އުތުުރު ތިލަފަޅުގައި ހުރި ސިފެއިންގެ "ސިފަވަރު" މޮނިއުމެންޓް --- ދައުރު ފޮޓޯ
ޔޫޓީއެފްއަކީ ދިވެހި ސިފައިންގެ ތަނެއް، އެމްއެންޑީއެފުން ދެނީ އެ ޔަގީންކަން
އިއްޔެ އިރު އޮއްސެން ދަނިކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ކުއްލި ބަޔާނެކެވެ. ސިފައިންގެ ލީޑަޝިޕްގެ އިތުބާރު ގެއްލުވާލައި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އޭގެ ސަބަބަކީ، އެ ބަޔާނުގައި ބުނި ގޮތުގައި، ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމެވެ.
ބަޔާން ނެރުނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އުތުރު ތިލަފަޅު (ޔޫޓީއެފް)އާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ދޮގުކުރާށެވެ. ޔޫޓީއެފްއަށް ސަރުކާރުން ދީފައިވާ ނަމަކީ 'އެކަތަ' ބަނދަރެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުން އަންނަ ބަނދަރަކީ، ސަރުކާރުން ކުރިން ވެސް ތަކުރާރުކޮށް ބުނަމުން އަންނަ ފަދައިން، ދިވެހި ކޯސްޓް ގާޑުގެ އުޅަނދުފަހަރު އަޅާށާއި އެ އުޅަނދުތައް މަރާމާތު ކުރަން ތަރައްގީކުރާ ތަނެކެވެ.
ބަޔާން ނެރުނު އިރު، ޑިފެންސް މިނިސްޓްރީގެ ފަރާތުން އުތުރު ތިލަފަޅު ދައްކާލަން ގެންދިޔަ ނޫސްވެރިން ތިބީ އެތަނުގަ އެވެ. އިދިކޮޅުން ބުނަމުން ދަނީ އެއީ ސަރުކާރަށް ބާރެއް ނެތް ތަނެއް ކަމަށެވެ. އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ކަމަށެވެ.
މިހާރު އަންނަނީ އެތަން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެއިން އެއްވެސް ކަމެއްގައި އިންޑިއާ ސިފައިންގެ ބަޔަކު އުޅޭ ތަނެއް ނުފެނެ އެވެ. އެތަނުން ފެންނަނީ ދިވެހި ސިފައިންނާއި ބަނދަރު ތަރައްގީކުރުމުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެއިލް ވިކާސް ނިގާމް (އާރްވީއެންއެލް)ގެ މުވައްޒަފުން އެކަންޏެވެ.
އުތުރު ތިލަފަޅުގެ ފެށުން
އުތުރު ތިލަފަޅު ތަރައްގީކުރަން ރާއްޖެއިން އިންޑިއާއަށް އެންމެ ފުރަތަމަ ހުށަހެޅީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޕްރީލް 2013ގަ އެވެ. އެއީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި އެންމެ 1،900 ވޯޓު ލިބިވަޑައިގެންނެވި މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރެއްގަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން، މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޭ 2017ގައި އިންޑިއާ އިން ޓާމްސް އޮފް ރެފަރެންސް ފޮނުވި އެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ވިސްނުން ހުރި ކަން 2018ގައި އޭރުގެ ސަރުކާރުން އިންޑިޔާއަށް އެންގި އެވެ.
ކޯސްޓް ގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ހެދުމުގެ އަމަލީ މަސައްކަތް ކުރަން ބޭރުގެ އެކި ގައުމުތަކާ ކުރީގެ ސަރުކާރުންތަކުން މަޝްވަރާކުރި އެވެ. އޭގެ އެއްބަސްވުމުގައި ސޮއިކުރީ މި ސަރުކާރުން 21 ފެބްރުއަރީ 2021 ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން:
-
އުތުރު ތިލަފަޅު ތަރައްގީ ކުރަން 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ދޭނެ
-
ފުރަތަމަ ފޭސްގެ ދަށުން ޔޫޓީއެފްގައި ތަރައްގީ ކުރަނީ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް
-
ޔޫޓީއެފް ތަރައްގީކޮށް މެނޭޖްކުރާނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން
-
އެއީ 15 އަހަރު ދުވަހުގެ އެއްބަސްވުމެއް، އެ މުއްދަތު ހަމަވުމުން އެއްބަސްވުން އޮތީ އިތުރުކުރެވޭ ގޮތަށް
-
އިންޑިއާގެ ހުއްދަ ނެތި ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް އެ ބަނދަރަށް ވަދެ އުޅުން މަނާވާނެ
-
ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް ބުނެ އެ އެއްބަސްވުމުގެ މާ ބޮޑެތި ތަފްސީލްތަކެއް ސަރުކާރުން ހާމައެއް ނުކުރޭ
ޔޫޓީއެފް ތަރައްގީ ކުރަމުން އަންނަ އާރުވީއެންއެލްއަށް މިއީ އެފަދަ މަސައްކަތެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ އިންޑިޔާގެ ރެއިލްވޭ ލައިންތަކާއި ޓަނަލްތަކާއި ރެއިލްވޭ ބްރިޖްތައް ހަދަން 2003ގައި އުފެއްދި ކުންފުންޏެކެވެ.
ޔޫޓީއެފް މަޝްރޫއު ހަވާލުކުރީ:
-
186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ)އަށް
-
މަޝްރޫއު ނިންމަން ޖެހެނީ ސޮއިކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި
މިއީ ދިވެހި ސިފައިންގެ ތަނެއް
މާލެ އިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވޭހާ ކައިިރީގައި އޮންނަ އުތުރު ތިލަފަޅުގެ އެއްވެސް ހިސާބެއްގައި އިންޑިއާގެ އަސްކަރީ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
ނޫސްވެރިންނަށް މަޝްރޫއުއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަން އެމްއެންޑީއެފްގެ ބޭފުޅުން ތިއްބެވި އެވެ. އެތަނުގައި ހުންނާނެ މަރުކަޒުތަކާއި ލިބޭނެ ހިދުމަތްތައް ކުރެހުމެއްގެ ތެރެއިން ދައްކާލި އެވެ.
ބިން ހިއްކަން ފެށީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކަ އެވެ. އެމްއެންޑީއެފުން އަންދާޒާކުރަނީ އަންނަ އަހަރުގެ މާޗު މަހަށް ބިން ހިއްކައި ނިމޭނެ ކަމަށެވެ. މުޅި ބަނދަރު ނިންމައި ހުޅުވާލެވޭނެ ކަމަށް ބެލެވެނީ ވެސް އަންނަ އަހަރު އެވެ.
ޔޫޓީއެފްގައި ހަދަނީ ރާއްޖޭގެ ކޯސްޓް ގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާށާއި އެ އުޅަނދުތައް ޑޮކްކޮށް، މަރާމާތު ކުރުމުގެ ވަސީލަތްތަކެވެ.
ޔޫޓީއެފްގައި ހުންނާނެ ތަންތަން؛
-
ޑައިވިން ސެންޓަރާއި މެރިޓައިމް ސްކޫލް
-
ސިފައިންނަށް ތަމްރީން ދޭން ހާއްސަ މަރުކަޒުތަކާއި އެކަމޮޑޭޝަން ބްލޮކްތައް
-
ފުޓްބޯޅަ އާއި ބާސްކެޓް ބޯޅަ ކޯޓުތަކާއި އިންޑޯ ކުޅިވަރަށް ހާއްސަ ކޮމްޕްލެކްސްއެއް
-
ހެލިކޮޕްޓަރު ޖައްސަން ބޭނުންކުރާ ހެލިޕެޑް އަދި ހެންގަރެއް
-
ވީއައިޕީއަށް ހާއްސަ ރޯ ހައުސްތަކާއި، ވީއައިޕީ ސޫޓްތަކާއި އަދި ބަންގަލޯ
"މިރަށަކީ ސިފައިންގެ އުޅަނދުތައް އަޅާފައި ބޭއްވުމަށާއި، ކަނޑު އުޅަނދުތައް ޑޮކް ކުރުމަށް އަޅުގަނޑުމެން ތަރައްގީ ކުރާ ރަށެއް. މިރަށަށް އާންމު މީހުންނަކަށް ނޭރޭނެ. ބަޔަކަށް މި ރަށަށް އެރޭނީ ސިފައިންގެ ހުއްދައާ އެކު،" އެމްއެންޑީއެފްގެ އޮފިޝަލަކު، ނޫސްވެރިންނަށް، ވިދާޅުވި އެވެ.
ޔޫޓީއެފްގައި، ދިވެހި ސިފައިންގެ އިތުރުން ތިބީ އާރުވީއެންއެލްގެ މުވައްޒަފުންނެވެ. އެ މުވައްޒަފުން ވެސް އެ މަސައްކަތްތައް ނިމުމާ އެކު އެރަށުން ފައިބާނެ އެވެ. ދިވެހި ސިފައިން އިއްޔެ ވެސް ދިން ޔަގީންކަމަކީ ޔޫޓީއެފްގައި އިންޑިޔާ ސިފައިން ނުތިބޭނެ ކަމެވެ.
"މި ރަށުގައި ނެތެއް ނޫންތޯ އެފަދަ ފަރާތްތަކެއް. މިރަށަކީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ތަރައްގީ ކުރެވޭ ރަށެއް. މި ރަށް ބަލަހައްޓާނީ ވެސް ދިވެހި ސިފައިން،" އޮފިސަރު ވިދާޅުވި އެވެ.
ސިފައިން ދިން މައުލޫމާތުތަކުން ސާފުވީ އެ ރަށުގައި ސެކިއުރިޓީގެ މާ ބޮޑު ކަންކަމެއް ވެސް ނޯންނާނެ ކަމެވެ. އެރަށުގެ އިހްތިސާސުގެ ބޭރުން އާންމުން މަސް ބާނައި ހެދިޔަސް އަދި އެރަށް މަތިން އެއާޓެކްސީ ފަދަ ބޯޓުފަހަރު ދުއްވި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމެވެ.
އިދިކޮޅާއި އިންޑިޔާ ސިފައިންގެ ވާހަކަ
ޔޫޓީއެފް އެއްބަސްވުމާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ބުނެފައި ވަނީ އެއީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެ ކަމަށް ވެސް ތުހުމަތުކުރެ އެވެ. ނަމަވެސް ދިވެހި ސިފައިން އެކަންކަން ދޮގު ކުރެ އެވެ. އެގޮތުން 2021ގައި ބުނެފައި ވަނީ:
-
ޔޫޓީއެފް އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބެވޭނީ އިންޑިއާގެ ފަންނީ މީހުން ކަމަށާއި ހަތިޔާރު އެޅި ސިފައިން ނޫން ކަމަށް
-
އެ މީހުން އަސްކަރީ ކަމެއް ނުކުރާނެ
-
އެ މީހުން އުތުރު ތިލަފަަޅުގައި ތިބެނީ އެތަން ތަރައްގީ ކުރަން ދިވެހި ސިފައިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން
ރާއްޖޭގައި އިންޑިއާ ސިފައިން ދުއްވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެއް އޮވެ އެވެ. އޭގެ އޮޕަރޭޝަންތަކަށް އިންޑިއާ ސިފައިން ރާއްޖޭގައި އުޅެ އެވެ. އެކަމަކު އެއީ އަސްކަރީ އެއްވެސް ކަމެއް ކުރާ ބައެއް ނޫން ކަމަށް، ތަކުރާރުކޮށް ސަރުކާރުން ބުނެ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީން، ރިޔާސީ އިންތިހާބުގެ ކުރިން 'އިންޑިއާ އައުޓް'ގެ ނަމުގައި މަގުމަތީ ހަރަކާތެއް ހިންގި އެވެ. އަދި އިންތިހާބުގެ ކެމްޕޭންގެ މައިގަނޑު ބަހުސް ވެސް އޮތީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމާއި އިންޑިއާ ސިފައިން ފޮނުވާލުމުގެ މައްޗަށެވެ. އިދިކޮޅުން ތުހުމަތުކުރަނީ ޔޫޓީއެފް ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިޔާ ސިފައިން ގާއިމްވެގެން ތިބޭ ކަމެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ފެށިފައިވާ އިރު ސަރުކާރުން މަސައްކަތްކުރަނީ ޔޫޓީއެފްއަކީ ދިވެހިންގެ މިލްކެއް ކަމާއި އެތަނަށް ބާރު ހިންގާނީ ވެސް ދިވެހިންކަމެވެ. ދިވެހި ސިފައިންކަމެވެ. އިއްޔެ ނެރުނު ބަޔާނަކީ ވެސް އޭގެ ހެއްކެކެވެ. އަދި ނޫސްވެރިން ގެންގޮސް ޔޫޓީއެފްގެ މަޝްރޫއު މިހާރު ގޮސް އޮތް ހިސާބު ދައްކައި، މައުލޫމާތު ދިނުމަކީ ވެސް އޭގެ ބައެކެވެ.
ކޮމެންޓް (4)
ސަމަރޭ
މަލްވީ
ހުމާމު
ހިތަދޫ 2