ފިހާރައަކުން މީހަކު ކާބޯތަކެތި ގަތުމަށް ފަހު ފައިސާ ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކާބޯތަކެތި އުފައްދާ ދިވެހިންނަށް ވެސް ބޮޑު ހުއްޓުމެއް

ކުރިން ދުވާލަކަށް 900ރ. ގެ އާމްދަނީއެއް ހޯދި މީހުންނަށް މިދުވަސްވަރު 100ރ. ވެސް ނުލިބޭ ކަމަށް އެމީހުން ބުނޭ
28 އޯގަސްޓު 2024
3

މުހިންމު ނުކުތާތައް

ދިވެހިން ތައްޔާރުކުރާ އެއްޗިއްސޭ ބުންޏަސް ބައެއް ކަސްޓަމަރުން ގަބޫލެއްނުކުރޭ

އެމްއެފްޑީއޭއަށް ލިބޭ އާ ބާރުތަކާ އެކު ކުރިއަށް ވުރެ ބޮޑަށް ކަންކަން ބެލުމުގެ ފުރުސަތު ލިބޭ

ކާބޯތަކެތި އުފައްދާ ދިވެހިން އުއްމީދުކުރަނީ މިހާރުގެ ހާލަތު އަވަހަށް ބަދަލުވެދާނެ ކަމަށް

މި މަސް ފެށުނުއިރު އެންމެ ފުރަތަމަ އާންމުވީ މުޑުދާރުކޮށް ކާބޯތަކެތި ހަދަމުން ގެންދިޔަ ތަންތަނުގެ ފޮޓޯ އެވެ. އޭރު ފެނުނީ ބަންދުކޮށްގެން ވިއްކަމުންދިޔަ، ތެލުލި ފަތާއި، ކުދި ގުޅަ، އަތުޖެހި، ފޯއް އަދި ހެލެނބެލި ހުތް ފަދަ އެއްޗެހި ހަދަމުން ގެންދިޔަ މުޑުދާރު ގެތަކެވެ. އޭރުން ފެށިގެން އެތަކެތި ބޯއިކޮޓްކުރަން މީހުން ފަށައިފި އެވެ. އެ ހަންދާންތައް ނެތުމުގެ ކުރިން ދެން ފެންމަތިވީ އެއަށް ވުރެ ބިރުވެރި އަދި ފަކުރު މައްސަލައެކެވެ. ބުޅާ މަސް ބޭނުންކޮށްގެން މުޑުދާރު ބަދިގެއެއްގައި ކާބޯތަކެތި ހަދައިގެން ބިދޭސީއަކު ވިއްކާކަމުގެ ތުހުމަތެވެ.

މުޅި ރާއްޖެ މޭނުބައިކޮށްފި އެވެ. ކުދިކުދި ކަންމަތީ ފިހާރަތަކުން ގަންނަ ކުދި ސޭންޑްވިޗާއި، ބާގާ، ސަބްމެރީން ފަދަ ތަކެތި ގަތުން ގިނަ ބަޔަކު ހުއްޓާލައިފި އެވެ. އެއާ އެކު ގޭގައި ހުރެގެން އެކަހަލަ ކާތަކެތި ވިއްކައިގެން އާމްދަނީ ހޯދަމުންދިޔަ ދިވެހިންގެ ވިޔަފާރި ވެސް ބަނގުރޫޓްވަނީ އެވެ.

ފިހާރަތަކަށް ގެންދާ އެތަކެތި ގަންނާނެ މީހަކު ނުވެ އެވެ. 

ވިޔަފާރި %90 ދަށްވެއްޖެ

"ކުރިން ދުވާލަކު 40-50 ސަބްމެރިން ވިކޭ، މިހާރު ނުވިކޭ 20 ސަބްމެރިން ވެސް،" ގޭގައި ސަބްމެރިން އާއި ރޮށި ފިހެގެން ފިހާރައަކަށް ލައިގެން އާމްދަނީ ހޯދަމުން ދިޔަ އަންހެނަކު، ނަން ނުޖަހަން އެދި، 'ދައުރު'އާ ވާހަކަ ދައްކަމުން ބުންޏެވެ.

އެއީ ކޮންމެ ދުވަހެއްގެ ދުވަހީ ހަރަދުތަކާއި ކާބޯތަކެއްޗަށް ކުރަން ޖެހޭ ހަރަދު ހޯދަން ކުރި މަސައްކަތެވެ. ނަމަވެސް މިހާރު ގިނަ ދުވަސް ދުވަހު 100 ރުފިޔާ ވެސް ނުލިބެ އެވެ.

މަސް މިރުސް ފުޅިއެއް: ބޭނުންވަނީ ދިވެހިންގެ އުފެއްދުންތައް ރަނގަޅަށް އެނގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް

"ކުރިން ފިހަން ދުވާލަކު 300 ރޮށި. ހަމަ ފިހާރައަށް ލައިގެން ވިއްކަނީ، ފަތިހު 3:30ގައި ހޭލައިގެން ހެނދުނު ހަތެއް ޖަހަންވާއިރަށް ރޮށި ފިހެ، ސަބްމެރިން ހަދައި ފިހާރައަށް ލަން. އެކަމަކު މިހާރު ވަރަށް މަދު ރޮށި ވެސް ވިކޭލެއް،" 10 އަހަރުގެ ދަރިފުޅު ގޮވައިގެން ދަރިފުޅުގެ ކަންތައްތައް ކުރަމުން މަސައްކަތްކުރާ އެ މަންމަ ކިޔައިދިނެވެ.

ދެން އެހެން މީހެކެވެ. މިދިޔަ 50 އަހަރު އާމްދަނީ ހޯދީ ގޭގައި ހެދިކާ އާއި އެހެނިހެން ތަކެތި ހަދައިގެން ވިއްކައިގެންނެވެ. ދަރިން ބޮޑުކޮށް، ހައްޖަށް ވެސް ދިޔައީ އެ މަސައްކަތުން ހޯދި ފައިސާއިންނެވެ. 

ދުވާލަކަށް 800-900 ރުފިޔާ ލިބުނު އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިއްޖެ އެވެ. އާމްދަނީ ހޯދަން މިހާރު ކޮންމެހެން މަސައްކަތް ކުރަން ނުޖެހުނަސް އެކަމުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 8،000ރ ލިބުމަކީ އަމިއްލަ ހަރަދުތައް އަމިއްލައަށް ކުރުމުގެ އުފަލެކެވެ.

"އެކަމަކު މިހާރު 100 ރުފިޔާ ވެސް ނުލިބޭ ދުވަސް ގިނައީ. ނުވިކުނަސް މަދުމަދުން އެއްޗެހި މިހަދަނީ ވެސް މީހުންނަށް ދައްތަ އެއްޗެހި ހެދުން ހުއްޓާލީއޭ ހިވެދާނެތީ،" އުމުރުން މިހާރު 60 އިން މައްޗަށް ގޮސްފައިވާ އެ އަންހެން މީހާ ކިޔައިދިނެވެ.

ފިހާރައެއްގައި ހެދިކާ ވިއްކަން ބަހައްޓާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގޭގައި ހަދާ އެއްވެސް އެއްޗެއް ނުވިކޭ

ތެލުލި ފަތާއި، ކުޅި ރޮށި ފަދަ ތަކެތި މުޑުދާރު ބަދިގެތަކުގައި ބިދޭސީން ހަދާ ފޮޓޯތައް އާންމުކުރި ފަހުން ރަށްރަށުގައި އެ މަސައްކަތް ކުރާ ދިވެހިންނަށް އޮންނަ އިތުބާރު ވެސް ގެއްލިއްޖެ އެވެ.

ކުރިން މާލެއިން ލިބުނު އޯޑަރުތައް މިހާރު ލިބޭލެއް މަދުވެއްޖެ އެވެ. ރަށުގައި ހުރެގެން ތެލުލިފަތާއި، ކުޅިރޮށި، ކުދި ގުޅަ، ބަޖިޔާ އަދި މުރުމުރު ހަދައިގެން އާމްދަނީ ހޯދި އަންހެނަކު ބުނީ މާލޭން އޯޑަރުތައް ލިބޭލެއް މަދު ކަމަށެވެ.

