ގާސިމް އާ ރައީސް ސޯލިހް މީގެ ކުރިން ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން(ފޮޓޯ/ޖޭޕީ)

ގާސިމްގެ ސުވާލު ސަރުކާރަށް؛ ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ނުކެރިގެން ތިއުޅެނީ ކީއްވެ؟

މި ފަސް އަހަރު ދުވަހުގެ ތެރޭގައި 'އެއްވެސް ކަމެއް ނުކޮށްދެވޭ ކަމު'ގެ ކަންބޮޑުވުމާ އެކު، ސަރުކާރަށް ގާސިމް ދެއްވީ 'ސުން' ރިޕޯޓެއް
2 ސެޕްޓެމްބަރު 2023

"ހާސް ކަނޑާލައި، ހަމަޖެހޭނެ' ނަމުގައި ވީޓީވީގައި ޖުމްހޫރީ ޕާޓީ (ޖޭޕީގެ) މެނިފެސްޓޯ ކިޔައިދީ، މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި ރައުންޑް ޓޭބަލްގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފާޅުކުރެއްވި އެވެ. ސަރުކާރާ މެދު އޭނާގެ ހުރި ހިތްހަމަނުޖެހުންތަކުގެ ވާހަކަ ވިދާޅުވި އެވެ. ފާއިތުވެގެން މިދާ ފަސް އަހަރުގެ ތެރޭގައި 'އެއްވެސް ކަމެއް ނުކޮށްދެވޭ ކަމު'ގެ ކަންބޮޑުވުމާ އެކު، ސަރުކާރަށް ގާސިމް ދެއްވީ ވެސް 'ސުން' ރިޕޯޓެކެވެ.

އޭގެ ތެރެއިން ވެސް، ވަކިން ބޮޑަށް ހިތްހަމަޖެހިވަޑައިނުގަނެ، ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމެއް ފާހަގަކުރެވުނެވެ. އެއީ، ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކުރަން އުޅޭ އުޅުމެވެ. 

"އެކީއްވެތަ؟ އެއްޗެއް ގަތިއްޔާ އެ އެއްޗެއް ގަތް އަގެއް އިއުލާންކޮށްލައި، ރައްޔިތުންނަށް އެއްޗެއް އަންގާލަން ނުކެރެނީ؟" ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ރައްޔިތުންނަށް އެނގެންވާނެކަން ފާހަގަކުރައްވާ ގާސިމް ސުވާލުކުރެއްވި އެވެ.

ގާސިމް އެ ސުވާލުކުރެއްވީ، މި ފަހުން ސަރުކާރުން ގެނައި މަސްކިރާ ބޯޓަކީ ބާ ބޯޓެއް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. "ބާވެ ހަސްފަސް ނެތިފައިވާ އެ ބޯޓު ގަތް އަގެއް ވެސް ދެނެވޮޑިގެންވާނީ މާތްކަލާނގެ" ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ އަގު ވެސް ހާމަކޮށްލަން ސަރުކާރަށް ނުކެރުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ޖޭޕީގެ މެނިފެސްޓޯގެ ކަންކަމާ ބެހޭ ގޮތުން ވާހަކަދައްކައި މަޝްވަރާ ކުރުމަށް ވީޓީވީގައި އިއްޔެ ލައިވްކޮށް ބޭއްވި ރައުންޑް ޓޭބަލް މަޝްވަރާ (ފޮޓޯ/ޖޭޕީ)

ސަރުކާރުން ކަންކަން ސިއްރުކުރަން އުޅުމުގެ ހިތްހަމަނުޖެހުން ގާސިމް ފާޅުކުރެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދޭތެރެއިން ރިޔާސީ ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި، ކޮންމެ ރަށަކަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގައި ވެސް ތަކުރާރުކޮށް އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެގޮތުން އާންމުކޮށް ވިދާޅުވާ ވާހަކައެއް ވެސް އޮވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރު ސިފައިން ތިބޭ ތިބުމެވެ. އެކަން ސާފުކުރަން މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރެއް ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮނުއްވި ސިޓީފުޅަށް ވެސް މިހާތަނަށް ޖަވާބު ނުދެއްވާ އޮތުމެވެ. އެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ވެސް ގާސިމް ކުރައްވާ ސުވާލަކީ "އެކަންކަން ހާމަނުކުރަން އުޅެނީ ކީއްވެތޯ" އެވެ.

ރާއްޖޭގެ ސުލުހަ މަސަލަސްކަމާއި ސަލާމަތާއި އިސްތިގުލާލަށް ނުރައްކާވާނެ ނުވަތަ މިނިވަންކަމަށް ބުރުލެއް އަރާފާނެ އެއްވެސް ކަމެއް އަދި ދީނަށް ގުޑުމެއް އަތުވެދާނެ އެއްވެސް ކަމެއް ސަރުކާރުން ކުރަން ވާނީ ކޯލިޝަނާ މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް ކޯލިޝަން އެއްބަސްވުމުގައި އޮންނާނެ ކަން ވެސް ގާސިމް ފާހަގަކުރައްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ނުހަދަން ނިންމީ އެފަދަ ކަންކަން މަޝްވަރާކުރުމެއް ނެތި އަމިއްލަ އަމިއްލައަށް ނިންމަމުން ދާތީ ކަމަށް މީގެ ކުރިން ގާސިމް ވިދާޅުވި އެވެ. 

ގުޅިފައިވާ ކޯލިޝަން ސަރުކާރުގެ ބައިވެރިން؛ ދެވަނަ ދައުރަކަށް ރައީސް ސޯލިހާ އެކު ދެމިއޮތީ އަދާލަތު ޕާޓީ އެކަނި

އިއްޔެ ގާސިމް ފާޅުކުރެއްވި އަނެއް ކަންބޮޑުވުމަކީ، އިގްތިސޯދީ ގޮތުން ރާއްޖެ 'އިނދަޖެހެމުން' ދާއިރު، ފުލުފުލުގައި ދަރަނި ނަގަމުން ދިއުމެވެ. އާމްދަނީ އިތުރުކުރެވޭނެ އެއްވެސް މަސައްކަތެއް ނުކޮށް، ދަރަނި ނަގައިގެން ގައުމު ދަރުވަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ. ފަޅާއި ރަށްތައް ދޫކުރުން ފިޔަވައި ރިޒާވް އިތުރުކުރެވޭނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރުމަކީ، އޭނާގެ އަނެއް ކަންބޮޑުވުމެވެ.

ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހިންގާ މީހުންނަށް އެތަންތަން ހިންގޭނެ ގޮތެއް ނެތިގެން ބަނގުރޫޓުވެގެން ދާއިރު ވެސް، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ގައުމު ހިންގަނީ، ޕްރައިވެޓް ސެކްޓަރުން ކުރާ މަސައްކަތުން، ޓެކްސް ނަގައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދެވަނަ ދައުރަކަށް އަނެއްކާ މީނަ ހޮވައިފިއްޔާ ނުބަލާނެ ކޮންމެހެނެއް ވިޔަސް، ކަނާތުން ވާތަށް، ވާތުން ކަނާތަށް ދެން ޖީބު ބޮޑުކުރަން އެތެރެއަށް އެޅުން ނޫން އެހެން ގޮތެއް ނޯންނާނެ. މިތާ ތިބި އެންމެން ވެސް އެތާ ތިބި އެންމެން ވެސް ހަދާނީ އެހެން،" ގާސިމް ވިދާޅުވި އެވެ.

މިހާރުވެސް، ރަށްރަށުގެ ރައްޔިތުން ލައްވާ، ގާނޫނާ ހިލާފަށް ރޯމާއި ދުވާލު ކަންކަން ކުރަމުންދާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ސިއްރިޔާތުގައި ހިންގާނެ ކަންކަން ބުނެދެން ވެސް ނޭނގޭ ކަމަށެވެ.

"އެހެންވީމައި، އިތުރަށް ދެން އަޅުގަނޑު ދައްކާކަށް ވާހަކައެއް ނެތް،" ނިންމާލައްވަމުން ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ކެމްޕެއިންގައި ގާސިމް އިބްރާހިމް އއ. އުކުޅަހުގައި (ފޮޓޯ/ޖޭޕީ)

ކޯލިޝަނަކުން 2018ގައި ރައީސް ސޯލިހް ވެރިކަމަށް އައުމުގައި ޖޭޕީއަކީ މުހިންމު ބައިވެރިއެކެވެ.

ދެ ވަނަ ދައުރެއް ހޯއްދަވަން ރައީސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން  އުޅުއްވާއިރު، މިއަދުވެސް ޖޭޕީގެ އެހީތެރިކަމަށް އެދިވަޑައިގަނެ އެވެ. ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި އޮވެމެ، މިފަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރައްވަން ގާސިމް ނުކުންނެވުމުން ވެސް ރައީސްގެ ދައުވަތު ޖޭޕީއަށް ދިނުމަކީ، އެ މުހިންމުކަން އެނގޭ ސަބަބެކެވެ.

ނަމަވެސް ގާސިމް މިވަގުތު ހުންނެވީ ރައީސް ސޯލިހަށް އެހީތެރިވެދޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ އެވެ. ލިބުނު ކޮންމެ ފުރުސަތެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެ އެވެ. ސަރުކާރު ފަޅިޔަށް ނޭރުއްވި ގިނަ ސަބަބުތައް ކިޔައިދެއްވަ އެވެ. އޭގެ ތެރެއިން ވެސް އޭނާގެ ކަންބޮޑުވުން އެންމެ ބޮޑީ ރައްޔިތުންނަށް ސިއްރުކޮށްގެން، 'ހިންގާ ޖަރީމާތައް' ކަމަށް ވިދާޅުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް