ސިޔާސަކަ

ޕާޓީ ސިސްޓަމް ފޭލުވެއްޖެ، ފުރަހަނި ޝުއައިބު މާ 'ހިޓު'

ޝުއައިބުގެ ތަރުޖަމާގައި އޭނާއަށް ވުރެ ބޮޑު 'ހިޓެއް' މިފަހަރުގެ މޭޔަރުގެ ރޭހުގައި ނެތް. އެކަމަކު އެއީ ކިހާ ވަރެއްގެ ހިޓެއްކަން އެނގޭނީ ވޯޓުގެ ނަތީޖާއިން
12 ޖެނުއަރީ 2024

މިއީ އެއްގޮތަކަށް ވެސް އަހަރެމެން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމުގައި މިހައި ހިސާބަށް އެތައް ޕާޓީއެއް ޓެސްޓުކޮށް ތަޖުރިބާކުރައްވާފައިވާ ޝުއައިބު އަލީ ނުވަތަ މަޝްހޫރު ފުރަހަނި ޝުއައިބުގެ ހުކުމެކެވެ. އެކަމަކު މިއީ 'ސިޔާސަކަ' އެވެ.

ޝުއައިބާ އެކު ސިޔާސަކައިގެ 'މޭޔަރު އެޑިޝަން' ނިމުމަކަށް އައީ އެވެ. އަދި މާދަމާ އޮންނަ ފޯރިގަދަ މޭޔަރު އިންތިހާބާ އެކު ވެސް އެތައް ބައެއްގެ ސިޔާސީ ހަޔާތް ނިމެން ކައިރިވީ އެވެ. ހަމައެއާ އެކު މި ވޯޓެއް ވެގެންދާނީ މި ރޭހުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެކެއްގެ ސިޔާސީ ހަޔާތް ހަނދަށް ގެންގޮސްދޭނެ ތަޖުރިބާއަކަށް ވެސް މެ އެވެ.

އެކަމަކު މިފަހަރު އަދި މިއޮތީ ޝުއައިބުގެ ވާހަކައެވެ. އޭނާ އަކީ އެމްޑީޕީ އިން އުފަންވެ ސިޔާސީ މައިދާނުގައި ތަފާތު އެތައް ރަހައެއް އެތައް ތަޖުރިބާއެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިންސާފުކުރުމުގެ ހުރިހާ ބާރެއް މިފަހަރު މި އޮތީ ކިޔުންތެރިންނާއި ބެލުންތެރިން އަދި ވޯޓުލާން ތައްޔާރަށް ތިބި މީހުންގެ އަތުގަ އެވެ.

ޝުއައިބު އެ ވިދާޅުވަނީ އެންމެ ހިޓު ކެންޑިޑޭޓަކީ އޭނާ ކަމަށެވެ.

މިއީ ރާއްޖޭގައި ޕާޓީ ސިސްޓަމް ފެށިގެން އައިއިރު އެންމެ ހިތްވަރު ގަދަ އެއް ބޭފުޅެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް2004 ގައި ފެށި ހަރަކާތުގެ ތެރޭގައި، މައުމޫންގެ އިސްތިއުފާއަށް ގޮވާ ފުރަތަމަ ހަރުކުރި ފޮތިގަނޑުގެ އެއްކޮޅުގައި ހިފެހެއްޓެވި އެއް ބޭފުޅަކީ އޭނާ އެވެ. ގިޔާސުއްދީން ހޯލްގައި އޮތް ބައްދަލުވުމުގައި އެކަން ކުރެއްވި އިރު އެއީ އޭރަށް ބަލާ ނަމަ ވަރަށް ހިތްވަރު ގަދަ އަމަލެކެވެ.

މޭޔަރުކަމުގެ ރޭހަށް ޝުއައިބު އަމިއްލަ ގޮތުން ނުކުންނެވީ، އޭނާގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، ރާއްޖޭގައި މިހާރު ޕާޓީ ސިސްޓަމް ފޭއިލްވުމުންނެވެ. އޭނާއަކީ މާލޭގެ ރައްޔިތުންނަށް ސީދާ ގޯތި ހޯދައިދޭން ހިންގި ހަރަކާތުގެ ވެސް އެންމެ އިސް އެކެކެވެ. އޭނާގެ ނަޒަރުގައި މާލޭގެ ރައްޔިތުންނަށް ސީދާ ގޯތި ދޭން ޖެހެ އެވެ. އަދި މާލެއަށް ދިމާވެފައި ހުރި މައްސަލަތަކުގެ ހައްލު ވެސް އެނގިވަޑައިގަންނަވަނީ އޭނާއަށް ކަމަށް ގަބޫލުކުރައްވަަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް