ފާތިމަތު ރަޝީދާ 'ބިންވެރިޔާ' ސްކީމްގެ ދަށުން ލިބުނު ގޯތީގެ ރަޖިސްޓްރީ ހިފައިގެން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ގޯއްޗާ އެކު އެތައް އަހަރެއްގެ އުންމީދު ހާސިލުވުމުން އުފަލުން ފޮޅިފައި
"ވަރަށް އުފާވެއްޖެ. ވަރަށް ދުވަހުގެ އުންމީދު މީ،" އިއްޔެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކެނޑި އޭނާގެ ގޯތީގެ ރަޖިސްޓްރީ ހިފައިގެން ހުރި ފާތިމަތު ރަޝީދާ ހެވިފައި ބުންޏެވެ.
ޒަމާންތަކަކަށް ފަހު މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން ރަޖިސްޓްރީކޮށްދިން ފުރަތަމަ 30 ގޯތި ކަނޑާފައި ވަނީ އިއްޔެ އެވެ. ހިޔާ ފްލެޓުތައް ކުރިމަތިން، ވިނަރެސް ފްލެޓްތަކާ ދިމާލުން އޮތް ހުސް ބިމުން ކެނޑި 1250 އަކަފޫޓުގެ ގޯތިތަކާ ހަވާލުވާން ގޮސް ތިބި އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ.
ވާހަކަ ދައްކާލި ގިނަ މީހުންގެ ވާހަކަ ހުރީ ފާތިމަތުއާ އެއްކަހަލަ ގޮތަށެވެ. ގޯތި ލިބުމަކީ، އެންމެން ވެސް ބުނި ގޮތުގައި، އެތައް ދުވަހެއް ވަންދެން ކުރި އުންމީދު ހަގީގަތަކަށް ވުމެވެ.
ގޯއްޗެއް ލިބުމުގެ ފޮނި އުންމީދުގައި މިހާރު ވެސް ގޯތީގައި ގެ އަޅާނެ ގޮތުގެ ޕްލޭންތައް ހަދައި ނިންމާފައިވާ ފާތިމަތަށް ކޮންމެ ތަނަކުން ގޯތި ލިބުނަސް މައްސަލައެއް ނެތެވެ. ނަމަވެސް، އަދި ގޯތި ކަނޑައި ރަޖިސްޓްރީ ލިބިފައި ނުވިޔަސް، ފާތުމަތުގެ ދައްތަ އާމިނަތު ރަޝީދާއަށް ވެސް ހުޅުމާލޭން ގޯތި ލިބުމަކީ އެ އާއިލާގެ އުފާ ދެގުނަވީ ކަމެކެވެ.
"މިއީ މިގޮތަށް ލިބުނު، ލިސްޓުގައި ވެސް ހިމެނުނު ފުރަތަމަ ފަހަރު. ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަން، އެކަމަކު މިއީ ލައްވާލި ފުރަތަމަ ފަހަރު،" އެންމެ ބޭނުންވި ހުޅުމާލެއިން ކޮއްކޮއަށް ވެސް ގޯތި ލިބުނު ސަރަހައްދުން ގޯތި ލިބުމުން އެ ހިތްހަމަޖެހުން ވަކިން ބޮޑުކަން ފާހަގަކޮށް އާމިނަތު ބުންޏެވެ.
"[އަޅުގަނޑު އެދެނީ] މިފަދަ މަޝްރޫއުތައް މި ގޮތަށް ކުރިއަށް ގެންދަން، ގިނަ މީހުންނަށް ގޯތި ލިބޭ ގޮތަށް."
ގޯތި ލިބުނު އެންމެންގެ ވެސް ވިސްނުން ހުންނާނީ ވީހާ ވެސް އަވަހަށް ބިމުގައި ގެ އަޅައި އެ ބިމުގެ ފުރިހަމަ ބޭނުން ހިފަން ފެށުމަށެވެ. ގޯތި ލިބުނު ނަމަވެސް، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ތަނަވަސް ބޯހިޔާވަހިކަމެއްގެ ފުރިހަމަ ފޮނިމީރުކަން ކުރާނީ އެ ތަނުގައި ގެ އެޅި، އެ ގޭގައި ހަމަޖެހިލައިގެން ދިރިއުޅެވެން ފެށުމުންނެވެ.
ގެ އެޅުމާ ބެހޭ ގޮތުން، ދަރިންނާ އެކު ގޯތި ކަނޑަން ގޮސް ހުރި 65 އަހަރުން މަތީގެ ބަދޫރާ މުހައްމަދުގެ އެއްވެސް ހާސްކަމެއް ނެތެވެ. އޭނާގެ ދަރިން އެ ބިމުގައި ގެ އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތެވެ.
ނަމަވެސް، އިއްޔެ ގޯތި ލިބުނު ބައެއް މީހުންގެ ތެރޭގައި އެފަދަ ޔަގީންކަމެއް ނެތް ފަރާތްތައް ވެސް ހިމެނެ އެވެ.
ގޯތި ލިބުނަސް ކަންބޮޑުވުން އެބަހުރި
މާލެ ސަރަހައްދުން އެތައް ދުވަހަކަށް ފަހު ގޯތި ދޫކުރަން ސަރުކާރުން ހިންގި 'ބިންވެރިޔާ' ޕްރޮގްރާމާ މެދު ދެކޭ ގޮތް، ގޯތި ކަނޑާ ސަރަހައްދުގައި ހުރި އަންހެނަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން 'ދައުރު'އަށް ކިޔައިދިނެވެ.
"އަސްލު ހަމަ ގޯތި ލިބުނީމަ ލިބޭ ހުރިހާ ބޭފުޅުން ވަރަށް އުފާވާނެ. އޭގެ ތެރޭގައި އަޅުގަނޑުގެ ބޭބެ ވެސް ހިމެނޭ. ބޭބެއަށް [ގޯތި] ލިބުނީ ވަރަށް ދަތި ހާލުގައި އުޅެނިކޮށް،" އޭނާ ބުނިގޮތުގައި އުމުރުން ދުވަސްވެފައިވާ އެ ބޭބެ ފެށުނީއްސުރެ ސަރުކާރު ވަޒީފާގައި އުޅެމުންދާ ނަމަވެސް، މިފަދަ ފުރުސަތެއް މި ލިބުނީ އަދި ކިރިޔާ އެވެ.
"އަޅުގަނޑުމެންނަކީ މާލޭގެ ބިންވެރިންނަށް ވިޔަސް، ބަންޑާރަ ގޯއްޗެއް އޮތަސް، އެ ތަންކޮޅަކީ 1200 އަކަފޫޓުން 14 ކުދިންނަށް ބަހަން ޖެހޭ [ތަންކޮޅެއް]. ބިމުން ބަހައިފިއްޔާ [ކުއްޖަކަށް] ލިބެނީ 4 ފޫޓު. އެހެންވީމަ އަޅުގަނޑުމެންގެ ގެ ބިމަކުން ނުބެހޭނެ،" އޭނާ ކިޔައިދިނެވެ.
ކުދިންގެ ބައްޕައަށް ލިބުނު ވަރަކުން ދަރިން ދިރިއުޅެން އެ ތަނުގައި އެޕާޓުމަންޓުތައް ހަދައިދީފައިވީ ނަމަވެސް، އޭނާ ބުނި ގޮތުގައި، އެ ވަރުން ވެސް ވަކިވަކި އާއިލާތައް ދިރިއުޅެމުން ދަނީ 500 އަކަފޫޓު ވެސް ހަމަނުވާ ކުދިކުދި އެޕާޓްމަންޓުތަކުގަ އެވެ.
"ތިން ކުދިން ނޫނީ ހަތަރު ކުދިންނާއި ދެމަފިރިން އެބައުޅޭ ކޮންމެ އެޕާޓުމަންޓެއްގައިި. އެއްވެސް ވަރަކަށް ވެންޓިލޭޝަނެއް ވެސް ނެތް. ހަތަރު ފަރާތުން ފިތިފައި. ލިފްޓު ލެވޭނެ ގޮތެއް ވެސް ނުހުރޭ [ގެ] ހެދިފައި ހުރި ގޮތުން. ބަންކު ބެޑު ބަހައްޓައިގެން ނިދަނީ. ސިޓިން ރޫމުގައި ޓީވީ ވެސް އިންނާނީ ބަދިގެ ދޮށުގައި ބައިންދާފައި. ވަރަށް އުނދަގޫ ހަގީގަތުގައި،" އޭނާ ބުންޏެވެ.
މާލޭގައި ރަޖިސްޓްރީ އޮތް ބިންކޮޅު ކިތަންމެ ކުޑަ ނަމަވެސް އަދި ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް، އަލަށް ލިބުނު ބިމުގައި ގެ ހެދުމުގެ ކުރިން މިހާރު އުޅެމުންދާ ތަންކޮޅު ދޫކޮށްލަން ޖެހުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.
"އަތުގައި ލާރިއެއް ވެސް ނުހުންނާނެ ދޯ [ލިބުނު ގޯތީގައި ގެ އަޅާކަށް]. ދެން މި އޮތީ ތަން އޮތް ގޮތް މިސާލަކަށް ބުނަންޏާ،" ފަސްގަނޑު އެއްވަރު ނުކޮށް، ވިނަ ފަޅައި ކުނި ބުންޏާއި ގާ އޮތް ސަރަހައްދަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
"ހުރިހާ ކުދިންނަކީ މުއްސަނދި ކުދިންނަކަށް ނުވާނެދޯ؟ އެހެންވީމަ އެއް ބައި ކުދިން ހަމަ ތަންތަނުން އެއް ފަޅި ނަމަވެސް ކުއްޔަށް ދޭނެ. ދިނީމަ ބުނާނެ އަނެއްކާ ކުއްޔަށް ދީގެންނޭ އެ އުޅެނީ."
އެ އާއިލާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ގެދޮރު އަޅަން އިންޓަރެސްޓް ރޭޓް ކުޑަކޮށްދީ ލޯނު ދޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓުން ވެފައިވާ ވައުދުތަކެވެ. ބޭބެގެ ވިސްނުމަކީ އެ ގޮތަށް ލޯނު ލިބޭ ކަމަށް ވަންޏާ އަމިއްލައަށް ލިބޭ ލާރިކޮޅު އެއަށް އިތުރުކޮށްގެން ނަމަވެސް، ވީހާ ވެސް އަވަހަކަށް ގެ އަޅާ ނިންމާލުން ކަމަށް އޭނާ ބުންޏެވެ.
"މި ތަނަށް ކަރަންޓާއި ފެނާ އެއްޗެހި ވެސް ވެއްދިގެންދޯ [މަސައްކަތް] ފެށޭނީ. ވަރަށް އަނދިރިވާނެދޯ މި ތަން އަދި. ނަރުދަމާގެ ނިޒާމު މި ހިސާބަށް އައިސް ގުޅާލީމަ ދެއްތޯ އަދި ގެ ހަދާ މީހުންނަށް އަވަހަށް އެ ފުރުސަތު ލިބޭނީ. [ގޯތި ލިބުނު މީހުންގެ] ތެރޭގައި ތިބޭނެ މިހާރު ވެސް ގެ ހަދާނެ ވަރަށް ލާރި ހުންނަ މީހުން ވެސް. މެދު ފަންތީގެ މީހުން ވެސް،" އޭނާ ފާހަގަކުރި އެވެ.
ކަންބޮޑުވުންތަކާ އެކު ވެސް، ގޯތި ލިބުނު އެންމެން ތިބީ ހިތްހަމަޖެހިގެންނެވެ. ގެ އެޅުމުގައި ގޮންޖެހުންތައް ކުރިމަތިވިޔަސް، އަމިއްލަ ނަމުގައި އޮތް ބަންޑާރަ ބިމެއް ހިލޭ ލިބުމަކީ، ގިނަ ބަޔަކު ލިބޭނެ ކަމަށް ހީނުކުރާހާ ބޮޑު ނިއުމަތެކެވެ. އެކަމާ މެދު، އިއްޔެ ގޯތި ލިބުނު އެންމެން ވެސް ޝުކުރުވެރިވެ އެވެ.
ކޮމެންޓް (3)
މަރީ
ބިންވެރިޔާ
އޯކޭ