މާލޭ ސިޓީ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
އުޅެ ބޮޑުވީ މާލޭގައި، އެކަމަކު ވޯޓު ލުމުގެ ހައްގެއް ނެތް
މުހިންމު ނުކުތާތައް
މީހާގެ ރަޖިސްޓްރީ އޮންނަ ތަނެއްގެ ސަބަބުން ތަފާތު ކުރާ ކަމަށް ބުނެ، ދާއިމީ އެޑްރެސް މުޅިން އުވާލަން ވެސް ބައެއް މީހުން އަޑު އުފުލާ
މިހާރު ކަން އޮންނަ ގޮތުން ދާއިރާގައި ދިރިއުޅޭ ރައްޔިތުން ރަނގަޅަށް ތަމްސީލެއް ނުކުރެވޭ؛ އިންތިހާބުތަކަށް މީހުންގެ ޝައުގުވެރިކަން ވެސް ދަނީ ކުޑަވަމުން
ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ ދާއިރާއެއްގައި ދިރިއުޅޭ މީހުންނަށް އެ ދާއިރާއެއްގެ އިންތިހާބުތަކުގައި ވޯޓު ލެވޭ ގޮތަށް
މީގެ ދެ އަހަރު ކުރިން 2022ގައި އޮތް ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ %41 ތޮއްޖެހިފައިވަނީ މާލެ ސަރަހައްދަށެވެ. މާލެ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭހެން މި ކުޑަކުޑަ ސަރަހައްދުގައި 212،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
މާލެ ސަރަހައްދުގެ އާބާދީއާ އެއްވަރަށް މައްސަލަތައް ވެސް ބޮޑެވެ. ހައްލުކުރަން ވެސް އުނދަގުލެވެ. މީގެ ދެ ހަފްތާ ކުރިން ނިމުނު މާލޭގެ ކަންކަން ވިލަރެސްކުރުމާއި، ހަމަ މަގަށް އެޅުވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ހަވާލުކޮށްފައި ވާ މޭޔަރު ހޮވުމުގެ އިންތިހާބެވެ.
އެ އިންތިހާބާ އެކު އެންމެ ގިނަ ބައެއްގެ ޝަކުވާ އަމާޒުވީ، މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވޯޓު ލުމުގެ ހައްގު ލިބޭ ގޮތާ މެދުގަ އެވެ. މާލޭގެ މޭޔަރާއި މާލޭގެ ދާއިރާތަކުން ކައުންސިލަރުން ހޮވަން ވޯޓު ލުމުގެ ފުރުސަތު މާލޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަނި ލިބޭ ގޮތަށް އޮތުމަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި، މާލޭގައި ވަޒަންވެރިވެގެން މުޅި އުމުރު ހޭދަކުރަމުން އަންނަ ރައްޔިތުންނަށް ވަރަށް ބޮޑު ބޭއިންސާފެކެވެ.
'ދާއިރާގެ ރައްޔިތުން ތަމްސީލެއް ނުވޭ'
މިފަހަރުގެ މޭޔަރު އިންތިހާބުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުމެވެ. ވޯޓު ލާން ނުކުތީ، ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން އެންމެ %31.8 އެވެ. އެއީ، 2021ގެ މޭޔަރު އިންތިހާބުގައި ވޯޓުލީ ނިސްބަތާ އަޅާބަލާއިރު ވެސް ފާހަގަކޮށްލެވޭ ވަރުގެ ވެއްޓުމެކެވެ. އެފަހަރު ވޯޓުލާފައިވަނީ އެ ހައްގު ލިބޭ މީހުންގެ %41.7 އެވެ.
އަދަދުތަކަށް ބަލާލާއިރު:
-
މާލެ ސަރަހައްދުގައި 212،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ؛ އެއީ ކުޑަކުދިންނާއި ބިދޭސީން ވެސް ހިމެނޭ ގޮތަށް
-
އޭގެ ތެރެއިން ސިޓީ ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 54،680 މީހުންނަށް
-
ވޯޓު ލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ އެންމެ 17،410 މީހުން
އެހެންކަމުން މުޅި އާބާދީގެ ނިސްބަތުން ބަލާއިރު، މާލެއާ ގުޅޭ އެންމެ ބޮޑެތި ނިންމުންތައް ނިންމާ ފަރާތް ހޮވުމުގައި ބަސްބުނެފައިވަނީ، އެންމެ %8 މީހުންނެވެ.
އެންމެ ބޮޑު އާބާދީ އޮތް، އެންމެ މައްސަލަ ވެސް ބޮޑު މާލޭގެ ބޮޑެތި ނިންމުންތަކުގައި ބަސްކިޔާ މީހުންގެ އަދަދު މިހާ ކުޑަ ވުމަކީ، އިންތިހާބު ކާމިޔާބު ކުރެއްވި ދާއިރާގެ ރައްޔިތުން ހަގީގަތުގައި ވެސް ތަމްސީލްކުރާ ކެންޑިޑޭޓެއްތޯ ސުވާލު އުފައްދަން ލިބޭ ފުރުސަތެކެވެ. ދާއިރާގައި ދިރިއުޅޭ ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ފަރާތުން ނިގުޅައިގަނެވޭ މުހިއްމު ހައްގެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރި އެވެ.
މިފަހަރުގެ ބައި-އިލެކްޝަންގައި ވޯޓުލި މީހުންގެ ނިސްބަތް އެހާ ބޮޑަށް ދަށްވެ، އިންތިހާބު 'ބޮޑު ޖޯކަކަށް' ވީ އެއް ސަބަބަކީ ވެސް އެއީ ކަމަށް ބައެއް މީހުން ސިފަކުރި އެވެ. އަދި ދާއިރާގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ބަހެއް ނުހިމެނޭ ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންތިހާބުތައް ބާއްވާ ނަމަ އެ އަދަދު ދާނީ ހައްތަހާ ދަށަށް ކަމަށް ވެސް ބެލެވެ އެވެ.
"އަހަރެންގެ މަންމަ ކުޑައިރުއްސުރެ ދިރިއުޅެނީ މާލޭގައި. އެކަމަކު ވޯޓު ލާން ޖެހެނީ ވިހޭ ރަށުން ކުރިމަތިލާ ކެނޑިޑޭޓުންނަށް. މިއީ މަންމަ އަށް ވެސް، މަންމަ ވޯޓުލާ ރަށުގެ މީހުންނަށް ވެސް އިންސާފެއް ނޫން. ވޯޓު ލެވެން ޖެހޭނީ ދިރިއުޅޭ ދާއިރާއަކަށް. އެއީ އެމީހެއްގެ ދިރިއުޅުން ބަދަލުކޮށްދެވޭނީ އެމީހަކު އުޅޭ ދާއިރާއަކުން ހޮވޭ ކެންޑިޑޭޓަށް ކަމަށް ވާތީ،" އެކަމާ ގުޅޭގޮތުން 'އެކްސް'ގައި ހިޔާލުފާޅު ކުރި މީހަކު ލިޔުނެވެ.
"ވިހެއީ މާލޭގައި، ތިން އަހަރު ފިޔަވައި މުޅި އުމުރު ހޭދަކުރީ މާލޭގައި، އެކަމަކު ވޯޓު ލާން ޖެހެނީ ރަށު ކައުންސިލަށް،" އެހެން މީހަކު ލިޔުނެވެ.
"ރަޖިސްޓްރީ އޮންނަ ތަނުގެ ބަދަލުގައި ދިރިއުޅޭ ތަނަށް ވޯޓު ލެވޭ ގޮތަށް ހެދުމަކީ ރިޔާސީ/ބަރުލަމާނީ އަށް ވުރެ މާ މުހިއްމު ބަދަލެއް."
"މާލެ މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުން. އެ މީހެއްގެ އެޑްރެސް އަކީ އެމީހަކު ދިރިއުޅޭ އެޑްރެސް. މާލެ ސިޓީ ކައުންސިލްގެ އިންތިހާބުގައި ވެސް މާލޭގައި ދިރިއުޅޭ އެންމެނަށް ވޯޓު ލެވެން ޖެހޭނެ،" މިއީ އެކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރި ގިނަ ބައެއްގެ ވާހަކަ ހުރި ގޮތެވެ.
ރަނގަޅު ވާހަކައެކެވެ. މާލޭގައި ހުރި މައްސަލަތަކުގެ ސަބަބުން ތަކުލީފު އުފުލަން ޖެހެނީ މާލޭގައި ދާއިމީ ރަޖިސްޓްރީ އޮންނަ މީހުން އެކަންޏެއް ނޫނެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާ ދުވަސްދުވަހު އަސަރު ކުރަނީ ވެސް ހަމައެކަނި އެމީހުންނަކަށް ނޫނެވެ. މާލޭގެ ތޮއްޖެހުމާއި ކުނި މެނޭޖުކުރުމުގެ ދޯހަޅި ކަމާއި މަގުމަތީގެ ބާރުބޮޑުވުމުގެ އުނދަގޫ ވެސް ވަނީ ހަމައެކަނި އެމީހުންނަކަށް ނޫނެވެ.
މާލޭގައި ދިރިއުޅޭ ރަށްރަށަށް ނިސްބަތްވާ ރައްޔިތުން ވެސް ދިރިއުޅެނީ ހަމަ އެ އުނދަގުލާއި ތަކުލީފުތަކާ އެކު އެވެ. އެމީހުން ވެސް މާލޭގައި ހުރި މައްސަލަތަކަށް ހައްލު ބޭނުންވެ އެވެ. އެ ހައްލު ހޯދާނެ ގޮތުގެ ހިޔާލާއި، ހައްލު ނުލިބިގެން ފުނިޖެހެމުންދާ ޝަކުވާތައް ވެސް އެބަހުއްޓެވެ.
"ހުޅުމާލޭގައި އުޅޭތާ 40 އަހަރު ވީ ހަލީމާ އޭނާ ހުޅުމާލޭގަ އުޅޭ ގޭދޮށު ފެންބޮޑުވެގެން ގުޅަންވީ އޭނާ ވޯޓުލީ އައްޑޫ މޭޔަރަށްތަ؟ މީ ބޮޑު ޖޯކެއްނު؟" މަލާމާތުގެ ގޮތުން މީހަކު 'އެކްސް'ގައި ސުވާލު އުފެއްދި އެވެ.
"އަހަރެންގެ ދާއިރާއިން އަހަރެން ވޯޓުލާ މީހާ ނިންމާ ނިންމުމަކަށް ވުރެ މާލޭ ސިޓީ ކައުންސިިލްގެ ނިންމުންތަކުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް މާ ބޮޑަށް އަސަރު ކުރާނެ. އެހެންވިއްޔާ އަހަރެން [ރަށު ކައުންސިލް އިންތިހާބުގައި] ވޯޓެއް ނުލާނަން. އަހަރެން އުޅެނީ އަހަރެންގެ ރަށަކު ނޫން. އެހެންވީމަ އެމީހުން ކަންކަން ނިންމާ ގޮތަކަށް އެއްޗެއް ބުނުމުގެ ހައްގެއް އަސްލު އަހަރެންނަކަށް ނޯންނާނެ،" އެކަމުގައި ދެކޭ ގޮތާ މެދު ހިޔާލުފާޅުކުރި ޒުވާނަކު ބުންޏެވެ.
މޭޔަރު އިންތިހާބުގައި ވޯޓު ލުމަށް ފަހު ވެސް އެތައް ބަޔަކު މި ޝަކުވާ ކުރި އެވެ. މާލޭގައި ދިރިއުޅޭ މީހުން ކައުންސިލް އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގުން މަހުރޫމްވެފައިވާ ވާހަކަ އެވެ. މާލޭގެ އިންތިހާބުގައި ވޯޓު ނުލެވޭ ތަނުގައި، ރަޖިސްޓްރީ އޮތް ދާއިރާއަށް ވޯޓު ލުމުގެ ހައިސިއްޔަތު ވެސް ނެތް ވާހަކަ އެވެ. ރަށަކު، މާލެއަކު ވެސް ލައްވާ ނުލާ ވާހަކަ އެވެ.
"ވޯޓުލީ މަދު މީސްކޮޅު ތެރޭ އަހަރެން ވެސް ހިމެނޭ. އެކަމަކު ވޯޓު ލުމުގެ ހައްގު ލިބެން ޖެހޭ ބޮޑު އާބާދީއަކަށް މި އިންތިހާބުގައި ބަސް ބުނުމުގެ ހައްގެއް ނުލިބުނު. މިއީ ބަދަލު ކުރަން ޖެހޭ ކަމެއް. މުނިސިޕަލް އިލެކްޝަންތަކުގައި އެތަނެއްގައި ދިރިއުޅޭ މީހުންނަށް ވޯޓު ލެވެންވާނެ،" ނަސްމާ އަބްދުލް މުހުސިން 'އެކްސް'ގައި ބުންޏެވެ.
އިންތިހާބު ކާމިޔާބު ކުރައްވާ، މޭޔަރު ކަމާ ހަވާލުވެވަޑައިގެންފައިވާ އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް ވެސް އެކަމާ އެއްބަސްވެ އެވެ. ކެމްޕޭނުގެ ތެރޭގައި 'ސޯސަލް'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެއީ ދުނިޔޭގައި ވެސް އެކަން އޮންނަ ގޮތް ކަމަށެވެ.
"ކައުންސިލަކުން ހިދުމަތް މި ދޭން ޖެހެނީ އެތަނެއްގެ ރައްޔިތުންނަށާއި އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް. އެހެންވީމަ، ދުނިޔޭގައި އެކަން ހިނގަމުންދާ ބެސްޓް ޕްރެކްޓިސް އަށް ދިޔުމަކީ ގޯސް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.
މޭޔަރު އިންތިހާބުގައި ވާދަކުރެއްވި އިތުރު ކެންޑިޑޭޓުން ވެސް އެކަމަށް ތާއީދު ކުރެ އެވެ. އެގޮތުން:
-
ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހް ގަބޫލުކުރައްވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބެން ވާނީ ދާއިމީ އެޑްރެސްއަކަށް ނޫން؛ އެ ހައްގު ލިބެން ވާނީ ދާއިމީކޮށް ދިރިއުޅޭ ތަނަށް ބަލާފައި
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ވިދާޅުވި ގޮތުގައި މާލޭގައި ވަޒަންވެރިވެގެން އުޅޭ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ކައުންސިލް އިންތިހާބުގައި ވޯޓު ލެވިގެން
-
އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ ވެސް އެކަމަށް ތާއީދު ކުރައްވާ
"އަޅުގަނޑުގެ އުމުރުން 54 އަހަރު. އަޅުގަނޑާ އެއް އުމުރުގެ ބޭފުޅުން އެބަ ތިއްބެވި، ކާފަ މާމަ ކިޔާފައި، އެކަމަކު އައްޑޫ ނުވަތަ ތުރާކުނު ނުވަތަ ކުޅުދުއްފުށި ނުވަތަ ކޮންމެވެސް ރަށަކަށް ނިސްބަތްވާ ބޭފުޅުން. އެމީހުންގެ ހައްގުތަކެއް ރަށަކުން ވެސް އަދި މާލެއަކުން ވެސް، މި ސަރަހައްދަކުން ވެސް ކަށަވަރެއް ނުކޮށްދެވޭ،" ޝުއައިބް ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ސިޓީތަކުގައި ވެސް އެ ސިޓީއެއްގައި ދިރިއުޅޭ މީހުންނަށް ވޯޓު ލެވޭ. އެމީހުންނަށް އެ ކަރުދާސްކޮޅު އަތަށް ލިބޭ. [ރާއްޖޭގައި އެކަން ކުރުމަށް] ގާނޫނު ބަދަލުކުރަން ޖެހޭނީ."
'ދާއިމީ އެޑްރެސް އުވާލާ'
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކަހަލަ ގޮތަކަށް މީހެއްގެ ދާއިމީ އެޑްރެސްގެ ގޮތުގައި ބަލަނީ އެމީހަކު ދިރިއުޅޭ އެޑްރެސް އެވެ. ނަމަވެސް މިގައުމުގައި އެއީ، 'މިހާރު އުޅޭ އެޑްރެސް' އެވެ.
ރާއްޖޭގައި ދާއިމީ އެޑްރެސްއަކަށް ވަނީ، އެމީހަކު ރަޖިސްޓްރީ ކޮށްފައި އޮންނަ އެޑްރެސް އެވެ. އެ ގެއެއްގައި ދުވަހަކު އުޅެފައި ނުވިޔަސް، އެ ގެއެއް ބިމާ ހަމަވެފައި ވިޔަސް، މަރު ދުވަހާ ޖެހެންދެން ވެސް ރަޖިސްޓްރީ ބަދަލު ނުކުރާހާ ހިނދަކު އެމީހަކު ނިސްބަތްވަނީ އެ އެޑްރެސްއަކަށެވެ. އެހެން ތަނަކަށް ވިހެޔަސް، އެހެން ތަނެއްގައި އުޅެ ބޮޑު ވިޔަސް، އެހެން ތަނެއްގައި ތައުލީމު ހާސިލްކޮށް، ދިރިއުޅުމެއް ފަށާ، ހަޔާތެއް ހޭދަކޮށް، މަރުވެ ކަށްވަޅަށް ދިޔަޔަސް، އެއީ ދާއިމީ އެޑްރެސްއަކަށް ނުވެ އެވެ.
"ނުވިހާ ރަށަކާ، ދިރިނޫޅޭ ގެއެއްގެ އެޑްރެސް އެއީ ދާއިމީ އެޑްރެސް ކަމުގައި ވާންވީ ކީއްވެގެންތޯ' މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިއީ އެއްވެސް ގޮތަކަށް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ބުނެ، ދާއިމީ އެޑްރެސްގެ މަފްހޫމް މުޅިން އުވާލަން ވެސް 'އެކްސް'ގައި ގިނަ ބަޔަކު ފަހަކަށް ގޮވާލަ އެވެ.
"މިތާ [މާލޭގައި] ވިހާ، ބޮޑުވެ، ދިރިއުޅުނަސް ވޯޓު ލާން ޖެހެނީ އެހެން ތަނަކަށް. ބޯހިޔާވަހިކަން ލިބުމުގައި އެބަ ތަފާތު ކުރޭ. ތަފާތު ކުރަން މި ބޭނުން ކުރަނީ ދާއިމީ އެޑްރެސް އޭ ކިޔާފައި. ދާއިމީ އެޑްރެސް މިއީ ދުނިޔެ ދަންނަ އެއްޗެއް ނޫން. އުވާލާ،" މީހަކު 'އެކްސް'ގައި ގޮވާލި އެވެ.
I will not standby anyone discriminating people based on an address they are attached to which they can’t help or did not choose for themselves.
— Fathun (@fathuns) September 28, 2023
That is barbaric discrimination.
Dhaaimee address uvaalaa.
In Maldives you can:
— SentientKaashi (@SentientKaashi) October 6, 2023
1. Change your party after getting elected
2. Marry a second wife without telling your first wife
3. Get a car without registering to a real garage
4. Bring in a 100 kilos of drugs without getting convicted
But you can’t:
1. Get rid of dhaaimee address
"ދާއިމީ އެޑްރެސްއަކީ ރާއްޖެތެރޭ މީހުންނަށް ސަލާމަތް ނުވެވޭ ޖަލެއް. އެކަމާ ހެދި 'ފްރީޑަމް އޮފް މޫވްމަންޓް' އަދި ބޯހިޔާވަހިކަމުގެ ހައްގަށް ހުރަސް އެޅޭ. ކުޑަ ސިޓީ ހެއްދުމާއި ރާއްޖެތެރޭ މީހުންނަށް މާލެއިން ބިން ނުގަނެވޭ ގޮތަށް އޮތް އޮތުމާ ދެކޮޅަށް އަހަރެމެންގެ ކާބަފައިން ވެސް ވަކާލާތު ކުރި،" ދާއިމީ އެޑްރެސް އުވާލަން ތާއީދުކޮށް އެހެން މީހަކު ބުންޏެވެ.
ދައުލަތަކުން މީހަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި، އަދި މީހަކަށް ލިބޭ ހައްގުތައް ކަނޑައެޅުމުގައި އެމީހެއްގެ ދާއިމީ އެޑްރެސްއަށް ބަލާ ތަފާތު ކޮށްގެން ނުވާނެ އެވެ. މިއީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތަކާ ވެސް ފުށުއަރާ ކަމެކެވެ.
މާލޭގައި ރަޖިސްޓްރީ އޮންނަ ފަރާތްތަކަށް އެކަނި ކުރިމަތިލެވޭ ގޮތަށް މިދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ ސްކީމް'ގެ ފުރަތަމަ ބުރަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި، އެ ތަފާތު ކުރުމުގެ ސާފު މިސާލެކެވެ. ކުދިން ސްކޫލަށް ވެއްދުމާއި ބައެއް އެހެނިހެން ހިދުމަތް ދިނުމުގައި ވެސް މާލޭގައި ރަޖިސްޓްރީ އޮންނަ މީހުންނަށް އިސްކަންދޭ ދިނުމަކީ ވެސް ދާއިމީ އެޑްރެސްއަށް ބަލާ ތަފާތުކުރުމެވެ. އެފަދަ ތަފާތުކުރުންތަކުގެ ސަބަބުން މާލޭގައި އުޅޭ ރަށްރަށުގެ މީހުން ތިބެނީ "އަމިއްލަ ގައުމުގައި ރެފިއުޖީންނަށް ވެފައި" ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.
"ވޯޓު ލާންވީމަ އާއި ބިން ބަހަން ވީމަ ވަކި އައިޑެންޓިޓީއެއް، ވަކި ރަށެއް" އޮވެފައި "ވަސީލަތްތަކާ ޖެހުނީމަ ސެންޓްރަލައިޒްޑް ޔުނިޓަރީ ދައުލަތެއް"ގެ ގޮތުގައި ކަންކަން ކުރަމުންދާކަމަށް ބުނެ، ސަރުކާރުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް ވެސް މީހުން ދަނީ ފާޑުކިޔަމުންނެވެ.
"އަހަރެން ވިހެއީ ސެންޓްރަލް ހޮސްޕިޓަލުގައި. ޕްރައިމަރީ ތައުލީމު ހާސިލްކުރީ މާލެއިން. އެންމެ ފުރަތަމަ ކެމްބްރިޖް އޯލެވެލް ހެދި ބެޗުގައި ހިމެނޭ. ސީއެޗްއެސްސީން ކިޔަވާ ނިންމާފައި މަސައްކަތް ކުރީ ސަރުކާރުގައި. އަހަރެން މާލޭ މީހަކަށް ނުވާ ގޮތެއް ކިޔައިދީބަލަ. ބައިސްކަލު ދުއްވަން ދަސްކުރީ މާފަންނުގައި. ފަތަން ދަސްކުރީ ރާޅުގަނޑުގައި،" ނޫސްވެރިޔާ އައިޝާ އީމާން ބުންޏެވެ.
މަޖިލިސް އިންތިހާބު ވެސް ދާނީ މިހެން؟
މީހުންގެ ޝައުގުވެރިކަން ކުޑަ މާލެ ސިޓީ ކައުންސިލްގެ އިންތިހާބަށް ފަހު، ދެން ކުރިއަށް މިއޮތީ މަޖިލިސް އިންތިހާބެވެ. އެ އިންތިހާބުގައި ވެސް ކަންތައް ވެގެންދާނީ ހަމަ މި އުސޫލުން ކަމަށް ބުނެ މިހާރު ވެސް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާ މީހުން ބުނާ ގޮތުގައި:
-
މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުން އެއްވެސް ވަރަކަށް މަޖިލީހުގައި ތަމްސީލެއް ނުވޭ
-
ދާއިމީ އެޑްރެސް އުވާނުލާހާ ހިނދަކު އެކަން ބަދަލެއް ނުވާނެ
މި މައްސަލައަށް ހައްލެއް ގެނެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެން ވެސް ހަމަހަމަކަމާ އެކު ތަމްސީލުވާނެ ގޮތް ހެދުމަށްޓަކައި ދާއިމީ އެޑްރެސް އުވާލަން އެމީހެއްގެ ދާއިރާއަކުން ކުރިމަތިލާ ކެންޑިޑޭޓުން ވައުދުވެ، މަސައްކަތް ކޮށްދިނުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ވޯޓު ލުމުގައި ހުރި ފަރަގުތަކާއި މިސްރެޕްރެޒެންޓޭޝަން ނައްތާލަދިނުމަށް އެދި، އެކަމަށް ކޮމިޓް ނުވެވޭ ކެންޑިޑޭޓުންނަށް ވޯޓު ނުލާ ގޮތަށް ވެސް ބައެއް މީހުންގެ ވިސްނުން އެބަ ހުއްޓެވެ.
In the next Majlis election ask your candidates if they are committed to advocating against discrimination based on dhaaimee address.
— Fathun (@fathuns) September 28, 2023
Dhaimee address uvaalaane Majlis eh!!
"ހައްގުތައް ނުލިބެންޏާ [މަޖިލިސް އިންތިހާބުގައި] ވޯޓުލާނެ ކަމެއް ނެތް. މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ދިވެހިންނަށް ތަމްސީލްވާނެ ފުރުސަތު ނުދޭ ނަމަ މާލޭގައި ދިރިއުޅޭ އެންމެން މަޖިލިސް އިންތިހާބު ބޯއިކޮޓް ކުރަން ޖެހޭ،" މިއީ ވެސް 'އެކްސް'ގައި ދައުރުވަމުންދާ ޕޯސްޓެކެވެ.
މި ޝަކުވާތަކާ ބެހޭ ގޮތުން މިހާތަނަށް ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކޮށްފައިވާ ބައެއް ކެންޑިޑޭޓުން ދަނީ އެކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.
އެ ވައުދުތަކާ އެއްގޮތަށް މަޖިލީހުން ގާނޫނު ބަދަލުކޮށްފި ނަމަ، ޒަމާންތަކެއް ވަންދެން ރާއްޖޭގައި ނަގަހައްޓަމުން ގޮސްފައިވާ ދާއިމީ އެޑްރެސްގެ ސަގާފަތް ނިމުމަކަށް އަންނާނެ އެވެ. އެއީ ދިވެހިންގެ މެދުގައި ހަމަހަމަކަން ގާއިމްކުރަން މިހާރު ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް ގަބޫލުކުރާ މީހުން ބައިވަރެވެ. އެ ގަބޫލުކުރުންތަކާ އެކު، މަޖިލިސް އިންތިހާބު ބޯމަތި ވެފައި މިއޮތް ދަނޑިވަޅަކީ އެކަމަށް ވަކާލާތު ކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.