ރާއްޖޭގައި ބޭއްވި މެޑިކަލް ކޭމްޕެއްގެ ތެރެއިން. (ފޮޓޯ/ ކުޅުދުއްފުށީ ހޮސްޕިޓަލް)

ސިއްހަތު

ސިއްހީ ދާއިރާގެ ކުރިއެރުން އިދާރީ ހުސްކަމެއްގައި ތާށިވެފައި؟

ދިވެހިންގެ ތެރޭގައި އާއްމު ބޮޑެތި ގިނަ ބަލިތަކަކަށް ކޮންމެހެން ބޭނުންވާ ގިނަ ފަރުވާތައް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭ. އެފަދަ ފަރުވާތައް ދިނުމުގެ އުސޫލުތަކާއި ގަވާއިދުތައް ހަދާފައި ނެތުމަކީ އާ ހިދުމަތްތައް ތައާރަފުކުރުމަށް އޮތް ބޮޑު ހުރަހެއް.

ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅިގެން އާއްމުން ކުރާ ޝަކުވާތަކަށް ލުޔެއް ނުލިބެ އެވެ. މުޅި ނިޒާމު އެކަށީގެންވާ ވަރަށް ކުރިނާރާކަމުގެ ޝަކުވާ އެވެ. އާއްމުވެފައިވާ ބޮޑެތި ބަލިތަކަށް ބޭނުންވާ އެކަށީގެންވާ ފަރުވާ އަދިވެސް ލިބެން ނެތުމާއި ސިއްހީ ކަންކަމުގައި ގިނަގިނައިން ރާއްޖެއިން ބޭރަށް ދާން ޖެހުމުގެ ޝަކުވާ އެވެ. ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ނުވުމާއި ހިދުމަތް ހޯދުމުގައި ފަސޭހައެއް ނުވާކަމުގެ ޝަކުވާ އެވެ. މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމުގެ ޝަކުވާ އެވެ.

އަދިވެސް ބޮޑެތި ގިނަ ބަލިތަކަކަށް ބޭނުންވާ ފަރުވާ ރާއްޖޭގައި އެއްވެސް ވަރަކަށް ނުލިބެ އެވެ. އެ ފަރުވާތައް ހޯދަން ރާއްޖޭގެ ގިނަ ބަޔަކު ދަތުރުކުރަނީ ރާއްޖެއިން ބޭރަށެވެ. އަވަށްޓެރި އިންޑިއާ ނުވަތަ ސްރީ ލަންކާ އަށެވެ. ނޫނިއްޔާ އެއަށްވުރެ ދުރަށެވެ. އެތައް ހަރަދެއް ކޮށް، އެތައް ބުރައެއް އުފުލައިގެންނެވެ. އެފަދަ ދަތުރުތަކަށް އާސަންދައިން ކުރާ ހޭދަ ވެސް ބޮޑެވެ.

ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުން މަދުކުރެވޭނެ ފެންވަރު ހަމަ ރާއްޖޭގައި ނެތީ ހެއްޔެވެ؟ ނުވަތަ ނިޒާމު ހަރުދަނާކޮށް، އިތުރަށް ކުރިއަރުވަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެނީ ހެއްޔެވެ؟

'ގާބިލުކަން އެބަހުރި، ނެތީ ގާނޫނާއި ގަވާއިދު'

ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރެއިން ރާއްޖޭގައި ފަހަކަށް އައިސް ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާ ހިދުމަތްތައް ތައާރަފުކުރުމަށް ގާނޫނީ ގޮތުންނާއި އިދާރީގޮތުން ހުރި ހުރަސްތަކެވެ.

ރާއްޖޭގައި އާ ހިދުމަތްތައް ތައާރަފު ކުރެވޭނެ ފެންވަރު ހުރި ނަމަވެސް، ބޮޑެތި ސިއްހީ ޕްރޮސީޖާތަކަކީ ވަރަށް ގިނަ ގޮތްގޮތުން ބަލައި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކުރަންޖެހޭ ކަންކަން ކަމަށް ވާތީ، އެކަންކަން ކުރެވޭނީ ވަކި ގާނޫނުތަކަކާއި ގަވައިދުތަކަށް ތަބާވާ ގޮތަށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. އެފަދަ ގިނަ ގާނޫނުތަކާއި ގަވައިދުތައް ރާއްޖޭގައި މިހާތަނަށް ވުޖޫދުކޮށްފައެއް ނުވެ އެވެ.

ހޮސްޕިޓަލްތަކުން އާ ހިދުމަތެއް ފަށަން ބޭނުންވާ ތަކެތި ހޯދާ، މީހުން ތަމްރީނުކޮށް، ހުރިހާ ތައްޔާރީއެއް ވިޔަސް، ގާނޫނީ ގޮތުން އާ ހިދުމަތްތައް ތައާރަފު ކުރުމަށް ބާރު ނުލިބޭތީ، ރާއްޖޭގައި އެކަން ފަށައިގަނެވޭކަށް ނެތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް. (ފޮޓޯ/ޓްރީ ޓޮޕް)
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އާ ހިދުމަތެއް ތައާރަފުކުރާ އިރު، އާދިލް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވަނީ އިޖުރާއަތްތައް ދިގުލައިގެން ދިޔުމެވެ. 'ބިއުރޯކްރެޓިކް' ކަންތައްތަކުން އަރައިގަންނަން އުނދަގޫވުމެވެ. އާ ހިދުމަތްތައް ދޭން ފަށަން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް އަހަރުތަކެއް ނެގުމެވެ.

އޭގެ އެއް މިސާލަކީ، މިދިޔަ އަހަރު ފަށައިގަނެ، ކާމިޔާބުކަމާ އެކު ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން މިހާރު ދެމުން އަންނަ އައިވީއެފްގެ ހިދުމަތެވެ. އާދިލް ގަބޫލުކުރައްވާ ގޮތުގައި އެއީ ވެސް މާ ކުރިއްސުރެ ރާއްޖެއިން ލިބެންޖެހޭ ހިދުމަތެކެވެ.

"އަޅުގަނޑުމެން މިކަން [އައިވީއެފް] ފަށަން ޕްލޭން ކުރި އިރު އެއްވެސް ގަވައިދެއް، ޕްރޮސެސްއެއް، ޑޮކްޓަރުންނާއި އެމްބްރޮޔޮލިސްޓުން ސެޓިފައި ކުރާނެ ގޮތެއް، ނުވަތަ އެ ބޭފުޅުންގެ ލައިސަންސް ހަމަޖައްސާނެ ގޮތެއް ވެސް، އެއްވެސް ކަމެއް ނެތް ހަގީގަތުގައި،" އާދިލް ވިދާޅުވި އެވެ.

އެހެންކަމުން، ސުމަކުން ފަށައިގެން ހުރިހާ ކަމެއް ކުރަން ޖެހުމުން އެ ހިދުމަތް ތައާރަފު ކުރަން ދިގު މުއްދަތެއް ހޭދަވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ޕްރޮގްރާމާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދިލް (މ) ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ޓްރީ ޓޮޕް)

'ކިޑްނީ ޓްރާންސްޕްލާންޓް ފަށަން ތައްޔާރު'

ކިޑްނީ ޓްްރާންސްޕްލާންޓް ނުވަތަ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަކީ ވެސް އައިވީއެފްގެ ހިދުމަތާ އެކު ޓްރީ ޓޮޕް އިން ތައާރަފުކުރަން މަސައްކަތް ކުރި ހިދުމަތެކެވެ. އެކަމަށް ވާންޖެހޭ ގިިނަ ތައްޔާރީތަކެއް މިހާރު ވެސް ހޮސްޕިޓަލުން ވަނީ ވެފަ އެވެ.

އާދިލް ވިދާޅުވިގޮތުގައި:

  • ޓްރީ ޓޮޕްގައި 26 ގައުމަކަށް ނިސްބަތްވާ ސިއްހީ މާހިރުން މިހާރު ވެސް މަސައްކަތް ކުރޭ؛ އޭގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކުގައި ޕްރޮފެސަރުކަން ކުރައްވާފައިވާ، ތައުލީމީ ގޮތުން ގާބިލު ތަޖުރިބާކާރުން ހިމެނޭ

  • ކިޑްނީ ޓްރާންސްޕްލާންޓްގެ ކަންކަމުގައި މެޑިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. މްލާޑިން ނޯޓެކްއަކީ ކްރޮއޭޝިއާގެ ސޮސައިޓީ އޮފް ނެފްރޮލޮޖީ، ޑަޔަލިސިސް އަދި ޓްރާންސްޕްލާންޓޭޝަންގެ ސީނިއާ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެއް

"އެ ބޭފުޅުން އަމިއްލައަށް އިސްނަގައިގެން ބުނެފި ތިމަންނަމެއް މި ތިބީ، ތިމަންނަމެންނަށް ލިބިފައި ހުރި އިލްމުން އަގަކާ ނުލާ ކޮށްދޭށޭ،" އާދިލް ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެ ބޭފުޅުންގެ އިލްމާއި ތަޖުރިބާގެ ބޭނުން ރާއްޖެއިން ކޮންމެހެން ހިފަން ޖެހެ އެވެ.

"އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްފައި އަދި ފަންނީ އެހީތެރިކަން ބޭނުންވެއްޖެއްޔާ އެ އެހީ ވެސް އަޅުގަނޑުމެންގެ ޓީމުން އޮތީ ހިލޭ ދޭން ތައްޔާރަށް."

ޓްރީ ޓޮޕް ހޮސްޕިޓަލް

އާދިލް ވިދާޅުވީ އައިވީއެފް އަށް ވުރެ ވެސް ކުރިން ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަން ސަރުކާރުގައި ޓްރީ ޓޮޕް އިން އެދިފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ފަރާތުން 2020 ވަނަ އަހަރު އެކަމަށް އެދުމާ އެކު، ކަމާބެހޭ ފަރާތްތަކާ އެކު ބައިވަރު ބައްދަލުވުންތައް ބާއްވައި ލިޔެކިޔުންތައް ބަދަލުކޮށްފައިވެ އެވެ. ނުނުކުންނަނީ ނަތީޖާއެކެވެ. މިއަދާ ހަމައަށް ވެސް އުސޫލެއް، ގަވައިދެއް ނުވަތަ ގާނޫނަކާ ހަމައަށް ވާސިލެއް ނުވެވެ އެވެ.

"މި ކަންތައްތަކަކީ ދުނިޔޭގައި ނުކުރާ ކަމެއް ނޫން. އާ ކަމެއް ނޫން. މިސާލަކަށް [ދުނިޔޭގައި] ކިޑްނީ ޓްރާންސްޕްލާންޓް ކުރާތާ ފަންސާހަކަށް އަހަރުވެދާނެ. އެހެންވީމަ، ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ރަނގަޅު ކުރެވޭނީ ދުނިޔޭގައި ކޮށްފައި ހުރި ކަންތައްތައް، އަޅުގަނޑުމެން ވެސް އެއަށް ބޭނުންވާ ގަވައިދުތައް ވީހާ އަވަހަކަށް ހެދިގެން ދެއްތޯ؟" އާދިލް ވިދާޅުވި އެވެ.

އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، އެކަމާ ގުޅޭ ގާނޫނު ވަރަށް އަވަހަށް ހެދިގެންދާނެ ކަމުގެ ފެހި ސިގްނަލް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މިފަހުން ދެއްވާފަ އެވެ. ހެލްތު މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ފަށަން ބޭނުންވާ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވި ގޮތުގައި:

  • މި މަހުގެ 28ގައި އާ މަޖިލިސް ހުވާ ކުރުމުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ފޮނުވާނެ

  • މަޖިލީހުން އެ ބިލު ފާސްކުރާނެ ކަމަށް ބެލެވޭ؛ އެ ހިސާބުން ރާއްޖޭގައި ވެސް ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ގާއިމްކުރެވިގެންދާނެ

"އެ [ގާނޫނު] ވުޖޫދަށް އަންނަ ހިސާބުން، ނޫނީ ވިއްޔާ ވުޖޫދަށް ނަޔަސް ހަރުދަނާ އުސޫލުތަކެއް ގާއިމްވެގެން ނޫނީ ކުރެވޭނެ ޒާތުގެ ކަންތަކެއް ނޫން [ގުނަވަން ބަދަލު ކުރުމަކީ]،" ހަލީލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ އިން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ހެލްތު މިނިސްޓްރީ)

ބޭނުންވަނީ އިތުބާރު އުފެއްދުން

"އަޅުގަނޑުމެން އަމިއްލައަށް މި މަސައްކަތް ކޮށްގެން، ދިވެހި ސިއްހީ ހިދުމަތް ރަނގަޅުކުރެވޭނީ ނޫނީ ކުރިއަރާނީ. އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދު ރާއްޖެއިން ބޭރަށް ކޮންމެ ކަމަކަށް ފޮނުވަން ވެއްޖެއްޔާ އިންނާނީ އެ މައިންޑްސެޓް، ދެއްތޯ؟" އާދިލް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ހިދުމަތް ހޯދުމާއި އޮޕަރޭޝަން ކުރުމަކީ ދެރަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މީހުންގެ މެދުގައި އެ ވިސްނުން އަށަގަންނާނީ ރާއްޖޭގައި ދެނީ ރަނގަޅު ހިދުމަތްތަކެއްކަން އާއްމުންނަށް ސާބިތުކޮށްދީ، އިތުބާރު އުފައްދައިގެންކަން އޭނާ ގަބޫލުކުރައްވަ އެވެ.

"[އިތުބާރު ހޯދޭނީ] ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ރަނގަޅުކުރެވިގެން، ތިބި މީހުންނަށް ވެސް އިތުބާރު ކުރެވިގެން، [އާ ކަންކަން ތައާރަފު ކުރުމުގެ] ފުރުސަތުތައް ވެސް ލިބިގެން،" އާދިލް ވިދާޅުވި އެވެ.

ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ސިއްހީ ނިޒާމު ހަރުދަނާ ކުރެވެނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ރަނގަޅު ކުރެވިގެންކަން ފާހަގަކުރައްވާ، އާދިލް ވިދާޅުވީ ހިދުމަތްދޭ ކުންފުނިތަކާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ޕްރައިވެޓް ޕާޓީތަކާއި ސަރުކާރާ އެއްކޮށް ވާހަކަދެކެވި މަސައްކަތް ކުރެވިއްޖެ ނަމަ މިހެން ހުރި ބޮޑެތި ކަންތައްތަކަށް މިއަށް ވުރެ ފަސޭހައިން، އަވަހަށް ހައްލު ހޯދިދާނެ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަމުގެ ހެއްކަކަށް އަނެއްކާވެސް އާދިލް ނެންގެވީ އައިވީއެފްގެ ހިދުމަތެވެ. އެއީ ރާއްޖޭގައި އަލަށް ފެށި ކަމެއް ކަމުގައި ވިޔަސް އެހެން ގައުމުތަކެކޭ އެއްވަރަށް އައިވީއެފް ކާމިޔާބު ވެގެންދިޔަ ކަމަށް ފަހުރުވެރިކަމާ އެކު ބުނެވޭނެ ޖާގަ އެބައޮތެވެ.

"އައިވީއެފް ކާމިޔާބުވި އެންމެ ފުރަތަމަ ޕޭޝަންޓަކީ ރާއްޖެއިން ބޭރުގައި ހަތަރު ފަހަރަށް އައިވީއެފް ހަދައިގެން [ކާމިޔާބު ނުވި ބޭފުޅެއް]. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނަސީބާއި ޕޭޝަންޓުގެ ނަސީބާއި ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު މި ގައުމުގައި ދެއްތޯ ހަދައިގެން އެ ކާމިޔާބުވީ،" އާދިލް ފާހަގަކުރެއްވި އެވެ.

"އައިވީއެފް އަކީ މިހާރު ސަކްސެސް ސްޓޯރީއެއް." 

އާދިލްގެ އުންމީދަކީ، ހަމަ އެގޮތަށް ކުރިއަށް އޮތްތަނުގައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުމާ އެކު ކިޑްނީ ޓްރާންސްޕްލާންޓް އާއި ލިވާ ޓްރާންސްޕްލާންޓް ފަދަ ހިދުމަތްތައް ވެސް ކާމިޔާބުކަމާ އެކު ރާއްޖޭގައި ދިނުމެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށް ރާއްޖޭގެ ސިއްހީ ނިޒާމު އާ ހަރުފަތްތަކަށް ގެންދިޔުމެވެ.

ކޮމެންޓް (2)

މަރީ

22 މޭ 2024
ގާނޫނާއި ގަވައިދުގެ އިތުރުން އެއްވެސް ކަމެއްގެ ޓްރީޓްމަންޓް ގައިޑްލައިނެއްވެސް ނެތް. ސިއްހީ ދާއިރާގެ އަގުތައް ބޮޑުވެ، އާދައިގެ ބަލިތަކުގައި ބޭހުގެ ޚަރަދު ބޮޑީ އެހެންވެ. ޕްރައިވެޓް ހޮސްޕިޓަލްތަކުން ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމުން، ފަހަރެއްގައި ޚިދުމަތް ފެށިދާނެ، ނުކަތާ އަގެެއްގައި. އަނެއްކޮޅުންވެސް ހައްލު ހޯދަން ޖެހޭ.
0 0

ސިރާޖުވެ

22 މޭ 2024
ޕްރައިވެޓް ހޮްސްޕިޓަލްތަކުން ބަލަނީ ރާއްޖޭގައި އާއްމު ބަލިތަކަށް ފަރުވާ ދޭކަށްނޫން! ބަލަނީ ރާއްޖެއިން ބޭރައްގޮސްގެން ހޯދާ ބޮޑުފައިދާ ލިބޭ ކަންކަމަށް ފަރުވާ ދީގެން އަވަހަށް ގިނަ ފައިސާ ހޯދަން. މިސާލަކް ކިޑްނީ ބަދަލު ކުރުން ކަހަލަ! ކެންސަރ ޓްރީޓްމެންޓް ފުޅާ ނުކުރަނީ ކީއްވެ؟ އެކަމުން ބޮޑު ފައިދާއެއް ނެރުން އުނދަގޫވާތީ! އަނެއްކަމަކީ ބޮޑު ބައްޔަކަށް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުން ކުރުމަށް ވުރެ އެތައް ގުނައެއް އަގުހެޔޮވޭ އަވައްޓެރި ގައުމަކަށް ދިއުމުން! އަނެއްކަމަކީ ރާއްޖޭގަ އަންނަ ބިދޭސީ ޑަކްޓަރުންނާ ނަރުހުންވެސް ރާއްޖެއައިސް ގިނަ ދުވަހެއް ނުވެ ދިވެހި ގިނަ ޑަކްޓަރުންނާއި ނަރުހުންހެން އޯގާތެރިކަން ކުޑަވެ ރުންކުރު ޖަވާބު ދޭން ފެށުން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް