ރާއްޖޭގެ ސުޕްރީމް ކޯޓް: ދައުލަތުން މުސާރަ ލިބޭ ވަކީލުން ދައުލަތާ ދެކޮޅަށް ވަކާލާތުނުކުރެވޭނެ ކަން މިހާރު ބަޔާންކޮށްފައެއް ނުވޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދައުލަތުގެ އިސް މުވައްޒަފުން ދައުލަތާ ދެކޮޅަށް ކޯޓުގައި: ކޮން ކަހަލަ ކަމެއް؟

ގާނޫނީ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ އިސް ބައެއް ޒިންމާތައް ނަންގަވާ ވަކީލުން ދައުލަތާ ދެކޮޅު މައްސަލަތަކުގައި އަމިއްލަ ގޮތުން ވަކާލާތެއް ނުކުރެއްވޭނެ
5 ސެޕްޓެމްބަރު 2024
6

މި ވީ ގޮތަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަ ދެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ކޯޓަށް ވަޑައިގަތީ އެވެ. އެ ވަކީލުންނާ އެކު ކުރިއަށް ދާން ދައުލަތުން އިއުތިރާޒުކުރީ އެވެ. 

މި ކަން ބަހުސަކަށް ވީ ދެނެވެ. އެ މައްސަލަތައް ހުއްޓި އެ އޮތީ މި ބަހުސަށެވެ. އެއިން ކަމެއްގައި ޝަރީއަތުން އަދި ގޮތެއް ނުނިންމަ އެވެ. ޝަރީއަތުގެ ކުރިމަތީގައި އޮތް، ބަހުސްގެ މައި ސުވާލަށް ޖަވާބު ހޯދެންދެނެވެ. ސުވާލަކީ، މިއީ މަސްލަހަތު ފުށުއެރުން ނޫން ހެއްޔެވެ؟ 

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނަށް މި ކަން މަނާކޮށްފައި އޮތް ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް އެގޮތަށް ވަކީލުކަން ކުރެވެ އެވެ. 

އެކަމަކު ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ކޯޓަށް ވަޑައިގެންނެވުމުން ވެސް ގޮސް ހުއްޓުނީ އެ ބަހުސަށެވެ. އެކަމަށް ވެސް ދައުލަތުން އިއުތިރާޒުކުރީ އެވެ.

މި ޒާތުގެ ތިން މައްސަލައެއް މި ފަހުން ދިމާވި އެވެ:

  • އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު، މީރާއާ ދެކޮޅަށް އަމިއްލަ ވިޔަފާރިއެއްގެ ވަކީލަކަށް ވަޑައިގެންނެވި

  • އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރާގިބު އަހުމަދު، ޕީޖީ އޮފީހާ ދެކޮޅަށް ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮތް މީހެއްގެ ދިފާއުގައި ވަޑައިގެންނެވި

  • މަޖިލިސް މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގައި އިންނަވާ ސައްތާރު، ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ދެކޮޅަށް އާންމު ފަރުދެއްގެ ވަކީލަކަށް ވަޑައިގެންނެވި

މި މައްސަލަތަކުގައި ބަންޑާރަ ނައިބު އޮފީހުގެ ސްޓޭންޑް ސާފެވެ؛ އެ އޮފީހުގެ ވަކީލުން އެއިން ކޮންމެ މައްސަލައެއްގައި ވެސް ވިދާޅުވީ "ދައުލަތުގެ މުސާރަ ލިބޭ މުވައްޒަފަކު، ދައުލަތާ ދެކޮޅަށް ވަކާލާތުކުރަން އައުމަކީ މަސްލަހަތު ފުށުއަރާ ކަމެއް" ކަމަށެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ވެސް ވަނީ، އެނގިފައިވާ ގޮތުގައި، އިއުތިރާޒުކޮށްފަ އެވެ. ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށް ވާތީ އެ މައްސަލައިގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

މުނައްވަރު މައްސަލައިގެ ވީޑިއޯ

ކުރިން މަނާކޮށްފައި އޮތް ކަމެއް

ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގަައި 'ސަރުކާރުގެ މުވައްޒަފުން ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރަން ދިއުން މަނާކުރާ ގަވައިދެއް' އޮތް ކަން، ގާނޫނީ ބައެއް ތަޖުރިބާކާރުން ފާހަގަކުރެއްވި އެވެ. އެހެންކަމުން ވަރަށް ކުރީއްސުރެން މީގެ ހަމައެއް ރާއްޖޭގައި ވެސް އޮތް ކަން އެބަ އެނގެ އެވެ.

"ނޫ ގާނޫނު އަސާސީގެ ދުވަސްވަރު، އޭރުގައި ދެން ނުހުންނާނެ މިނިވަން މުއައްސަސާތަކެއް ވެސް. އެހެންވެ އޭރުގައި ކިޔާނީ ސަރުކާރު މުވައްޒަފުން ސަރުކާރާ އިދިކޮޅަށް ކޯޓުން ދިއުން މަނާކުރާ ގަވާއިދެއް. އެ ބުނަނީ ދެން ދައުލަތުން އުޖޫރަ ދެވޭ އެއްވެސް މުވައްޒަފަކު ދައުލަތާ ދެކޮޅަށް ނުދެވޭނެއޭ،" މަދަނީ ގާނޫނުތަކުގެ ތަޖުރިބާކާރު ހުސައިން ސިރާޖު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އެ އުސޫލުގެ އިތުރުން ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުގައި ވެސް އެ ކަން މަނާކޮށްފައިވާ ކަން، މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުން ފާހަގަކުރެއްވި އެވެ. އޭރު ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ބެލެނިވެރި ފަރާތެއް ގޮތުގައި އޮންނަނީ ބަންޑާރަ ނައިބުގެ އޮފީހެވެ.

"ގާނޫނު ޕްރެކްޓިސް ކުރަން ފެށިި އިރު ވެސް އުސޫލުގައި އޮވޭ އޭރުގައި، ހަނދާންވާ ގޮތުން ޑިރެކްޓަރުން މަތީގެ މީހުންނަށް ނުދެވެއޭ، ދައުލަތުގެ ފަރާތުން ވެސް ނުދެވެއޭ، އަމިއްލަ މަސައްކަތެއްގައެއް ނޫޅެވޭ، ޕްރެކްޓިސް ކުރުން މަނާ ވާނެ،" ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އެފަދަ ހަމައެއް ބޭއްވުމުގެ ވިސްނުމަކީ ދައުލަތުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ މަދަނީ ޒިންމާއެއް ދައުލަތުގެ އެހާ އިސް މަގާމެއް ފުރުއްވާ ބޭފުޅުންގެ އޮންނާނެ ކަމަށް ދުށުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނަށް ވަކީލުކަން ކުރުން މަނާކޮށްފައި އޮންނަނީ އެހެންވެ އެވެ.

"މިނިސްޓަރެއްގެ ނައިބަކަށް އައްޔަންކުރި ހިސާބުން ފެށިގެން އަޅުގަނޑު ވެސް ހުއްޓާލިން ޕްރެކްޓިސް ކުރުން،" ޑެޕިއުޓީ މިނިސްޓަރު ކަމުން ފެށިގެން ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަމައަށް ސަރުކާރުގައި ސިޔާސީ އިސް މަގާމުތައް ފުރުއްވާފައިވާ އާޒިމާ ވިދާޅުވި އެވެ.

އާޒިމާ 'ދައުރު'ގެ 'ސިޔާސަކަ'އަށް އިންޓަވިއު ދެއްވަނީ

އަނެއްކާވެސް އުސޫލެއް ބޭނުން

ޝަރީއަތުގައި ދައުލަތުން ނެގި އިއުތިރާޒުގެ ރައްދަކަށް މުނައްވަރާއި ސައްތާރު ވެސް ވިދާޅުވީ އެއީ ނުކުރެވޭނެ ކަމެއްކަން ގާނޫނެއްގައި އަދި ގަވާއިދެއްގައި ސާފު ބަހުން ލިޔެފައި ނެތް ކަމަށެވެ. އެހެންކަމުން އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނަށް، ގާނޫނީ ފަންނުގެ ގާނޫނަށް، އަދި ދެން ވެސް ހެދިފައި ހުރި ގަވާއިދުތަކުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ގާނޫނީ ވަކީލުކަން ޕްރެކްޓިސް ކުރުމަކަށް މަނާކޮށްފައެއް ނުވޭ،" ސައްތާރު ވިދާޅުވި އެވެ.

ވަކީލުން އިންތިހާބުކުރާ ވަކީލުންގެ ހިންގާ ކޮމިޓީއަކުން ހިންގާ ބާ ކައުންސިލް އުފެއްދި ފަހުން ކަނޑައެޅި އެއްވެސް އުސޫލެއްގައި ވެސް އެފަދަ ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ. އާޒިމާ ގަބޫލުކުރައްވާ ގޮތުގައި ބާ ކައުންސިލްގެ އުސޫލުގައި އެ ކަން ހިމެނުމުން މައްސަލަ ހައްލުވާނެ އެވެ.

ނަމަވެސް މި ރިޕޯޓަށް ވާހަކަ ދެއްކެވި އަދި ކުރިން ބާ ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާ ސިރާޖުގެ ހިޔާލު އެ ކަމުގައި ތަފާތެވެ. ސިރާޖު ގަބޫލުކުރައްވާ ގޮތުގައި، ބާ ކައުންސިލުން އެކުލަވާލާ މިންގަނޑުތައް އޮންނަން ވާނީ ހުރިހާ ވަކީލުންނަށް ވެސް އެއް ހަމައެއް ހިމެނޭ 'ޔުނިފޯމިޓީ' ހިފެހެއްޓޭ ގޮތަށެވެ.

ނަމަވެސް ޝަރީއަތުގައި ދައުލަތް ތަމްސީލްކުރައްވާ މުއައްސަސާތަކުގެ ކަންބޮޑުވުމަށް އޭނާ އިހުތިރާމްކުރައްވާ ކަން ފާހަގަކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރަނގަޅު ކުރަންވީ ކަމަކީ ދައުލަތުގެ މުއައްސަސާތަކުގެ އިދާރީ ކަންކަމެވެ. ވަޒީފާ ފޯރުކޮށްދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެ ކަމަށް އިގުރާރު ވާންވީ އެވެ.

"ދައުލަތުގެ މަސްލަހަތު ފުށުއަރާނެ ކަންކަން ނިންމަންވީ ދައުލަތުން. ދައުލަތުގެ މަސްލަހަތަށް ގެއްލުންވާ ކަމެއްގައި ފިޔަވަޅެއް އަޅަންވީ ދައުލަތުން. އެއީ ދައުލަތުގެ މުވައްޒަފުން. މުއައްސަސާއެއްގެ މަސްލަހަތު ހިފަހައްޓަން ވެސް އެ މުއައްސަސާއަކަށް އެެނގެން ވާނެ،" މީރާގެ ބޯޑު މެންބަރު ކަން ވެސް ކުރެއްވި ސިރާޖު ވިދާޅުވި އެވެ.

މިދިޔަ މޭ މަހު އަލަށް ގާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ އެކު ބާ ކައުންސިލުގެ ރައީސް ހުސައިން ސިރާޖް (ވ) އަދި ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު (ކ)؛ (ފައިލް ފޮޓޯ/ބާ ކައުންސިލް)

މައުމޫނުގެ ވެރިކަމުގައި އޮތް ގަވާއިދަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މިންގަނޑުގައި އެފަދަ އުސޫލެއް ހިމެނުމުން މައްސަލަ ހައްލުވާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކަށް ވަކިން ހާއްސަކޮށް ގަވާއިދެއް ހެދިދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

ދެން ވަކި މުއައްސަސާއަކުން އެއްވެސް މިންވަރަކަށް 'ޕްރައިވެޓް ޕްރެކްޓިސް' ކުރަން ފުރުސަތު ލިބޭ ގޮތަށް އެ ތަނެއްގެ ވަކީލުންނަށް ބާއްވަން ބޭނުންވާ ނަމަ، ވަޒީފާގެ އެއްބަސްވުމުން އެކަން ހައްލުކުރަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ދައުލަތުގެ މުއައްސަސާތަކުގެ ކަރާމަތާއި ހައިބަތެއް ހުންނަން ވާނެ. ނޫނީ މުޖުތަމައަށް ފެންނަނީ ދައުލަތުގެ މުއައްސަސާތައް ވަރަށް ހެއްވާ ތަންތަން ގޮތަށް. އެއްވެސް ހަމައެއް ލަމައެއް ނޯވޭ އެއިން ތަނެއްގައި އުޅޭ މީހުން ގޮތަށް. އެ ކަންކަމަށް ބަލައި އުސޫލުތައް މުއައްސަސާތަކުން ގެންގުޅެން ވާނެ،" ސިރާޖުގެ ވިދާޅުވި އެވެ.

މައްސަލައިގެ ފުންމިން

މިހާރުގެ ގާނޫނު އަސާސީ އެކުލަވާލި ފަހުން މަސްލަހަތު ފުށުއެރުމުގެ މައްސަލަތަކުން އަމިއްލައަށް ދުރުވުމުގެ އާދަ ދިޔައީ ނެތެމުންނޭ ބުނެވިދާނެ އެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރަކު ވަކާލާތު ކުރުމުން މަސްލަހަތުގެ ވާހަކަ އައިއިރު، މިއީ މިދިޔަ 20 އަހަރު އެކަން ހިނގަމުން އައި ގޮތެވެ. އިސްތިސްނާވާ ވަކި ރިޔާސީ ދައުރެއް ނެތެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި ބެލުމަށް ފަހު ފިޔަވަޅު އެޅުމާއި ވަކިކުރުމުގެ ބާރު މި އޮންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށެވެ. އެ ކޮމިޝަނުގައި ތިއްބަވާ ވަކީލުން ވެސް ކޯޓުތަކުގައި ވަކާލާތުކުރައްވަ އެވެ. އެ ކޮމިޝަނުގައި އިންނަވާ ރައީސްގެ މެންބަރާއި ވަކީލުންގެ މެންބަރު ވެސް އެގޮތަށް އުޅުއްވަ އެވެ.

"ޖޭއެސްސީގައި ތިއްބަވާ ވަކީލުން، ވަކީލުން ތަމްސީލްކުރައްވާ މެންބަރު އެއީ ވަކީލެއް އަބަދުވެސް. ދެން އެ ބޭފުޅުން ވެސް ހަމަ، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލަތަކުގައި، ހަމަ ފަނޑިޔާރުން ކުރިމަތީގައި، މިއީ ކުރިން ވެސް ގާނޫނުއަސާސީގައި ފާހަގަވި މައްސަލައެއް، ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް،" އާޒިމާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލީސް

ކޯޓުގައި ސައްތާރު ވިދާޅުވީ މިއީ އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ. ރާއްޖޭގައި ވަރަށް އާންމު ކަމެއްކަމެވެ. ޖުޑީޝަރީ ކޮމިޓީ ހިމެނޭހެން ރައްޔިތުންގެ މަޖިލިސް މެންބަރުން ގާނޫނީ ވަކީލުކަމުގެ މަސައްކަތް ކުރެއްވުމުގައި ގޯހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އެކަހަލަ އެއްވެސް ކަމެއް ކަނޑައަޅުއްވާފައެއް ނުވޭ. އެއްވެސް ކޯޓަކުން ވެސް، ވޭތުވެދިޔަ ތަނުގައި މި ގޮތަށް ޕްރެކްޓިސްކޮށްފައި ވެސް އެބަ އޮތް. އެހެންވެ ސީދާސީދާ ގަބޫލެއް ނުކުރަން [މަސްލަހަތު ފުށުއަރާ ކަމެއް އޮތް ކަމަކަށް]،" ސައްތާރު ވިދާޅުވި އެވެ.

އެ ދުވަހު ކޯޓުގައި ފަނޑިޔާރުންގެ ބެންޗުން މަސްލަހަތު ފުށުއެރުމުގައި ގިނަ ކަންކަން ފާހަގަކޮށް ސުވާލުތައް އަމާޒުކުރެއްވި އެވެ. އެ ގޮތުން؛ 

  • ޖުޑީޝަރީ ކޮމިޓީގެ މެންބަރަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުރެ ދާއިރާ ހަނިވާ ކަން

  • ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް ފަނޑިޔާރަކު ވަކިކުރަން ނިންމާ މައްސަލަތަކުގައި ފުރަތަމަ މަރުހަލާގައި ގޮތެއް ނިންމާނީ ޖުޑިޝަރީ ކޮމިޓީން ކަން

"...އެހެންކަމުން ޖުޑީޝަރީ ކޮމިޓީގެ މެންބަރަކު، މައްސަލައެއްގައި، ފަނޑިޔާރުންގެ ކުރިމައްޗަށް ވަޑައިގެން ވަކާލާތު ކުރެއްވުމަކީ، މަސްލަހަތު ފުށުއަރާ ކަމެއްތޯ، ނުވަތަ ނޫންތޯ،" ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އެ ދުވަހު ވިދާޅުވި އެވެ.

ސައްތާރު ކޯޓުގައި ދެއްކެވި ވާހަކަ:

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި އެއީ މި މައްސަލައިގެ 'ފުންމިން' އޮތް ހިސާބެވެ. އެ ކަމެއް އާންމުވެގެން ގޮސް އެއީ މައްސަލައެއް ވެސް ނޫން ކަމަށް ދެކެވޭ ވަރަށް މައްސަލައެއް މުޖުތަމައުގައި މޫލާފައި އޮތުމެވެ. ސައްތާރު ކޯޓުގައި ދެއްކެވި ވާހަކައިން އަލީއަށް ފަހުމްވީ ވެސް އެ ގޮތެވެ.

"އަމުދުން މަޖިލީހުގެ ރަސްމީ ވަގުތު، ޖަލްސާ އާއި ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިނުވެ ފައިލްތަކެއް ހިފައިގެން ދައުލަތާ ދެކޮޅަށް ވަކާލާތުކުރަން ދިއުން، މިއީ ދެން ވަރަށް ހުތުރު ކަންކަން. އެކަމަކު ހުތުރުހެން ހީނުވާ ވަރަށް އާންމުވީ މި ކަން ވެސް،" މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް މަސައްކަތްކުރެއްވި އަލީ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސައިން ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރައްވަން މަސައްކަތް ކުރެއްވި ދުވަސްވަރުގެ ހަނދާންތަކަށް އިޝާރާތް ކުރައްވައި އޭނާ ދެން ފާހަގަކުރެއްވީ 'ޖުޑީޝަލް އެތިކްސް'ގެ ވާހަކަ އެވެ. އޭގެ މޮޑިއުލް ކިޔަވާވިދާޅުވި އިރު، ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަންކަން ތަފްސީލްކޮށް އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އަލީ ހުސައިންގެ ނުކުތާއަކީ ރާއްޖޭގެ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ގާނޫނީ ދާއިރާގެ ކޯސްތަކުގެ މުގައްރިރުގައި އެފަދަ މޮޑިއުލްތައް މަދު ކަމެވެ. އަދި ބައެއް މުގައްރިރުތަކުގައި އެފަދަ މޮޑިއުލްއެއް ނެތް ކަން ވެސް ފާހަގަކުރެވި ކަމެވެ. 

މި ހުރިހާ ކަމެއް އަލީ ގުޅުވީ މިއަދު ރާއްޖޭގައި ދައުލަތުގެ ޒިންމާދާރު މަގާމުގެ ޝަރުތަކަށް ޒިންމާދާރުކަމުގެ ސިފަ ކޮންމެހެން މުހިންމު ނުވެގެން އުޅޭ އުޅުމަށެވެ. 

"އަނެއްހެން ރާއްޖެއަށް ބޭނުންނުވާ ކަމެއް. ހުންނަން އެހާ މުހިންމު ނުވާ އަހުލާގެއް. ދެން ކޮންމެހެން ކިޔަވައިދޭނެ ކަމެއް ވެސް ނެތެއް ނޫންތޯ،" އަލީ ވިދާޅުވި އެވެ.

ކޮމެންޓް (6)

ހަސިނަން

5 ސެޕްޓެމްބަރު 2024
މިހެން މިކަންވަނީ 30،40 މުސާރަދޭ ކަމެއް ކުރަންނުޖެހޭ ސިޔާސީ މަގާމުތައް އުތުރި އެރީމަ. ކުރަންޖެހޭ ކަމެއް ނެތީމަ ގިނަބަޔަކު އަމިއްލަ މަސައްކަތުގަ. މިނިސްޓްރީތަކުގަ ތިބީ ގިނައިން ދާއިރާގެ ތައުލީމެއް ނެތް ނާގާބިލް މީހުން. މީ ދައުލަތް ލޫޓްވުން. މިކަމަށް ނިމުން ގެނައުން ޑިސެމްބަރު 2024
2 0

ހިޔަ

5 ސެޕްޓެމްބަރު 2024
ދައުލަތުގެ ވަކީލުން އެޖީ އޮފީސް، ރަސްމީ ގަޑީގައި ކޯޓަށް ގޮސް ވަކާލާތް ވެސް އެބަކުރޭ
3 2

ދަނބުރުއް

5 ސެޕްޓެމްބަރު 2024
ސަރުކާރުގެ ސިޔާސީ މަޤާމު ތަކުގަ ތިއްބެވި ބާކައުންސިލުގަ ހުއްދަ އޮތް ލޯޔަރުންނަކީ އެމިހުންގެ ފަންނުގަ މަސައްކަތް ކުރުމަށް އެއްވެސް ޤާނުނީ ހުރަހެއް ޤަވާޢިދެއް ، އުޞޫލަކުން މަނާކޮށްފައިނުވާހިދު އެމަސައްކަތް ކުރުމަށް ހުރަހެއް ނެތް ކަމީ އިތުރު ބަހުސަކަށް ދާންޖެހޭ ވަރުގެ ކަމެއްނޫން. ދެން ބަލަންވީ އެއްވަޒީފާގައި އުޅެ އެހެން އިތުރު މަސަކެއްކަތެއް ކުރުމަކީ މަނާކަމެއްތޯއެވެ. މިޔަށް ބަލާއިރުވެސް ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރަމުން އޭނަގެ ކެރިކުޅަދާން ކަން ހުރި މިންވަރަކުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ހުރަހެއް ނެތެވެ. އަދި ސިވިލް ސާވިސް ވަޒީފާ ތަކާއި، ސިޔާސީ މަޤާމް ތަކާއި ވަރަށް ތަފާތެވެ. އަދި ކުރަންޖެހޭ މަސައްކަތްވެސް ތަފާތެވެ. ސިޔާސީ މަޤާމުތަކުގައި ތިއބްވާ ބޭފުޅުންނަކީ މީޓިންގް ތަކުގައި ބައިވެރިވުމާއި، ސިޓީ، ލިތުންތަކުގަ ސޮއި ޖަހާލުން ފަދަ މަސައްކަތެއް ކުރުން ކަމަށެވެ. ދެންއޮތް ކަަމަކީ ސަރުކާރުން އުޞޫލެއް ކަނޑައެޅުމެވެ. އެއިރުން އެވަކިލުން ތިފަދަ ތިރީސްހާސް ރުފިޔާ އަކަށް ޑިޕެންޑްވެގެން ތިބެން ޖެހޭނީތޯ ނުވަތަ އެމީހުންގެ ފަންނުގަ މަސައްކަތް ކުރާނީތޯ ބަލާ ގޮތެއް ނިންމުމެވެ.
2 3

ރައްޔިތުމިހާ

5 ސެޕްޓެމްބަރު 2024
ބޮޑު މައްސަލައަކަށް ވެގެން މިއުޅެނީ ސިޔާސީ މަޤާމެއްގަ ތިބި ބަޔަކު ޖިނާޢީ މައްސަލަތަކުގަ ކޯޓައް ދާތީ . އެހެންކަމަށްވާނަމަ އެޤާމު ދިންއިުވެސް އެމީހުންގެ ސީވީއާއި، ސެޓްފިކެޓް ތަކަށް ބެލީމާ އެގޭނެ އެއީ ޕުރެކްޓިސް ކުރަމުންދާ ވަކީލުންކަން އެހެންކަމަށް ވާނަމަ އެމިހުންނަށް ނޮންޕްރެކްޓިސް އެލެވަންސް ދީފަ ، ލޯ ޕްރެކްޓިސް ނުކުރަން އެންގިނަަމަ މިހާ ކަންބޮޑުވާން ޖެހޭ މައްސަލައަކަށް މިކަން ވެގެން ނުދާނެ. މިހާރު ޝޯޝަލް މީޑިޔާގަ ހީވަނީ އަލަށް އުފަންވެގެން އުޅޭ ކަމެއްހެން. މިކަމަކީ ޒަމާނުއްސުރެ ހިގަމުން އަންނަކަމެއް.
1 1

އޭޖީ ވަކީލުމް

5 ސެޕްޓެމްބަރު 2024
ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލާ ހަމައިން ފެށިގެން އެންމެ އާދައިގެ ވަކީލާ ހަމައަށް ބެލިޔަސް، ކޮންމެ މީހަކުވެސް އުޅޭނީ ކޮންމެވެސް ޕްރައިވެޓް ފަރމެއް ނޫނީ ޕްރެކްޓިހެއްގައި. އެއީ ސިވިލް ސަރވަންޓުން. ރަސްމީ ގަޑީގަ އަމިއްލަ މަސައްކަތްކުރުން މަނާ ބައެއް. ދެން އެހެން މީހުންގެ ޙާލަތު ހުންނާނީ ކިހިނެއް؟
4 1

ހަސަނުލްކުރުސީ

5 ސެޕްޓެމްބަރު 2024
ޕީޖީ އޮފީހުގެ ވަކީލުންނާއި އޭޖީ އޮފީހުގެ ވަކީލުން ރަސްމީ ގަޑީގައި، އަމިއްލަ މީހުންގެ މައްސަލަތައް ނަގައިގެެން ދައުލަތް ނޫނަސް ކޯޓަށް ދެވިގެން ނުވާނެ. ރަސްމީ ވަގުތަށް ރަސްމީ ވަޒީފާއަށް މުސާރަ ނަގައިގެން އެވަގުތު އަމިއްލަ މަސައްކަތެއް ނުކުރެވޭނެ. ތިޔަ ދައުލަތުގެ ވަކީލުންގެ %90 ވަކީލުން އުޅެނީ ލޯ ފާމް ހަދައިގެން. މިކަން ބާ ކައުންސިލުން ބެލެންޖެހޭނެ. އޭޖީ އޮފީހާއި ޕީޖީ އޮފީހަށް މިކަން މަނާ ކުރެވޭނެ. ކޯޓުތަކުގައި ތިބޭ ވަކީލުންނަށް ޕްރެކްޓިސް ނުކުރެވޭ ގޮތަށް އޭޖީ އަދި ޕީޖީ ވަކީލުންނާއި ސަރުކާރުގައި މަސައްކަތްކުރާ އެއްވެސް ވަކީލަކަށް ރަސްމީ ވަގުތު އެހެން އެއްވެސް މަސައްކަތެއް ކުރެވިގެން ނުވާނެ.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް