ސަރުކާރުގެ މައި އޮފީސް އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންގެ މެދުގައި ތަފާތު ބޮޑު (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
ސަސްޕެންޑްކޮށްފައި އެކަމަކު މުސާރަ ލިބޭ: މިއީ ވެސް ގޮތެއް؟
ދައުލަތުން މުސާރަ ދޭ، ސިވިލް ސާވެޓުންނަށް އާންމުކޮށް މި އޮންނަ ހަމައަކީ ސަސްޕެންޑްކޮށްފި ނަމަ މުސާރައިން އެބައި ކަނޑައިލުމެވެ. ސިވިސް ސާވެންޓުންނަކީ 'އާންމު މީހާ' އެވެ. ސިޔާސީ މުވައްޒަފުންގެ މުސާރަ، ގިނަ ސިވިލް ސޭވެންޓުންނަށް ވުރެ މާ ބޮޑެވެ. އެކަމަކު ސިޔާސީ މުވައްޒަފުންނަށް ހުރިހާ ކަމެއްގައި ވެސް އޮންނަނީ ލުއިތަކެވެ.
މުސާރަ ލިބޭ ގޮތަށް ސިޔާސީ މުވައްޒަފުން ދިގު މުއްދަތަކަށް ސަސްޕެންޑްކޮށްފައި ބޭތިއްބުމަކީ އޭގެ އެއް މިސާލެކެވެ. އެކަމާ މެދު އާންމުންގެ ޝަކުވާ ވެސް އެހާމެ ބޮޑެވެ.
މި ސަރުކާރަށް ވެސް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި މައްސަލައަކީ:
-
މި އަހަރުގެ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރިޔަސް މުސާރަ ލިބޭ ގޮތަށް ބޭތިއްބުން
-
ސަސްޕެންޝަނުގައި އަށް މަހަށް ވުރެ ގިނަ ދުވަހު މުސާރަ ނެެންގެވުމަށް ފަހު، އޭގެ ތެރެއިން ދެ ޑެޕިއުޓީއަކު މިދިޔަ ހޯމަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައި
ސީރިއަސް ތުހުމަތެއް އަމާޒުވުމުން އެ ކަމަކުން ބަރީއަވަންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަކީ ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އޮންނަ ހަމައެކެވެ. އެކަމަކު މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.
އެކަމަކު ރާއްޖޭގައި އެކަން މި ފެންނަނީ ތަފާތުކޮށެވެ. މިއީ ރައްޔިތުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެކަން ހަމަޔަކަށް އަޅުވާލަން ގެންގުޅޭ އުކުޅެއް ހެއްޔެވެ؟
މައުސޫމެއް ގޮތުގައި ދުށުމުގެ ހައްގުގެ ވާހަކަ
ސިޔާސީ މަގުސަދުގައި އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުން އާންމެވެ. އެހެންވެ މައްސަލައެއް ތަހުގީގުކޮށް، ޕްރޮސެކިއުޓްކޮށް، ޝަރީއަތް ކުރެވި، އަދި ހުކުމެއް ކުރެވެން ދެން ކުށަކުން ބަރީއަވާން މަސައްކަތްކުރުމަކީ ލިބިގެންވާ ހައްގެކެވެ. މިއީ މި ބަހުސްގެ އަނެއް ނަޒަރިއްޔާތެވެ. 'ޕްރޫވެން އަންޓިލް ގިލްޓީ' ނުވަތަ 'ކުށެއް ސާބިތުނުވާހާ ހިނދަކު މައުސޫމެއް' ގޮތުގައި ދުށުމުގެ ހައްގެވެ. ސިޔާސީ މުވައްޒަފުންނަށް ވެސް އެ ހައްގު އޮންނަން ވާނެއޭ ބުނެ އެވެ.
ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި މުސާރަ ލިބޭ ގޮތަށް އޮންނަނީ އެ ނަޒަރިއްޔާތުގެ ހަމައަކުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވިދާޅުވި އެވެ.
"ދެން އޮތް އެންގަލުން ވެސް ވިސްނަން ވާނެ. ޓަސްލާފައި މީހަކަށް ތުހުމަތެއް ކޮށްފާނެ، ވަގުތީ ގޮތުން އެކަހެރިކުރާ ކޮންމެ ފަހަރަކު މުސާރަ ކަނޑައިލުން ވެސް އިންސާފަކަށް ވޭތޯ. އެ މީހެއްގެ ވެސް ދިރިއުޅުމެއް އޮންނާނެ،" ބަހުސްގެ ދެ ފަޅިއަށް ވެސް ވާހަކަ ދައްކަވަމުން ފައްޔާޒު 'ދައުރު'އަށް ވިދާޅުވި އެވެ.
ފައްޔާޒު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ސަރުކާރުން ވެސް ގެންގުޅުނީ މި ކަހަލަ ހަމައެކެވެ. އޭރު ވެސް މިނިވަން މުއައްސަސާތަކުން ހިންގި ތަހުގީގުތަކާ ގުޅިގެން، ސަސްޕެންޑްކުރި ސިޔާސީ އިސް މުވައްޒަފުންނަށް އެ މުއްދަތުގައި މުސާރަ ދިނެވެ. އެގޮތުން:
-
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި އޭސީސީން އާންމުކުރި ލިސްޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ހައުސިންގެ ޑެޕިއުޓީ މިނިސްޓަރު އަކްރަމް ކަމާލުއްދީން، 14 ފެބްރުއަރީ 2019ގައި ސަސްޕެންޑްކުރި.
-
ދެ މަސް ދުވަހު ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ތަހުގީގުގެ ދުވެލި ލަސްކޮށް ކަމަށް ފެނިގެން، ދެ ބޭފުޅުންގެ ސަސްޕެންޝަން އުވާލީ 16 އޭޕްރީލް 2019ގައި. އެ މުއްދަތުގައި މުސާރަ ދިން
-
މަހުލޫފާއި އަކްރަމަށް ސަސްޕެންޝަންގެ މުއްދަތުގައި މުސާރަ ދިނުމުން އޭރު އިދިކޮޅުގައި ތިބި، މިހާރު ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ ލީޑާޝީޕާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކީ
ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ތަފާތުވި ކަމަކީ ސަރުކާރަށް ފެނުނު ގޯހަކުން ސަސްޕެންޑްކުރި މުވައްޒަފުންނާ މެދު ގޮތެއް ނިންމުން ލަސްވުމެވެ. އޭރު އެމްޑީޕީގެ ސަރުކާރުގައި މިނިވަން މުއައްސަސާއެއްގެ ތަހުގީގަކަށް ކުރި ސަސްޕެންޝަނެއް ވެސް ދެ މަހުން ނިމުމަކަށް ގެނައި ކަަން އޭނާ ފާހަގަކުރެއްވި އެވެ.
"އަށް މަސް ވެގެން ދިޔައިރު، އެއަށް ގޮތެއް ސަރުކާރަށް ނުނިންމުން އެއީ ވަރަށް ބޮޑު މައްސަލައެއް ވިސްނައިލަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އެ ދެ ޑެޕިއުޓީ މިނިސްޓަރުންގެ ހައްގުގައި ވެސް ސަރުކާރުގައި ގޮތް ގޮތް ނިންމުމުގެ ގާބިލްކަން ނެތް ވާހަކަ މި ދައްކަނީ."
ވަކި ހިސާބަކުން ރަތް ރޮނގެއް ދަމާކަށް ނުވޭތަ؟
ގިނަ ގާނޫނީ ނިޒާމުތަކުގައި މުސާރަ ހިފެހެއްޓުމުގެ ހަމައެއް ގެންގުޅެ އެވެ. އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި އޮންނަ ގޮތަކީ ސަސްޕެންޝަންގެ މުއްދަތުގައި 'ސާވިސް އެލަވަންސް' ނަމުގައި މުސާރައިގެ ބައެއް ދިނުމެވެ.
މިހާރު ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ގަބޫލުކުރައްވާ ގޮތުގައި ސަސްޕެންޑްކުރަން ވާނީ ވަކި މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމަށް ފަހު ސަސްޕެންޝަނާ މެދު ވަކި ގޮތެއް ނިންމެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަމަށް އުސޫލެއް އޮންނަން ވާނެ ކަމަށް، ކުރިއަށް އޮތް ތަނުގައި، އުސޫލެއް ހަމަޖައްސަން ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ދެން އިޝާރާތްކުރެއްވީ ފަނޑިޔާރުންގެ ކަންކަން ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެންގުޅޭ އުސޫލަށެވެ. އެއީ ވަރަށް ރަނގަޅު އުސޫލެއް ކަން ފާހަގަކުރެއްވި އެވެ.
"ޖުޑިޝަރީގައި ވެސް ފުރަތަމަ އެބަ ކަނޑައަޅާ ސަސްޕެންޑްކުރާނެ މުއްދަތު. ދެން މުސާރައާ އެއްކޮށްތޯ ސަސްޕެންޑްކުރާނީ، ނޫނީ މުސާރަ ނުދޭ ގޮތަށްތޯ ސަސްޕެންޑްކުރާނީ ކުރިއާލައި އެބަ ނިންމާ، ކަމުގެ ބާވަތަށް ބަލާފައި،" ނާޒިމް ވިދާޅުވި އެވެ.
އެއީ ރަނގަޅު އުސޫލެއް ކަމަށް ފައްޔާޒު ވެސް އެއްބަސްވެވަޑައިގަތެވެ. އެއާ ހިލާފަށް، ދެ ޑިޕިއުޓީ މިނިސްޓަރުންގެ މައްސަލާގައި ވިދާޅުވީ މި ސަރުކާރުން ވަކި މުއްދަތެއް ބެލުމަށް ނެތި ސަސްޕެންޑްކޮށްފައި ބޭތިއްބުމަކީ ޒިންމާދާރުކަން ކުޑަ އަދި ސަރުކާރަށް ލިބޭ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ފަސް އަހަރު ޕޮލިޓިކަލް އެޕޮއިންޓީއެއް ސަސްޕެންޑްކޮށްފައި މުސާރަ ވެސް ދީގެން ބެހެއްޓެންވީތޯ، މިއީ ވެސް ވިސްނައިލަން ޖެހޭ ކަންކަން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާގެ ހިޔާލަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެކަންކަން ކުރެއްވޭނެ 'ރަތް ރޮނގެއް' އޮންނަން ޖެހޭނެ ކަމެވެ. އެއީ ސަސްޕެންޑް ކުރެވޭނެ މުއްދަތަކާއި އޭގައި އަވަހަށް ގޮތެއް ނިންމަން ބާރުއެޅުމުގެ ގޮތުން ދަމަން ޖެހޭ ރޮނގެއް ކަމަށް ވިދާޅުވި އެވެ.
"ވަކި ދުވަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވަންޏާ އެއްގޮތަކުން އޭނާ ވަޒީފާއަށް އަނބުރާ ނުކުންނަން ހުއްދަ ދިނުން ނޫނިއްޔާ އޭނާ ވަޒީފާއިން ވަކިކުރުން،" ފައްޔާޒު ވިދާޅުވި އެވެ.
"އުސޫލުތައް އޮތުމަކީ މުހިންމު ކަމެއް. އޭރަށް އެންމެންނަށް ވެސް ސާފުވާނެ، އެކަހަލަ ހާލަތެއްގައި ކަން ކުރަން އޮންނާނެ ގޮތް. އެ ގޮތެއް އޮންނާނެ ލިޔެވިފައި އޭރު. ހާމަކޮށް ފެންނަން އޮންނާނެ ކަން ކުރަން ޖެހޭ ގޮތް."
ސާފު ސަރުކާރެއް ހިންގެވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސިޔާސީ ބޭފުޅުންގެ އެކަހަލަ ވައުދަކީ ރައްޔިތުންނާ ދެމެދު ވެވޭ 'ސޯޝަލް ކޮންޓްރެކްޓް' ނުވަތަ އިޖުތިމާއީ އަހުދެކެވެ. އެ ސަބަބަށްޓަކައި ވެސް، އެކަހަލަ ކަންކަމުގައި ހާމަކުރެވިފައިވާ މިންގަނޑުތަކެއް އޮންނަން ޖެހޭނެ އެވެ.
ސަރުކާރުން ސިޔާސީ މުވައްޒަފުން ނެގުމުގައި ބަލާނެ މިންގަނޑާއި ސިޔާސީ މުވައްޒަފުންގެ ސުލޫކު ބަހައްޓަން ޖެހޭނެ މިންގަނޑާއި ސުލޫކާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ގޮތްތަކުގެ އުސޫލެއް ފެންނަން އޮތުން މުހިންމެވެ.
ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު ފާހަގަކުރެއްވީ އެ ކަމެވެ.
"ސަރުކާރަށް ލާޒިމު ކަމެއް އެއީ، ސަރުކާރުން [ސިޔާސީ މީހުން] އައްޔަންކުރާނެ މިންގަނޑުތަކެއް ކަނޑައަޅާފައި، ރައްޔިތުންނަށް ހިއްސާކުރުން،" ހޯމް މިނިސްޓަރު ކަމާއި ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލު ވިދާޅުވި އެވެ.
މަދުވަނީ އުސޫލަކަށް ވުރެ އަހުލާގު
އުސޫލުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. ސިޔާސީ މީހުންގެ ވެސް އާންމު އަހުލާގެއް އޮންނަން ޖެހޭ އެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެ ރީތި ސިފަ ފެނެ އެވެ. ނަމަވެސް ރާއްޖޭގައި އަހުލާގީ ރީތި ސިފަތައް ސިޔާސީ ގިނަ މީހުންގެ ކިބައަކުން ނުފެނެ އެވެ.
މިސާލަކަށް ވަކި ކަމެއްގައި ރައްޔިތުންގެ ނުރުހުން އަމާޒުވެއްޖެ ނަމަ އެ ކަމަކަށް މައާފަށް އެދުމެވެ. ވަކި ހާލަތްތަކެއްގައި މަގާމު ދޫކޮށްލުމެވެ. ހާއްސަކޮށް ބޮޑެތި ތުހުމަތެއްގެ މައްސަލައެއްގެ ތަހުގީގު ފަށައިފި ނަމަ އެވެ. މަގާމުގެ ގޮތުން އެ ތަހުގީގަކަށް އޭނާގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ނަމަ އެންމެ ރަނގަޅީ އިސްތިއުފާ ދިނުމެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިންވަނަ ދައުރަކަށް ދިއްގަރު ދާއިރާ ތަމްސީލްކުރައްވާ ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އުސޫލަކަށް ވުރެ ރާއްޖޭގައި މަދުވެގެން އުޅެނީ އެފަދަ ރީތި މިސާލުތަކާއި އާންމު އަހުލާގެވެ.
"މިފަދަ ކަމެއް ކުރިމަތިވިއްޔާ، އެހެން ގައުމުތަކުގައި، އަމިއްލައަށް އެބަ ދުރަށް ޖެހޭ އިސްތިއުފާ ދީފައި. މީގައި ބޭނުމަކީ އެ ކަމަކާ ކުރިމަތިލާ އަވަހަށް އެ ކަމަކުން ބަރީއަވާން މަސައްކަތް ކުރުން. ބަރީއަވުމަށް ފަހު އެނބުރި ސިޔާސީ މަސައްކަތަށް އައުން،" ނާޒިމް ވިދާޅުވި އެވެ.
"ބަރީއަވާން ޖެހޭ މަސައްކަތްތައް ކުރުމަށް ފުރިހަމައަށް ސަމާލުކަން ވެސް ދެވޭނީ. އެކަމަކު ރާއްޖޭގައި މީހާގެ ހަރަދުބަރަދު ހަމަޖައްސަން ސަމާލުކަން މި ދެވޭ ކަމަކީ. މި ކަންކަން އަދި ރަނގަޅު ވަމުން ދާނެ ކަމަކަށް ދެކެނީ."
ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި މީގައި ރަނގަޅު ކުރަންވީ ސަރުކާރުގެ އަމަލްތަކެވެ. އެހެންކަމުން ތުހުމަތުވާ މުވައްޒުންނަށް ވުރެ ފައްޔާޒަށް މި ފަހަރު ގޯހީ ސަރުކާރެވެ.
"ސަރުކާރަށް ފެނުނު ކަމަކުން ސަސްޕެންޑް ކުރުމަށް ފަހު ގޮތެއް ނުނިމި ލަސްވެގެން ދިޔުން. މީގައި އެކި މީހުން އެ މީހެއްގެ މޯރަލްސް މި ދެކެނީ. ސަރުކާރުން ޖެހޭނެތާ އޭގައި ލަސްނުކޮށް، ސަރުކާރަށް ފެނުނު ގޯހެއްގައި ކުރި ސަސްޕެންޝަނަށް ގޮތެއް ނިންމަން،" ފައްޔާޒު ވިދާޅުވި އެވެ.
މި ފަހަރު އަށް މަހެވެ. ދެން ފަހަރުން އެއަށް ވުރެ ދިގު މުއްދަތެއްގައި މުސާރަ ދެމުން ސަސްޕެންޑްކޮށްފައި ބަހައްޓަފާނެ އެވެ. މިއީ އެއް ބަޔަކަށް ކުޑަ ކަމަކަށް ފެނިދާނެ އެވެ. އަނެއް ބަޔަކަށް މި ހުންނަނީ ސީރިއަސް ބޮޑެތި މައްސަލަތަކެވެ. ސިވިލް ސާވިސްގެ މުވައްޒަފެއް ވީމާ 'ދެރަ ގޮތް' ދިމާވެފައި ސިޔާސީ މީހެއް ވެއްޖެ ނަމަ 'މޮޅު ގޮތުގައި' ދެމިތިބުމެވެ.
ސަރުކާރުތަކުން އަމަލްކުރަން ޖެހޭނީ އެއަށް ވުރެ ރަނގަޅަށެވެ.
ކޮމެންޓް (1)
ސައިމާ