ކ. ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅިން އިއްޔެ ޑިންގީއެއް ދުއްވާފައިދަނީ: މި ތަނަށް އެރި އޮތް ފަތުރުވެރިޔަކު ވަނީ ގައިގައި ޑިންގީއަކުން ޖެހި މަރުވެފައި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކ. ތުލުސްދޫ

މަރުގެ ކަނޑުއޮޅި: އޮއި ގަދަ، ރައްކާތެރިކަން ކުޑަ

ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދުގައި އޮންނަ ކަނޑުއޮޅިއަށް އެރުމަކީ، މަނާ ކަމަކަށް ވިޔަސް، ފަތުރުވެރިންގެ މެދުގައި އާންމު ކަމެއް. އެ ތަނުން ދަތުރުކުރާ ކޯމަސްތަކުގެ ފޮޓޯ ނަގަން ނުކުތް ފަތުރުވެރިޔަކު ޑިންގީއެއްގައި ޖެހި، މިދިޔަ އާދީއްތަ ދުވަހު ވަނީ މަރުވެފައި
3 ފެބްރުއަރީ 2023
5

ކ. ތުލުސްދޫ - އަހްމަދު ބާސިތު ވޯޓަ ސްޕޯޓްސްގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އެފަދަ ކަމެއް ދުވަހަކު ވެސް ނުދެކެ އެވެ.

"އެއީ ބިރުވެރި ދުވަހެއް. މި ރަށު ވޯޓަ ސްޕޯޓްސް ތަންތަނުގެ ދަތުރުތައް ވަގުތުން ހުއްޓާލީ،" އޭނާ ބުންޏެވެ.

މި ރަށު ވޯޓަ ސްޕޯޓްސް ހަޓެއްގައި މަސައްކަތް ކުރާ ބާސިތު ކިޔައިދެމުންދިޔައީ މި ރަށާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ޑިންގީއެއްގައި ޖެހި ފަތުރުވެރިޔަކު މަރުވި ހާދިސާ އެވެ. 

މި ރަށު އިރުއުތުރު ފަރާތު ކަނޑުއޮޅި ތެރޭ ލިބުނު ބޮޑެތި އަނިޔާތަކުގައި ފަތުރުވެރިޔާ މަރުވީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުވާން އުޅެނިކޮށެވެ. ޕޯލެންޑަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އެ ފިރިހެންމީހާ މޫދަށް އެރުނީ، އެ ކަނޑުއޮޅިން އާންމުކޮށް ދަތުރުކުރާ ކޯމަސް އައިން ފެނިގެންނެވެ. އެ މަންޒަރަށް އޭނާގެ ހިތް ދަމައިގަތްލެއް ބޮޑުކަމުން، ކަނޑުއޮޅިއަށް ނުނުކުންނަން ތަކުރާރުކޮށް ދިން ނަސޭހަތުގެ އަޑެއް ނޭހި އެވެ.

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއްގައި ހާދިސާ ހިނގި ގޮތް ދައްކައިދީފައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އޭނާ ނެރުން ބޭރަށް ނުކުމެ އޮއްވައި ދެ ފަހަރެއްގެ މަތިން އެތެރެއަށް ވެސް ވެއްދި އެވެ. އެކަމަކު، ކޯމަސްތަކާ އެކު ފޮޓޯ ނަގާހިތްވީލެއް ބޮޑުކަމުން ތިންވަނަ ފަހަރަށް ވެސް ބޭރަށް ނުކުތީ އެވެ. ނެރާ ދިމާލުން ނުކުމެގެން އޭނާ ދިޔައީ ރަށުގެ އިރުއުތުރު ކޮޅަށެވެ. ސާވިސްކުރުމަށް ފަހު ޓެސްޓު ބުރެއް ޖަހަން ނުކުމެ އުޅުނު ޑިންގީ ދުއްވާފައި އައީ ހުޅަނގުން އިރަށެވެ. މި ރަށު މީހުން ބުނާ ގޮތުގައި އެ ޑިންގީ އައީ ވަރަށް މަޑު ދުވެއްޔެއްގަ އެވެ. ނަމަވެސް ލޮނުގަނޑުގެ އަޑީގައި އޮތް ފަތުރުވެރިޔާއެއް ނުފެނުނެވެ.

ޑިންގީގެ ބުރަފަތީގައި އޭނާ ޖެހި ބަނޑު ކަފައިގެން ގޮސް، ގޮހޮރު ބޭރުވި އެވެ. އެއް އަތް ބުރިވި އެވެ. އޭނާ ނަގަން ބޭނުންވި ފޮޓޯ ނެގުނުކަމެއް ނޭނގެ އެވެ. ބުރިވި އަތާ އެއްކޮށް، ފުން ކަނޑަށް ގެއްލުނު ގޯ ޕްރޯ ކެމެރާ އަށް އެކަން ރެކޯޑު ކުރެވުނު ނަމަ، ފުރާނަ ގެއްލެން މެދުވެރިވި، އޭނާ އެހާ ބަލާހިތްވި މަންޒަރުތަކާ އެކު، ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވެސް އޭގައި ހުންނާނެ އެވެ.

އާއިލާއަށް ބޮޑު ހިތާމައެކެވެ. ސަލާމަތްކޮށްދޭން އަނބުރާލި ޑިންގީ ދުއްވަން ހުރި މީހާ، ވަކި ހިސާބަކުން ހަބަރުހުސްވި އެވެ. ފަތުރުވެރިޔާ މޫދުން ނެގި މީހާ އަދިވެސް ހުރީ އެކަމާ ބެހޭގޮތުން ވާހަކަދެއްކޭ ހާލަތެއްގައެއް ނޫނެވެ. ހާދިސާ ހިނގި ދުވަހު އެ ރަށުގެ ވޯޓަ ސްޕޯޓްސް ހަރަކާތްތައް ވަގުތުން ހުއްޓުމަކަށް އަ އެވެ. އެންމެންނަށް ލިބުނީ ބޮޑު ސިހުމެކެވެ.

ކ. ތުލުސްދު އާއި ކުޑަވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅި. ޓޫރިސްޓު މީހާ މަރުވީ ކަނޑުއޮޅިއަށް ނުކުމެ އުޅެނިކޮށް، އޭނާގެ ގައި މަތިން ދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެން (ފޮޓޯ/ޓްރެވެލިއާ މޯލްޑިވްސް)

އިތުރު ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑު

މި ރަށުގައި ފަތުރުވެރިންގެ ސަލާމަތީ ކަންކަން ދޯހަޅި މިންވަރު، 'ދައުރު'ގެ ޓީމާ ބައްދަލުވި މީހުންގެ ވާހަކަތަކުން އެނގެ އެވެ. ފަތުރުވެރިންގެ ގާތުގައި ބުނާ ބަސް ނާހާ ކަމެވެ. ކަންކަން މިހާރު ހުރި ގޮތުން، މިފަދަ ހާދިސާއެއް ކޮންމެ ދުވަހަކު ވެސް ހިނގުމުގެ ފުރުސަތު އޮވެ، އެހާމެ ބޮޑު ކަމެވެ.

މި ރަށުގައި ފަތުރުވެރިން މިނިވަންކަމާ އެކު އުޅެން 'ބިކިނީ ބީޗު'ގެ ގޮތުގައި ހަމަޖައްސާފައި ދެ ތަނެއް އޮވެ އެވެ. އެއީ ރަށުގެ އިރުއުތުރުން ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ބީޗާއި ހުޅަނގު ބިތުގައި އޮންނަ 'ސަންސެޓު ބީޗެ'ވެ. ގިނަ މީހުން މޫދަށް އެރި އުޅެނީ އިރުއުތުރު ބީޗަށެވެ.

ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ މި ކަނޑުއޮޅީގައި އުޅަނދަކުން ޖެހިގެން މީހަކު މަރުވި މިއީ ފުރަތަމަ ހާދިސާ އެވެ. ނަމަވެސް، މި ރަށުގެ ބާސިތު ކިޔައިދިން ގޮތުގައި، މިއީ އެ ތަނުގެ ފުރަތަމަ މަރެއް ނޫނެވެ.

"މިއީ ތިންވަނަ މަރު. މީގެ ކުރިން މިޔަރުގެ ހަމަލާތަކުގައި ދެ މީހަކު މަރުވި. އަދި އެ ތަނަށް އެރި އުޅެނިކޮށް އެކަކު ގެއްލުނު. އަދި މިހާތަނަކަށް ނުފެނޭ،" އޭނާ ބުންޏެވެ.

ތުލުސްދޫގައި ވޯޓަ ސްޕޯޓްސްގެ ހިދުމަތް ދޭ ބާސިތު އިއްޔެ 'ދައުރު'އާ ވާހަކަ ދައްކަނީ: އޭނާ ބުނިގޮތުގައި ކަނޑުއޮޅިއަށް ފަތުރުވެރިޔަކު ދަމައިގަތުމުގެ ހާދިސާއެއް ކޮންމެ ދުވަހަކުހެން ހިނގާ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

މި ކަނޑުއޮޅިއަށް ފޭބުމާއި އެ ސަރަހައްދުގައި ފީނުމަކީ ވެސް މަނާ ކަމެކެވެ. ސަބަބަކީ، އެއީ އަބަދުވެސް ކަނޑު އުޅަނދުފަހަރު ދެކޮޅަށް ދަތުރުކުރާ ތަނަކަށް ވާތީ އެވެ. ކައިރި ރިސޯޓުތަކާއި މާލެ އާއި މި ރަށާ ދެމެދު ދަތުރުކުރާ ލޯންޗުތައް ވެސް ހިމެނޭ ގޮތަށެވެ.

އެހެންވިޔަސް، ކަނޑުއޮޅިން ފެންނަ ހިތްގައިމު މަންޒަރަކީ، ދުރުގައި ތިބެ ބަލާ ވަރަށް ވުރެ ފަތުރުވެރިން މާ ގަޔާވާ މަންޒަރަކަށް ވަނީ އެވެ. ކަނޑުއޮޅީގެ އެއްކޮޅުން އަނެއް ކޮޅަށް، ލޮނުގަނޑުން މައްޗަށް ފުންމަމުންދާ ކޯމަސް އައިންތައް ބަލައިލާ ހިތުން، ކޮންމެ ދުވަހަކު އެތައް ބަޔަކު ކަނޑުއޮޅިއަށް ނުކުމެ އެވެ.

"ކޮންމެ ދުވަހަކުހެން ފަތުރުވެރިޔަކު ކަނޑުއޮޅިއަށް އޮޔާ ދަމައިގަނޭ އެބަ. މިއަދު ހެނދުނު ވެސް ދިމާވި މި ކަހަލަ ކަމެއް،" ބާސިތު ބުންޏެވެ.

އޭނާ މަސައްކަތްކުރާ ވޯޓަ ސްޕޯޓްސް ހަޓުގައި ހުރެ ކަނޑުއޮޅިއަށް އަތުން އިޝާރާތްކުރަމުން، އެ ސަރަހައްދުގައި އޮއިވަރު ހުންނަ ގޮތް، ބާސިތު ކިޔައިދިނެވެ.

"އެކި ވަގުތުގައި މި އޮންނަނީ އެކި ގޮތަށް. ހެނދުނު އޮވެދާނެ އެތެރެއަށް އޮއިވަރު. އެތެރެއަށް އޮއިވަރު އޮތިއްޔާ މި ފަރު ކައިރީގައި އޮއި އޮންނާނީ ބޭރަށް،" އޭނާ ބުންޏެވެ.

ބާސިތު ކިޔައިދިނީ ވަވޮއި (ހުޅަނގަށް ދަމާ އޮއި ނުވަތަ އިރުވައި އޮއި) އާއި އުދޮއި (ދިޔަވަރު ބޮޑުވާއިރު ބޭރަށް ދަމާ އޮއި)ގެ ވާހަކަ އެވެ.

ތުލުސްދޫ ވޯޓަ ސްޕޯޓްސް ހަޓެއްގައި މަސައްކަތްކުރާ ބާސިތު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

މި ރަށުން ބައްދަލުވި އެހެން މީހުންގެ ވާހަކަތަކުން ވެސް އެނގޭގޮތުގައި ކަނޑުއޮޅިއަށް ނުކުންނަން އޮންނަ ނެރާ ދިމާލުގައި އޮއި ބާރެވެ. ނަމަވެސް ހިތްގައިމު މޫދު ފެނި، އެ ތަނަށް އެރި އުޅޭ ފަތުރުވެރިންގެ ސަމާލުކަން ކުޑަވެ، ނެރުން ބޭރަށް ނުނުކުންނަށް ދޭ ނަސޭހަތް ހަނދާނެ ނެތެނީ އެވެ. ނުވަތަ ގަބޫލު ނުކުރަނީ އެވެ.

އެ ނަސޭހަތާއި ރަތް ކުލައިގެ ބޮޔެއް ފިޔަވައި، ރައްކާތެރިކަން ކަށަވަރުކުރަން އެ ތަނުގައި އިތުރު ކަމެއް ނެތެވެ.

ރައްކާތެރިކަމުގެ މާ ބޮޑު ފިޔަވަޅެއް ނެތް

އަހަރެމެން މި ރަށު އިރުއުތުރު އަތިރިމަތީގައި ތިބި ވަގުތުކޮޅުގައި ވެސް އެތައް ބަޔަކު ކަނޑުއޮޅިން ފެނުނެވެ. މޫދު އަޑި ބަލަން އުޅޭ ފަތުރުވެރިން ދޭތެރެދޭތެރެއިން ފެނުން މައްޗަށް އަރާތަން ފެނެ އެވެ. އޭރު ވެސް ކަނޑުއޮޅިން ޑިންގީތަކާއި ލޯންޗުތައް ދަތުރުކުރެ އެވެ. އެ ދެމެދުގައި ބައެއް ފަހަރު މިނެޓެއް ވެސް ނުހިނގަ އެވެ. މީގެ ފަސް ދުވަސް ކުރިން އެ ތަނުގައި މީހަކު މަރުވި ކަމެއް އެ މީހުންނަށް ނޭނގޭ ފަދަ އެވެ. އެއީ އެ ހާދިސާ ހިނގި ފަހުން މި ރަށަށް އައިސް އުޅޭ ފަތުރުވެރިންނެވެ.

މަރުގެ ބޮޑު ހާދިސާއެއް ހިނގިތާ އަދި ހަފްތާއެއް ވެސް ނުވަނީސް ފަތުރުވެރިން އެހާ މިނިވަންކޮށް ކަނޑުއޮޅިއަށް ފައިބައިގެން އުޅޭތީ، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅަނީތޯ މި ރަށުން ބައްދަލުވި މީހުން ގާތުގައި އެހީމެވެ.

ބައެއް ގެސްޓުހައުސްތަކުގެ ވެރިންނާ ވާހަކަ ދެއްކުމުން ބުނީ، ނެރު ކައިރީގައި އަޅާފައި އޮންނަ ބޮޔަށް ވުރެ ބޭރަށް ނުނުކުންނަން ފަތުރުވެރިންނަށް އިރުޝާދު ދޭ ކަމަށެވެ. ވޯޓަ ސްޕޯޓްސްގައި އުޅޭ ބައެއް މީހުން، އެއީ ތެދެއް ކަމަށް އެއްބަސްވެ އެވެ. ނަމަވެސް އަނެއްބައި މީހުން ބުނީ ގެސްޓުހައުސްތަކުން އެކަން ނުކުރާ ކަމަށެވެ.

ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅީގައި ފަތުރުވެރިޔަކު އިއްޔެ ސްނޯކެލްކުރާ އިރު ކައިރީގައި ރަތް ބޮޔެއް: މި ބޮޔަށް ވުރެ ބޭރަށް ނުދާން ފަަތުރުވެރިންނަށް އިރުޝާދު ދޭ ކަމަށް ބައެއް ގެސްޓް ހައުސްތަކުން ބުނޭ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޑިންގީތަކާއި ލޯންޗުތައް ކަނޑުއޮޅިން އައިސް، ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދަށް ވެސް ވަދެ އެވެ. ވޯޓަ ސްޕޯޓްސް ހަޓުތައް ވެސް ހުންނަނީ އެ ދިމާލުގައި، އަތިރިމަތީގައި ކަމުން އެ މީހުން ގޮވައިގެން އެކްސްކާޝަން އަދި ވޯޓަ ސްޕޯޓްސް ހަރަކާތްތަކުގައި ފަތުރުވެރިން ގޮވައިގެން އުޅޭ ޑިންގީތައް ވެސް ވަންނަން ޖެހެނީ އެ ދިމާލުންނެވެ.

ނެރުން ވަނުމަށް ފަހު އާދައިގެ މަތިން އަތިރިއާ ކައިރި ކުރަނީ، މޫދުގައި ތިބޭ ފަތުރުވެރިންގެ ތެރެއިން ލާފައި، ދަށް ސްޕީޑެއްގަ އެވެ. ނަމަވެސް، އޭގެ ކުރިން ބާރު ސްޕީޑުގައި ކަނޑުއޮޅިން ވަދެގެން އަންނައިރު، ފެނު އަޑީގައި އޮންނަ ފަތުރުވެރިޔަކު ޔަގީނުން ވެސް ނުފެންނާނެ އެވެ.

ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅިން އިއްޔެ ޑިންގީއެއް ދުއްވާފައި އައިސް ތުލުސްދޫ އިރުއުތުރު ނެރުން ވަންނަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ބާސިތު ބުނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން އެކަށީގެންވާ ވަސީލަތްތަކެއް މި ރަށުގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ކައުންސިލާ ވެސް ވާހަކަ ދައްކާފައި މިތާ އަޅުގަނޑުމެންނަށް ރެސްކިއު ހަޓެއް ޖަހައިދިނުމަށް. އެއީ ކޮންމެ ގަޑިއެއްގައި ވެސް ކަމެއް ދިމާވެދާނެ. އެކަމަކު ކައުންސިލަކުން އަދި ނެތް އަޅުގަނޑުމެންނަށް [މިކަމުގައި] އެއްބާރުލުމެއް ދީފައެއް،" އޭނާ ބުންޏެވެ.

"އަބަދުވެސް، މި ތަނުގައި ގެސްޓުން އުޅޭ ގަޑީގައި އެންމެ ކުޑަމިނުން ޑިންގީއެއް ވެސް [މީހުން ސަލާމަތްކުރަން ހާއްސަކޮށްފައި] މިތަނުގައި ބާއްވަން ޖެހޭ އެބަ. ވަރަށް ގިނައިން މި ކަނޑުއޮޅި ތެރެއަށް މީހުން ގެނބޭ."

ހިތާމަވެރި ހާދިސާއެއް ދިމާވިއިރު، ބާސިތު ބުނި ގޮތުގައި، މި ރަށު އެމްބިއުލެންސް ވެސް އޮތީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. އެހެން އޮންނަތާ ކިތަންމެ ދުވަހެކެވެ. މި ހާދިސާގައި ވެސް ފަތުރުވެރިޔާ ނަގައިގެން ރަސްމީ ފާލަމުން އެއްގަމަށް އަރުވައިގެން ފަރުވާއަށް ގެންދަން ޖެހުނީ ޕިކަޕެއްގަ އެވެ.

އިތުރު މިސާލެއްގެ ގޮތުގައި އަތުގެ އިޝާރާތުން ބާސިތު ދައްކައިލީ ކަނޑުއޮޅިއަށް ނުކުމެވޭ ނެރު ކައިރިން، މޫދުގައި ޖަހާފައި ހުރި ދެ ދަގަނޑު ހޮޅި އެވެ.

"އެއީ މީގެ އަހަރުތަކެއް ކުރިން، ފަތުރުވެރިންނަށް އެ ތަނަށް ނުނުކުތުމަށާއި އޮއި ބާރު ސަރަހައްދެއްކަން އަންގައިދޭން ބޯޑެއް ހަރުކޮށްފައި ހުރި ދަގަނޑު ހޮޅިތަކެއް. ބޯޑު ވެއްޓުނު ގޮތަށް އަދި އެ ހުރީ،" ބާސިތު ބުންޏެވެ.

"ބޯޑު ހުރިއިރު ވެސް ފަތުރުވެރިން ނުކުމޭ ބޭރަށް، އެކަމަކު މިހާރާ އަޅާބަލާއިރު ވަރަށް މަދުން އެއީ."

އޮއި ބާރު ސަރަހައްދެއްކަމާއި ނެރުން ބޭރަށް ނުނުކުންނަށް އަންގައިދޭން ކުރިން ބޯޑެއް ހަރުކޮށްފައި ހުރި ދަގަނޑު ހޮޅި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

'ފަތުރުވެރިން ބުނާ ބަސް ގަބޫލެއް ނުކުރޭ'

މި ސަރަހައްދުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭ އެކަކަކީ ވަރަށް ހަގު އުމުރަކުން ފެށިގެން ރާޅާ އަޅަން ފެށި މި ރަށު އަހްމަދު އާގިލް (ރާޅު އަންމަޑޭ) އެވެ.

"ސްނޯކްލް ކުރަން ވެސް، ނޫނީ ކޯމަސް ބަލައިލަން ވެސް ދަންޏާ ދާށޭ ލޯންޗެއް ކަހަލަ އެއްޗެއްގައި. އެހެން ބުނެފައި އޮންނަނީ މި ބީޗުގައި އުޅޭ އެންމެން ކައިރީގައި ވެސް. ގެސްޓުހައުސްތަކުން އެބަ ބުނޭ ގެސްޓުން ކައިރީގައި ނުދާށޭ،" މިހާރު ރާއްޖޭގެ ރާޅާ އެޅުމުގެ ޗެމްޕިއަންގެ މަގާމުގައި ހުރި އަހްމަދު ބުންޏެވެ.

އެ ވަރަށް ކިޔައިދިނަސް، އޭނާ ބުނި ގޮތުގައި، ބުނާ ބަސް ގަބޫލުނުކޮށް ފަތުރުވެރިން ކަނޑުއޮޅިއަށް ނުކުތުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެހެން ނުކުމެ އުޅޭއިރު އޮޔާދިޔުމާއި ގެނބުން ފަދަ ކަންކަން ވެސް ވަރަށް އާންމުކަން އޭނާ ވެސް ފާހަގަކުރި އެވެ.

"އަބަދުވެސް، ކޮންމެ ސީޒަނެއްގައި އެ ތަނުން މީހުން ނަގާނެެ. އެތާ ބިކިނީ ބީޗުގައި ތިބޭ މީހުން އަބަދު ނަގަން ޖެހޭނެ ކޮންމެ ދުވަހަކު ތިން ހަތަރު މީހުން. އެހާ އޮއި ބާރު ތަނެއް އެއީ،" އަހްމަދު ބުންޏެވެ.

"މީގެ ތިން ހަތަރު ދުވަސްކުރިން ވެސް ނަގައިފި މީހަކު. މިއޮތް ތަނުން [ނެރާ ދިމާލުން] އޮޔާ ދިޔަ މީހަކު ނެގީ މި ދިމާލުން [ރަށުގެ އުތުރުކޮޅުން]. މިއީ ކޮން ތަނެއް؟ [ކިހާ ހިސާބެއް؟]."

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ޓްރެވެލިއާ މޯލްޑިވްސް)

ގެނެވޭނެ ހައްލަކީ ކޮބާ؟

ސަލާމަތީ ފިޔަވަޅުތަކެއް މިހާރު އަޅާފައި ނެތް ނަމަވެސް، ހިތާމަވެރި ހާދިސާތައް މަދުކުރެވޭނެ ގޮތްތައް އެބަހުރި ކަމަށް މި ރަށު މީހުން ދެކެ އެވެ. އެގޮތުން، އަހްމަދު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރީ ލައިފްގާޑުން ބޭތިއްބުމެވެ.

"ލައިފްގާޑުން ބޭތިއްބުން ވަރަށް މުހިންމު. ބިކިނީ ބީޗު ކިޔާފައި، އެތަނުގައި އެމީހުން [ފަތުރުވެރިން] ބޭނުން ގޮތަކަށް އުޅެން ދޫކޮށްލާފައި އޮތް ތަނެއް ވެއްޖެއްޔާ އެމީހުންނަށް ބަލާނެ ބަޔަކު ވެސް ތިބެންވާނެއެއްނު؟" އޭނާ ބުންޏެވެ.

"މަށަށް ފެންނަ ގޮތުގައި ވޮޗް ޓަވާ ކަހަލަ ތަނެއް، ލައިފްގާޑު ސްޓައިލަށް [ހަދަންވީ]. މިސާލަކަށް ދެ މީހުން ޑިއުޓީ ކުރަން ފެށިޔަސް، ބެލޭނެ ކަންނޭނގެ."

އަހްމަދު ފާހަގަކުރި ދެވަނަ ކަމަކީ ފަތުރުވެރިންނަށް މިހާރަށް ވުރެ ވެސް ބޮޑަށް ކަންކަން ކިޔައިދީ، މަގުދައްކާނެ ގައިޑުން ބޭތިއްބުމުގެ މުހިންމުކަމެވެ. މި ރަށު މީހުން ވޯޓަ ސްޕޯޓްސްގައި މަސްއޫލުވެ އުޅުނަސް، އޭނާ ބުނީ ގެސްޓްހައުސް ވިޔަފާރީގައި ވަޒީފާ އަދާކުރާ މީހުން މަދު ކަމަށެވެ. އެއީ ވެސް، އޭނާ ބުނި ގޮތުގައި، ގައިޑުން ނެތް އެއް ސަބަބެވެ.

"ގެސްޓުހައުސްތަކުގައި ވެސް އަސްލު ނޫޅޭ، މި ރަށުގައި ވެސް ނުއެއް އުޅޭތާ އެވަރަކަށް މީހުންނެއް [މިކަމުގެ] ވަޒީފާތަކަށް ނުކުމެ. ގައިޑުން ގޮތުގައި މީހުން ތިބޭ ނަމަވެސް އޯކޭވާނެ ކަންނޭނގެ ކޮންމެ ގެސްޓުހައުސްއެއްގައި،" އަހުމަދު ބުންޏެވެ.

"ބްރީފިންއެއް ކަހަލަ އެއްޗެއް ދޭ ނަމަ ނުވާނެ ކަންނޭނގެ އެކަހަލަ ކަންކަމެއް. މޫދަށް އެރި ނުހަދާނެ ކަންނޭނގެ ނުބުނެ. ގިނަ ފަހަރަށް، ބުންޏަސް، ގޮތްދޫނުކޮށް ހަމަ އެރެނީ މީހުން."

އަހްމަދު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަފާރީއެއްގެ ގައިޑެއްގެ ގޮތުގަ އެވެ.

"އަހަރެމެންނަށް ވެސް ފުދޭވަރަކަށް ޖެހޭ މައްސަލައެއް ގެސްޓުންނާ ޑީލްކުރާއިރު، ބުނާ ބަސް ނޭހުމަކީ. ހަމަ އެބަ ހުރޭ، ނުދާށޭ ބުނެފައި އޮއްވައި ނޭނގި ގޮސްފައި،" އޭނާ ބުންޏެވެ.

"އަހަރެމެންގެ ގަވާއިދުގައި އޮންނާނެ، ގައިޑެއް ނެތިއްޔާ ބޯޓުގެ ކައްޕިއަށް އެނގެން ޖެހޭނެ ނޫނީ ބޯޓުގެ ކޮންމެވެސް ކްރޫއަކަށް އެނގެން ޖެހޭނެ [މޫދަށް] ދަންޏާ. ނުބުނެ ނުދެވޭނެ. ދެން ގައިޑެއް ވެއްޖެއްޔާ ގައިޑު ކައިރީގައި ބުންޏަސް، ގައިޑު ބުނީމަ ދެވޭނީ. ދިވެއްސަކު ހުންނާނީ ކަމެއް ވެގެން ދޯ [މިކަމަށް] ލާފައި؟"

ކ. ތުލުސްދޫގައި ބަޔަކު މޫދު ކުޅިވަރު ކުޅެނީ. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

ކަން ދިމާކުރި ގޮތުން، މި ރަށަށް ކުރި މި ދަތުރުގައި އެއްވެސް ކައުންސިލަރަކާ ބައްދަލުވާ ގޮތެއް ނުވި އެވެ. ހުރިހާ ކައުންސިލަރުން ތިއްބެވީ ޕީޕީއެމް-ޕީއެންސީން ބާއްވާ 'ހޯޕް ކޮންފަރެންސް'ގައި ބައިވެރިވުމަށް މާލޭގަ އެވެ. އެހެންކަމުން ކައުންސިލްގެ ބޭފުޅަކާ ބައްދަލުވާ ގޮތެއް ނުވި އެވެ. އެހެންވެ، މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ކައުންސިލުން ކުރަން ރާވާފައި ހުރީ ކޮން ކަންތައްތަކެއް ކަމެއް އަދި ނުހޯދެ އެވެ.

ފަތުރުވެރިޔާގެ ހިތާމަވެރި މަރަށް ފަސް ދުވަސް ފަހުން، މި ރަށުގައި ފަތުރުވެރިން މޫދަށް އެރި އުޅުމުގައި އެއްވެސް ބަދަލެއް ފެންނާކަށް ނެތެވެ. ކަނޑުއޮޅިއަށް މީހުން ނުކުންނަ ވަރު މަދެއް ނުވެ އެވެ. ނުނުކުންނަން ނަސޭހަތް ދޭ ބަޔަކު އެކަން ކުރެ އެވެ.

އެއް ކަމެއް ޔަގީނެވެ. މަރުވި ފަތުރުވެރިޔާ އަކީ އެ ނަސޭހަތުގެ އަޑުނާހާނެ ފަހު މީހާއެއް ނޫނެވެ.

ކޮމެންޓް (5)

ފެރީނިޒާމު

4 ފެބްރުއަރީ 2023
މިޔަރުގެ ހަމަލާގައި މީހަކު މަރުވިކަން އަދި އަލަށް މި އަޑު އެހީ...
0 0

ދޮނާރު

4 ފެބްރުއަރީ 2023
މި ކަނޑުއޮޅިއަކީ މަރުގެ ކަނޑުއޮޅިއެއްކަމަށް ވާގޮތެއް ނޭގުނު. ޔަގީންވާގޮތުން ރާއްޖެ އުފެދުނީއްސުރެ މިކަނޑުއޮޅި އޮވޭ. ތުލުސްދޫގައި މީހުންވެސް އުޅޭ. ގެސްޓުން އުޅެންފެށުމުގެ ކުރިން އެރަށު މީހަކުވެސް އަދި އެހެން މީހަކުވެސް ތިޔަ ކަނޑު އޮޅިއަކުން މަރެއްނުވޭ. މާމޮޅު މީހަކަށްވާން ހިތަށްއެރި ގޮތަކަށް ސުރުޚީ ޖަހައިގެން ޚަބަރު ލިޔެގެން ކަމަކުނުދާނެ.
1 1

ކޮއްތޮ

4 ފެބްރުއަރީ 2023
ލައިފްޖެކެޓް އަޅައިގެންނޫނީ މޫދުގައި ނޫޅެވޭ ގޮތަށް ހަދަންވީ.
0 0

ހަސަންބޭ

3 ފެބްރުއަރީ 2023
މަގޭ ވާހަކައަކީ ޓުއަރިސްޓް ގެސްޓް ހައުސް ހިންގުމަކީ ފައިދާހުރި ފައިސާ ލިބޭ ވިޔަފާރިއެކޭ.އެހެންވިމަ ކޮންމެ ކަމެއް ކައުންސިލް ބޮލަށް ނުކަނޑާ ކީއްހޭ ވާނީ ގެސްޓްހައުސް ތައް ގުޅިގެން ވޮޗް ޓަވާ ތަކާ އެއްޗެހި ޖެހިއްޔާ
6 1

އީސަބެ

4 ފެބްރުއަރީ 2023
@ހަސަންބޭ ކަމަކު ނުދަނެ. ގެސްޓު ހައުސު ތަކުން ކޮންމެވެސް ފީ އެއް ނަގައިގެން އެކަން ކުރަން ޖެހޭނީ. ކައުންސިލަށް އޮންނަން ޖެހޭނެ އެބާރު. އަދި ފީ ނުދައްކާ ގެސްޓު ހައުސުތަކަށް ފިޔަވަޅު އެޅުމުގެ ބާރުވެސް އޮންނަން ޖެހޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް