޭފުޅުން ބާކީވީ އެވެ.
މިނިވަން މުސްތަގިއްލު މަގާމަކަށް މީހަކު އައްޔަން ކުރުމުގެ މަރުހަލާ މި ގޮތަށް ހިނގި މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެކަމަކު މިއީ ދާދި ފަހަކުން ފަށައިގެން އުޅޭ ގޮތެކެވެ. ބައެއް މިސާލުތަކަކީ:
-
އެންމެ ފަހުން އޮތް މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންއަށް ދެ މެމްބަރަކު އައްޔަންކުރަން ހަމައެކަނި ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތުގެ ނަން ފޮނުވައި، މަޖިލީހުން ރުހުން ދިން.
-
މިހާރުގެ މަޖިލީހުގައި ހިއުމަން ރައިޓްސް ކޮމިޝަންއަށް އިސްމާއިލް ހަބީބުގެ ނަން އެކަނި ފޮނުވައި، މަޖިލީހުން ރުހުން ދިން.
ސިޔާސީ މައި ދެ ޕާޓީން އަބަދުވެސް ކޮންޓްރޯލްކޮށްގެން ރައްޔިތުންގެ މަޖިލިސް މި ހިންގާ ވައްޓާފަޅިއަށް ފާޑުކިޔާ މީހުންގެ ނަޒަރުގައި، މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރަން މަޖިލިހަށް ލިބެން ޖެހޭ އިހުތިޔާރު ކުޑަކޮށްގެންނެއް ނުވާނެ އެވެ.
އައްބާސް އާއި ހަބީބު ފަދަ ބޭފުޅުންގެ ގާބިލްކަމާ މެދު ސުވާލެއް ނެތެވެ. އެކަމަކު މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުމުގެ މަރުހަލާގެ އިންސާފުވެރިކަން މިހާރު މިދަނީ ގެއްލެމުންނެވެ.
މަޖިލީހުގެ އަސްލު ދައުރު ހަނިވާނެ ކަމެއް
ރިޔާސީ ނިޒާމުގެ މަފުހޫމަކީ ބާރުތައް ވަކިކުރުމުގެ އިތުރަށް އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމެވެ. 'ޗެކް އެންޑް ބެލެންސް' އެވެ. ރައީސަށް ބާރު އޮތަސް، މުހިންމު ކަންކަމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށެވެ.
މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް މީހަކު އައްޔަން ކުރުމުގައި ރައީސްގެ ބަހެއް އޮވެފައި، މަޖިލީހުގެ ބަހެއް ވެސް އޮންނަން ޖެހޭ ގޮތަށް ނިޒާމު ބައްޓަންކޮށްފައި ވާނީ އެ ވިސްނުމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މިދިއަ ތިން ދައުރުގައި މެމްބަރުކަން ކުރެއްވި އިމްތިޔާޒު ފަހުމީ (އިންތި) ގަބޫލުކުރައްވާ ގޮތުގައި 'ޝޯޓްލިސްޓް ކޮށްފައި' ރައީސަށް ނަން ފޮނުވުއްމުުގެ ބާރު އޮތަސް، އެންމެ ނަމެއް ފޮނުއްވުމަކީ މަޖިލީހުގެ ބާރާއި ދައުރު ހަނިވާނެ ކަމެކެވެ.
"އެޕްލައިކުރި ބައިވަރު ބޭފުޅުންގެ ތެރެއިން އެއް ނަމެއް ކަނޑައެޅޭނެ މިންވަރަށް ވެޓިން ޕްރޮސެސްއެއް ނުހިންގަވާނެ ރައީސް އޮފީހަކުން، އެޕްލައިކުރާ ކެންޑިޑޭޓުންނާ އިންޓަވިއު ކުރުމާއި އިންޓެގްރިޓީ އޮތް މިންވަރާއި ވަޒީފާ އަދާކުރުމުގައި ވިސްނުން ގެންގުޅޭނެ ގޮތް ދެނެގަނެވޭނީ މަޖިލީހުން މި ކުރާ މަސައްކަތުން،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާގެ ނަޒަރުގައި ކެންޑިޑޭޓުންގެ ފުޅާ ޕޫލެއް ރައީސް ހަމަޖައްސަވަން ވާނެ އެވެ. އެންމެ ކެންޑިޑޭޓެއް ޝޯޓްލިސްޓް ކުރުމުން، މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރަން އޮންނަ ފުރުސަތު ހަނިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް އެންމެ ނަމެއް އިހުތިޔާރުކޮށް މަޖިލީހަށް ފޮނުވުމުން އެބަ ހަނިވޭ ހަމަ ގައިމު ވެސް، ރަނގަޅު މީހަކު އިހުތިޔާރު ކުރުމަށް މަޖިލީހުގެ ރުހުން ދިނުމަށް މި އޮންނަ ނިޒާމަށް ހަނި ކަމެއް އެބަ އާދޭ. މަޖިލީހުގެ ދައުރު ހަނި ކުރުމުގެ އަމަލެއް މިއީ،" އިމްތިޔާޒު ވިދާޅުވި އެވެ.
އެންމެ ނަމެއް ފޮނުއްވުމަކީ ރައްޔިތުންނަށް ދެވޭ ގޯސް މެސެޖެއް ކަމަށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިން މަސައްކަތްކުރެއްވި އަލީ ހުސައިން ވެސް ގަބޫލުކުރައްވަ އެވެ. އޭރުން އެ ބުނަނީ ރައީސަށް ފެނިވަޑައިގަންނަވާ މީހާއަށް މަޖިލީހުން ރުހުން ދޭށޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ގޮތަކަށް އަންގަވަނީ ދެން. އަމުދުން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކަށް، މިއީއޭ ތިމަންނަ ބޭނުންވާ މީހާ، ތިމަންނަ ބޭނުންވާ މީހާއަށޭ މަޖިލީހުން ރުހުންް ދޭންވީ. އެންމެ ނަމެއް ފޮނުވީމާ އެއީ އެ ދެވޭ މެސެޖަކީ،" ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި އަލީ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރަށް އޮންނަ ޕްރެޝަރު ކުޑަވާނެ ގޮތަކީ ވެސް ކުރިމަތިލި އެންމެންގެ ނަން މަޖިލީހަށް ފޮނުވައި ދެން މަޖިލީހުން ރުހުން ދޭނެ ބޭފުޅެއް ކަނޑައެޅުމުގެ ފުރުސަތު އޮތުމެވެ.
"އޭރަށް ސަރުކާރުގެ ބޮލުން އެކަން ދިޔައީތާ. އެކަމަކު މި ގޮތަށް ކަންތައް ކުރުމުން މި ފެންނަނީ، ސަރުކާރު ޕާޓީގެ މެޖޯރިޓީ އަދި އޮތަކަސް، ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރަން ބޭނުންވާ ވަރު، މުޅި މަރުހަލާ ކޮންޓްރޯލްކުރަން ބޭނުންވާ ވަރު،" އަލީ ވިދާޅުވި އެވެ.
ނަމަވެސް އައްބާސްގެ ނަން މަޖިލިހުން ފާސްކުރީ ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ވެސް ތާއީދު އޮވެގެންނެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެއިން ދައްކައިދެނީ އައްބާސްގެ ނަން ރައީސް ހުށަހެޅުއްވީ ހަމައެކަނި ވަކި މީހަކަށް އެ މަގާމު ދެއްވަން ނޫން ކަމެވެ.
ނަން ބަލައިނުގަތުމުގެ ބާރަކީ ވެސް މަޖިލީހަށް ލިބިގެންވާ ބާރެއް ކަން ނާޒިމް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ބާރު ބޭނުންނުކޮށް އޭގެ ބަދަލުގައި އައްބާސަށް އިއްތިފާގުން ރުހުން ދިނުމުން މަރުހަލާއާ މެދު މަޖިލީހުގެ މެންބަރުން ހިތްހަމަޖެހިފައިވާ ކަން ދޭހަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަމުން އެނގެނީ ޗެކް އެންޑް ބެލެންސްތަކެއް އެބަ ހުރި ކަން. މަޖިލީހުގެ ބެލުމުގެ ދައުރު އަދާކުރުމުގެ ފުރުސަތު އޮތް ކަން. ގާނޫނުގައި މި އޮންނަނީ ރައީސަށް ފެންނަ ނަމެއް ނޫނީ ނަންތަކެއް ފޮނުވަން. ދެން މަޖިލީހުން ބަލައި ގޮތެއް ނިންމަން،" މީގެ ކުރީ ދެ މަޖިލީހެއްގައި ވެސް ނައިބު ރައީސް ކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ވާހަކައާ އެއް ވިސްނުމެއްގައި ދެން ވާހަކަ ދެއްކެވި ބޭފުޅަކީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒެވެ. އޭނާ ވިދާޅުވީ ރައީސަކީ ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ވެފައި، ނަންތައް މަޖިލީހަށް ފޮނުއްވުމުގެ ގޮތުން ނޮމިނޭޓް ކުރުމަކީ ރައީސަށް ގާނޫނުންނާއި ގާނޫނުއަސާސީން ދީފައިވާ ބާރެއް ކަމަށެވެ.
"މަޖިލީހުގެ ބަހަކާއި ރައީސްގެ ބަހެއް އޮވެގެން މި އަންނަނީ. ރައީސްގެ ބަހެއް މި އޮންނަނީ ރައީސަށް ފެންނަ ނަމެއް ފޮނުވުގެ ބާރެއް ދީގެން. ދެން މަޖިލީހަށް ހަމަ ބާރު ލިބޭ އެ ނަމަކާ މެދު ހިތްހަމަނުޖެހެންޏާ ރުހުން ނުދީ އަނބުރާ ފޮނުވުމުގެ ބާރު،" ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ގިނަ ނަން ފޮނުވާ ނަމަ މަންޒަރު ތަފާތުވާނެ
އެކަމަކު ސަރުކާރުން ކޮންޓްރޯލްކުރާ މަޖިލިހަކަށް ރައީސް ފޮނުއްވާ ނަމެއް ފެއިލްވުމަކީ ވަރަށް ނާދިރު ކަމެކެވެ. ރާއްޖޭގައި އަމުދުން އެ ފުރުސަތު ކުޑަ އެވެ.
އިމްތިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިނިވަން މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ރުހުން ދިނުމުގައި މަޖިލީހަށް ލިބިފައިވާ ބާރު ވެސް އެންމެ ރަނގަޅަށް ބޭނުންކޮށްފައެއް ނުވެ އެވެ.
ވޭތުވެދިޔަ 10 އަހަރާއި މިއަދާ ހަމައަށް ވެސް ވެރިކަން ކުރާ ޕާޓީގެ ސުޕަ މެޖޯރިޓީގެ ސަބަބުން މަޖިސް ވެފައި އޮންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ 'ރަބަރު ސްޓޭމްޕަކަށެ'ވެ. އޭގެ މާނައަކީ މިނިވަން އަދި މާނަ ހުރި ބަހުސްތަކެއް ކުރުމެއް ނެތި، ރައީސް ބޭނުންފުޅުވާ ގޮތަކަށް މަޖިލީހުން ރުހުން ދިނުމެވެ.
"ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރައްވާ ބޭފުޅަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކަށީގެންވާ އިންޓަވިއު އާއި ވެޓިން ޕްރޮސެސްއެއް ކުރިއަށް ގެންދާނެ، ރަނގަޅަށް ފަންކްޝަން ކުރާ މަޖިލީހެއް ނަމަ،" އިމްތިޔާޒު ވިދާޅުވި އެވެ.
އެއީ އަލީ ހުސައިން ވެސް ގަބޫލުކުރައްވާ ގޮތެވެ.
"ރާއްޖޭގައި މާ ބޮޑު މައްސަލައަކަށް ނުވާނެތާ މި ކަންކަމެއް. މަޖިލީހުގެ ދައުރު މާ ބޮޑަށް ވެސް ކުޑަވީއެއްނު. ފެންނަ ނުފެންނަ ވޯޓެއް ނަގާލަނިތާ. ގިނަ ނަންތަކެއް އޮތް ނަމަ އެއަށް ޑެލެބްރޭޓުކޮށް ބަހުސްކޮށް ހެދޭނެތާ،" އަލީ ވިދާޅުވި އެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ނާޒިމް ވިދާޅުވަނީ އެންމެ ނަމެއް ފޮނުވުމާ މެދު ހުރި ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އޭގެ ހެއްކަކީ އައްބާސްގެ ނަމަށް ރުހުން ދިން އިރު އިދިކޮޅު އެމްޑީޕީ ވެސް ބައިވެރިވުމެވެ. ލީ ވޯޓުތަކުގައި ހުރިހާ ފިކުރެއް ވެސް ހިމެނޭތީ އޭގައި ހަގީގީ މައްސަލައެއް ނެތް ކަމަށް ނާޒިމް ގަބޫލުކުރައްވަ އެވެ.
"އެންމެ ބޮޑު ބަހެއް ބުނަން އަދިވެސް ފުރުސަތު މި އޮންނަނީ މަޖިލީހަށް. ދެން އެ މީހެއްގެ މައްސަލައެއް އޮތް ނަމަ އަޅުގަނޑުމެންގެ މެންބަރުންގެ ތެރެއިން ވެސް ހަމަ އެ ކަމަށް ދެކޮޅުހަދަން ކެރޭނެ،" ނާޒިމް ވިދާޅުވި އެވެ.
އެކަމަކު އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައި އޮއްވާ އެންމެ މީހެއްގެ ނަން ފޮނުވުމުން މަޖިލިހަށް ލިބޭ އިހުތިޔާރު ހަނިވާނެކަމާ މެދު ޝައްކެއް ނެތެވެ. ރައީސް ބޭނުންފުޅުވާ ނަމަށް މަޖިލިހުން ރުހުން ދިނުމާއި އެ ރުހުން ދޭއިރު އެކަކަށް ވުރެ ގިނަ އިހުތިޔާރު އެންމެ ކުޑަވެގެން މަޖިލިހަށް އޮންނަ ނަމަ އާންމުންނަށް ފެންނަ މަންޒަރު ވެސް ތަފާތުވާނެ އެވެ.
ކޮމެންޓް (2)
އަޙްމަދު
ސައިމާ