"އަޅުގަނޑު އެއްޗެހި ހަދައިގެން ވިއްކަނީ މާލޭގައި އެތަކެތި ވިއްކާ ބަޔަކަށް. އެމީހުން މިފަހުން ބުނަނީ މާލެއަކަށް ނުވިކެޔޭ. އަޅުގަނޑު އަތުން ގަންނަ ތަކެތި ކުދިކޮށް ޕެކެޓްކޮށްގެން ފިހާރަތަކަށް ލައިގެން އެމީހުން ވިއްކަނީ،" އުތުރުގެ ރަށަކަށް ނިސްބަތްވާ 43 އަހަރުގެ އެ އަންހެންމީހާ ބުންޏެވެ. 

އެތައް ދިވެހިންނެއް މިފަދަ އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"އަޅުގަނޑުމެން އެތަކެތި މި ތައްޔާރުކުރަނީ ނުލާހިކު ސާފުތާހިރުކޮށް އަދި އެކަމަށް ހާއްސަކޮށްފައި ހުންނަ ބަދިގެއެއްގައި. އެވެސް ކުދިން ވަދެ ކުއްޖެއްގެ ސަބަބުން ވެސް ކާއެއްޗެހީގެ ތެރެއަށް އެއްޗެއް ވެއްޓި ކަމެއް ވެދާނެތީ. އަންގި އާއި އެއްޗެހި ބޭނުން ނުކޮށް އެއްވެސް އެއްޗެއްގައި އަތްނުލާ ވަރަށް ސާފުތާހިރުކޮށް. އެކަމަކު ބައެއްގެ ސަބަބުން އަޅުގަނޑުމެން ކަހަަލަ މީހުންނަށް ކުރި އިތުބާރު ވެސް އެ ގެއްލުނީ."

ބިދޭސީން އަތުން ކާބޯތަކެތި ގަތުން ހުއްޓާލައިފި

"މިހާރު ތި އެއްޗެހި ނުގެންނަން. ބޮސް ބުނެފައި އޮތީ ބޭރު މީހުންގެ އެއްވެސް އެއްޗެއް ނުގަންނަން،" ހެންވޭރުކޮޅުގައި ހިންގާ ކަންމަތީ ފިހާރައެއްގައި ހުރި ތެލުލި ފަތާއި، ކުދިގުޅަ ފަދަ ތަކެތީގެ ހަރު ހުސްކޮށް ހުރުމުން ބިދޭސީ ސޭޓާ ސުވާލުކުރުމުން ބުންޏެވެ.

އޭނާ ބުނީ މިހާރު އެ ފިހާރައިން ލިބެން ހުންނަ ކާބޯތަކެއްޗަކީ ދިވެހިން އުފައްދައި ތައްޔާރުކޮށްގެން ގެންނަ އެއްޗެހި ކަމަށެވެ.

މާފަންނުކޮޅުގައި ކަންމަތީ ފިހާރައެއް ހިންގާ ދިވެއްސަކު ބުނި ގޮތުގައި ދިވެހިން ތައްޔާރުކުރާ އެއްޗެހި ނޫން އެއްޗެހި ނުވިއްކާތީ އެ ފިހާރައަށް ކާބޯތަކެތި ލައިގެން ވިއްކާ މީހުންގެ ވިޔަފާރިއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. 

ފިހާރައެއްގައި ވިއްކަން ހުރި ހެދިކާތަކެއް: ކަސްޓަމަރުންގެ އިތުބާރު އަލުން ހޯދަން ޖެހޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ކުރިން އަބަދުވެސް އޮފީހުގައި އުޅެފައި ހެނދުނު ސައިބޯށާއި ދަރިފުޅުގެ އިންޓަވަލްއަށް ވެސް ގަންނަނީ ގޭ ކައިރި ނުވަތަ އޮފީސް ކައިރި ހުންނަ ކަންމަތީ ފިހާރަތަކުން ސޭންޑްވިޗް ކަހަލަ އެއްޗެހި. އަބަދުވެސް ހީކުރަނީ ދިވެހިންނޭ ހަދާފައި އެ ހުންނަނީ. ދިވެހިން ވީމަ ސާފުތާހިރުވާނެ ކަމަށް ވިސްނައިގެން ހުންނަނީ،" މި ރިޕޯޓަށް ވާހަކަ ދެއްކި ޒުވާން މަންމައަކު ބުންޏެވެ.

"އެކަމަކު މިހާރު ނުކުރެވޭ ގަބޫލެއް. ފިހާރައިގެ ސޭޓު ކައިރީ އަހާލީމާ ބުނާނެ ދިވެހި ދައްތައެއް ގެންނަ އެއްޗެކޭ. އެކަމަކު ކިހިނެއް ގަބޫލުކުރާނީ؟" 

އާ ގާނޫނާ އެކު އުންމީދު

މި މަހު އަލަށް އަމަލުކުރަން ފަށާ ގާނޫނާ އެކު، ގޭގައި ކާބޯތަކެތި ހަދައިގެން އާމްދަނީ ހޯދަމުން އަންނަ ދިވެހިންނަށް އުންމީދެއް އެބަ އޮތެވެ. މި ގާނޫނުން، އާއްމުންނާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ގިނަ ބާރުތަކެއް ވަނީ ދީފަ އެވެ. އެގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދާފައިވާ ނަމަ އެތަނެއް ޖޫރިމަނާ ކުރުމުގެ ބާރާއި ބަންދުކުރުމުގެ ބާރު ވެސް ލިބެ އެވެ.

އޭގެ އިތުރުން އެއްޗެއް އުފެއްދީ ކޮން ތަަނަކުންކަން އެނގޭ ގޮތަށް ލޭބަލްކުރުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ. އެހެންވުމުގެ ސަބަބުން މައްސަލައެއް ކުރިމަތިވާ ހިނދު އެ އުފެއްދި ތަނަކާއި ބަޔަކު ހޯދައި އެކަން ހައްލުކޮށް ނުވަތަ ފިޔަވަޅު އަޅަން ފަސޭހަވާނެ އެވެ.

ގޭގައި ތައްޔާރުކޮށް ވިއްކަން ބަހައްޓާފައިވާ ކާބޯތަކެތީގެ ބާވަތްތަަކެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކުގައި ހުންނާނެ، ކަންމަތީ ފިހާރައިގައި ވިއްކަން ހުންނަ ގުޅަޕެކެޓް އުފެއްދީ ކޮން ތަަނަކުންކަން އެނގޭ ގޮތަށް ލޭބަލް ކުރުމަށް އަންގާފައި. އޭރުން އެނގޭނެ އެ ތައްޔާރުކުރީ ކޮން ތަނަކުންކަން،" މި ގާނޫނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވި އެވެ.

"ގާނޫނުން އޭރުން ލާޒިމުކޮށްދޭނެ އެގޮތަށް ބަހައްޓާ ކާނާ ޓްރެކް ކުރުމަށް. އޭރުން ގޯހެއް އުޅޭ ކަމަށް ވާ ނަމަ އަޅުގަނޑުމެންނަށް އެ ފަރާތެއް ޖަވާބުދާރީ ކުރެވޭނެ." 

އޭނާ ވިދާޅުވި ގޮތުގައި:

  • ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބަލާފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރެއް މިހާތަނަށް އެމްއެފްޑީއޭއަކަށް ނެތް. އެކަމަކު މި ބިލް ތަންފީޒު ވުމާ އެކު އެތަންތަން ބަލާ ފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރު ލިބޭނެ

  • އޭރުން ގަވައިދާ ހިލާފުވާ ތަންތަން ބަންދުކޮށް، އެކަންކަން އިސްލާހުކުރުމުން ހުޅުވަން ހުއްދަ ދިނުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބޭނެ

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިވާ ހަވާދު ޕެކެޓުތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގަވައިދާ ހިލާފަށާއި ނުތާހިރުކޮށް ކާބޯތަކެތި ހަދައި ވިއްކާ ތަންތަން، އާއްމުން ރިޕޯޓު ކުރާނެ ގޮތް ވެސް މިހާރު ވަނީ ފަސޭހަކޮށްދީފަ އެވެ. އެގޮތުން ކަނޑައަޅާ ވަކި ނަމްބަރަކަށް، އެތަނެއްގެ ފޮޓޯ، ވައިބާކޮށްލުމުން އެކަން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކުދި ވިޔަފާރިވެރިންނަށް އަލުން އެމީހުންގެ ކަސްޓަމަރުން ހޯދުމުގެ ފުރުސަތު މުޅިން ގެއްލިގެން އަދި ނުދެ އެވެ. ފިހާރަތަކުން ލިބެން ހުންނަ ދިވެހި އުފެއްދުންތައް ކަށަވަރު ވާ ނަމަ ކަސްޓަމަރުންގެ އިތުބާރު ވެސް އަލުން ލިބޭނެ އެވެ. 

ގޭގައި ސޭންޑްވިޗް ހަދައިގެން ފިހާރަތަކަށް ލާ އެތައް ދިވެހިންނެއްގެ އުއްމީދަކީ އަލުން ވިޔަފާރި ރަނގަޅުވުމެވެ. މި ވަގުތު ބޮޑު ހުއްޓުމެއް އޮތަސް، އެކަން ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް އެ މީހުން އުއްމީދުކުރެ އެވެ.

ކޮމެންޓް (3)

profile-image-placeholder

ަައަލީ

30 އޯގަސްޓު 2024
މި ރިޕޯޓުންވެސް ތަސައްވުރު ކޮށްލެވޭނެ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ މި ވިޔަފާރިން އެމީހުން ހޯދާނެ ލާރި .

އަލީ

30 އޯގަސްޓު 2024
އަހަރެން ގަބޫލުކުރަނި ބުޅަލުގެ މަހޭ ކިޔައިގެން އެއީ އެއްވެސް ހަގީގަތެއް ނެތް، ބިދޭސީންދެކެ ނަފްރަތުކުރުވަން ހަދާފައޮތް ވާހަކައެއް ކަމަށް. ޒެނެފޯބިއާގެ އެއްވެސް އުކުޅަކަށް ނުހެއްލޭނަން. މުސްލިމުންނާ މުސްލިމުން ޖައްސާ ބައިބައިކުރަން އުޅޭ އެއްވެސް ބަޔަކަށް ނުހެއްލާނަން.

ހަސަން234

28 އޯގަސްޓު 2024
ކަންމަތީ ފިހާރައަށް ދިޔައީމަ ދިވެހިން ތައްޔާރު ކޮއްފައި ހުންނަ އެއްޗިއްސޭ ލަނީ ބުނިޔަސް ކިހިނެތް ތޯ ގަބޫލު ކުރާނީ .. މިއީ ބްރޭޑިންގެ މުހިއްމު ކަން މި ފެންނަނީ ދިވެހިންނަށް އިތުބާރު ހިފޭ ދިވެހި ބްރޭޑިންގެއް ހެދިފައި ނެތް ! އެފަދަ ބްރޭންޑް މާރކެޓް ކޮށް ހައްދަނީ ދިވެހިންކަން ޔަގީން ވާން ޖެހޭ އަދި ލޭބަލްވެސް ވަކި ފެންވަރަކަށް ހުންނަން ޖެހޭ ! ބޭރު މީހުން ހެދިޔަސް ސާފުތާހިރު ނުވާތީ މައްސަލަ އަކީ . ބޭނުންވަނީ ސާފުތާހިރު ކޮއް ހަދާ ކާނާ ކަން ޔަގީން ކުރަން !

އިތުރު އާޓިކަލް

އިތުރު އާޓިކަލް