މިޔަރެއް ކައިރީގައި ޑައިވަރަކު ހަރަކާތްތެރިވަނީ: މިޔަރުގެ މިޒާޖަށް ބަދަލު އަންނަ އެތައް ކަމެއް ކުރޭ (ފޮޓޯ/ ކަނޑިއަޑި)

މިޔަރު

މިޔަރު ހަމަލާތައް ނުރައްކާ ވަނީ؛ އެންމެ ފަހުން މަރެއް

ޑައިވަރުންނާއި މެރިން ރިސާޗު އިންސްޓިޓިއުޓުން ވެސް ބުނަނީ މިިޔަރުގެ އާބާދީ އިތުރުވާ ކަމަށް ލަފާނުކުރެވޭ ކަމަށް. އެކަމަކު އާންމުން ދެކޭ ގޮތް މުޅިން ތަފާތު

މިޔަރުގެ ހަމަލާއެއްގައި މީހަކު މަރުވުމާ އެކު ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ ނުރައްކާ ބޮޑުވަމުންދާކަމުގެ ވާހަކަ މި ވަނީ އާންމުވެފަ އެވެ. ސޯޝަލް މީޑިއާގައި އެ ޝަކުވާތަކެވެ. އެމީހެއްގެ ހިޔާލާއި ދެކޭ ގޮތެވެ. 

މިިދިޔަ އަދިއްތަދުވަހު ލ. މާވަށް ކައިރި މޫދުގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގައި ބައިވެރިވެ އުޅުނު، ރ. އުނގޫފާރަށް އުފަން، ލާންސްކޯޕްރަލް މުހައްމަދު ޒައިދާނަށް މިޔަރެއްގެ ފަރާތުން ކުރިމަތިވި ހަމަލާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި ޒައިދާންގެ ފައިގެ ފަލަމަސްގަނޑުގެ ތިން ތަނެއްގައި މިޔަރު ދަތްއެޅި އެވެ.

މިއީ މިޔަރުގެ ހަމަލާއެއްގައި ރާއްޖޭގައި މީހަކު މަރުވި ފުރަތަމަ ފަހަރު ވެސް މެ އެވެ. ނުވަތަ އެނގެން އޮތް ތާރީހުގައި އެފަދަ ހަމަލާއެއްގެ ވާހަކަ ތިލަވެފައެއް ނުވެ އެވެ.

މިޔަރުގެ އުނދަގޫ އެންމެ ބޮޑަށް ޖެހޭ އެއް ބަޔަކީ މަސްވެރިންނެވެ. ބާނައިގެން ދޯންޏަށް ނެގުމުގެ ކުރިން މަހުގެ އެއްބައި އޮންނަނީ ކާލައިފަ އެވެ. އެން ދަމަން ނުވަތަ، ފާނަ ބާނަން ފައިބައިގެން އުޅޭއިރު މަސްވެރިންނަށް މިޔަރުގެ ހަމަލާއެއް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މުހައްމަދު ޒައިދާންގެ ޖަނާޒާ، އޭނާގެ އުފަން ރަށް ރ. އުނގޫފާރުގައި ރަސްމީކޮށް އިއްޔެ ކުރިއަށް ދަނީ (ފޮޓޯ/ އެމްއެންޑީއެފް)

"މަސްވެރިން އެބަ ބުނޭ މިހާރު ބިރުގަނެޔޭ އެން ދަމަން ފައިބަން ވެސް. މިޔަރުގެ އުނދަގޫ އެހާ ބޮޑަށް ޖެހިފައި އޮތީ،" ބޮޑުކަންނެލި މަސްވެރި ޔޫނިއަންގެ ރައީސް ހުސެން ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޔަރުގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ހާއްސަކޮށް ފަރުތައް ކައިރިން އަތޮޅުތެރެއިން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާއިރު މިޔަރުގެ އުނދަގޫ ބޮޑު ކަމަށްވެ އެވެ.

"ބޭރު [އަތޮޅުން ބޭރު] ކަނޑުތެރެއިން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާއިރު މިޔަރުގެ އުނދަގުލެއް ނުޖެހޭ ކަމަށް މަސްވެރިން ބުނަނީ. އެކަމަކު އަތޮޅުތެރެއިން ބާނާއިރު މަހުގެ އެއްބައި އޮންނަނީ މިޔަރު ކާލާފައި،" އޭނާ ވިދާޅުވި އެވެ.

އެކަމަށް އޮތް ހައްލެއް ކަމަށް ނަޝީދު ގަބޫލުކުރައްވަނީ ރާއްޖޭގެ ކަނޑުތަކުން މިޔަރު މަދުކުރުމެވެ. އެގޮތުން މިޔަރު ބާނަން ހުއްދަދީ އޭގެ ވިޔަފާރި އަލުން ހުޅުވާލުމުން އެ އުނދަގުލުން ސަލާމަތްވެ އިތުުރު އާމްދަނީއެއް ވެސް މަސްވެރިންނަށް ލިބޭނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ. 

"މީހެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔައިމަ އެބަ ޖެހޭ އެކްޝަނެއް ނަގަން. މިޔަރު ބޭނޭނެ ނުވަތަ މިޔަރު ގަނެވިއްކޭނެ ގޮތެއް ހޯދަން އެބަ ޖެހޭ. މިސާލަކަށް ލޭނު އަޅައިގެން މިޔަރު ބާނަން ހުއްދަ ދިނުން. އެކަމަކު އެފަދަ ކަމަކަށް ހުއްދަ ދޭން ވާނީ ވަރަށް ޒިންމާދާރުކަމާ އެކު ވަރަށް ބޮޑަށް ރޭވިގެން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ޑައިވަރުން ބުނަނީ މިޔަރު ބާނައިގެން ނުވަތަ އެހެން ވެސް ގޮތަކުން މިޔަރު މެރުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ.  ތަޖުރިބާކާރު ޑައިވަރު އިސްމާއިލް މާހިރު (މާރިއޯ) ބުނި ގޮތުގައި މިޔަރު މެރުން ފަދަ ކަންކަމުން ފަތުރުވެރިކަމުގެ އިތުުރުން މަސްވެރިކަމަށް ވެސް އޭގެ ނުބައި އަސަރުކުރާނެ އެވެ.

މިޔަރުގެ އާބާދީ އިތުރެއް ނުވޭ

ރާއްޖޭގެ 18 އަތޮޅެއްގައި ޑައިވްކޮށްފައިވާ މާހިރު ވެސް ބުނީ މިޔަރު ހިމާޔަތްކޮށްފައި އޮތަސް އޭގެ އާބާދީއަށް ބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

"އަޅުގަނޑަކީ [1998އިން ފެށިގެން] ޑައިވަރެއް. އޭރާއި މިހާރާ އަޅާބަލާއިރު މިޔަރުގެ އާބާދީއަކަށް ބޮޑު ތަފާތެއް އައިސްފައެއް ނެތް. އެކަހަލަ ކަމެއް ފާހަގަވެފައެއް ވެސް ނެތް،" މާހިރު ބުންޏެވެ.

ރާއްޖޭގައި މިޔަރަކީ އާންމު އެއްޗެއް. ޓޫރިޒަމްގެ ވެސް މުހިންމު ބައެއް (ފޮޓޯ/ ކަނޑިއަޑި)

އޭނާގެ އެ ވާހަކައަށް ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާކޮށް މައުލޫމާތު އެއްކުރުމުގެ ގައުމީ ޒިންމާ ނަގާ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވެސް ތާއީދުކުރެ އެވެ. އެތަނުގެ ޑިރެކްޓަ ޖެނެރަލް ޝާފިއާ ނައީމް ވިދާޅުވީ މިޔަރުގެ އާބާދީ ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ. މިޔަރުގެ އާބާދީ އިތުރުވޭތޯ ބަލަން ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދާ ފަދަ ދިރާސާތައް ރާއްޖޭގައި ވެސް ހަދާފައި ހުރިއިރު އެއިން އެއްވެސް ދިރާސާއަކުން މިޔަރުގެ އާބާދީ އިތުރުވަ ކަމަށް ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

Poll image

ރާއްޖޭގައި މިޔަރުގެ ހަމަލާތައް ގިނަވަނީ

Thank you for voting Poll closes on 06 Jun 2024 12:00 PM Final Results

ޝާފިއާ ވިދާޅުވީ ޑައިވަރުން މޫދަށް ފައިބައިގެން ހަދާ ރިސާޗުތަކާއި ޑައިވަރުން މޫދަށް ނުފައިބާ ކެމެރާ ބޭނުންކޮށްގެން ހަދާ ދިރާސާތަކެއް ވެސް ފުރިހަމަކޮށްފައި ހުރި ކަމަށެވެ.

"ނެޗުރަލީ އޭގެ އާބާދީ އިތުުރުވާނެ ކޮންމެވެސް ވަރަކަށް. މިޔަރުގެ އާބާދީ ގިނަ ނުވިޔަސް އެއްތަނަކަށް އަބަދު އޭގެ ކާނާ އަޅަންޏާ އެތަނަކަށް މިޔަރު ޖަމާވާލެއް ގިނަ ވާނެ. އެހެންވީމާ ވިޝުއަލީ ފެންނަ މިންވަރު އިތުުރުވެދާނެ،" ޝާފިއާ ވިދާޅުވި އެވެ.

މިޔަރު ހިމާޔަތްކޮށް އޭގެ މަސްވެރިކަން ކުރުން ރާއްޖޭގައި މަނާކުރީ މީގެ 15 އަހަރު ކުރިންނެވެ. ނަމަވެސް އެ މުއްދަތުގައި މިޔަރުގެ އާބާދީ ބޮޑު ތަނުން އިތުރުވެފައި އޮތް ކަމަކަށް ދިރާސާތަކަށް ފާހަގައެއް ނުކުރެވެ އެވެ.

"މިޔަރަކީ ވަރަށް ގިނަ ދުވަހުން ބޮޑުވެ، ވަރަށް ގިނަ ދުވަސް ފަހުން ވިހާ އެއްޗެއް،" ޝާފިއާ ވިދާޅުވި އެވެ.

މިޔަރުގެ އާބާދީ އިތުރުވޭތޯ ބަލަން މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ދިރާސާތައް ހަދާފައި (ފޮޓޯ/ ކަނޑިއަޑި)

ހުއްޓާލަންވީ މިޔަރަށް ކާންދިނުން

މިޔަރަކީ އޭގެ ޒާތުގައި އިންސާނުންނަށް ހަމަލާދޭން ބޭނުންވާ އެއްޗެއް ނޫނެވެ. ނަމަވެސް މުނިފޫހިފިލުވަން މިޔަރަށް ކާން ދިނުން ރާއްޖޭގައި މިހާރު ބޮޑެވެ. އޭގެ ސަބަބުން މިޔަރުގެ ތޮބީއަތަށް ބޮޑެތި ބަދަލުތައް އަންނަ ކަން ޝާފިއާ އާއި ޑައިވަރުން ވެސް ފާހަގަކުރެ އެވެ.

"މިޔަރަށް ކާންދިނުން ހުއްޓަންވީ. އެއީ ވަރަށް ރިސްކީ ކަމެއް. އެޔަށް ކާންދިނުމުގެ ސަބަބުން ގިނަ އިންސިޑެންޓްތައް ހިނގަނީ،" ފުވައްމުލަކުގައި ޑައިވިން ސްކޫލެއް ހިންގަމުން އަންނަ ތަޖުރިބާކާރު ޑައިވަރު ޒަފަރު އަލީ ބުންޏެވެ.

"ޑައިވަރުން ޓޫރިސްޓުން ގޮވައިގެން ދާއިރު މިދަނީ ފިލިކުރަން ބޯ ކަހަލަ އެއްޗެހި ހިފައިގެން. ގެންގޮސް ގިނަ ފަހަރަށް އެ މިލަނީ ގަލެއް ދަށަށް. އޭގެ ވަހަށް މިޔަރުތައް އައިސް އެ ހޯދަން މުޅި ތަނުގައި އުޅޭނެ. އޭތި ނުފެނުނީމާ ރުޅި ވެސް ގަދަވާނެ. އެގޮތަށް ބައިގަޑިއެއްހާއިރު އެ ޝޯއެއް ކުރިއަށް ގެންގޮސް އެނބުރި ދާންވީމާ ގާ ހިއްލާފައި ބޯ މިދެނީ،" މިޔަރު ހަމަލާތައް ކުރިމަތިވާ ބައެއް ސަބަބުތައް ކިޔައިދެމުން ޒަފަރު ބުންޏެވެ.

އިތުރު ސަބަބެއް ކަމަށް އޭނާ ބުނީ އެގޮތަށް ގެންދާ ތަކެތި ނުފޮރުވާ އަތުގައި ބަހައްޓައިގެން މޫދުގައި އުޅުމުން އެ ހޯދަން މިޔަރު ކުރާ މަސައްކަތެވެ.

ޝާފިއާ ވެސް ފާހަގަކުރެއްވީ ހަަމަ އެ ސަބަބުތަކެވެ.

"މިޔަރަކީ ހަމަލާ ދިނުމުގެ ޕޮޓެންޝަލް ހުރި އެއްޗެއް. އެހެންވީމާ މިޔަރުގެ ހަމަލާއެއް ލިބުމަކީ އެކަށީގެންވާ ކަމެއް. މިސާލަކަށް ފާނަ މަސްވެރިކަން ކުރާއިރު ވެސް އެން ހިފައިގެން މަސްވެރިން ފައިބައިގެން އުޅޭނީ. މިޔަރު ބޭނުންވާނީ ފަސޭހައިން ކާނާ އަތުޖައްސަން. އެހެންވީމާ އެ ގަޑީގައި އެޓޭކްކޮށްފާނެ،" ޝާފިއާ ވިދާޅުވި އެވެ.

އެހެންވެ އޭނާ އެދިވަޑައިގަންނަވަނީ މިޔަރުގެ ތޮބީއަތަށް ބަދަލު ނާންނާނެ ގޮތަށް ޑައިވަރުންނާއި މަސްވެރިން އަދި އާންމުން ވެސް އުޅުމަށެވެ. 

މިޔަރުން ލިބިދާނެ ހަމަލާއަކުން ސަލާމަތްވާނެ ޒަމާނީ ގޮތްތައް އެބަ ހުއްޓެވެ. މިސާލަކަށް ޝާކް އެވޮއިޑެންސް މެގްނެޓް އެވެ. ނަމަވެސް ޝާފިއާ ވިދާޅުވީ އެ ބޭނުންކުރަން ފެށުމުގެ ކުރިން ހަދަން ޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހޭލުންތެރިކަމަކީ ވެސް މިޔަރުގެ ނުރައްކަލުން ސަލާމަތްވުމުގެ ބައެކެވެ. މަސްވެރިކަމަށް މޫދަށް އެރިއުޅޭއިރު ނުވަތަ އެހެން ކަމެއްގައި މޫދުގައި އުޅޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަސްކުރަން ޖެހެ އެވެ. ޑައިވަރުން ބުނަނީ މިޔަރުގެ މިޒާޖަށް އަންނަ ބަދަލުތައް އެނގި ހަމަލާއަކުން ދުރުވެވޭނެ އުކުޅުތައް ހުންނަ ކަމަށެވެ. އާންމުންނަށް ދަސްކޮށްދޭން ޖެހެނީ އެ ކަންކަމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް