ރަސްފަންނުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެތަނާ ބެހޭ ގޮތުން އާންމުންގެ ޝަކުވާ ގިނަ (ދައުރު ފޮޓޯ)

'މިއީ އަޖައިބެއް ކަހަލަ ގޮތަކަށް ކަންކަން ހިނގާ ގައުމެއް'

ކޮންޓްރެކްޓަރުން އެއްބަސްވުންތަކާ ހިލާފުވިޔަސް، އެ އެއްބަސްވުން ބާތިލުކޮށްފި ނަމަ މާލީ ބުރަ އުފުލަން ޖެހެނީ ގިނަ ފަހަރު ދައުލަތުން. އެއީ އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އޮތް ބޮޑު ހުރަހެއް

ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް، މާލޭގެ މޭޔަރު އާދަމް އާޒިމްއާ ސުވާލެއް ކުރެއްވި އެވެ. ރަސްފަންނުގައި ބައެއް ހިދުމަތްތައް ފުރިހަމަނުވާތީ ރައްޔިތުންގެ ޝަކުވާތަކާ ބެހޭ ގޮތުންނެވެ. އާޒިމް އެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް ޖަވާބު ދެއްވި އެވެ. ނަމަވެސް ނިމުނުއިރު އާޒިމް ވެސް ކުރެއްވީ ޝަކުވާ އެވެ. އޭނާގެ ޖަވާބާއި ޝަކުވާއިން، ވެގެން އުޅޭ ގޮތް ވަރަށް ސާފެވެ:

"އަޖައިބެއް ކަހަލަ ގޮތަކަށް ކަންކަން ހިނގާ ގައުމެއް މި ގައުމަކީ."

މާލޭގެ އެންމެ ހުޅަނގު ކޮޅުގައި ރަސްފަންނު ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 7 ފެބްރުއަރީ 2016ގަ އެވެ. އެތަނަށް 10 އަހަރު ނުވަނީސް ބައެއް ކަންކަން މިހާރު ވެސް ވަނީ ބޮއްސުންލައިފަ އެވެ. ފެން އަޔަސް، އެ ތަނުގެ ފެންވަރާ މާގަނޑުތަކަކީ ނަމެއްގައި ހުންނަ އެއްޗެކެވެ. ފާހާނާބަރި ހުރި ތަން ދެނެހުރި މީހަކު ނެތެވެ. އަދި އަމުދުން ޒިންމާ ނަގަނީ ކާކުކަމެއް ވެސް ނޭނގެ އެވެ.

ރަސްފަންނާ މެދު ރައްޔިތުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ހިއްސާކުރައްވައި މުސްތަފާ ވިދާޅުވީ "މިއަދު ވެސް ރަސްފަންނު އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ނެތިގެން ދިއުމުގެ މަގުމަތީގައި" ކަމަށެވެ.

ރަސްފަންނުގެ ހަޓެއްގެ މަތި ހަލާކުވެފައިވާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެ ސުވާލަށް އާޒިމް ދެއްވި ޖަވާބަކީ، އެންމެ ކުރުކޮށް ބުނާ ނަމަ، ކައުންސިލުން އެސްޓީއޯއާ ގުޅިގެން އެ ތަނުގައި އާ ފާހާނާބަރިއެއް ހަދަން އުޅޭ ކަމެވެ. ބަޖެޓުގެ ދަތިކަމެއް ހުރުމުން އެސްޓީއޯއަށް މިވަގުތު އިތުރު މަސައްކަތެއް ކޮށްދެވެން ނެތީ އެވެ. ނަމަވެސް ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނެގި ނަމަ، އެސްޓީއޯއިން ފާހާނާބަރިއެއް ހަދަން ނުވެސް ޖެހުނީހެވެ. ދެން މި އޮތީ އެކަމުގެ ތަފްސީލެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުން. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ރަސްފަންނުގައި ހުންނަ 'ބާރު ނުފޯރުވޭ ކަންކަން'

ރަސްފަންނު ތަރައްގީކުރުމަށް ފަހު އެކި ވަސީލަތްތައް ތަރައްގީކުރުމަށާއި ހިންގައި ބަލަހައްޓަން އެއް ފަޅި އެމްޓީސީސީއަށް އަދި އަނެއް ފަޅި އެމްޑަބްލިއުއެސްސީއާ ހަވާލުކުރި އެވެ.

މިވަގުތު މޭޔަރުކަމުގައި ހުންނެވި އާޒިމްއަކީ މީގެ ކުރިން އެ ދެ ކުންފުނީގެ ވެސް އެންމެ އިސް މަގާމުތައް ފުރުއްވި ބޭފުޅެވެ. ރަސްފަންނާ ގުޅޭ ގޮތުން ހަދާފައި ހުރި އެއްބަސްވުންތައް ހަމަ ލޮލުން ދުށް ބޭފުޅެކެވެ. އިތުރު މީހަކު ނުބުންޏަސް، ރަސްފަންނާ ގުޅޭ މުއާމަލާތްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް އެއީ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރަސްފަންނުގައި (މަޖީދީމަގުން އުތުރަށް) ހުންނަ ކުޑަ ކިއޯސްކު ހަވާލުކުރީ މެއިންޓަނެންސްއާ އެއްކޮށެވެ. ކިއޯސްކު ހިންގާ މީހުން އެކަން ކުރޭތޯ ނުކުރޭތޯ ބެލުމަކީ އެމްޓީސީސީގެ ޒިންމާއެކެވެ.

ރަސްފަންނުގައި ހިދުމަތް ދޭ ކިއޯސްކްއެއް: އެއްބަސްވުމާ އެއްގޮތަށް ރަސްފަންނުގެ ކަންކަމެއް ނުކުރޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރަސްފަންނު ޕެވީލިއަން ދިނީ އެމްޑަބްލިއުއެސްސީއަށެވެ. އެ ތަނުގެ ކޮންޓްރެކްޓްތައް ވެސް އާޒިމްއަށް މީގެ ކުރިން ވަނީ ފެނިވަޑައިގެންފަ އެވެ.

އެ ކުންފުނީގެ ސީއެސްއާރު މަޝްރޫއެއްގެ ގޮތުގައި 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އެ ޕެވީލިއަންއަށް ފުރަތަމަ ގެނައީ ވެސް ބޭރުގެ ފްރެންޗައިޒްތަކެވެ. ނަމަވެސް ފަހުން އެ ތަން ހުސްކުރި އެވެ. ކޯޓުގައި އެ މައްސަލަ ދިގުލައިގެން ގޮސް، އަހަރުތަކެއް ވަންދެން ފަޅުކޮށް އޮތުމަށް ފަހު އަލުން މަރާމާތުކޮށް ޕޮމޭލޯގެ ނަމުގައި ރެސްޓޯރެންޓެއް ހިންގަން ލެމަންގުރާސް ކުންފުންޏާ ހަވާލުކުރީ 2022 ގަ އެވެ.

ރަސްފަންނު ޕެވީލިއަންގައި ހިންގާ ޕޮމެލޯ ރެސްޓޯރެންޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ޕޮމޭލޯއާ ހަވާލުކޮށްފައި އޮންނަނީ ޝަރުތުކޮށްފައި، އެ ފަޅި އެއްކޮށް ބަލަހައްޓައި މަރާމާތުކުރުމާއި އެ ތަނުގެ ފާހާނާ މަރާމާތުކުރުމަށް. ދެން ރައްޔިތުން މި އަންނަނީ އަޅުގަނޑުމެން ކައިރިއަށް،" އާޒިމް އޮޅުންފިލުވައިދެއްވި އެވެ.

ރަސްފަންނުގެ ކަންކަން ހައްލުކުރުމާ ގުޅޭ ގޮތުން އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އާޒިމް ވިދާޅުވި ގޮތުގައި މައްސަލައަކީ ހުރިހާ ކަމެއް ސަބް ކޮންޓްރެކްޓް އުސޫލުން އިތުރު ފަރާތްތަކާ ހަވާލުކޮށްފައި އޮތުމެވެ.

ނަމަވެސް ކޮންޓްރެކްޓަރު އެހެން ބަޔަކަށް ސަބް ކޮންޓްރެކްޓަށް ދިނުމާއި ނުދިނުމަކީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ނޫނެވެ. ރައްޔިތުންނަށް ބޭނުމީ މެދުނުކެނޑި ލިބެން ޖެހޭ ހިދުމަތްތައް ލިބުމެވެ.

"ބައެއް ފަހަރު ފެން މާގަނޑާ އެއްޗެހި ހުއްޓުނީމަ އަޅުގަނޑުމެން އެ ތަންތަން އެބަ ރަނގަޅުކުރަން. އެހެން ނަމަވެސް އަސްލު އެކަން ކުރަން ޖެހޭ ފަރާތަކީ އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ. އެ މީހުންނަށް އެ ތަނުން އާމްދަނީ ވެސް ލިބޭނެ. އެހެންވެ އެކަން ކުރުމަށް އެ އޮތީ ދީފައި،" އާޒިމް ވިދާޅުވި އެވެ.

ރަސްފަންނުގައި ހަރުކޮށްފައިވާ ފެންވަރާ މާގަނޑުތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރަސްފަންނުގައި ދެން ހުންނަނީ އައިޖީއެމްއެޗްއާ ވީ ފަޅީގައި ހުންނަ ކިއޯސްކް އެވެ. އެއީ ހިންގުމާއި ބެލެހެއްޓުމާ އެކު، އަމިއްލަ ބަޔަކާ ހަވާލުކޮށްފައިވާ ތަނެކެވެ. އާޒިމް ވިދާޅުވީ ކައުންސިލުން މިކަން ކޮށްފައިވަނީ ވަރަށް ރަނގަޅަށް މެނޭޖު ކުރެވޭ ގޮތަށް، އެކި ފަރާތްތަކަށް ކޮންޓްރެކްޓު ކޮށްގެން ކަމަށާއި މައްސަލައަކީ އެ ފަރާތްތަކުން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް، ޒިންމާ  ނުނެގުން ކަމަށެވެ.

"ކޮންޓްރެކްޓު ކެންސަލްކޮށްފިއްޔާ އަބަދުވެސް އަނެއް ފަރާތަށް ދައުލަތުން ލާރި ދޭ ގޮތަށް މި ހުރިހާ ކަމެއް މި ހުންނަނީ ހެދިފައި. އެހެންވީމަ ރާއްޖޭގައި މި ހުރިހާ ކަމެއް ރަނގަޅުވާން ވެސް އެބަ ޖެހޭ."

މޭޔަރު އާދަމް އާޒިމް

އަސްލު މައްސަލަ: ޒިންމާ ނުނެގިޔަސް، އަތުލެވޭނެ ގޮތެއް ނެތުން

ރަސްފަންނުގައި ކޮންޓްރެކްޓު އުސޫލުން ދީފައިވާ ތަންތަން ނުބަލަހައްޓާ މައްސަލައިގައި އެތައް ފަހަރެއްގެ މަތިން ކައުންސިލުން އަންގަން ޖެހޭ އެންގުންތައް އަންގައިފި އެވެ. އެ އެންގުންތަކުން ނުކުތް މާ ބޮޑު ނަތީޖާއެއް ފެންނަން ނެތް ނަމަވެސް، އާޒިމް ވިދާޅުވީ "ކޮންޓްރެކްޓެއް ހަދައިގެން އޭގެއިން ނުކުތުމަކީ ރާއްޖޭގައި އެއްވެސް ކޮޅެއް އޮންނަ ކަމެއް ނޫން"ކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. އެއްބަސްވާ ކަންކަން ނުކުރި ނަމަވެސް، އެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވަންދެން އެ އޮތް ގޮތަށް ބާއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކޮންޓްރެކްޓް ކެންސަލްކޮށްފިއްޔާ އަބަދުވެސް އަނެއް ފަރާތަށް ދައުލަތުން ލާރި ދޭ ގޮތަށް މި ހުރިހާ ކަމެއް މި ހުންނަނީ ހެދިފައި. އެހެންވީމަ ރާއްޖޭގައި މި ހުރިހާ ކަމެއް ރަނގަޅުވާން ވެސް އެބަ ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

ކޮންޓްރެކްޓާ ހިލާފުވި ނަމަވެސް ބާތިލު ނުކުރެވޭ ކަމެއްގެ މިސާލެއް ދައްކަވަމުން އާޒިމް އިޝާރާތްކުރެއްވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ފާހާނާބަރިތަކަށެވެ.

"ގާތްގަނޑަކަށް ފަސް ފާހާނާބަރީގެ ވާހަކަ މި ދައްކަނީ. ދެ ފާހާނާބަރި ބަންދުވެފައި [ހަނދާންވާ ގޮތުގައި]. ދެން ހުރި ހުރިހާ ފާހާނާތައް އަސްލު އެ ހުރީ މީހުން ވަންނަން ނުވާހާ މުޑުދާރުކޮށް،" އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

"އަޅުގަނޑަށް ހަމަ ޔަގީން މާލޭގެ އިއްޒަތްތެރި މެމްބަރުން ވެސް، މާލޭ ކައުންސިލްގެ މެމްބަރުން ވެސް ބޭނުންވާނެ، މާލެއަށް ރަށްރަށުން ޒިޔާރަތްކުރާ ކޮންމެ ރައްޔިތަކަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަން. އެކަމަކު މިއަދު ކޮން މަރުހަބާއެއްތޯ މި ކިޔެނީ؟ އެއް ދޯނި މަތިން ފުންމާލައިގެން އަނެއް ލޯންޗު މަތިން ފުންމާލައިގެން އައިސް ފާހާނާ ކޮށްލަންވީމަ މީހެއް ކައިރީގައި އާދޭސްކޮށްގެން ކޮންމެވެސް ފިހާރައަކަށް ވަދެގެން ފާހާނާކުރެވޭ ގޮތަށް ހާލަތު މި އޮތީ،" އާޒިމް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން އެ ތަންތަން ނަގައި ރީތިކުރުމަށް އާޒިމް މަސައްކަތްތަކެއް ކުރައްވައިފި އެވެ. އޭގެ ކުރިން މޭޔަރަކަށް ހުންނެވި ރައީސް މުހައްމަދު މުއިއްޒު ވެސް މަސައްކަތް ކުރެއްވި އެވެ. ކާމިޔާބުނުވީ ކޯޓުގައި އެ ތަނާ ގުޅޭ މައްސަލައެއް ދިގުލައިގެން ގޮސްފައި އޮތުމުންނެވެ.

"އެ ހިސާބުގަނޑުގެ އެތައް ރައްޔިތުންނަކަށް އެ ފާހާނާތައް ބޭނުން ނުކުރެވޭ ގޮތަށް ޓިނު ޖަހާފައި އެ ހުރީ ބަހައްޓާފައި. އެކަމަކު އެތަނުގެ ވިޔަފާރި އެބަ ކުރޭ ބަރާބަރަށް، އެ ތަންތަން ކުއްޔަށް ދީގެން. އަޅުގަނޑުމެންނަށް އެތަނުގައި އަތްލެވެނީއެއް ނޫން، އެ ތަނަށް ވަދެވެނީކީ ނޫން، ހުރިހާ ފާހާނާތައް ތަޅުލާފައި. ހިދުމަތެއް ނުދެވޭ. އެކަމަކު އެތަން ކުއްޔަށް ދީފައި ހުންނަ މީހާއަށް ބަރާބަރަށް އެތަނުން އާމްދަނީ ލިބޭ. އެކަމަކު ވެސް އަޅުގަނޑުމެންނަށް އެ ތަން އަތުނުލެވޭ،" އާޒިމް ވިދާޅުވި އެވެ.

"އަޖައިބެއް ކަހަލަ ގޮތަކަށް ކަންކަން ހިނގާ ގައުމެއް މި ގައުމަކީ."

މުސްތަފާގެ ސުވާލާއި ޝަކުވާތަކަށް ޖަވާބުދެއްވަމުން ގޮސް ނިމުނުއިރު އެންމެ ފަހުން އާޒިމް ވެސް ކުރެއްވީ ޝަކުވާ އެވެ. މެމްބަރާއި މަޖިލީހުގެ ފަރާތުން އާޒިމް އެދިވަޑައިގަތީ މިފަދަ މައްސަލަތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ހަތަރު ދާއިރާއެއްގެ މެމްބަރުން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

"މެމްބަރުން ވިސްނަން އެބަޖެހޭ މިކަމުގައި. މިގޮތަށް ދީފައި ހުންނަ ތަންތަނުގައި ކޮންޓްރެކްޓްތަކާ ހިލާފުވީމަ އަވަހަށް އެ ކޮންޓްރެކްޓުތަކުން ނުކުމެގެން ރައްޔިތުންނަށް ލިބޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު އަންނަން އެބަ ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

"އަބަދުވެސް މި އޮންނަނީ ކޯޓަށް ދިއުމާ އެކު ހުއްޓިފައި. އެ ނިމުނީ. ދެން އަހަރުން އަހަރަށް ބާއްވާލައިގެން ތިބެނީ. ރައްޔިތުންނަށް ވާ ގެއްލުން ކޮބައިތޯ މިކަމުގައި؟"

ކޮމެންޓް (4)

ސިކުނޑި

31 ޖުލައި 2024
ތިކަންތައް އެންމެ ރަނގަޅަށް އިނގޭނީ މިހާރުގެ ރައީސާއި މޭޔަރަށް! އަޖައިބެއް ކަހަލަ ގޮތަކަށް ކަންކަން ހިނގަނީ އަޖައިބެއް ކަހަލަ ގޮތަކަށް ކަންކަން ކުރީމައެވެ. އާޒިމުގެ ވާހަކަ އަދި އިހަށްބާއްވާ! މިހާރުގެ ރައީސް ކުރެއްވި އެއްވެސް ކަމެއް، ދިމްޔާތުނޫނީ ނެތް ރިވިޒިޓް ކުރަންނުޖެހޭ!
0 0

ރަދުން

30 ޖުލައި 2024
އާޒިމް ކުރިން އެމް.ޑަބްލިޔު ގަޔާ އެމް.ޓީ.ސީ.ސީ ގަ ހުރެ ހަޑި ހާވާފަ މިހާރު ދެން ކީކޭ ތި ކިޔަނީ، އެކަންކަމުގެ ޒިންމާ ސީދާ ނަގަންޖެހޭ މީހަތިޔައީ... ޒިންމާއިން ރެކެން މައުޟޫ އޮޅުވާލާ މޮޅު ވާހަކަ ދައްކަނީ ހަމަ
2 1

ދެރަކޮއި

29 ޖުލައި 2024
އެއްބަސްވުމާ ހިލާފުވާނަމަ ޖޫރިމަނާ ކުރާގޮތައް ކޮންޓްރެކްޓު ހަދާނަމަ ޖޫރިމަނާ ފައިސާ ހޯދޭނެ. އެފެންވަރުގެ ކޮންޓްރެކްޓެއް ނުހަދަނީ ތަން ހިފާ މީހާގެ ފަރާތުން ކޮންޓްރެކްޓު ކޮށްދޭ ބަޔަކަށް ކޮންމެވެސް ފައިދާގަނޑެއްދޭތީ. ހިލާފުވިޔަސް އަޅާނުލާތިބެނީ އެބަޔަކަށް ލިބެންވާ މަންފާލިބިފަ އޮތީމަ. ހުރިހާ ތުރާލަކާ ތަކުލީފެއް އުފުލަން މިޖެހެނީ ނިކަމެތި ރައްޔިތުން. މިތާ އޮތީ މުއްސަނދިންނަށް ހުރިހާ ތަނަކުން ފައިދާ ނެގޭގޮތަށް ކަންކަން ރާވާފަ.
6 0

މޮހޮނު

29 ޖުލައި 2024
ކީއްކުރާނީ ސިޔާސީވެރިން، ހަރަށް އަރަންވެގެން، ބޮޑެތި ކުންފުނި ތަކުން ނަގާ ފައިސާ ހަރަދު ކުރީމާ ދެންޖެހޭނީ އެބަޔަކު ރުއްސަން، އެގޮތަށް ކަންކަން ކުރަމުން ގޮސް މުޅިގައުމު މިއޮތީ ހުރިހާ ވިޔަފާރިވެރިން ދަށުވެފައި ދެންއެބަޔަކަށް މިހަރަދު ކުރަން ޖެހެނީ ދައުލަތުގެ މާލިޔަތުން، އެބަޔަކު ކޮންމެ ކަމެއްކުރިޔަށް ޖެހޭނީ އެމީހުން ރުއްސަން. މިއީ މިދުނިޔޭގެވެސް ހާލަތު
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް