ނޭޝަނަލް ޑްރަގް އެޖެންސީ: މީގެ ކުރިން ހެލްތު މިނިސްޓްރީގެ ދަށުން ހިންގި މި އެޖެންސީ މިހާރު ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި (ފޮޓޯ/ ޕީއެސްއެމް)

ޑްރަގް ފަރުވާ ހޯމް ސެކްޓާގެ ދަށަށް؛ ހެޔޮ ބަދަލަކަށް ވެދާނެތަ؟

25 ޑިސެމްބަރު 2023
2

ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ޑްރަގް ބޭނުންކުރުމަކީ ފަރުވާ ދީގެން ރަނގަޅު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބެލުމަށް ވުރެ ބޮޑަށް ވިސްނާފައި އޮތީ އަދަބު ދިނުމަށެވެ. 1977 ވަނަ އަހަރުގެ އެ ގާނޫނުގައިވާ ގޮތުން ޑްރަގް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އަތުގައި ބެހެއްޓުމުގެ އަދަބަކީ ފަސް އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދަބު ދިނުމަށް ވުރެ ބޮޑަށް ސިއްހަތުގެ ނަޒަރިއްޔާއަކުން އެ މައްސަލައާ ކުރިމަތިލާން ފެށީ 2011 ވަނަ އަހަރު ފާސްކުރި، މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީ ގާނޫނާއެކު އެވެ. އެ ގާނޫނުގެ ދަށުން ޑްރަގް ބޭނުންކުރާ މީހުންގެ މައްސަލަތައް ބެލުމަށް ޑްރަގް ކޯޓު އަދި އެ މީހުންނަށް ފަރުވާދީގެން އަލުން މުޖުތަމައަށް ނެރުމުގެ މެންޑޭޓަކާ އެކު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް އުފެއްދި އެވެ. އެ ބަދަލާ އެކު ޑްރަގް ބޭނުންކުރާ ކަމަށް އިއުތިރާފުވެއްޖެ ނަމަ އެ މީހެއްގެ މައްސަލަ ފޮނުވަނީ ޑްރަގް ކޯޓަށެވެ. އަދި އެ ކޯޓުން އެންޑީއޭގެ ރިހެބިލިޓޭޝަން ފުރިހަމަކުރުމަށް ޝަރުތުކޮށްފައި މީހާ ދޫކޮށްލަ އެވެ. ޖަލު ހުކުމެއް ކުރަނީ އަމުރާ އެއްގޮތަށް ރިހެބިލިޓޭޝަން ފުރިހަމަ ނުކޮށްފި ނަމަ އެވެ.

ޑްރަގްގެ މައްސަލައިގައި ބައިނަލްއަގުވާމީ "ބެސްޓް ޕްރެކްޓިސް"އާ އެއްގޮތަށް އާންމު ސިއްހަތުގެ ނަޒަރިއްޔާއަކުން އެ މައްސަލައާ މެދު ދެކެން ފެށިޔަސް، އެންޑީއޭގެ ހިންގުމުގެ މައްސަލަތަކާ ހެދި އެކަށީގެންވާ ވަރަށް ފަރުވާގެ ހިދުމަތް ނުދެވި، ބެކްލޮގެއް އުފެދި، އެޖެންސީ އޮތީ ބޮއްސުންލައިފަ އެވެ. އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މިދިޔަ ސަރުކާރުގައި، މެއި 2021ގައި، ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރީ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ފޯރުކޮށްދިނުމުގެ ވިސްނުމަކާ އެކު އެވެ.

އެކަމަކު، ތިން އަހަރު ފަހުން ވެރިކަން ބަދަލުވުމާ އެކު، އާ ސަރުކާރުން މިވަނީ އަނެއްކާ ވެސް ހެލްތުގެ ދަށުން އެންޑީއޭ ނަގައި، ފުޅާ މެންޑޭޓެއް ދީފައިވާ، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ"ގެ ދަށަށް އެ އެޖެންސީ ބަދަލުކޮށްފަ އެވެ.

މިނިސްޓަރު އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާންއަށް ރައީސް މުއިއްޒު ވަޒީރުކަމަށް އައްޔަން ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

މިއާ އެކު އަނެއްކާ ވެސް ސިއްހީ ނަޒަރަކުން ބެލުމުގެ ބަދަލުގައި އަދަބު ދިނުމުގެ ވިސްނުމެއް ގެންގުޅެނީތޯ އާއި ފަރުވާގެ ނިޒާމަށް ދެން ވާނީ ކިހިނެއްތޯ ބައެއް އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އިލްމީ ދިރާސާތަކަށް ނުބަލައި ކުއްލިއަކަށް ނިންމި ނިންމުމެއް ކަމަށް ބުނެ ދަނީ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންނެވެ.

'ފުރަތަމަ ގުޅެނީ ގައުމީ ސަލާމަތާ'

މި ސަރުކާރުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް އެންޑީއޭ ގެނައުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ބުނެފައި ވަނީ، މުޅި މައްސަލައަކީ އޭގެ ޒާތުގައި ފުރަތަމަ ގައުމީ ސަލާމަތުުގެ މައްސަލައެއް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު، ޑްރަގް ރާއްޖެއަށް އެތެރެވުން ހުއްޓުވުމާ އެކު، ފަރުވާ ދިނުމަށް އޮތް ސަމާލުކަން ވެސް ދެމި އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

"ނޭޝަން ސެކިއުރިޓީ ފަސްޓް އިޝޫއެކޭ މި ކަމަކީ. މިކަން ހުއްޓުވުމުގައި ވަށައިޖެހޭ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. އެއް ކަމަކަށް، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ ދިމާތައް ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ. ހަމަ އެއާ އެކު އެކީގައި، ކުރިއްސުރެ ވެސް ފަރުވާ އަށް އޮތް ސަމާލުކަން އެ އަށް ވުރެ އިތުރަށް އިތުރު ކޮށްގެން މަސައްކަތްތައް ކުރެވިގެންދާނެ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ ވަނީ އެންޑީއޭ އެ މިނިސްޓްރީގެ ދަށަށް ގެނައުމަކީ ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެ، އެކަމަށް ތާއީދުކުރައްވައިފަ އެވެ. މައިގަނޑު ސަބަބަކީ މުއައްސަސާތަކަށް ގުޅިގެން މަސައްކަތް ކުރަން ފަސޭހަވުން ކަމަށް ވިދާޅުވި އެވެ.
އެންޑީއޭގެ ބޯޑުގައި 10 މެމްބަރުން ތިއްބަވާއިރު، އޭގެ ތެރެއިން ފަސް މެމްބަރުންނަކީ ޑްރަގްގެ ސަޕްލައި މަދު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ފަރާތްތައް ކަމަށް އިމާދު ވިދާޅުވި އެވެ. އެ ހުރިހާ މުއައްސަސާތައް ރޭވިފައި ހުރީ ހޯމް ސެކްޓާގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، މައުލޫމާތާއި އެހީތެރިކަން ބަދަލުކޮށް އަވަހަށް ކަންކަން ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންގެ ރިސޯސްތައް އަޅުގަނޑުމެން ޝެއާކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކަންކަން އަވަސް މަގުގައި ނިންމުމަށް ބަލާއިރު އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުހިންމު ބަދަލެއް،" އިމާދު ވިދާޅުވި އެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހް މީގެ ކުރިން "ދައުރު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ވެސް ހޯމް ސެކްޓާގެ އެހެނިހެން އިދާރާތަކާ ގުޅިގެން، ކުރިއަށް އޮތް ހަތަރު ވަަރަކަށް މަހުގެ ތެރޭގައި ފަރުވާ ފުރިހަމަނުކުރެވި ތިބި 700 އެއްހާ މީހުން ހޯދައި އެ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެލްތު އެޕްރޯޗަކުން ކަންކަން ކުރުމަށް އޮންނަ އޮތުމަށް ބަދަލެއް އައީތޯ މީހުން ސުވާލު ކުރާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ފަރުވާ ބޭނުންވާ މީހުންނާ މެދު ދެކޭ ގޮތަށް މި ސަރުކާރުގައި ބަދަލެއް ނާންނާނެ އެވެ. އެ މީހުންނާ މެދު އަދިވެސް ބަލާނީ ސިއްހީ ނަޒަރަކުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ، ސިއްހީ ނަޒަރަކުން އެ މައްސަލައަށް ބެލުމުގެ މާނައަކީ ހެލްތު މިނިސްޓްރީގެ ދަށުން ހުރިހާ ކަމެއް ކުރުމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ސިއްހީ ނިޒާމުގެ ތެރެއިން ދޭ ފަރުވާތައް ވެސް ދެމުންދާނެ ކަމަށް ވިދާޅުވި އެވެ.

"ހެލްތު އެޕްރޯޗެއްގެ މަސައްކަތް ކުރުމުގެ މާނަައަކީ އެއްވެސް ހާލެއްގައި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މިކަންކަން ކުރުމެއް ނޫން. އެހެންނަމަވެސް، ހެލްތު ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެންގެ ކްލަޔަންޓުނަށް ދޭން ޖެހޭ ފަރުވާ ދިނުމާއި އެ ކްލަޔަންޓުންނާ ދޭތެރޭ ދެކޭ ގޮތް ޕިއުނިޓިވް ވިސްނުމަކަށް ވުރެ ބޮޑަށް ހެލްތު ވިސްނުމަކުން ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުން،" އިމާދު ވިދާޅުވި އެވެ.

ސިއްހީ ނަޒަރިއްޔާ އެއް ފިޔަވަޅު ފަހަތަށް

ޑްރަގްގެ މައްސަލައަށް ހޭލުންތެރިކުރުމާއި އެންޑީއޭ ރިފޯމްކޮށް މައްސަލަ ހައްލުކުރުމަށް ގޮވާލާ ޖަމިއްޔާއެއް ކަމަށްވާ ހޭންޑްސް ޓުގެދާގެ އެޑްވައިޒަރު އަދި މީޑިއާ ކޯޑިނޭޓަރު އައިމިނަތު ނަތާޝާ ވިދާޅުވީ ކޮންމެ ސަރުކާރެއް އައުމުން އެ ބަޔަކު ބޭނުންވާ ގޮތަކަށް ނިޒާމު ބަދަލުކުރަން ވެއްޖެ ނަމަ މައްސަލައަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑްރަގް ފަރުވާ ހޯމް މިނިސްޓްރީގެ ދަށަށް ގެނައުމުން އެ ހިސާބުން ފަރުވާދޭ މީހުންނާ މެދު އެ ބެލެނީ ކުށްވެރިންގެ ގޮތުގައި ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޑްރަގް ފަރުވާއަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލާ ނަމަ، އެކަން އޮންނަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުގަ އެވެ.

"މިސާލަކަށް ޑައިބެޓިކްސް ޕޭޝަންޓުންގެ ޑައިބެޓިކްސް ކްލިނިކް ގެންގޮސް ހޯމް މިނިސްޓްރީގެ ދަަށަށް ލީމަ ކިހިނެއްތޯ ވާނީ. ހަމަ އެކަހަލަ ކަމެއް ދެއްތޯ މިއީ. ހެލްތު އިޝޫއެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް ވެއްޖެއްޔާމުން އެ ހެލްތު އިޝޫއެއްގެ ގޮތުގައި އޮންނަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުގައި،" ނަތާޝާ ވިދާޅުވި އެވެ.

"އެ ހިސާބުން އެ ބަލަނީ އަނެއްކާ ވެސް ކުށްވެރިންގެ ގޮތުގައި ދެއްތޯ. ފަރުވާ ދޭން ޖެހޭ މީހުން ނޫންތާ ހޯމް މިނިސްޓްރީގެ ދަށަށް ދާން ޖެހޭނީ. ވަކިން ސެޕަރޭޓުކޮށްފައި އޮތް އެއްޗެއް އަނެއްކާވެސް މިކްސްއަޕްކޮށްލީމަ އޭގެ ނަތީޖާ އެހާ ރަނގަޅެއް ނުވާނެ،"

މިދިޔަ ސަރުކާރުގައި އެންޑީއޭގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އެ މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ގަބޫލުކުރައްވާ ގޮތުގައި ޑްރަގްގެ މައްސަލައަކީ ފުރަތަމަ އާންމު ސިއްހަތުގެ މައްސަލައެކެވެ. އޭނާ ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށަށް އެންޑީއޭ ގެނެސްގެން ފަރުވާގެ ކަންކަން ރަނގަޅުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެންޑީއޭގެ ކުރީގެ ޗެއާޕާސަން ޝަމާއު ޝަރީފު: އޭނާ ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރުމުން ފަރުވާގެ ނިޒާމަށް ގެއްލުންދައްކާނެ ކަމަށް

އޭނާ ވިދާޅުވީ، އެންޑީއޭ ހެލްތުގެ ދަށުން ހޯމް މިނިސްޓްރީގެ ދަށަށް ގެންދިއުމުން، ސަރުކާރުން ވަރަށް ބޮޑަށް "އެންފޯސްމަންޓް" ނުވަތަ ތަންފީޒުކުރުމަށް އިސްކަންދޭކަން ދޭހަވާ ކަމަށެވެ. އެކަމަކު، ފަރުވާގެ ނިޒާމަކީ ވަކި ކަމެއް ކަމަށާއި މުޖުތަމައަށް ވަންނަ ޑްރަގްގެ ސަޕްލައި މަދު ކުރުމުގެ ޒިންމާއަކީ ވަކި މުއައްސަސާތަކަކާ ހަވާލުކޮށްފައި އޮންނަ ކަމެއްކަން ވެސް ޝަމާއު ފާހަގަކުރެއްވި އެވެ. އެގޮތުން، ފުލުހުންނަށް ވެސް ސަޕްލައި މަދު ކުރުމުގެ ފުޅާ މެންޑޭޓެއް ދީފައިވާއިރު ކަސްޓަމްސްއިން ވެސް އެ މަސައްކަތް ކުރަމުންދާކަން ޝަމާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ބަލިކަށިކޮށް އޮތީ، ފަރުވާގެ ނިޒާމެވެ.

"ވަރަށް ބޮޑަށް މިހާރު އެންފޯސިންއަށް އެ ވިސްނަނީ. އެއީ މުޅިން އެހެން މަސައްކަތެއް. އެންފޯސިން އެޖެންސީތައް ގާއިމްކޮށްފައި އެބަ ހުރި އެ އެޖެންސީތަކުގެ މަސައްކަތް ރަނގަޅަށް އަދާކޮށްފިއްޔާ ސަޕްލައި ރިޑަކްޝަން ވަރަށް ބޮޑަށް ދަށްވާނެ،" ޝަމާއު ވިދާލުވި އެވެ.

ފަރުވާގެ ނިޒާމަށް ބަލާއިރު ޑިމާންޑު އޮތް ވަރާ ގާތަށް ވެސް ފަރުވާ ފޯރުކޮށްދިނުމުގެ ކެޕޭސިޓީ ނެތް ކަމަށް ޝަމާއު ވިދާޅުވި އެވެ. ދެތިން ސެންޓަރެއް ހަދައިގެން ހައްލު ކުރެވޭ ވަރަށް ވުރެ މައްސަލަ ބޮޑެވެ. އެހެންވެ، ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ހެދި ދިރާސާތަކުގެ އަލީގައި މިދިޔަ ސަރުކާރުގެ ވިސްނުން ހުރީ، ސިއްހީ ނަޒަރިއްޔާއަކުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުން އެ ތަނެއްގެ ފެންވަރުގައި ދެވޭނެ ފަރުވާތަކެއް ދެވޭ ގޮތް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެންޑީއޭގެ ބައިވެރިވުމެއް ނެތި ބައެއް ފަރުވާތައް ދެވޭ ގޮތް ހެދި ކަމަށާއި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ޝަމާއު ވިދާޅުވި އެވެ.

ކުރިން ހެލްތު މިނިސްޓްރީގެ ދަށުން މަސައްކަތް ކުރި އިރު ޑްރަގް ފަރުވާގެ ކަންކަމަށް ހޮސްޕިޓަލުތަކުގެ ބައިވެރިވުން ވަރަށް ފަސޭހައިން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މެންޑޭޓު މުޅިން އެހެން މުއައްސަސާއަކަށް ބަދަލުވުމުން ދެން އެކަމަށް ވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން، އަތުލާގަނެވުނު 314 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުރާލަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ސިިއްހީ ނިޒާމުގެ ތެރޭގައި ޑްރަގް ފަރުވާ އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ވިދާޅުވަމުން ޝަމާއު ފާހަގަކުރެއްވީ، މިހާރު ރާއްޖޭގައި ބޭނުންކުރާ ބާރުގަދަ ޑްރަގްތައް އިތުރުވެފައިވާއިރު، އެ ޑްރަގްތަކަށް ދެވޭ ފަރުވާގެ ތެރޭގައި މެތަޑޯން ފަދަ ބޭސްތައް ހިމެނޭކަމެވެ. އަދި ފަރުވާގެ ތެރޭގައި ނަފްސާނީ ސިއްހަތާ ގުޅޭ ކަންކަން ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

މިޒަމާނުގައި މިދޭ ފަރުވާއަކީ ބޭހެއް ވެސް އޭގައި ހިމެނިގެން ދޭ ފަރުވާތަކެއް. ދެން އޭގެ އިތުރުން ސައިކޯސޯޝަލް ބައި ވަރަށް ރަނގަޅަށް އެބަ އޮތް. ސައިކޯސޯޝަލް ބައިވެސް މި އޮންނަނީ މެންޓަލް ހެލްތާއި މިކަހަލަ ކަންކަމާ ގުޅިފައި

ޝަމާއު ޝަރީފު، އެންޑިއޭގެ ބޯޑުގެ ކުރީގެ ޗެއާމަން

"މިޒަމާނުގައި މިދޭ ފަރުވާއަކީ ބޭހެއް ވެސް އޭގައި ހިމެނިގެން ދޭ ފަރުވާތަކެއް. ދެން އޭގެ އިތުރުން ސައިކޯސޯޝަލް ބައި ވަރަށް ރަނގަޅަށް އެބަ އޮތް. ސައިކޯސޯޝަލް ބައިވެސް މި އޮންނަނީ މެންޓަލް ހެލްތާއި މިކަހަލަ ކަންކަމާ ގުޅިފައި،" ސިިއްހީ ނިޒާމުގެ ތެރޭގައި ޑްރަގް ފަރުވާ އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ބައެއް ސަބަބުތައް ޝަމާއު ވިދާޅުވި އެވެ.

'ދުނިޔެ ދެކޭ ގޮތް ބަދަލުވާނެ'

ޝަމާއު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރުމުން، ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެންދިޔަ އެވެ. އެގޮތުން ޑަބްލިއެޗްއޯއާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަން އޭގެ ކުރިން ނުލިބޭ ވަރަށް ލިބުނުކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ މި މައްސަލަ ހައްލު ކުރުމަށް ފަންޑިން ހަމަޖެއްސުމުގެ ވާހަކަތަކެއް ވެސް ދެކެވުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހެލްތުގެ ދަށަށް އެންޑީއޭ ގެންދިއުމަށް ފަހު، އެ މިނިސްޓްރީން ރާއްޖޭގެ ޑްރަގްގެ ހާލަތު ދެނެގަތުމަށް 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދިރާސާއެއް ހެދި ކަމަށެވެ. އެގޮތުން، ޑަބްލިއުއެޗްއޯ އާއި ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި އެ ދިރާސާގެ ހޯދުންތަކާ އެކު، ގާނޫނުގައި ބުނާ ގޮތަށް ފަރުވާގެ ނިޒާމުގެ މަސައްކަތްތައް ނުހިނގާ ސަބަބުތަކާއި، ކުރަން ހުރި މަސައްކަތްތަކާއި، ހުރި ވަސީލަތްތައް ވެސް ބަލާފައިވާނެ އެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގުނު އެއްޗަކީ އަދި އެޑްވައިސް ވެސް ލިބުނު ގޮތަކީ ހެދުނު ދިރާސާތަކާ އެއްކޮށް ލިބިފައި އޮތީ ހެލްތު އެޕްރޯޗެއް ގެންގުޅެން. ސިއްހީ ނަޒަރެއް ގެންގުޅެފައި، ޕިއުނިޓިވް ވިސްނުން، ކުރީގައި އޮތް އަދަބު ދޭ ހަރުކަށި ވިސްނުން ދޫކޮށްލާފައި ސިއްހީ އެންގަލްއަކުން ވިސްނާފައި އެ އެޕްރޯޗުގައި މަސައްކަތްކޮށްފިއްޔާ މީގެ ނަތީޖާ ރާއްޖެ ކަހަލަ ތަނެއްގައި މާ ފަސޭހަވާނެއޭ،" ޝަމާއު ވިދާޅުވި އެވެ.

އެހެންނަމަވެސް، މި ސަރުކާރުގައި ގެނައި ބަދަލާ އެކު، ރާއްޖެއިން ޑްރަގްގެ މައްސަލައާ ކުރިމަތިލާ ގޮތާ މެދު ދުނިޔެ ދެކޭ ގޮތް ބަދަލުވެެދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. އަދި ކުރިން ލިބެން އޮތް އެހީތައް ވެސް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުވީމަ ފުރަތަމައިނުން ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ، މުޅި ދުނިޔެ ދެކޭ ގޮތް ބަދަލުވާނެ އިނގޭތޯ ރާއްޖޭގައި މިއަށް ޓެކަލް ކުރަން އޮތް ގޮތް. އެއީ ކުރީގަ ވަރަށް ސަޕޯޓު ލިބޭ ގޮތަކަށް އަޅުގަނޑުމެންނަށް ފާހަގަވީ ޔޫއެންއޯޑީސީ ވިޔަސް އަދި ޑަބްލިއެޗްއޯގެ ކޮމިޓްމެންޓް އަދި ވަރަށް ބޮޑަށް ލިބުނު

ޝަމާއު ޝަރީފު، އެންޑިއޭގެ ބޯޑުގެ ކުރީގެ ޗެއާމަން

"ދެ އަހަރެއްހާ ދުވަހު ހެދުނު ސްޓަޑީތަކާ މި އެއްޗެއްސަށް ބެލުމެއް ނެތި ކުއްލިއަކަށް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުވީމަ ފުރަތަމައިނުން ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މުޅި ދުނިޔެ ދެކޭ ގޮތް ބަދަލުވާނެ އިނގޭތޯ ރާއްޖޭގައި މިއަށް ޓެކަލް ކުރަން އޮތް ގޮތް. އެއީ ކުރީގައި ވަރަށް ސަޕޯޓު ލިބޭ ގޮތަކަށް އަޅުގަނޑުމެންނަށް ފާހަގަވީ ޔޫއެންއޯޑީސީ ވިޔަސް އަދި ޑަބްލިއެޗްއޯގެ ކޮމިޓްމެންޓް އަދި ވަރަށް ބޮޑަށް ލިބުނު،" ޝަމާއު ވިދާޅުވި އެވެ.

"ކޮމިޓްމެންޓުތައް ވެސް ލިބެން އޮއްވާ ގެއްލެން އުޅޭ ކަހަލަ ގޮތަކަށް މި ފެންނަނީ ތެދަށް ދަންނަވަންޏާ،"

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މި ބޮޑު ބަލިމަޑުކަމަށް ގެންނަން ތަސައްވުރު ކުރި ލުއި ނުގެނެވި އޮތީ، މުއައްސަސާތަކަށް ހަވާލުކުރި ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތުގައި ތަންފީޒުކޮށްފައި ނެތުމުންނެވެ. ކޮންމެ ފަސް އަހަރަކުން މިނިސްޓްރީ ބަދަލުކުރެވިދާނެ އެވެ. އެކަމަކު، މުޅި މައްސަލަ ހައްލު ކުރެވޭނީ އެކަމާ ހަވާލުވެގެން ތިބި މީހުންގެ 'ޕޮލިޓިކަލް ވިލް' ނުވަތަ ހައްލު ކުރުމުގެ ނިޔަތާއި އިހުލާސްތެރިކަން ވެސް އޮވެގެންނެވެ.

ކޮމެންޓް (2)

ސޭކުސްތާން

27 ޑިސެމްބަރު 2023
އެއްކަމެއްވެސް ނުވާނެ ފުރަތަމަ ކަމަކީ މިވެސް ސިޔާސީ ވަޒީފާތައް ދައުލަތުގެ ބަޖެޓްން ކޮންމެވެސް ބަޔަކަށް ފައިސާތަކެއްދިނުމުގެ ނޮޔަތުގަ ކުރާކަމެއްމީ
0 0

ކިންގް

26 ޑިސެމްބަރު 2023
ޑްރަގް މައްސަލަ އަކީ ހަމައެކަނި ފަރުވާ ދިނުމާ ގުޅިފައިވާ ކަމެއް ނޫން. ޑްރަގް ޓްރެފެކިން މައްސަލަ އެބަ އޮތް . ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާ ގެ ފުރުސަތު ހޯދާ މުޖްތަމައަށް އަހުލުވެރިކުރުންވެސް އެބަ އޮތް. ހަމައެކަނި އެންމެ އެޕްރޯޗަކުން މައްސަލަ ހައްލުކުރަން ވިސްނުން ގޯސް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް