
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'ވޯޓު23' ޕްރޮގްރާމުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ދައުރު ފޮޓޯ)
ތަރައްގީއަކީ 'ޑަބަލް ޑިޖިޓު'ގެ ކުރިއެރުން؛ ޖިހާދު މި ވިދާޅުވަނީ އެކަން ކުރެވޭނެ ގޮތް
އަބްދުﷲ ޖިހާދު ފަދަ، ތަޖުރިބާއާ އެކު ރާއްޖޭގެ މާލީ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކާލެވޭ ބޭފުޅަކު މަދުވާނެ އެވެ. އެއް އިރެއްގައި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ކުރެއްވި އެވެ. އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އެވެ. އެންމެ ފަހުން އަދާކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުގެ މަގާމެވެ.
އެކި ސަރުކާރުތަކުގެ އިސް މަގާމުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާ އާއި މާލީ ދާއިރާއިން ހާސިލްކުރައްވާފައިވާ އިލްމުގެ ބޭނުން ހިއްޕަވަން މިހާރު ޖިހާދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ރިޔާސީ އިންތިހާބަށް ގާސިމް ނުކުމެވަޑައިގަންނަވާއިރު، ޖޭޕީގެ ސަރުކާރެއްގައި މާލީ ސިޔާސަތުތައް ފަރުމާކުރުމުގައި ޖިހާދުގެ ދައުރު ވަރަށް ބޮޑުވާނެ އެވެ.
އެކަންކަމާ ބެހޭ ތަފްސީލީ މައުލޫމާތު އަދި ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި މާލީ ސިޔާސަތުތައް ބައްޓަން ކުރާނެ ގޮތް، ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'ވޯޓު 23' ޕްރޮގްރާމުގައި ޖިހާދު ތިލަކޮށްދެއްވި އެވެ.
ޖިހާދު ފެއްޓެވީ ތަރައްގީގެ ވާހަކައިންނެވެ. އެންމެ އާދައިގެ ގޮތަކަށް ތަރައްގީއަކީ، ޖިހާދު ވިދާޅުވި ގޮތުގައި، ހެޔޮ ބަދަލެއް އައުމެވެ. އޭނާ ވިދާޅުވީ އެ ހެޔޮ ބަދަލު ވަރަށް އާދައިގެ ގޮތަކަށް، ވަރަށް ކުޑަ މިންވަރަކުން ނުވަތަ ވަރަށް ބާރު ސްޕީޑެއްގައި ވެސް ގެނެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މި ޒަމާނުގައި އެ ހެޔޮ ބަދަލު ނުވަތަ ތަރައްގީ އަންނަން ޖެހޭނީ ވަރަށް ފާސްޓު ސްޕީޑުގައި. ރާއްޖެ އާއި ދުނިޔެ ތަރައްގީވަމުން އަންނަ ގޮތަށް ބަލާއިރު، ފާސްޓު ސްޕީޑުގައި ގެނައިމަ ތަރައްގީ ވަނީ،" ޖިހާދު ވިދާޅުވި އެވެ.
"މިސާލަކަށް ކުރީގައި ޖީޑީޕީ ދެ ތިން ޕަސެންޓު އެއީ ބައެއް ފަހަރު ބުނޭ ވަރަށް ބޮޑު ތަރައްގީއެކޭ. އެކަމަކު މިހާރު އަސްލު ގަބޫލުކުރެވެނީ ތަރައްގީވުމަކީ ޖީޑީޕީ ގާތްގަނޑަކަށް %10 ނުވަތަ އެއަށް ވުރެ މަތީގައި، ޑަބަލް ޑިޖިޓުން' ގްރޯވުން."

ޕަބްލިކް ސެކްޓާ ކުޑަކޮށް، ޕްރައިވެޓް ސެކްޓާ ބޮޑުކުރުން
ޖިހާދު ވިދާޅުވި ގޮތުގައި ދުނިޔެ ތަރައްގީވަނީ ޕްރައިވެޓް ސެކްޓާ ފުޅާކޮށްގެންނެވެ. ނަމަވެސް ރާއްޖޭގައި ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. ޕްރައިވެޓް ސެކްޓާއަށް ހުރި ފުރުސަތުތައް ވެސް ހަނިކޮށް، ވީހާވެސް ބޮޑަށް ޕަބްލިކް ސެކްޓާ ފުޅާކުރަނީ އެވެ.
ޖިހާދު ވިދާޅުވި ގޮތުގައި:
-
ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ވައްތަރެއްގެ އިކޮނޮމީއެއް؛ އެއީ ރިސޯޓު އިކޮނޮމީ އާއި ސަރުކާރު ކުންފުނިތަކުގެ އިކޮނޮމީ
-
ކުދިކުދި ކުންފުނިތަކަށް މި ދެ އިކޮނޮމީއަށް ވެސް ވަދެވޭނެ ގޮތެއް ނޯވޭ
-
ދުވަހެއް ދުވަހަކަށް ސަރުކާރު ކުންފުނިތައް ބޮޑުވަމުންދާތީ، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ގެއްލޭ
"އެހެންވީމަ އެބަ ޖެހޭ ޕަބްލިކް އެންޓަޕްރައިސްތައް މަދުކުރަން ވެސް. އާންމު ފަރުދުންނަށް ކުރެވޭ ވިޔަފާރިތަކަށް ނުވަންނަން ވެސް އެބަ ޖެހޭ. އިނގިރޭސިން މި ކިޔާ 'ރޯލިން ބެކް ދަ ސްޓޭޓް'،" އޭނާ ވިދާޅުވި އެވެ.
"އާންމު ފަރުދުން ކުރާ ވިޔަފާރި ފުޅާވެގެން ދަންޏާ ޓެކްސް ބޭސް ބޮޑުވެގެން އަންނާނެ. އަދި އޭގެ ސަބަބުން އެތައް ބައިވަރު ވަޒީފާ އުފެއްދޭނެ. ސަރުކާރު ކުންފުނިތައް އުފައްދާފައި އޭގެ ތެރެއަށް ބައިވަރު މީހުން އެއްވެސް ވަޒީފާއެއް ނެތި ލީމަ ކޮބައިތޯ އިގްތިސާދަށް ހުރި ފައިދާއަކީ؟"
އިގްތިސާދުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ފުޅާކުރަން، ޖިހާދު ވިދާޅުވީ، ސަރުކާރު ކުންފުނިތައް މަދުކުރުމުގެ އިތުރުން ކުންފުނިތަކަށް ކޮންމެހެން ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނެގުން ހުއްޓާލަން ވެސް ޖެހޭ ކަމަށެވެ.
ކުރިން މަސްވެރިކަން ކުރި މީހަކު އެކަން ހުއްޓާލައި، މަސްދޯނި ވީރާނާވަން ފަޅުތެރެއަށް ދޫކޮށްލާފައި ގޮސް ސަރުކާރު 'ވަޒީފާއެއްގައި' ރަށުގެ އަތިރިމަތީގެ ޖޯއްޔެއްގައި އޮތުމަކީ އިގްތިސާދަށް ފައިދާ ވާނެ ކަމެއް ނޫނެވެ. އެއީ ސަރުކާރުން ބޭކާރު ގޮތުގައި ކުރާ ހަރަދެކެވެ. އަދި އެހެން ހުންނަ މީހެއްގެ ފަރާތުން ގައުމަށް އެއްވެސް ފައިދާއެއް ނުލިބުމާ އެކު، އެ މީހަކީ އިގްތިސާދުން ބޭރުވެފައި ހުންނަ މީހެކެވެ.
އެސްއެމްއީ ދާއިރާއަށް ހުރި ގޮންޖެހުންތައް ނައްތާލުން
އިންޓަވިއުގެ ބޮޑު ބައެއްގައި ޖިހާދު ދެއްކެވީ ދިވެހި އެސްއެމްއީ ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާހަކަ އެވެ. އެ ވިޔަފާރިތަކުގެ ހާލަތު އޮތް ގޮތާއި ކުރިއަރަން ހުރި ހުރަސްތަކެވެ. މިހާރު ހުރި ދަތިތައް ނައްތާލަން ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިދިނީ މި ބުނާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. ޖިހާދު ވިދާޅުވި ގޮތުން ނަމަ ދިވެހި ވިޔަފާރިތަކުގެ %90 އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.
އެސްއެމްއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެއްކޭ ވަރަށް ވުރެ ގިނަ އެވެ. އެއް ދުވަހު ވިޔަފާރިއެއް ފަށާފައި އަނެއް ދުވަހު އެ ތަނެއް ބަންދުކުރާ މައްސަލަ އެވެ. ބޭނުންވާ ވަރަށް ވިޔަފާރި ނުވަނީ އެވެ. މާކެޓު ކުޑަވުމާއި އާންމުންގެ އަތުގައި އެ ވަރަށް ފައިސާ ނެތުމުން މުދާ އެވަރަށް ގަނެވެން ނެތުމާ އެކުގަ އެވެ. ހަރަދު ކުރަން ލިބޭ އާމްދަނީ ކުޑަވުމުގެ މައްޗަށް ތަކެތީގެ އަގު ވެސް ބޮޑީ އެވެ.
އަނެއްކޮޅުން ރިއަލް އެސްޓޭޓް މާކެޓު ފުޅާވެއްޖެ އެވެ. ތަންތަން ހަދަން އެތައް ހާސް ބަޔަކު ބޭންކުތަކުން ލޯނު ނަގައިފި އެވެ. ލޯނަށް އަނބުރާ ދައްކާ ފައިސާއަކީ އެހެން ހަރަދުތަކުން އުނިކުރަން ޖެހޭ ބައެކެވެ. މިއީ ހައްތަހާ ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކެވެ. ޖިހާދު އޮޅުންފިލުވައިދެއްވީ މި މައްސަލަތަކަށް ޖޭޕީގެ ސަރުކާރެއްގައި ހައްލު ހޯދައިދިނުމަށް ރާވަމުން އަންނަ ގޮތްތަކެވެ.
އެސްއެމްއީތަކަށް ފައިސާ ހޯދަން ލުއި ގޮތްތަކެއް
ޖިހާދު ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާނެ ކަމަށެވެ. މިހާރު އެ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ތަންތަނަށް ބޭނުންވާ އެހީތެރިކަން ސަރުކާރަށް ފޯރުކޮށްދެވިފައި ނެތުމެވެ.
"އެސްއެމްއީ ބޭންކު ވެސް އެބަހުރި. އެކަމަކު ބޭންކުން ދޭ ލޯނު ލިބެނީ ވަރަށް މަދު ބަޔަކަށް. އެސްއެމްއީ ބޭންކުގައި ވެސް ނުހުރޭ އެހާ ބޮޑު ކެޕޭސިޓީއެއް ބޭނުންވާ ވަރަށް ލޯނު ދޫކުރަން،" ޖިހާދު ވިދާޅުވި އެވެ.
"ލޯނު ދޫކުރާއިރު ވެސް ގިނަ ފަހަރު ވާ ގޮތަކީ ކޮންމެވެސް ކަހަލަ ރަހުނެއް ބަހައްޓަން ޖެހޭ. އަދި ބައެއް ފަހަރު ކޮންމެވެސް ކަހަލަ ގުޅުމެއްގެ ތެރެއިން ނޫން ގޮތަކަށް އެކަން ކުރެވޭކަށް ވެސް ނޯވޭ. އެހެންވީމަ އަސްލު ބޭނުންވާ މީހާއަށް ލޯނު ލިބުމަށް ވެސް ދަތިކަމަކަށް ވެފައި އޮންނަނީ."
އަނެއް ކަމަކީ، މޯގޭޖު ކުރާނެ އެއްޗެއް ނެތުމެވެ. ރަހުނުގެ ގޮތުގައި ބޭންކުތަކުން ގިނަ ފަހަރަށް ނަގަނީ، ޖިހާދު ވިދާޅުވި ގޮތުގައި، ބިމެވެ. އެއީ ގިނަ ފަހަރަށް އެސްއެމްއީތަކަށް ރަހުނުކުރެވެން އޮންނަ އެއްޗެއް ނޫނެވެ. ބަދަލުގައި ކޮންމެވެސް ހަރު މުދަލެއް، މިސާލަކަށް ދޯންޏެއް ދެއްކުމުން އެއީ ބޭންކުތަކުން ބަލައިގަންނަ އެއްޗަކަށް ނުވެ އެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް ކަހަލަ މުދާ ރަހުނުގެ ގޮތުގައި ނުބެހެއްޓޭ ވާހަކައެއް ނޫނެވެ.
އެސްއެމްއީތަކަށް ލޯނަށް ސަލާން ޖަހަން ޖެހުމާއި ލޯނު ހޯދުމުގައި ހުރި ދަތިތައް ޖޭޕީގެ ވެރިކަމެއްގައި ފިލުވައިލާނެ ގޮތަކީ، ލޯނުގައި ހިމެނޭ ރަހުނު ނެގުމުގެ ބައި އުވައިލުމެވެ.
"ރަހުނަކާ ނުލައި އަދި އެމީހަކު ހުށަހަޅާ ޕްރޮޕޯސަލްއަށް ބަލާފައި އޭނާގެ ކެޕޭސިޓީއަކީ، ކޮން ކަހަލަ ވިސްނުމެއްތޯ ހުރީ ވިޔަފާރި ކުރިއަރުވަން ބަލާފައިި ލޯނު ދޫކުރާނީ،" ޖިހާދު ވިދާޅުވި އެވެ.
"އެހާ ހިސާބުން ނިމުނީއެއް ނޫން. އަޅުގަނޑުމެން ބަލާނަން ލޯނު ދޫކޮށްފައި، ރަނގަޅަށްތޯ މަސައްކަތް ކުރިއަށްގެންދަނީ. ބަރާބަރަށް މޮނީޓާ ކުރާނެ. އެއަށް ބަލާފައި ލޯނު ޑިސްޕާސް ކުރާނީ."
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހުން؛ ހުއްޓުވަން ޖެހޭ ކަމެއް
އަނެއް މައްސަލައަކީ ޖީއެސްޓީ ދެއްކުމުގައި އޮންނަ ތާކުންތާކު ނުޖެހޭ އުސޫލެކެވެ. ޖިހާދު ވިދާޅުވި ގޮތުން ނަމަ އެއީ މީރާއަށް އަންގައިގެން ވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.
"އިންވޮއިސްްއެއް ރެއިސްކޮށްފި ނަމަ ޖީއެސްޓީ ދައްކަން އެބަ ޖެހޭ، އެމީހަކަށް ލާރި ލިބުނަސް ނުލިބުނަސް. ކިހިނެއްތޯ އެކަން ކުރާނީ؟ އިންވޮއިސްއެއް ރެއިޒްކޮށްފައި، [އެ އިންވޮއިސްގައި އޮންނަ] މިސާލަކަށް އެއް ލައްކަ، ދެ ލައްކަ ނުވަތަ ފަސް ލައްކަ ރުފިޔާ ނުލިބުނަސް މީރާއަށް އެބަ ޖެހޭ ޖީއެސްޓީ ދައްކަން. ކޮޮން ތާކުންތޯ އޭނާ ލާރި ނެރޭނީ؟" ޖިހާދު ވިދާޅުވި އެވެ.

ޖޭޕީގެ ސަރުކާރެއްގައި މިކަމަށް ހައްލެއް ގެންނަނީ 'ފެކްޓަރައިޒޭޝަން'އިންނެވެ.
"މާނައަކީ އެމީހަކަށް ލިބެން ހުރި ލާރި، މިސާލަކަށް ބޭންކަކަށް ގޮސްފައި މި ބުނަނީ މިހިރީއޭ ތިމަންނާއަށް ލިބެން ހުރި ލާރި، މިއަށް ބޭސްކޮށްފައި ތިމަންނާއަށް [ފެކްޓަރައިޒްކޮށްފައި] ލޯނެއް ދޭށޭ،" ޖިހާދު ވިދާޅުވި އެވެ.
"އެކަހަލަ ފެސިލިޓީތައް އަޅުގަނޑުމެން ބޭންކު ތެރެއިން ހަމަޖައްސައިދޭނަން. އޭރުން ކޭޝްފްލޯ ނެތިގެން އުޅޭކަށް ނުޖެހޭނެ. ބަރާބަރަށް ޖީއެސްޓީ ވެސް ދައްކާލެވޭނެ. އަދި އިތުރަށް ކުރަން ޖެހޭ ކަންތައްތައް ވެސް ކުރެވޭނެ. އެއްކަލަ ތަނުން ލާރި ނުލިބިގެން އުޅޭކަށް ނުޖެހޭނެ، ލާރި ނުލިބިގެން ވިޔަފާރި ބަންދުކުރާކަށް ނުޖެހޭނެ."
'ނޭދެވޭ ބަދަލުތަކަށް ރުހިގެން ތިއްބަސް ރައްޔިތުން ވަރަށް ނިކަމެތި'
މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ %6އިން %8އަށް ހިއްލައިލީ މި ސަރުކާރުންނެވެ. ޓީޖީއެސްޓީ ވެސް %12 އިން %16އަށް ބޮޑުކުރި އެވެ. ޖިހާދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޖީއެސްޓީ މިހާރަށް ވުރެ ކުޑަކުރެވެން ޖެހެ އެވެ.
މިފަދަ ބަދަލުތައް ސަރުކާރުތަކަށް އެހާ ފަސޭހައިން ގެނެވެނީ، ޖިހާދު ވިދާޅުވި ގޮތުގައި، "ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބަސްއަހާ މީހުން" ކަމަށް ވާތީ އެވެ. ނިކަމެތި މީހާގެ ޖީބަށް ކެތް ނުވާވަރަށް ޖީއެސްޓީ އާއި އެހެން ޓެކްސްތައް ބޮޑުކުރިޔަސް ހަމަ މަޑުމައިތިރިކޮށް ތިބޭތީ އެވެ. އެކަމާ ދެކޮޅަށް އަޑުއުފުލާ ނަމަ، އެހާ ފަސޭހައިން އެފަދަ ބަދަލުތަކެއް ނުގެނެވޭނެ އެވެ.
"ސަރުކާރަށް ހީވަނީ، ދެން އޯކޭއޭ ތިމަންނާމެން ބޮޑުކުރިޔަސް ރައްޔިތުން ހަމަ ރުހިގެން ތިބޭނޭ. އެހެނެއް ނޫން އަސްލު، ގިނަ ރައްޔިތުން ވަރަށް ނިކަމެތިކޮށް އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ބައްދަލުވި މީހުން އުޅޭ ހާލާއި އެ މީހުންގެ ބައެއް ވާހަކަތައް ވެސް ޖިހާދު ހިއްސާކުރެއްވި އެވެ. ސަރުކާރުން ސަބްސިޑީ ދޭ އިރު ވެސް ބިލުތައް ނުދެއްކިގެން އުޅޭކަމުގެ ކަންބޮޑުވުމެވެ. ސަބްސިޑީ ދިނަސް ބިލުތައް ބޮޑީ އެވެ. ލިބޭ އާމްދަނީން ދިރިއުޅުމާއި ދަރިންގެ ކަންކަން ބަލަހައްޓަމުން އެ ބޮޑު ބިލުތަކަށް ދައްކާނެ ފައިސާ ނުހުންނަނީ އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ޖީއެސްޓީ ކުޑަކުރަން ޖެހޭނީ، ޖިހާދަށް ފެނިވަޑައިގަންނަވާ ގޮތުގައި، ކިތައް ޕަސެންޓަށްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ %3 ނުވަތަ އެއާ ގާތްކުރާ މިންވަރެކެވެ. ނަމަވެސް ޖޭޕީގެ ސަރުކާރެއްގައި ވެސް އެފަދަ ބަދަލެއް ގެންނާނީ ދިރާސާ ހެދުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީޖީއެސްޓީއެއް ނޫން. އާންމު ރައްޔިތު މީހާ ގަންނަ މުދަލުން ދައްކަން ޖެހޭ ޖީއެސްޓީ ކުޑަކުރެވެން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި %3 ނުވަތަ އެ ލެވެލްގައި މައްސަލައެއް ނެތް. އެކަމަކު މިހާރު މި ދައްކާ %8 އެއީ ވަރަށް ބޮޑު އަދަދެއް އަސްލު،" ޖިހާދު ވިދާޅުވި އެވެ.
ޖީއެސްޓީގެ އިތުރުން ޔުޓިލިޓީ ބިލުތައް އާންމުންނަށް ލުއިކޮށްދޭން ޖޭޕީގެ ވިސްނުމުގައި އޮތީ އިޔާދަކުރަނިވި ހަކަތަ އާއި އެ ނޫން ގޮތްތައް ހޯދައިގެން، ސަރުކާރުން އެ ހިދުމަތްތައް ފޯރުކޮށްދޭން ކުރާ ހޭދަ ކުޑަކުރުމެވެ.
ނިންމަވާލައްވަމުން ޖިހާދު އިލްތިމާސް ކުރެއްވީ ގައުމު ބިނާކުރުމުގައި އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ މީހުން އިސްކުރުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް ވެސް ފުރުސަތު ދީގެން، ފަންނީ މީހުން ބޭނުންކޮށްގެން ގައުމު ބިނާ ކުރަން މަސައްކަތް ކުރުމަށެވެ.
"އެހެންވެ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް މި ކިޔަނީ ގައުމީ ކެންޑިޑޭޓު. ގައުމީ ކެންޑިޑޭޓުގެ މާނައަކީ ކޮންމެ ޕާޓީއެއްގައި މީހަކު ހުއްޓަސް ޖޭޕީގެ ސަރުކާރެއްގައި އެ މީހުންނަށް ފުރުސަތު އޮންނާނޭ،" ޖިހާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ ވިސްނުން ހުރީ އެގޮތަށް. ވަކި އެމްޑީޕީ، ޕީޕީއެމްއެއް ނޫން، ޖޭޕީ ސަރުކާރެއްގައި ހުރިހާ ޕާޓީތަކުން ވެސް ކުޅަދާނަ މީހުން މަސައްކަތް ކުރަމުންދާނެ، އެ އޮންނަ އުސޫލުތަކުގެ ތެރެއިން."
ކޮމެންޓް (1)
ޢަލީ