ހުޅުމާލެ ދެވަނަ ފިޔަވަހި، ތޮއްޖެހުން ބޮޑު މާލެއަކަށް؟ (ދައުރު ގްރެފިކްސް)
ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ނޭވާ ހާސްކޮށްލަނީ؛ މި ފައްކާވަނީ މާލެއެއްތަ؟
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކު އެއް ސަރަހައްދަކަށް އާބާދު ކުރި މަޝްރޫއެވެ. މިހާރު ވެސް އެތަނުގައި އިމާރާތަކަށް ފަހު އިމާރާތެއް ދަނީ މައްޗަށް އަރަމުންނެވެ. އެކި ސަރުކާރުތަކުން ވެފައިވާ ބޮޑެތި ވައުދުތަކުގައި އެކި ރައީސުންނާއި ލީޑަރުންގެ ތަސައްވުރުތަކުން ކުލަ ޖައްސަމުންނެވެ.
ނަމަވެސް އެތަނުގައި އަދިވެސް އަސާސީ ގިނަ ހިދުމަތްތަކެއް ފަސޭހައިން ލިބޭކަށް ނެތެވެ. ޕާކިން ޒޯނުތައް ފުރިގެން މިހާރު ވެސް މަގުމަތީގައި ވެހިކަލް ޕާކުކުރުން އާންމު ވެއްޖެ އެވެ. އުފައްދާހާ ކުނި މެނޭޖު ކުރުމުގައި ވެސް ދަތިތައް ކުރިމަތިވެ، ގޮނޑުކަން ބޮޑެވެ. ރައްކާތެރިކަން ކުޑަ އެވެ. މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމާއި ރަހީނު ކުރުން ފަދަ ބޮޑެތި އިޖުތިމާއީ މައްސަލަތައް ދުވަހުން ދުވަހަކަށް ވަނީ އިތުރެވެ.
ފެހިކަމެއް ނެތެވެ. ވައި ދައުރުވާނެ ގޮތެއް ނެތެވެ. ހިތްހަމަ ޖައްސާލަން ނުކުމެ ތިބޭނެ ހިތްގައިމު ތަންކޮޅެއް މަދެވެ. ބީޗު ފްރަންޓުގައި ހިންގަމުންދާ ގާޑިޔާތަކާއި ހަޓުތައް ރެގިއުލޭޓެއް ނުކުރެވެ އެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ކްލިނިކްތައް ވެސް ހިންގަން ޖެހިފައިވަނީ ހިޔާ ފްލެޓްގެ ކުދި ކުދި އެޕާޓުމަންޓްތަކުގަ އެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓުތަކެވެ. ކުރެވެނީ ހަ ފަރާތުން ފިތިފައިވާ ކަމުގެ އިހުސާސް އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްގީގެ މިސްރާބު ހުރިގޮތުން، އެތަނުގައި ދެވަނަ މާލެއެއްގެ ސިފަތައް ޖެހެމުންދާ ކަމަށް މިހާރު ވެސް ހީވާން ފަށައިފި އެވެ. ރާއްޖޭގައި ޒަމާނުއްސުރެ އޮތް މަރުކަޒީ ކުރުމުގެ ސަގާފަތް ދަމަހައްޓާ، ތޮއްޖެހުމަށް މަގުފަހިވާ ގޮތަށް ތަރައްގީ ކޮށްފި ނަމަ، ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ދެވަނަ ފިޔަވަހި ވެސް ބައިބޯ، ކާރުބާރު ބޮޑު، ހަމަޖެހުމެއް ނެތް، ހައްދުންނައްޓާފައިވާ ހާސްކަމުގެ ހާއްޔަކަށް ވެދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފި އެވެ.
ތަޖުރިބާ ކުރެވިއްޖެ، އެކަމަކު އޭގެ ބޭނުމެއް ނުހިފުނު
ހުޅުމާލެ ހިއްކާ އާބާދު ކުރުމުގެ މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ބޮޑުވެ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި އެހާތަނަށް ހިންގެވި އެންމެ ބޮޑު މަޝްރޫއު އެވެ. އެ މަޝްރޫއުއަށް ހާއްސަކޮށް އޭރުގެ ސަރުކާރުން އުފެއްދި ހައުސިން ޑިވެލޮޕްމަންޓް ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލް މައުރޫފް ޖަމީލް ގަބޫލުކުރައްވާ ގޮތުގައި، މާލެއަށް ވީގޮތް ދެވަނަ ފިޔަވައްސަށް "ވެގެން ނުވާނެ" އެވެ.
"މިހާރު އެހެރީ ތަޖުރިބާ ކުރެވިފައި. ފުރަތަމަ އޮތީ މާލެ. މާލެ ހިއްކައިގެން މާލެއަށް ވީގޮތް ވެސްް އަޅުގަނޑުމެންނަަށް ވަނީ ތަޖުރިބާ ކުރެވިފައި. ހުޅުމާލެ ފޭސް 1 ވެސް އެއީ ތަޖުރިބާއެއް. ހުޅުމާލެ ފޭސް 2 ވެސް އެއީ ތަޖުރިބާ އެއް،" އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، މުސްތަގުބަލުގައި އާބަން ޕްލޭނިންގެ ރޮނގުން ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ އެ ތަޖުރިބާތަކުގެ އަލީގަ އެވެ. އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގައި މީގެ ކުރިން ހެދިފައި ހުރި ގޯސްތައް ތަކުރާރުވެގެން ނުވާނެ އެވެ. އޭރުން، އިތުރު މާލެއެއް ނުއުފެދޭނެ އެވެ.
"ތަޖުރިބާކާރުން އަސްލު ގޮތް ކިޔަންޖެހޭ ކަމެއް މި ކަމަކީ [އާބަން ޕްލޭނިން އަކީ]. އެކަމަކު ތަޖުރިބާކާރުން ނޫން ބަޔަކު އެފަދަ ކަންކަމުގައި ގޮތް ނިންމަންވީމަ މި މައްސަލަ ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ދަނީ ދައުރަކަށް ވުރެ ދައުރެއް ސަރުކާރުގެ މަތި ބަރުވަމުންނެވެ. ގާބިލް މީހުންގެ ބަދަލުގައި ބޮޑެތި މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އިސްކުރެވެމުންނެވެ. ނަތީޖާ އަކީ، ދުރު ރާސްތާއަށް ވިސްނައިގެން ހެޔޮ ނަތީޖާއެއް ނުކުންނާނެ ފަދަ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ރިޔާސީ އިންތިހާބަށް ވީހާވެސް ގިނަ ވޯޓު ހޯދުމުގެ ނިޔަތުގައި ސިޔާސަތުތައް ބައްޓަން ކުރުމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ލައިނުގަނެގެން ހިންގި ބިންވެރިޔާ ސްކީމަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި، މިކަމުގެ ސާފު މިސާލެކެވެ. ވޯޓުގެ ބޭނުމުގައި އަވަސް އަރުވާލައިގެން މާލޭ ރައްޔިތުންނަށް ބިންތައް ބަހާލާފައި ވަނީ މާބޮޑު ރޭވުންތެރިކަމެއް ނެތި އެވެ. އޮތްހާ ހިކިފަސްތަނަކުންނާއި ނުހިއްކާ ފަޅުތަކުންނެވެ.
މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަހަރު ކުރީކޮޅު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ސިފަކުރެއްވި ގޮތުގައި، އެ ގޯތިތައް އޮތީ 'ފޮތި ފޮތި ޖަހާލާފަ' އެވެ. ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ ހިތްފަސޭހަ މާހައުލެއް ގާއިމްކުރެވޭ ގޮތަށް އެތަން ތަރައްގީ ކުރެވޭ ފަދަ ޖާގައެއް ނެތެވެ. ރަސްމާލެ ކޮންމެހެން ހިއްކަން ޖެހޭ އެއް ސަބަބަކަށް ވެސް މި ސަރުކާރުން ދައްކަނީ އެއަށްވުރެ ރަނގަޅު، ތޮއްޖެހުންކުޑަ، ހިތްފަސޭހަ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.
ނަމަވެސް، އެކަން ކުރެވޭނީ ހެޔޮ ނިޔަތެއްގައި، ރައްޔިތުންނަށްް އެންމެ ފައިދާ ބޮޑު ގޮތަށް ކަމުގެ މާހިރުންގެ ލަފާގެ މަތިން ގޮތް ނިންމައިގެންނެވެ.
ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް...
މާލެ ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ސިޓީތަކުގެ ތެރެއިން އެންމެ ދިރިއުޅުމުގެ ފެންވަރު ރަނގަޅީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށްް ހަދާފައިވާ 'ސެންޓްރަލް ޕާކު'ގެ ވަށައިގެން ތަރައްގީ ކޮށްފައިވާ މި ފިޔަވަހީގައި އުސް އިމާރާތްތައް ފުދޭވަރަކަށް މިހާރު އޮތް ނަމަވެސް، ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ގިނައިން އަޅާފައިވަނީ ލޯ-ރައިޒް ފްލެޓެވެ. އެހެންކަމުން މާލެ އާއި ހުޅުމާލޭގޭ ދެވަނަ ފިޔަވައްސާ އަޅާ ބަލާއިރު ހިތް ފަސޭހަ އެވެ.
ހޮސްޕިޓަލާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހިމެނޭހެން މައި މަގެއް ކަނޑައަޅާފައިވެ އެވެ. 'ނެއިބާހުޑް ކޮންސެޕްޓް'އަކަށް ފަރުމާ ކުރެވިފައިވާ މި ފިޔަވަހި ތަރައްގީ ކޮށްފައިވަނީ މާދުރަށް ހިނގަން ނުޖެހި އަސާސީ ހިދުމަތްތައް ލިބިގަނެވޭ ގޮތަށެވެ. މަގުތައް އެކަށީގެންވާ ވަރަށް ފުޅާވެފައި ދުވާރުތައް މައި މަގާ ވަކިކުރެވިފައިވާތީ ހިނގާބިނގާވެ އުޅެން ފަސޭހަ އެވެ. މަގުގެ ދެފަރާތުގައި ގަސް ހައްދާފައި ވާތީ ހިތަށް ވެސް ފަސޭހަ އެވެ.
އަޅާކިޔާނަމަ ދެވަނަ ފިޔަވަހި މިހާރު ވެސް އޮތީ ފެއިލްވެފައޭ ބުނެވިދާނެ އެވެ. ހޮސްޕިޓަލެއް ނެތެވެ. ފިހާރަތަކާއި މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކެއް ނެތެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާ ގިނަ އެވެ. 70،000 އަށް ވުރެ ބޮޑު އާބާދީއަކަށް އެންމެ އަސާސީ ހިދުމަތްތައް ލިބެން ނެތް އިރު، ބިން ދޫކޮށްފައިވަނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިންތިޒާމުތައް ގާއިމް ކުރުމަށް ހުރަސް އެޅޭ ގޮތަށެވެ.
އެޗްޑީސީން 2022ގައި ނެރެފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން:
-
އެއަހަރު ހުޅުމާލޭގެ ޖުމްލަ އާބާދީ އަކީ ގާތްގަނޑަކަށް 92،000
-
ސަރުކާރުން އޭރު އަމާޒު ހިފާފައިވަނީ ހުޅުމާލޭގެ ޖުމްލަ އާބާދީ 230،000އަށް އިތުރުކުރަން
-
އެއީ ފޭސް 1ގައި 87،000 އެއްހާ މީހުން އަދި ފޭސް 2ގައި 143،000 އެއްހާ މީހުން ދިރިއުޅޭ ގޮތަށް
މުޅި ރާއްޖޭގެ އާބާދީގެ %30 އާ ގާތްކުރާ އަދަދެއްގެ މީހުން ދެވަނަ ފިޔަވަހީގައި އާބާދުކުރަން ސަރުކާރުން އަމާޒު ހިފާފައި ވާއިރު، އެއް ސަރަހައްދަކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާކުރުމުން ނުކުންނަ ހިތި ނަތީޖާ އަހަރެމެންނަށް މާލެއިން ފެނިއްޖެ އެވެ. މާލޭގެ މައްސަލަތައް އިތުރުވަމުން ގޮސް މިހާރު އެވަނީ ކޮޅުންނުލާ ވަރުވެފަ އެވެ. މިތާ ދިރިއުޅޭ މީހުން ވެސް ތިބެނީ އެއްގޯސްވެފަ އެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހި އޮތީ ޕްލޭން ކުރުމާއި ޑިޒައިން ކުރުން ގޯސްވެގެން ހަލާކުވެފައި. އިންތިހާއަށް ބައިބޯ އާބާދީއަކަށް ތަރައްގީ ކުރި ތަނަކާ ބަލާފައި މަގުތަކުގެ ފުޅާމިނާއި އެކްސެސް އެކަށީގެނެއް ނުވޭ. މީގެ އިތުރުން ޕާކު ކުރާނެ ޖާގައެއް ނެތް. އަދި އެޗްްޑީސީގެ ދޯދިޔާ ހިދުމަތްތަކުގެ ސަބަބުން އެންމެ އަސާސީ އިންފްރާސްޓްރަކްޗާ ވެސް ފުރިހަމަ ކުރެވިފައެއް ނުވޭ،" މިއީ 'އެކްސް'ގައި ދިވެއްސަކު ފާހަގަކުރެއްވި ހިޔާލެކެވެ.
ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރު އަދި އެކި ރޮނގުރޮނގުން އިލްމީ މަޒުމޫނު ލިޔުއްވާ ހަސަން ހަމީދު ވެސް ގަބޫލުކުރައްވަނީ، "ދެވަނަ ފިޔަވަހީގައި ޖެހެމުންދަނީ މާލޭގެ މަގުތަކުގެ ފާސިދު ސިފަތައް" ކަމަށެވެ.
އެގޮތުން، 'ރާއްޖޭގެ ބިނާވެށި ފަރުމާކުރުމުގައި ވިސްނަންވީ ކަންތައްތަކަކީ ކޮބައިތޯއެވެ؟'، މި ސުރުހީގެ ދަށުން އޭނާ ލިޔުއްވާފައިވާ މަޒުމޫނެއްގައި ހަމައެއް ލަމައެއް ނެތި ގޯތި ދިނުމުން ނުވަތަ އެޕާޓްމަންޓް ކޮމްޕްލެކްސްތައް އިމާރާތްކުރުމުން ކުރިމަތިވާ މައްސަލަތަކަށް އޭނާ އަލިއަޅުވާލައްވާފައިވެ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
-
ބަލައިލަން އަދި ދިރިއުޅެން ވެސް ހިތްގައިމު ތަނަކަށް ނުވުން
-
ގަސްފަނގާއި ޗަމަންތަކާއި ސާފުތާހިރުކަން ނެތުން
-
ރައްކާތެރިކަން ނެތުން
-
ކުށްކުރުން ގިނަވުން
-
ހިނގާބިނގާވެ އުޅެން ދަތިވުން
-
ތައުލީމާއި ސިއްހީ ފަރުވާދޭ ތަންތަނާއި މުނިފޫހީގެ މާލަންތަކާއި ފިހާރަތަކާއި ސައިހޮޓާ ފަދަ ތަންތަން ދުރުގައި ހުރުން
"ބިނާވެށި ފަރުމާކުރުމުގެ ހަމަތަކާ ތަފާތުކޮށް ބިނާކުރަމުންދާ މި ބައިން [ހުޅުމާލޭގެ ދެވަނަ ފިޔަވަހިން] އެންމެ ބޮޑަށް ފާހަގަކުރެވެނީ 25 ބުރިއަށް ނަގާފައިވާ ދެ ކޮޓަރި ހުންނަ ފުލެޓް އިމާރާތްތަކެވެ. ބިނާވެއްޓާ މެދު ފާޑުވިދާޅުވާ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް މިފަދަ އިމާރާތްތައް ސިފަކުރައްވަނީ ފަގީރުންނާއި މުސްކުޅީން ގުދަންކުރާ ކޮށިތަކެއްގެ ގޮތުގަ އެވެ،" ހަސަން ހަމީދު ލިޔުއްވާފައިވެ އެވެ.
ދިރިއުޅެން ކަމުދާވަރު ކުރެވޭނީ ކިހިނެއް؟
ބޭރުގެ ތަޖުރިބާކާރުންގެ ހޯދުންތަކާއި، ދުނިޔޭގެ ސަރަހައްދުތަކުން މިސާލު ނަންގަވައި، ރާއްޖޭގައި ވެސް މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކަށް ބެއްލެވުމަށްފަހު ހަސަން ހަމީދު ހުށަހަޅުއްވަނީ، ބިން ބޭނުންކުރާނެ ގޮތް ރޭވުމުގައި މައިގަނޑު 10 ކަމަކަށް ވިސްނުމަށެވެ. އެއީ:
-
1-
ބައެއް މަގުތައް ގިބުލައަށް ހުރެފައި، އަނެއްބައި އަދި ގިނަ މަގުތައް ގިބުލައާ ވަޑިފަތިކޮށް ހުރުން؛ ރާއްޖެ އޮންނަ ހިސާބުގެ ގޮތުން މިހެން ހެދުމުން ރަށް ފިނިވާނެ
-
2-
މަގުތަކުގައި ދުވާރު ހަދާނަމަ، އެންމެ ހަނިވެގެން ފަސް ފޫޓު ބެހެއްޓުން އަދި ބޮޑެތި މަގުތަކުގެ ދުވާރު އެއަށްވުރެ ވެސް ފުޅާކުރުން؛ މަގުތަކަށް ހިޔާވާނެ ގަސްތައް ހެއްދުމުން ރަށް ފިނިވާނެ
-
3-
އިމާރާތްކުރާއިރު އެއްވެސް ގެއަކުން އެންމެ އިންޗިއެއް ވެސް، މަގުމައްޗަށް ދާއިމަށް ހުންނަގޮތަށް ނުހެދުން
-
4-
ހުރިހާ ރަށެއްގައި ވެސް އިމާރާތްކުރެވޭނޭ އެންމެ އުސްމިން ކަނޑައެޅިފައި އޮތުން؛ މިސާލަކަށް، އެ މިނަކީ މަގުގެ ފުޅާމިނުގެ އުސްވެގެން ހަތަރު ގުނަ ކަމަށް ކަނޑައެޅިދާނެ، އަދި އެއަށްވުރެ އުސްކޮށް އިމާރާތް ކުރާ ނަމަ އުޑު ނުބެދޭ ގޮތަށް މަތީ ފަންގިފިލާތަށް އެތެރެއަށް ޖައްސަން ޖެހޭ ގޮތް ހެދިދާނެ
-
5-
ރަށެއްގެ މަގުތަކުގެ ފުޅާމިން ހުންނަންވާނީ ކުރިން ކަނޑައެޅިފައި؛ އެއްވެސް މަގެއް 13 ފޫޓަށް ވުރެ ހަނިވެގެން ނުވާނެ
-
6-
ކޮންމެ ރަށެއްގައި ވަށައިގެން އޮންނަ ބުރު މަގުގެ ބޭރުން އެއްވެސް ދާއިމީ އިމާރާތެއް ނުކުރުން؛ ވަށައިގެން އޮންނަ މަގުގެ ފުޅާމިނުގައި މަދުވެގެން 50 ފޫޓު ހުންނަން ވާނެ
-
7-
ރަށް ފިނިކޮށް ހިތްފަސޭހަ ކުރުމަށްޓަކައި ފުޅާމަގުތަކުގެ މެދުގައި، ބޮޑެތި ގަސް ޖެހުން
-
8-
ސިޓީގެ ގޮތަށް ބައިބޯކޮށް ބިނާކުރާ ހިސާބުތަކުގެ އެއްކޮށްޓެއްގައި ހެދޭ ގެތަކެއްގެ މޫނުމަތި އެއްގޮތް ކުރުން؛ އޭރުން ބަލައިލަން ރީތިވާނެ
-
9-
އެ ގެއެއްގައި ބޭނުންކުރާ ސައިކަލާއި ކާރު ފަދަ ވެހިކަލްތައް އެ ގެއެއްގެ އިމުގެ އެތެރޭގައި ޕާކު ކުރެވޭ ގޮތަށް ހުރިހާ ގެއެއް ފަރުމާކުރުން
-
10-
ސަރަހައްދެއް އާބާދުކުރާއިރު، އަސާސީ ހިދުމަތްތަކަށް ޖާގަ ކަޑައެޅުން
ޔަގީނުން ވެސް ދުރު ރާސްތާއަށް ވިސްނައިގެން ރައްޔިތުންނަށް ހެވާ ލާބަ ލިބޭ ގޮތަށް ތަރައްގީގެ ބޮޑެތި މަޝްރޫއު ހިންގޭނެ ވަރުގެ ގާބިލް، އިލްމީ ސިކުނޑިތަކެއް މިގައުމުގައި ވެ އެވެ. މިފަދަ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު، ކުރިއަށް ހުރި ނިންމުންތައް ނިންމައިފި ނަމަ އިތުރަށް ގޯސްވުން ހުއްޓުވިދާނެ އެވެ.
އެއާ ހިލާފަށް ގާބިލް ބޭފުޅުންގެ މައްޗަށް ސިޔާސީ ވެރިންގެ ނުފޫޒު މަތިކުރެވޭ ނަމަ ކުރިއަށް އޮތްތަނުގައި ވެސް ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ. އެފަދަ މިސާލުތައް މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން އެބަހުއްޓެވެ. ދެެތިން ދަހަރު ފާއިތުވެ ދިޔައިރު، ކޮންމެ ވެރިކަމެއްގައި ވެސް 'އެންމެ އިސްކަމެއް ދީގެން' ހައްލުކުރަން އުޅޭ ބޯހިޔާވަހިކަމުގެ މައްސަލަ އަދިވެސް އޮތްތަނުގައި އޮތީ އިހުލާސްތެރި ނިޔަތެއްގައި އެ މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރެވޭތީ އެވެ.
ކޮމެންޓް (5)
ބަރުޖޯރު
އަޙްމަދު ޢަލީ
ޮކޮބާ؟
ޑިއަރ
މައި ޑިއަރ