އައްޑޫ

މަރަދޫފޭދޫ ކޯރު ކެނޑީ ފެން ބޭރުކުރަން؛ އެކަމަކު ފެން ބޭރުވަނީ ރަށުތެރެއަށް

މަރަދު އާއި މަރަދޫފޭދޫގެ ބިން ހިއްކިއިރު ރަށުގެ ހޭޅިފަށާއި އަލަށް ހިއްކި ބަޔާ ދެމެދު ދިގު ކޯރެއް ވަނީ ކަނޑާފައި. އޭގެ ބޭނުމަކީ ވާރެ އާއި އުދަ އަރައިގެން ރަށުގައި ބޮޑުވާ ފެންގަނޑު ބޭރުކޮށްދިނުން

ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑު އަތޮޅުގެ ރަށްތަކަށް އުދައިގެ އަސަރު ދަނީ ކުރަމުންނެވެ. ގުޅިފައިވާ ރަށްތަކުގެ ފުއްޓަރު ފަރާތުން ކަނޑުގެ ލޮނުގަނޑު، ގަދަ އޮޔާ އެކު، އަތޮޅުގެ އެތެރެވަރިއަށް ވަންނަން ހިފާލަނީ ބާރު ސްޕީޑުގަ އެވެ.

މަރަދޫފޭދޫގެ ބިން ހިއްކިއިރު ކޮނުނު ކޯރު (ޓްރެންޗް)އަށް އޮބިއޮންނަ ވަރެއް ނޫނެވެ. އެ ކޯރުގެ މަގްސަދު ވެސް އޮތީ ދިމާ އިދިކޮޅަށް އެނބުރިފަ އެވެ. ފެން ބޭރު ކުރުމުގެ ބަދަލުގައި އެ ކޯރުން ރަށު ތެރެއަށް ފެން ޕަމްޕު ކުރަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވަނީ އެވެ.

"މިކަމަށް ދެން ހައްލެއް ނެތީތަ؟ ފަސް ދުވަސް މި ވަނީ މި ހިސާބަށް މިހެން ލޮނު އަރާތާ،" އިއްޔެ ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައިވެ އެވެ.

އެއްފަސްކޮށް އޮންނަ މަރަދު އާއި މަރަދޫފޭދޫގެ ދެ ކޮޅުން ވެސް ކުރިން އޮންނަނީ އޮއި ދެމޭ ގޮތަށެވެ. އެއްކޮޅުން ހަންކެޑެ ފާލަމުގެ ދަށުންނެވެ. އަނެއްކޮޅުން ފޭދު އާއި މަރަދޫ ފޭދޫ ގުޅުވާލަދޭ ފާލަމުގެ ދަށުންނެވެ. އެއަށް ވުރެ ދެކުނުން ގަން ފާލަމުގެ ދަށުންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއުގައި ހަންކެޑެ ފާލަން އޮތް ދިމާލުން މިހާރު ހިއްކާފައި އޮތުމުން ހުރިހާ ޕްރެޝަރެއް ކުރަނީ މަރަދޫފޭދޫ ފާލަމާއި ގަން ފާލަން އޮންނަ ދިމާލަށެވެ.

ހަންކެޑެ ފާލަން ދިމާލުން އޮއި ދެމޭ މަންޒަރު. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މި ދިމާލުން ބިން ހިއްކާފައި އޮތުމުން ރަނގަޅަށް އޮއި ނުދެމޭ ކަމަށް މި ރަށު މީހުން ބުނޭ. (ދައުރު ފޮޓޯ)
ފޭދު އާއި މަރަދޫފޭދޫ ފާލަމުގެ ދަށުން އޮއި ދެމޭ މަންޒަރު: ހަންކެޑެ ފާލަމާ ދިމާލުން ރަނގަޅަށް އޮއި ނުދެމޭތީ މި ދިމާލަށް ވަނީ ބާރު ބޮޑުވެފައި. (ދައުރު ފޮޓޯ)

މިއީ ކިހިނެއް ވާާ ކޯރެއް؟

ފޭދޫ ކައުންސިލް މެމްބަރު އާމިނަތު ސަލްމާ ވިދާޅުވި ގޮތުގައި އެއީ މަރަދޫފޭދޫގެ ކަޅިބިތުން (ފުއްޓަރު) ބިން ހިއްކިއިރު އެ ރަށުގެ ހޭޅިފަށާއި އަލަށް ހިއްކި ބަޔާ ދެމެދުގައި ހެދި 'ޓްރެންޗް'އެކެވެ.

މަރަދު އާއި މަރަދޫފޭދޫގެ  ހޭޅިފަށާއި  ހިއްކި ބިމާ ދެމެދު ކަނޑާފައި އޮންނަ ކޯރު (ދައުރު ފޮޓޯ)

މަރަދޫގެ އެންމެ އުތުރުން ފެށިގެން މަރަދޫފޭދޫ ނިމޭ ހިސާބަށް ކަނޑާފައި އޮތް އެ ކޯރުގެ ދެ އަރިމަތީގައި ހުންނަނީ ބިމު އަޑިއަށް ވާ ގޮތަށް ވަޅުތަކެއް ކޮނެފަ އެވެ. ރަށު ތެރޭގައި ބޮޑުވާ ފެންގަނޑު ޑްރެއިނޭޖް ސިސްޓަމްގެ ތެރެއިން ގޮސް އެޅެނީ މި ވަޅުތަކަށެވެ. އެ ކޯރަކީ އެ ވަޅުތަކުގައި ހުންނަ ފެން ބޭރުކޮށްދޭ ފަހު މަރުހަލާ އެވެ.

މަރަދޫފޭދޫގައި ކޮނެފައިވާ ކޯރުގެ އަރިމަތީގައި ހަދާފައި ހުރި ވަޅުތަކުގެ ތެރެއިން ވަޅެއް (ދައުރު ފޮޓޯ)

"އެކަމަކު ވެސް މި ދުވަސްވަރު މޫސުން ގޯސްވެ، އުދައިގެ ސަބަބުން ލޮނުގަނޑު އުފުލިގެން އެ ކޯރުގެ ތެރެއަށް ލޮނުގަނޑު ވަނީ. ރަށުގެ ފަސްގަނޑާ އެއްވަރަށް ކޯރުގައި ހުރި ފެނުގެ ލެވެލް އުފުލި އޯވަފްލޯ ވީ،" ސަލްމާ ވިދާޅުވި އެވެ.

މަރަދޫފޭދޫން ވާހަކަދެއްކި ބައެއް މީހުން ބުނީ ޑްރެއިނޭޖް ސިސްޓަމް އެ ކޯރާ ގުޅުވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އެ ކޯރުގެ ފެންގަނޑު ބޮޑުވާ ވަރަކަށް ރަށު ތެރެއަށް މި ހިފަނީ. މޫދު ކޮޅުން ލޮނުގަނޑު ބޮޑުވީމަ، ރަށު ތެރެއަށް އުދަ މި އަރަނީ،" މިކަމުގައި ކަންބޮޑުވުން ފާޅުކޮށް އަބްދުﷲ މަސީހު ބުންޏެވެ.

އިއްޔެ އެކަނި ވެސް މަރަދޫފޭދޫގެ ބޮޑު މަގު ހިމެނޭ ގޮތަށް ތިން މަގެއްގައި އޮތީ ފެން ބޮޑުވެފަ އެވެ. މަގުގައި ބޮޑުވި ފެންގަނޑު ގެތަކާ ހަމައަށް ފޯރުމުގެ ސަބަބުން، ކައުންސިލާއި މަރަދޫފޭދޫ އަވަށު އޮފީހާއި ކަމާ ބެހޭ ފަރާތްތައް ގުޅިގެން ހަތަރު ގެއެއްގައި ބަސްތާ ޖަހަން ޖެހުނެވެ.

މަރަދޫފޭދޫ ފުޓްސަލް ދަނޑުގެ ވެސް ބޮޑު ބައެއްގައި އިއްޔެ އޮތީ ފެންބޮޑުވެފަ އެވެ. ސަލްމާ ވިދާޅުވާ ގޮތުގައި ހިއްކިއިރު އެ ދިމާލުން ހިއްކާފައި އޮތީ އެހެން ބައިތަކަށް ވުރެ ތަންކޮޅެއް ތިރިކޮށެވެ.

މަރަދޫފޭދޫ ފުޓްސަލް ދަނޑާ ދިމާލުން ފެންބޮޑުވެފައި (ދައުރު ފޮޓޯ)

މިހެން ދިމާވާނެ ކަމަށް އާންމުން ކުރިން ބުނި

މިހާރު ބިން ހިއްކި ގޮތަށް ހިއްކައިފި ނަމަ މަރަދޫފޭދޫގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާނެ ކަމަށް އެ ރަށު ރައްޔިތުން މާ ކުރިން ލަފާކުރި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ވަކިވަކި ރަށްތަކުގައި ބައްދަލުވުންތަކެއް ބޭއްވި އެވެ. މަރަދޫ ބައްދަލުވުން ބޭއްވީ 370 މީހުންގެ ބައިވެރިވުމާ އެކު 15 ޖުލައި 2021ގަ އެވެ. އެ މަޝްރޫއުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ޑިޒައިން ބަދަލުކުރަން ވެސް އެދުނެވެ. ސަބަބަކީ މިހާރު އޮތް ގޮތަށް ބިން ހިއްކުމުން ރަށުގެ އަތިރިމަތި ވެސް ގެއްލިގެންދިއުމެވެ.

އެ ބައްދަލުވުމުގައި އާންމުން އެދުނީ ރަށުގެ ކަޅިބިތުން އެއްފަސް ނުވާ ގޮތަށް، ވަކިވަކިން ތިން ރަށެއްގެ ގޮތުގައި ބިން ހިއްކުމަށެވެ. މަރަދު އާއި މަރަދޫފޭދުއާ އަލަށް ހިއްކާ ބައިތައް ގުޅުވާނީ ފާލަން އަޅައިގެންނެވެ. މިގޮތަށް ބިން ހިއްކުމުން ބީޗު ވެސް ސަލާމަތް ކުރެވި، އެއްވެސް ދައްޗެއް ނެތި އޮއި ދައުރުކުރާނެކަން ފާހަގަކޮށް، އޭރު ހުށަހަޅާފައި އޮތް ގޮތަށް (މިހާރު އޮތް ގޮތަށް) ބިން ހިއްކައިފި ނަމަ ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

މަރަދޫ އާއި މަރަދޫފޭދޫ ބިން ހިއްކަން އާންމުން ހުށަހެޅި ގޮތް

މިހާރު ކަން ހިނގަމުން އެ ދަނީ ރައްޔިތުން ލަފާކުރި ގޮތަށެވެ. އޭގެ އިތުރަށް ހިއްކި ބިމާ ކައިރީގައި ހުރި ފަޅުރަށްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ކޯރުގެ ދެ އަރިމަތިން ވެސް ފަސްގަނޑުން ބޮޑު ބައެއް ވަނީ ގިރާލައިފަ އެވެ. ސަލްމާ ވިދާޅުވީ މަރަދޫފޭދޫގެ ދެކުނަށް އޮންނަ ސަވާހެއްޔަށް ވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ފޭދޫގެ ހިއްކި ބައި ވެސް ދަނީ ގިރަމުންނެވެ.

މަރަދޫފޭދޫގައި ބިން ހިއްކިއިރު ކޮނުނު ކޯރުން ރަށުތެރެއަށް ލޮނުގަނޑު އަރާފައި. (ދައުރު ފޮޓޯ)

'އާންމުންގެ އެދުމަކީ މި ކޯރަށް ފަސް އަޅަން'

މި ކޯރުގެ ސަބަބުން ރަށުގެ ޑްރެއިނޭޖް ސިސްޓަމް ވެސް ބަންދުވެފައިވާއިރު، މަރަދޫފޭދޫގެ ރައްޔިތުން ދެކޭ ގޮތުގައި މި ކޯރުގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރެ އެވެ. އެހެންވެ ގިނަ މީހުން ދެކެނީ މި ކޯރަށް ފަސްއަޅައިގެން ނޫން ގޮތަކަށް މި މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ.

"މޫދުގެ ލޮނުގަނޑު އުސްވާއިރަށް ނޫނީ އުދަ އަރާ ދުވަސްވަރު ހަމަ މި މައްސަލަ ކުރިމަތިވާނީ،" މަސީހު ބުންޏެވެ.

"ކުރިން އުދަ އެރިޔަސް ޕަމްޕުކޮށްގެން މެނޭޖު ކުރެވޭނެ، މިވަރެއް ނުވޭ. ކޯރު ކެނޑީމަ އޭގެ ކާނުގަނޑުން ވަދެގެން ކުރިން އުދަ ނާރާ ހިސާބަށް ވެސް މިހާރު އަރަނީ."

ބިން ހިއްކިއިރު ކޮނުނު ކޯރުން މަރަދޫފޭދޫގެ ރަށުތެރެއަށް ލޮނު އަރާފައި (ދައުރު ފޮޓޯ)

ސަލްމާ ވެސް ވިދާޅުވީ މިއީ ގިނަ އަދަދެއްގެ އާންމުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. ރައްޔިތުންގެ އެދެނީ އެ ކޯރު އެއްކޮށް ބަންދުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން ވާނީ މިނިސްޓްރީގައި އެދިފައި، މިކަމަށް ދާއިމީ ހައްލެއް ހޯދަން،" ސަލްމާ ވިދާޅުވި އެވެ.

އާންމު ރައްޔިތުން އެފްކޮންސް ކުންފުނީގައި އެހެން އެދުނު ނަމަވެސް، މިކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް އެ ކުންފުނިން ބުނި ކަމަށްވެ އެވެ. ސަބަބަކީ ކޯރު ކޮނުނީ، ބިން ހިއްކުމުގެ މަޝްރޫއު ހިންގި ވެން އޫޑް ކުންފުނިން ކަމަށް ވާތީ އެވެ. މަޝްރޫއު ނިމިފައި އޮތުމުން އެ ކުންފުނި މިހާރު އައްޑޫގައި ނެތެވެ.

ހިއްކައި ނިމިފައި އޮތް ނަމަވެސް، ސަލްމާ ވިދާޅުވި ގޮތުގައި، އެ ބިން އަދިވެސް ކައުންސިލާ ހަވާލެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް