ޖޫން 8، 2022: ހުޅުލޭގައި ހުންނަ އިރު، ކުރިމަތިން މާލެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާބާދީ ބައި މިލިއަން ހުރަސްކުރި އިރު އިންޒާރުގެ ރަނގަބީލު
ކުޑަކުޑަ ރާއްޖޭގެ އާބާދީ ބައި މިލިއަން ހުރަސްކުރީ އެވެ. ރާއްޖޭގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ފެންނަނީ ދަރިން ހޯދާ މީހުންގެ އަދަދާއި ހޯދާ ދަރިންގެ އަދަދު ނިސްބަތުން މަދުވާތަނެވެ.
އޭގެ މާނައަކީ ކުރިއަށް އޮތް އަހަރުތަކުގައި އަދުގެ ޒުވާނުން މުސްކުޅިވެ، ވަޒީފާގެ މާހައުލުން ރިޓަޔާ ކުރަން ޖެހޭ އިރު އެތަން ފޫބައްދާނެ އާބާދީއެއް ނެތުމެވެ. މިއީ މުސްތަގުބަލްގައި ރާއްޖޭގެ ކުރިއެރުމަށް އެޅޭނެ ބޮޑު ހުރަހެކެވެ.
ދަރިން ހޯދާ ނިސްބަތް ދަށްވުން: މައްސަލައެއްތަ؟
ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން:
-
މިދިޔަ 15 އަހަރު ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވަނީ އަހަރަކަށް ވުރެ އަހަރެއް ދަށަށް ގޮސްފައި
-
މިދިޔަ ފަސް އަހަރުގެ ތެރޭގައި އުފަންވި ކުދިންގެ ނިސްބަތަކީ ވަޒީފާ އަދާކުރާ އާބާދީގެ ދެބައިކުޅަ އެއްބަޔާ ކައިރިކުރާ އަދަދެއް
-
2014ގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު އާބާދީގައި ހިމެނޭ ކުޑަކުދިންގެ އަދަދު ވަނީ %2 ދަށްވެފައި
-
ވަޒީފާ އަދާކުރާ އުމުރުގެ ކޮންމެ ދެ މީހަކަށް ބަރޯސާވާ އެކަކު ހުރޭ
-
ޑިޕެންޑެންޓުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު މިދިޔަ އަށް އަހަރުގެ ތެރޭގައި މަދުވި އިރު، އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ އިތުރުވެފައި
އާބާދީގައި ތިބި ދަރިމައިވެވޭ އުމުރުގެ މީހުން ދަރިން ހޯދުން މަދުވުމުގެ ނަތީޖާގެ ހިތިކަން ފެންނަން ފަށާނީ އަދި އަހަރުތަކެއް ފަހުންނެވެ. އަދުގެ ކުޑަކުދިން ބޮޑުވެ، ވަޒީފާއަށް ނުކުންނައިރު ހަރަދުކޮށް ބަލަހައްޓަންޖެހޭ މީހުން ގިނަވެ، އުފުލަން ޖެހޭ މާލީ އަދި ޖިސްމާނީ ބުރަ އެތައް ތަނެއް ބޮޑުވާނެ އެވެ.
ދަރިން ހޯދުން މަދުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް އެންމެ ސާފުކޮށް ފެންނަން އޮތް އެއް ގައުމަކީ ޖަޕާން އެވެ.
އެ ގައުމުގެ އާބާދީގެ %27 އަކީ 65 އަހަރުން މަތީގެ މީހުންނެވެ. ފަހުގެ ޖީލުތައް ދަރިން ހޯދާ ނިސްބަތް ދަށަށް ދަމުން ގޮސް ހަތަރު ޖީލު ފާއިތުވެއްޖެ އެވެ. އާބާދީގައި ޒުވާނުންގެ އަދަދު ދަށަށް ގޮސް، ވަޒީފާ އަދާކުރާ އުމުރުފުރާގެ މީހުން މަދުވުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ދަށްވެއްޖެ އެވެ. އެއާއެކު މަޝްރޫއުތައް ކުރިއަށްގެންދަން ދަތިވެ، ގައުމުގެ ތަރައްގީގެ ދުވެލި ވަނީ މަޑުޖެހިފަ އެވެ.
އާބާދީ ދަށްވުމުގެ މައްސަލައަށް ހައްލެއް ގެންނަން އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް އެކަމުގެ ސަބަބުން އެދެވޭ ހެޔޮ ބަދަލެއް އައި ތަނެއް ޖަޕާންގެ ތަފާސްހިސާބުތަކުން ނުދައްކަ އެވެ.
ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ކުޑަކުޑަ ގައުމެކެވެ. ދަރިން ހޯދުން މަދުވެ، އާބާދީ އިތުރުނުވާ ނަމަ މީހުންގެ ދިރިއުޅުމަށާއި ގައުމުގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. އެކަށީގެންވާ ވަރެއްގެ އާބާދީއެއް ނެތުމުގެ ސަބަބުން ހިދުމަތްތައް ލިބުމަށް ހުރަސްއެޅޭ ރަށްރަށާއި އަތޮޅުތައް އިތުރުވުމުގެ ބިރު އެބައޮތެވެ. މުސްކުޅިން ބަލާނެ މީހުން މަދުވުމާއި އިގްތިސޯދީ މަސައްކަތްތަކަށް ބޭނުންވާ ވަރަށް މަސައްކަތްތެރިން ނުލިބުމަކީ ވެސް ނުކުމެދާނެ ނަތީޖާތަކެވެ.
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައި ރަށްރަށުގައި
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާ އަދާކުރާ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ. އެހެންކަމުން ދަރިމައިވެވޭ އާބާދީގެ ބޮޑު އިންސައްތައެއް ވެސް އޮތީ މާލެއަށް ތޮއްޖެހިފަ އެވެ.
ނަމަވެސް، ކުޑަކުދިންގެ އާބާދީ ބޮޑީ އަތޮޅުތެރޭ ރަށްރަށުގަ އެވެ. ދަރިން ހޯދުން ބޮޑުތަނުން ދަށްވެފައިވަނީ މާލެ ސަރަހައްދުގައި އެކަންޏެވެ.
އެކަމުގެ ފަހަތުގައިވާ ކަމަށް ލަފާކުރެވޭ ސަބަބުތައް ބައިވަރެވެ. އެކަށީގެންވާ ބޯހިޔާވަހިކަން ނުލިބުމެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމެވެ. މަހުންމަހަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްޓަކައި ދެމަފިރިން ވެސް ވަޒީފާއަށް ނުކުންނަން ޖެހުމެވެ. ދަރިން ހޯދާ ގެންގުޅޭނެ ތަނަކާއި ފައިސާ އާއި ވަގުތާއި އެހިތެރިކަން ނެތުމެވެ. ޒަމާންތަކެއް ވަންދެން އެއް ތަނަކަށް ރައްޔިތުން ތޮއްޖެއްސުމުގެ ނަތީޖާ އެވެ.
-
ރާއްޖޭގެ އާބާދީގެ %41 ދިރިއުޅެނީ މާލެ ސަރަހައްދުގައި
-
އަތޮޅުތެރޭގެ އެކި ރަށްރަށަށް ބެހިފައިވާ އާބާދީއަކީ %46
-
އަދިވެސް މާލެ ސަރަހައްދުގެ އާބާދީ ދަނީ އިތުރުވަމުން؛ 2014ގައި ބޯހިމެނި އިރު މާލޭގައި ދިރިއުޅުނީ އާބާދީގެ %39
މާލެއަށް ނުތަކާ ވަރަށް މީހުން އެއްފަސްކޮށްގެން ވީ ގެއްލުމުގެ ވާހަކަ ދައްކާތާ އެތައް ޒަމާނެކެވެ. ލާމަރުކަޒީ ތަރައްގީގެ ވާހަކަ ވަރަށް އަޑުހަރުކޮށް ދެކެވެ އެވެ. އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. އިތުރު ސިޓީއެއް ހަދައި އަދިވެސް މި ސަރަހައްދަށް މީހުން ޖަމާކުރަނީ އެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ %17 އިތުރުވެފައިވެ އެވެ. އެތައް ފްލެޓެއް އަޅައި ގޯތި ދޫކުރަމުންދާ އިރު ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ހުޅުމާލޭގެ ހާލަތު މާލެއާ އެއްހަމަ ކުރާނެ ކަމަށް ބެލެވެ އެވެ. ނުވަތަ ފަހަނައަޅާ ވެސް ހިނގައިދާނެ އެވެ.
ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް
އިގްތިސޯދު ކުރިއެރުވުމަށް ބޭނުންވާ ދާއިރާތަކަށް، ބޭނުންވާ މިންވަރަށް މަސައްކަތްތެރިން ނުލިބޭ ނަމަ ޖެހެނީ އެހެން ގައުމުތަކުން މަސައްކަތްތެރިން 'އިމްޕޯޓް' ކުރާށެވެ.
ރާއްޖޭގައި ބިދޭސީންގެ އަދަދު އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާ ބޮޑުވެގެން ދިޔަ ސަބަބެއް ކަމަށް ބެލެވެނީ ދިވެހިންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް އަންސްކިލްޑް ލޭބާ މަސައްކަތްތައް ކުދި މުސާރައިގައި ކުރުވުމަށް އަވައްޓެރި ގައުމުތަކުގެ މީހުން ގެންގުޅުމުގައި ކުންފުނިތަކަށް ވީ ފަސޭހަ އެވެ.
މިހާރު ރާއްޖޭގެ ބައި މިލިއަން އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. ބޯހިމެނުމުން ދައްކާ ގޮތުން 132،371 ބިދޭސީން ރާއްޖޭގައި އުޅެ އެވެ. ބިދޭސީންގެ އާބާދީ އެންމެ ބޮޑީ މާލެ ސަރަހައްދުގަ އެވެ. ދެން ރިސޯޓުތަކުގަ އެވެ.
ކުރިއަށް އޮތް ތަނުގައި މި އަދަދު ދާނީ ހައްތަހާ ބޮޑަށް އިތުރުވަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ދަރިން ހޯދުމުގެ ނިސްބަތް އިތުރު ނުކުރެވޭ ނަމަ، ވަޒީފާގެ މައިދާނުގެ ހުސްކަން ފޫބައްދަން އިތުރު ބިދޭސީން ގެންނަން، ދެން އަންނަ ޖީލުތަކަށް މަޖުބޫރުވާނެ އެވެ.
މިކަމުގެ ސަބަބުން އުފެދޭނެ އިޖުތިމާއީ، އިގްތިސޯދީ އަދި އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ވާނީ އިތުރެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި ގައުމުން ބޭރުވާ ފައިސާ އާއި ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި ބިދޭސީންނާ މެދު ކަންކަން ކުރެވޭ އިހާނެތި ގޮތްތަކުގެ މައްސަލަތައް ވެސް ވާނީ ބޮޑެވެ.
ގައުމުގެ މިސްރާބު ހުރި ދިމާލަކީ މިއީ އެވެ. އެ ދިމާލަށް އަހަރެމެން މިހާރު ވެސް މިދަނީ ދަތުރުކުރަމުންނެވެ. ދެން އޮތް ގޮތަކީ އަނދަވަޅަށް ވެއްޓުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް އަޅައި ވީހާ ވެސް ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ދުރާލާ ވިސްނައިގެން އަމަލުކުރުމެވެ.
ކޮމެންޓް (2)
މުހައްމަދު
ދޮން މުހައްމަދު