ވަރަށް ބޮޑަށް ލަކުޑި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ކެޔޮދޫގެ ގެސްޓުހައުސްއެއް. މި ރަށު ބައެއް މިހުން ބުނާ ގޮތުގައި އިޓަލީ މީހުންނަކީ ވަރަށް ލަކުޑީގެ ބައެއް. (ދައުރު ފޮޓޯ)

ވ. ކެޔޮދޫ

ކެޔޮދޫ: ވާވު އަތޮޅުގައި ވޮޑެމުން އަންނަ ކުޑަކުޑަ އިޓަލީއެއް

މި ރަށުގައި ހިންގާ ގިނަ ގެސްޓުހައުސްތަކުގައި އިޓަލީ މީހުންގެ މަސްލަހަތު އޮންނައިރު، އިޓަލީ މީހުންގެ ބައިވެރިވުމާ އެކު ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމުގައި ނަގާކިޔާ ރަށެއް
27 ނޮވެމްބަރު 2023

ކެޔޮދޫ - މާލެއިން ފުރައިގެން ގަޑިއިރަކާއި 45 ވަރަކަށް މިނެޓުން މި އާދެވުނީ ކުޑަވަރެއްގެ އިޓަލީއަކަށެވެ. މި ރަށުގައި ޓޫރިޒަމް ފައްކާވަމުން އަންނަ ގޮތުންނެވެ. ރާއްޖޭގައި އެނބުރޭ ދިވެހި ޓޫރިސްޓުންގެ މެދުގައި ވެސް މިއީ މަގުބޫލު ރަށެކެވެ. މިއީ ވ. އަތޮޅުގައި އޮންނަ ކުޑަކުޑަ ކެޔޮދޫ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގައި ވޮޑެމުން އަންނަ ކުޑަ އިޓަލީ އެކެވެ.

ކޮންކްރީޓާއި ތާރުގެ ތަރައްގީގެ ފުރޭތައަށް މި ރަށުގެ މަގުތައް ވަނީ ބަންދުކޮށްފަ އެވެ. ކުނި ކަހައި ވެލިގަނޑު އޮމާންކޮށްލާފައި އޮންނައިރު މަގުގެ ދެ ފަރާތުން ހެދިގެން ނުކުމެ ހެދި ހިޔައު ދެމުން ކުލަކުލައިން ބަބުޅަމުންގެންދާ ގަސްތައް ހީވަނީ ތާރު ފުރޭތައާ ދެކޮޅަށް ކުރަހާފައިވާ ފަށަލައެއް ހެންނެވެ. ނެތެމުންދާ ހިތްގައިމު 'އައިލެންޑް ވައިބް' ހިމާޔަތްކުރަން ނުކުމެ އޮތް ފަހުލަވާނުންގެ ފެހި ލަޝްކަރެއް ހެންނެވެ.

ވ. ކެޔޮދޫގެ މަގެއް: މި ރަށުގެ ގިނަ މަގުތަކުގެ ދެ އަރިމަތީގައި ހައްދާފައި ހުންނަ އެކި ބާވަތްތަކުގެ ގަސްތަކުން މަގުތަކަށް އިތުރު ޗާލުކަމެއް ގެނެސްދޭ. (ދައުރު ފޮޓޯ)

އުމްރާނީ ތަރައްގީގެ އާއްމު ވައްޓަފާޅިއާ ބީރައްޓެހި މި ރަށުން ފާހަގަވާ އެއް ކަމަކީ ދުނިޔޭގެ އަނެއް ބިތުގައި އޮތް އިޓަލީއާ އޮންނަ އަވައްޓެރިކަމެވެ.

ކެޔޮދޫގެ ފަތުރުވެރިކަމުގެ ބަގީޗާގައި އެންމެ ފުރަތަމަ އޮށް އިންދީ ވެސް، މި ރަށު މީހުން ބުނާ ގޮތުގައި، އިޓަލީ މީހެކެވެ. މިހާރު އެއީ މި ރަށު މީހަކާ ގުޅިގެން ހިންގަމުން އަންނަ ގެސްޓުހައުސްއެކެވެ. ނަން ދީފައި އޮންނަނީ ވެސް އިޓަލީ ބަހުންނެވެ. ގެސްޓުހައުސް ވިޔަފާރި ރާއްޖެއަށް ތައާރަފް ކުރުމުގެ މާ ކުރިން ވެސް އެ ތަން ހުރި ކަމަށްވެ އެވެ. ފަތުރުވެރިން އައިސް ޗުއްޓީ ހޭދަކޮށްލާ 'ހޮލިޑޭ ހޯމް'އެއްގެ ގޮތުގަ އެވެ.

ފަތުރުވެރިންނެއް ނޫން، އެއީ އަވައްޓެރިން ފަދަ ބައެއް

މިހާރު އިޓަލީ މީހުންނަކީ ކެޔޮދޫ މީހުންނަށް އަވައްޓެރިން ފަދަ ބައެކެވެ. މި ރަށަށް އަންނަ ބިދޭސީ ފަތުރުވެރިންގެ ތެރެއިން ގިނަ މީހުންނަކީ އިޓަލީ މީހުންނެވެ. އެހެން އައިސް އުޅުމުގެ ތެރޭގައި އިޓަލީ މީހުން މި ރަށު މީހުންނާ ކައިވެނީގެ ގޮތުން ގުޅިފައި ވެސް އެބަހުއްޓެވެ.

ވ. ކެޔޮދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ ވިޒިޓް ކެޔޮދޫ)

އެއް ރޭ ހިނގާފައި ދަނިކޮށް ކުރިމަތިން އައި ފަތުރުވެރިޔަކު "ހެލޯ"އޭ ކިޔާފައި، ރަހުމަތްތެރި ރާގަކުން ގޮވާލުމުން އަހަރެންނަށް ވެސް ވެވުނު އެންމެ ރަހުމަތްތެރި ގޮތަކަށް ޖަވާބުދިނީމެވެ. ކައިރިން ފަސްދީފައި ދިޔަ ފަހުން ހިތަށް އެރި އެވެ: ޔަގީނެވެ. އެއީ ވެސް މި ރަށަށް އައިސް އުޅޭ އިޓަލީ އަވައްޓެރިއެކެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ފަހަތަށް އެނބުރި، ތިޔައީ ކޮން ތަނަކުން އައި މީހެއްތޯ އިނގިރޭސިބަހުން ސުވާލުކޮށްލުމާ އެކު އަޑުހަރުކޮށް "އިޓަލީ"އޭ ބުނެލާފައި އޭނާ ދިޔައީ އެވެ. 

އިޓަލީ މީހުންނަށް މި ރަށުން ދޭ އަހަމިއްޔަތުކަން އެނގޭ އެހެން ކަންކަން ވެސް ފާހަގަވި އެވެ. ބައެއް ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް އިރުޝާދު ދޭން ހަރުކޮށްފައި ހުންނަ ބޯޑުތަކުގައި ވެސް އިޓަލީ ބަހެވެ. މި ރަށު ގެސްޓުހައުސްއެއްގެ ޑައިވިން ދޯންޏެއްގެ ސަން ޑެކު މަތީގައި ވެސް ރާއްޖޭގެ ދިދައާ އެކު އިޓަލީގެ ދިދަ ވިހުރެނިކޮށް ވެސް ފެނުނެވެ. އެއީ އެ ވިޔަފާރީގައި އެ މީހުންގެ ހިއްސާ އޮތްކަމުގެ ރަމްޒެކެވެ.

ކެޔޮދޫ ގެސްޓުހައުސްއެއްގެ ޑައިވިން ދޯންޏެއްގައި ރާއްޖެ، އިޓަލީ އަދި ގެސްޓުހައުސްގެ ދިދަ ނަގާފައި. (ދައުރު ފޮޓޯ)

ވިޔަފާރި އިޓަލީ މީހުންނަށް، ތަރައްގީ އޮތީ ރަށަށް

"މިއީ ހަމަ އަހަރެމެންގެ ނަސީބު،" މި ރަށުން ބައްދަލުވި ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ އާއި މި ރަށުގެ އެހެން ބައެއް މީހުންގެ ވާހަކަތަކުން އެނގުނީ މީގެ ކުރިން ދިޔަ ގޮތަށް މިހާރު މި ރަށު މީހުން މަހަށް ނުދާ ކަމެވެ. މަހަށް ދިޔުން މަދުވުމާ އެކު މަސް ކެއްކުން ވެސް މަދުވީ އެވެ. ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މި ރަށަށް އައީ، އެ މީހުން ބުނާ ގޮތުގައި، މުޅި ރަށް ކޮންމެވެސް ކަހަލަ ހުސްކަމެއްގެ ތެރޭގައި އޮއްވަ އެވެ.

ލޯކަލް ޓޫރިޒަމުން ރަށަށް ކުރިއެރުން އަންނަމުންދާކަމާ މެދު މި ރަށު ގިނަ މީހުން ސުވާލެއް ނުއުފައްދަ އެވެ. ނަމަވެސް، އެ ވިޔަފާރި ހިނގަމުންދާ ގޮތާ މެދު އެކި މީހުން ދެކޭ ގޮތް ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މި ރަށުގެ ޓޫރިޒަމް ވިޔަފާރި ކޮންޓްރޯލް ކުރަނީ އިޓަލީ މީހުންނެވެ. އެ މީހުންގެ ބައިވެރިވުމެއް ނެތި، ދިވެއްސަކު އެކަނިމާއެކަނި އަމިއްލައަށް ހިންގަނީ ދެ ތިން ގެސްޓުހައުސްއެކެވެ.

"ކުޑަ ކުއްޔެއް ދީގެން، ދިގު މުއްދަތަކަށް ގޯތި ކުއްޔަށް ނަގައިގެން އިޓަލީ މީހުން މި ރަށުގައި ވިޔަފާރި ކުރަނީ،" ޓޫރިޒަމް ވިޔަފާރީގައި ކެޔޮދޫ މީހުން އިސްނަގާތަން ދެކެން ބޭނުންވާ މީހަކު ބުންޏެވެ.

"ލޯކަލް ޓޫރިޒަމް އައިސްގެން ކަން ހިނގި ގޮތް އެއީ. މިއީ ކިހާ ވަރެއްގެ ކަމެއްކަން، ކިހާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއްކަން އެނގުނީ އަސްލު މާ ފަހުން ކަންނޭނގެ. މިހާރު ވެރިންނަކީ އެ މީހުން. މި ރަށު މީހުން މި ރަށުގައި [ޓޫރިޒަމް ވިޔަފާރީގައި] މަސައްކަތް ކުރަނީ އެ މީހުންގެ މުވައްޒަފުންގެ ގޮތުގައި."

އޭނާ ބުނި ގޮތުގައި ކެޔޮދޫއިން ވިޔަފާރިކޮށް ނަފާ ހޯދި އިޓަލީގެ ބައެއް މީހުން މިހާރު އެ މީހުންގެ އަމިއްލަ ގައުމާއި ދުނިޔޭގެ އެތަން މިތަނަށް ވިޔަފާރި ފުޅާކޮށްފި އެވެ. މިހާރު އެ މީހުން އިސްކަންދެނީ ވެސް ބޭރުގައި ހިންގާ ވިޔަފާރިތަކަށް ކަމަށްވެ އެވެ. ހެއްކެއްގެ ގޮތުގައި ދެއްކީ މީގެ އެތައް އަހަރެއް ކުރިން ކެޔޮދޫގައި ހުޅުވި ގެސްޓުހައުސްއަށް މާ ބޮޑު ކުރިއެރުމެއް، ބަދަލެއް އައިސްފައި ނެތުމެވެ.

ކެޔޮދޫގެ ގެސްޓުހައުސް ވިޔަފާރީގައި އިޓަލީ މީހުން ރަސްކަން ކުރިޔަސް، ޖުމްލަކޮށް ރަށަށް ކުރިއެރުން އަންނަކަން އޭނާ ވެސް ގަބޫލުކުރެ އެވެ. ވިޔަފާރީގެ ކޮންޓްރޯލް އިޓަލީ މީހުންނަށް އޮތް ނަަމަވެސް، ޓޫރިޒަމަކީ މި ރަށުގެ ގިނަ ގޭބިސީތަކުގެ އާމްދަނީއާ ގުޅިފައި އޮތް ކަމެކެވެ.

ވ. ކެޔޮދޫގެ މަގެއް: މި ރަށުގެ ގިނަ މަގުތަކުގެ ދެ އަރިމަތީގައި ހައްދާފައި ހުންނަ އެކި ބާވަތްތަކުގެ ގަސްތަކުން މަގުތަކަށް އިތުރު ޗާލުކަމެއް ގެނެސްދޭ. (ދައުރު ފޮޓޯ)

މިހާރު ކުރިއަށްދާ ގޮތަށް ދާ ނަމަ، ކެޔޮދޫއަކީ ކުޑަވަރެއްގެ އިޓަލީއަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ބައެއް ގެސްޓުހައުސްތަކުން މިހާރު ވެސް ވަރަށް ބޮޑަށް އިޓަލީގެ ގޮތްގަނޑު ފެންނަން އެބަހުއްޓެވެ.

އެކަމަކު އެ ފުރުސަތު އޮތީ، ފެންނަ ފެނުމަށް ހަމައެކަނި ވިޔަފާރީގަ އެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މި ރަށު ކޮންމެ މީހެއްގެ ފަރާތުން ވެސް ލިބޭ ހިނިތުންވުމުގެ މަރުހަބާ އާއި ކެއުމަށް ލިބޭ ދައުވަތުތަކާއި ދިވެހި ކެއުންތަކުގެ މީރު ރަހައަކީ ދިވެހިންނަށް ހާއްސަ ސިފަތަކެކެވެ. ޓޫރިސްޓު އުޅަނދުތަކުގައި އިޓަލީގެ ދިދަ ޖެހިޔަސް، މި ރަށު ބަނދަރުގައި ނަގާފައި ހުރި ބޮޑު ދިދައަކީ އިޓަލީ ދިދައެއް ނޫނެވެ. އެއީ ދިވެހިން، އަހުވަންތަކަމުގެ ނަޒަރަކުން ދެކޭ ފަލަސްތީނު ދިދައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް