
ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި އަލިފާނަށް ޑްރަގު އަޅަނީ: ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައި ނައްތާލަމުންދިޔަ ނަމަވެސް އެތެރެކުރުމާއި ބޭނުންކުރުމަށް މަޑުޖެހުމެއް ނެތް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ދެވިހިފުން: ރަނގަޅުވާށޭ ބުންޏަސް ތި ހީކުރާހާ ފަސޭހައެއް ނޫން
މުހިންމު ނުކުތާތައް
އެޑިކްޓުންނާ ދޭތެރޭ މުޖުތަމައު ދެކޭ ގޮތް ގޯސްކަމުން، މަސްތުން ސަލާމަތްވާން ބޭނުންވިޔަސް އެކަން ވަރަށް އުނދަގޫ
އަދަބު ދިނުން އޮތް ގޮތުން، ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ %80 އަކީ އަދިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކޮށްފައިވާ މީހުން
ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ އާއި މުޖުތަމައުގެ ބަލައިގަތުން ލިބިގެން ނޫނީ މި މައްސަލަ ހައްލެއް ނުކުރެވޭނެ
"އެންމެ ބޭނުންވަނީ އާއިލާގެ އެހީތެރިކަން،" މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ހުސެން (އަސްލު ނަމެއް ނޫން) ދިން ޖަވާބަކީ އެއީ އެވެ.
އުތުރުގެ ރަށަކަށް އުފަން ހުސެން އެންމެ ފުރަތަމަ މަސްތުވާތަކެތި ބޭނުން ކުރީ އުމުރުން 17 އަހަރުގަ އެވެ. އޭނާގެ ގެއަށް އައިސް މަސްތުވާތަކެތި ބޭނުންކުރި ރަހުމަތްތެރިންތަކަކާ އެކު ކޮށްލި ކަމެއްގެ ގޮތުގަ އެވެ. މިހާރު އޭނާގެ އުމުރުން 38 އަހަރެވެ. ހަޔާތުގެ 21 އަހަރާއި އާއިލާގެ ލޯތްބާއި މީހުންގެ ގަދަރާއި އުފާވެރި ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތުތައް ގެއްލިފައިވަނީ ހެރޮއިން، ނުވަތަ މަގުމަތީ ބަހުން ނަމަ، 'ހަކުރު' އަށެވެ.
އެންމެ ފުރަތަމަ ބޭނުން ކުރި އިރު އެއީ ކިހާވަރެއްގެ އެއްޗެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ކޮބާކަމާއި އެކަމުގެ ސަބަބުން މީހާގެ ދިރިއުޅުން ހަލާކުކޮށްލާނެ މިންވަރު ވަޒަން ކޮށްލެވިފައެއް ވެސް ނެތެވެ. އެކަމުން އަރައިގަންނަން ހުސެން މަސައްކަތް ކުރި އެވެ. އެތައް ފަހަރަކު ހުއްޓާލި އެވެ. އެކަމަކު، އޭނާ ބުނިގޮތުގައި، "ހަމަ ބޯހިތްވާތީ، ބޮވެނީ" އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން މީހުންގެ ރުޅިވެރިކަން އަމާޒުވެ، އެހީތެރިކަން ނުލިބި، ވަޒީފާގެ ފުރުސަތުތައް ހުސެން އަށް ވަނީ ބަންދުވެފަ އެވެ. ދަރިއަކު ލިބުނު ފަހުން މައްސަލަޖެހިގެން އޭނާގެ ކައިވެނި ވެސް ރޫޅުނީ އެކަމުގެ ތެރޭގަ އެވެ.
"ބޭބެ ވެސް ވަރަށް ރުޅިއައިސްފަ ހުންނަނީ މިހާރު. ބުނީ ރަނގަޅުވެގެން އަންނާށޭ،" މާޔޫސްވެ ހުރެ އޭނާ ބުންޏެވެ.
އެކަމަކު އެއީ ދުލުން ބުނެލާހާ ފަސޭހައިން އެއްވެސް މީހަކަށް ކުރެވޭ ވަރު ކަމެއް ނޫނެވެ.
ރާއްޖޭގައި މިފަދަ އެތައް ބައެކެވެ. އެކި ބާވަތުގެ މަސްތުވާތަކެއްޗަށް އުމުރުގެ މުހިއްމު ދުވަސްތައް ގެއްލިފައިވާ ކުޑަކުދިންނާއި ޒުވާނުންނާއި މެދު އުމުރުގެ މީހުންނެވެ. އެކަމުން އަރައިގަންނަން ބޭނުންވެ، އެކަށީގެންވާ އެހީތެރިކަމާއި އަޅާލުން ނުލިބި، މުޖުތަމައުން ބާކީކޮށްލެވިފައިވާ މީހުންނެވެ.
"މިކަމަށް ހައްލެއް އަންނާކަށް ކައިރިއެއް ނުވޭ. ކަންތައްތައް އޮތީ ވަރަށް ގޯސްކޮށް ކަމަށް ފެންނަނީ،" ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އާ ސީއީއޯ އިމާދު ސޯލިހް މިދިޔަ މަހު 'ދައުރު' އަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ގާނޫނުތަކާއި އަދަބުތަކަށް ނުގުޑާ، ރާއްޖޭގެ ކުޑަކުޑަ މުޖުތަމައުގައި ވަރުގަދައަށް ވަކިހިއްޕާލާފައިވާ ބަލިމަޑުކަމެކެވެ. ސުވާލަކީ، މި މައްސަލަ މިހާ ގޯސްކޮށް މި އޮންނަނީ ކީއްވެގެން ހެއްޔެވެ؟

މަސްތުވާތަކެތި ބޭނުން ކުރުމަކީ އެކްސެޕްޓެބަލް ކަމެއް ނޫން. އެހެންނަމަވެސް، ހަގީގަތަކީ، އެބަ ބޭނުންކުރޭ. އެކަމަކު ބޭނުން ކުރުމުގެ މާނައަކީ އަޅުގަނޑުމެން އެމީހުން ދޫކޮށްލުމެއް ވެސް ނޫން. އެމީހުން ރަނގަޅުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހުރިހާ އިދާރާތައް ގުޅިގެން ކުރުން ވަރަށް މުހިއްމު
އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއް ނެތް
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުން ނުކުތް ނަތީޖާއެއް ނެތެވެ.
މި މައްސަލައިގެ މާޒީއަށް ބަލާ އިރު:
1993 - މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ހައްޔަރުކުރި؛ އެއާއެކު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް މަސްތުވާތަކެތީގެ ގާނޫނެއް އުފެއްދި
1995 - ތަސްދީގު ކުރި ގާނޫނަށް އިސްލާހު ގެނެސް އަމަލު ކުރަން ފެށި؛ މިހާރު އުވާލާފައިވާ އެ ގާނޫނުގެ ދަށުން:
-
މަނާކޮށްފައިވާ މަސްތުވާއެއްޗެއްގެ 1 ގްރާމަށް ވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެ ނަމަ ބެލީ ވިޔަފާރި ކުރަން އަތުގައި ބެހެއްޓީ ކަމަށް (1 ގްރާމަކީ ފުޅި މަތިގަނޑެއްގެ ބަރުމިން؛ އެއީ އާންމުކޮށް އެންމެ ފަހަރަކު މަސްތުވުމަށް ބޭނުންކުރާ މިންވަރު)
-
1 ގްރާމް ނުވަތަ 1 ގްރާމަށް ވުރެ މަދު އަދަދަކާ އެކު އަތުލައިގަނެވޭ މީހާގެ އަދަބަކީ ފަސް އަހަރާއި ބާރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، އަރުވާލުން، ނުވަތަ ގޭ ބަންދު ކުރުން
-
އެ ނޫން ހާލަތެއްގައި (1 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު) އަތުލައިގަނެވޭ މީހާގެ އަދަބަކީ އުމުރަށް ޖަލަށް ލުން

2004 - 'ސްޓްރެންތެނިން ކަސްޓޯޑިއަލް ސާވިސަސް'ގެ ނަމުގައި ޕްރޮފެސަރު ރިޗާޑް ހާޑިންގް އާއި ޑރ. ނީލް މޯގަން ރާއްޖޭގައި ހެދި ސާވޭ އަކުން ދެއްކީ އޭރު ރާއްޖޭގައި އޮތް އުސޫލުތަކުގެ ދަށުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބެމުން ނުދާކަން؛ އެ ސާވޭ އިން ދެއްކި ގޮތުގައި:
-
ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ %80 މީހުން ބަންދު ކޮށްފައި ތިބީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި
-
އޭގެތެރޭގައި މަސްތުވާތަކެތީގެ ވަަރަށް ކުޑަ މިންވަރަކާ އެކު އަތުލައިގަތް ނަމަވެސް ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ މީހުން ހިމެނޭ
-
ދިރާސާއިން ދެއްކި ގޮތުގައި އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އަދަބުތައް މާ ހަރުކަށި؛ ޖަލުތަކުގައި ތިބި އެޑިކްޓުންނަށް އެއްވެސް ފަރުވާއެއް ނުދެވޭ، އަދި ރަނގަޅު ޕެރޯލްގެ ނިޒާމެއް ގާއިމް ކުރެވިފައެއް ނެތް
-
ގިނަ ބަޔަކު ދިގުު މުއްދަތަށް ޖަލުގައި ގެންގުޅެން ޖެހުމުން ދައުލަތަށް ހަރަދު ބޮޑުވޭ
-
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި، އަދަބު ދޭ މީހުން ކުށްތަކަށް އަރައިގަންނަ ނިސްބަތް އިތުރުވާކަން ފާހަގަ ކުރެވުނު
2011 - މި މައްސަލަތައް ހައްލުކުރުމަށްޓަކައި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން 'މަސްތުވާތަކެއްޗާ ބެހޭ ގާނޫނު' ތައާރަފްކުރި؛ އެގާނޫނުގެ ދަށުން:
-
މަސްތުވާތަކެއްޗާއި ގުޅޭ 'ކުދި' (ޓްރެފިކް ނުކޮށް ހަމައެކަނި ބޭނުން ކުރުން ފަދަ) މައްސަލަތަކުގައި ގާނޫނުގެ ދަށުން އަދަބު ދިނުން ބައެއް ހާލަތްތަކުގައި އުވާލައި ބައެއް ހާލަތްތަކުގައި ލުއި ކުރި
-
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އުފައްދައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭނެ ނިޒާމެއް ގާއިމް ކުރި
-
މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ އަދަބަކީ އަދިވެސް އުމުރަށް ޖަލަށް ލުން؛ ނަމަވެސް ޓްރެފިކް ކުރުން ކަމުގައި ބަލާ މިންގަނޑު ބަދަލު ކުރި

ނަމަވެސް ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ މައްސަލަ މި އޮތީ އެއްވެސް ލުޔެއް ނުލިބި، އޭގެ ބަދަލުގައި ހައްތަހާ ގޯސްވެފަ އެވެ. ތަފާސްހިސާބުތަކަށް ބާލާއިރު:
-
ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ %80 އަކީ އަދިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކޮށްފައިވާ މީހުން ކަމަށް އެންޑީއޭ އިން ބުނޭ
-
އދ. ގެ ޑްރަގްސް އަދި ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ ހޯދުންތަކަށް ބަލާއިރު ރާއްޖޭގައި މަސްތުވާތަކެތި އެންމެ ގިނައިން ބޭނުން ކުރާ އުމުރުފުރާއަކީ 15 އަހަރާއި 19 އަހަރާ ދެމެދު
-
ހަށިގަނޑަށް އިންޖެކްޓު ކުރާ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތިންބައިކުޅަ އެއްބައި ކަށި ޝެއާ ކުރޭ؛ މިއީ އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވެ، އާންމު ސިއްހަތަށް ހުރި ނުރައްކަލެއް
-
މިދިޔަ އަހަރު ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އުމުރުން އެންމެ 8 އަހަރުގެ ކުދިން ވެސް މަސްތުވާތަކެތި ބޭނުންކުރޭ
-
ކުރީގެ ގާނޫނުން ޓްރެފިކިންގެ މިންގަނޑަށް ފެތުމުން އުމުރަށް ޖަލަށް ލާފައިވާ ބައެއް މީހުން، 2011ގެ ގާނޫނަށް އަމަލު ކުރަންފެށި ފަހުން ވެސް، އާ ޝަރީއަތެއްގެ ފުރުސަތު ނުލިބި ޖަލުގައި އެބަތިބި
-
ރާއްޖޭގައި ކުރިން މަސްތުވާތަކެތި ނުފެންނަ ހިސާބުތަކުގައި ވެސް މިހާރު އެކި ބާވަތުގެ ޑްރަގް ވަނީ އާންމުވެފައި
"މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކުގައި އުމުރަށް ޖަލަށް ލާ އާބާދީ ކުޑައެއް ނޫން. ހުކުމް ކުރެވޭ މިންވަރު ވެސް މަދެއް ނޫން. އަދި މަސްތުވާތަކެތި އަތުލައިގަނެވޭ ނިސްބަތަށް ވެސް، މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭ ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވޭ. އެހެންނަމަވެސް މައްސަލައަކަށް ހައްލެއް ނުލިބޭ،" އެންޑީއޭ ބޮއްސުންލާފައި ވަނިކޮށް މިދިޔަ މަހު އެ ތަނާ ހަވާލުވެވަޑައިގެންނެވި އިމާދު ވިދާޅުވި އެވެ.
"އެހެންކަމަށް ވަންޏާ ކޮބާތޯ 'ލޫޕްހޯލް' އޮތް ތަނަކީ؟ އަސްލު 'ރޫޓް ކޯޒް' އަކީ ކޮބާތޯ؟ އަދަބު އެބަ ދެވޭ. ފަރުވާ އެބަ ދެވޭ. އެހެންނަމަވެސް 2021ގެ ސިޗުއޭޝަނަލް އެނޭލިސިސް އަށް ބަލާއިރު މިކަމަށް ހައްލެއް އަންނާކަށް ކައިރިއެއް ނުވޭ. ކަންތައްތައް އޮތީ ވަރަށް ގޯސް ކޮށް ކަމަށް ފެންނަނީ."
ސަބަބަކީ ކޮބާ؟
ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތި ބޭނުން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ޑްރަގް ބޭނުންކޮށް، އެތެރެކޮށް، ވިޔަފާރިކުރާ އެތައް ބަޔަކު މިހާރު ވެސް ޖަލުތަކުގައި ތިބި އިރު، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި، އެޑިކްޓުން ގިނަވަމުން ދަނީ ކީއްވެގެން ހެއްޔެވެ؟
މައުލޫމާތު ހުރި ބައެއް މީހުންގެ ޖަވާބަކީ އެ ސަބަބަކީ "އެސްކޭޕިޒަމް" ކަމެވެ. އަމިއްލަ ނަފްސާ މެދު ނުވަތަ ދިރިއުޅުމާ މެދު ވިސްނުމުން ދުރުވުމަށްޓަކައި ލިބޭ ހުރިހާ ހުސް ވަގުތެއް ވީޑިއޯ ގޭމް ކުޅެން، ނުވަތަ ޓީވީ ސީރީޒެއް ބަލަން ހޭދަ ކުރުމަކީ އެސްކޭޕިޒަމްގެ އާންމު ބައެއް މިސާލުތަކެވެ. ހަމަ އެގޮތަށް، ދިރިއުޅުމުގެ ހިތްނޭދޭ ހަގީގަތްތަކުން ސަލާމަތްވެ، ނުތަނަވަސްވާ ކަންކަމުގެ މަތިން ހަނދާން ނައްތާލާ، ހާސްކަމުން ބޭރުވުމަށް ބައެއް މީހުން އުޅެނީ މަސްތުވާތަކެތި ބޭނުންކުރުމުގަ އެވެ.
"ބުނެބަލަ، ރާއްޖޭގައި ދެން ކުރާނެ އިތުރު ކަމެއް. ނެތެއްނު؟ މިސާލަކަށް ދެން ކޮފީ އަކަށް އަރާނީ. ވަކި ހިސާބަކުން އެކަން ވެސް ވައި ވާނެ. ބުނެބަލަ، ހަމަ އަސްލު ވެސް ކުރާނެ ކަމެއް އެސްކޭޕް ވާން. މިސާލަކަށް ގޭތެރޭގައި ހެސްކިޔާފައި މައްސަލަ އުޅެނީ. އެކަމުން ސަލާމަތްވާން ވެސް ރާއްޖޭގައި ދާނެ ތަނެއް ނޯވެއެއްނު،" މަސްތުވާތަަކެތި ބޭނުންކުރާ މީހުންގެ ހާލަތު ގާތުން ފެންނަ މީހަކު ބުންޏެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އެ އަށް ދެވިހިފުމުގެ ހިރާސް ބޮޑުވާ ކަންކަން ދެނެގަތުމަށް ރާއްޖެއަށް ހާއްސަ ދިރާސާއެއް މިހާތަނަށް ހަދާފައެއް ނުވެ އެވެ. އިމާދު ވެސް އެކަން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި މިހާތަނަށް ރާއްޖޭގައި ހަދާފައި ހުރި ދިރާސާތަކުގައި ބޮޑަށް ސަމާލުކަންދީފައި ވަނީ އެ ވަގުތަކު ނިޒާމުގެ ތެރޭގައި ހުރި ކަންކަމާ ގުޅޭ މައުލޫމާތު ހޯދުމަށެވެ.
"އެއަށް ވުރެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ހިސާބުތަކުން ރަނގަޅު ސާމްޕަލްތަކެއް ނެގިގެން، ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް ޕާސްޕެކްޓިވުން، އަޅުގަނޑު ދެކޭ ގޮތުގައި، ރަނގަޅު އިލްމީ ދިރާސާތަކެއް ހެދެން އެބަ ޖެހޭ،" އިމާދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެނަށް ވެސް ކޮންމެވެސް ވަރަކަށް މި ވާހަކަ ދައްކަން އެނގޭ. އެއް ބޭފުޅަކު ވިދާޅުވާނެ މިސާލަކަށް އާއިލީ މައްސަލަތަކޭ، އަނެއް ބޭފުޅަކު ވިދާޅުވާނެ އިގްތިސޯދީ މައްސަލަތަކޭ، ސްކޫލް މަދަރުސާތައް ފަންކްޝަން ނުކުރަނީއޭ، މައިންބަފައިންނަށް ދަރިން ނުބެލެނީއޭ. އެހެންނަމަވެސް އެއީ ހުސް އެސަމްޕްޝަންސްތަކެއް."
އިމާދު ގަބޫލުކުރައްވާ ގޮތުގައި ދައުލަތުން ހަރަދު ކޮށްގެން އެކަމުގެ އަސްލު ސަބަބުތައް ދެނެގަންނަން ދިރާސާތައް ހަދަން ޖެހެ އެވެ. އެންޑީއޭގެ އާ ސީއީއޯގެ ހައިސިއްޔަތުން އިމާދުގެ ވިސްނުމަކީ އެފަދަ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރުމެވެ.

މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ރާއްޖެއަށް ހާއްސަ ދިރާސާއެއް ނެތް ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގެ ބައެއް ދިރާސާތަކުން ދައްކާ ނަތީޖާތަކަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ ސަބަބުތަކަކީ:
-
އާއިލީ ގޮތުން ވާރުތަކުރާ ކަންކަން - ބައެއް މީހުންގެ އުފެދުމުގައި ހުންނަ ބަޔޮލޮޖިކަލް ސިފަތަކުގެ ސަބަބުން އެޑިކްޓް ވުމުގެ ފުރުސަތު ބޮޑުވޭ؛ މިސާލަކަށް އެޑިކްޓުންނަށް ލިބޭ ދަރިން އެއްވެސް ވަރަކަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ނޫޅޭ މާހައުލެއްގައި އުޅެ ބޮޑުވި ނަމަވެސް އެޑިކްޓުންނަށް ވުމުގެ ފުރުސަތު ބޮޑު
-
މީހާގެ މިޒާޖު އަދި ނަފްސާނީ މައްސަލަތައް - ރިސްކް-ޓޭކިން ބިހޭވިއާ ހުންނަ ނަމަ ނުވަތަ ސްކިޒޮފްރޭނިއާ، ބައިޕޯލާ ޑިސްއޯޑާ، ޕީޓީއެސްޑީ، އޭޑީއެޗްޑީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބައްޔެއް ހުންނަ ނަމަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ފުރުސަތު ބޮޑު
-
ގޮތް ހުސްވުން ނުވަތަ އެކަނިވެރިވުން - ފޫހި ފިލުވަން ކުރާނެ ކަމެއް ނެތުން، ރަހުމަތްތެރިންނާއި އާއިލާގެ ފަރާތުން އަޅާލުން ނުލިބުން، ދަރަނިވެރިވުން، ފަގީރުކަން، ސްޓްރެސް ބޮޑުވުން، އަދި ހިތްހަމަޖެހުން ނުލިބޭ ފަދަ މާހައުލެއްގައި އުޅެން ޖެހުމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި އެޑިކްޓް ވުމަށް މަގުފަހިވާ ކަންކަން
-
ގޭތެރޭގެ ހަލަބޮލިކަމާއި އާއިލީ މައްސަލަތައް - މިފަދަ މާހައުލެއްގައި ބޮޑެތިވާ ކުދިން ޅަ އުމުރުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ނިސްބަތް އިތުރުކަން ފާހަގަކުރެވޭ
-
ރައްޓެހިންގެ ފަރާތުން އަންނަ ޕްރެޝަރު - ފުރާވަރުގައި ރަހުމަތްތެރިން މަސްތުވާތަކެތި ބޭނުންކޮށް އެކަން ކުރުމަށް ހިތްވަރުދީ ފުރުސަތު ފަހިކޮށްދޭ ނަމަ ޑްރަގް ބޭނުން ކުރުމުގެ ހިރާސް ބޮޑު
-
އުމުރުން ވަރަށް ޅައިރު މަސްތުވާތަކެތި ބޭނުން ކުރުން - މިއީ ކުއްޖާ ހެދިބޮޑުވަމުންދާއިރު ސިކުނޑި އަށް ނޭދެވޭ އަސަރުތަކެއް ކޮށް، އެޑިކްޝަނަށް މަގުފަހި ކުރުވާ ކަމެއް
-
ވަރަށް އެޑިކްޓިވް ޑްރަގެއް ބޭނުން ކުރުން - ކޮކެއިން އާއި ހެރޮއިން ފަދަ ޑްރަގްތަކަކީ ކެނެބިސްއާ އަޅާބަލާއިރު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، ފަސޭހައިން އެޑިކްޓުވާ ފަދަ މަސްތުވާތަކެތި
މީގެ އިތުރުން އެކިކަހަލަ މަސްތުވާތަކެއްޗާ މެދު ހޭލުންތެރިކަން ކުޑަވުމަކީ ވެސް ރާއްޖޭގައި އެޑިކްޝަނަށް މަގުފަހިވާ ސަބަބެއް ކަމުގައި ބެލެވެ އެވެ. މި ރިޕޯޓު ފެށި އިރު ވާހަކަ ދެއްކި ހުސެން ވެސް ބުނީ އޭނާ އެންމެ ފުރަތަމަ ހެރޮއިން ބޭނުންކުރި އިރު "އެއީ ކިހިނެއް ވާ އެއްޗެއް ކަމެއް ނޭނގޭ" ކަމަށެވެ.
ހެރޮއިން އަކީ ވަރަށް މަދު ފަހަރަކު ބޭނުން ކުރިޔަސް އެޑިކްޓުވެ ހުއްޓާލަން އުނދަގޫ ޑްރަގެކެވެ. އެކަން ނޭނގި ހެރޮއިން ބޭނުންކުރާ މީހުންނަށް، އެއީ ކިހާ ގެއްލުން ބޮޑު އެއްޗެއްކަން އެނގެނީ ދެވިހިފައި، ދިރިއުޅުމަށާއި އަމިއްލަ ހަށިގަނޑަށް އެކަމުގެ އަސަރު އިންތިހާއަށް ކުރުމުންނެވެ.

'ބޮޑު ސްޓިގްމާއެއް'
"ވަރަށް ގިނަ ބޭފުޅުން ބުނާ އަޑު އިވޭ ސަރުކާރުން މީގެ ކުރިން ސްކޫލް މަދަރުސާތަކަށް ގޮސް ޑްރަގް ބޭނުންކުރާނެ ގޮތާއި އެކަމާ ބެހޭ ވާހަކަ ދެއްކީމައޭ ރާއްޖޭގައި ޑްރަގް މިހާ އާންމުވެގެން ދިޔައީ. މިއީ ވަރަށް ބޮޑަށް އަންނަ ސްޓިގްމާއެއް. އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެވޭ ވާހަކައެއް ނޫން،" އިމާދު ވިދާޅުވި އެވެ.
"މީހަކަށް އަދި މިކަމުގެ މައުލޫމާތު، މީގައި ހުރި ނުރައްކާތެރިކަމާ، މިކަމުން ސަލާމަތްވާން ޖެހޭ ކަމާ، މިކަމުގެ ތެރެއަށް ނުވަންނަން ޖެހޭ ކަމުގެ މައުލޫމާތު ލިބުމަކީ އޭނަ އެކަމުގެ ތެރެއަށް ވަންނަން މަގުފަހިވާ ސަބަބެއް ނޫން."
އޭނާ ވިދާޅުވިގޮތުގައި އެ "ސްޓިގްމާ"ގެ ސަބަބުން، މަސްތުވާތަކެތީގެ މައްސަލައާ ދޭތެރޭ ހޭލުންތެރިކަން އިތުރު ކުރަން އުނދަގޫވެ އެވެ.
ސްޓިގްމާ އަކީ ހާލަތެއް، ސިފައެއް ނުވަތަ މީހަކާ ދޭތެރޭ ގަބޫލު ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އެކަމަކާ ނުވަތަ މީހަކާ މެދު ނުރަނގަޅު ގޮތަކަށް ދެކެވި، އެ އުސޫލުން ބަސްމަގާއި އަމަލުތައް ބެހެއްޓުމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ "މުޖުތަމައު ހަލާކުކޮށްލާ ބޭކާރު ކުށްވެރިން" ކަމަށް ދެކި، އެޑިކްޓުން "ދުވަހަކު ވެސް ރަނގަޅު ނުވާނެ" ކަމަށް ބުނެ، އެފަދަ މީހުން ދަށްކޮށްލާ، ހަޖޫޖަހާ، މަލާމާތް ކުރުމަކީ ސްޓިގްމާގެ މިސާލެކެވެ.
އެ ސްޓިގްމާގެ ސަބަބުން، އެޑިކްޓުންނަށް ލިބެން ޖެހޭ ފަރުވާ އާއި އެހެނިހެން ފުރުސަތުތައް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވެ އެވެ. އެތައް މަސައްކަތެއް ކޮށް އެކަމުން އަރައިގަތުމުން ވެސް "ޑްރަގު ބޯ މީހެއް"ގެ ލައްގަނޑު ޖެހިފައިވާތީ މުޖުތަމައުން އޭނާ ބަލައިގަންނަން ދެކޮޅު ހަދާ، ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފުރުސަތުތައް، ނޭނގި ނަމަވެސް ބަންދު ކުރެވޭ ގޮތް ދިމާވުމަކީ މަސްތުވާތަކެތީގެ މައްސަލައިގައި އޮތް ސްޓިގްމާގެ ބޮޑުކަން ދޭހަކޮށްދޭ ކަމެކެވެ.

އެޑިކްޓެއްގެ ކޮއްކޮ، އަހުމަދު (އަސްލު ނަމެއް ނޫން)، ކިޔައިދިން ގޮތުގައި މި ނުރަނގަޅު ވިސްނުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހެރޮއިނަށް ދެވިހިފާފައި ތިބޭ މީހުންނާ ދެކޮޅަށެވެ.
"އެއީ [އެޑިކްޓްވީމަ] އެންމެ ބޮޑަށް ނޯޓިސް ކުރެވޭ ސަބްސްޓެންސް. މީހުންނަށް އެންމެ ފެންނަނީ އޭތި، އެހެންވެ ކަންނޭނގެ އެއީ،" އަހުމަދު ބުންޏެވެ.
"[ބޭބެގެ] ޖެނެރޭޝަން އަކީ އެއްކޮށް ހެރޮއިން އިން ފުނޑާލާފަ އޮތް ޖެނެރޭޝަނެއް. އެ ސްޓިގްމާ އޮވޭ އާއިލާ ތެރޭގަ ވެސް. އޮވޭ މުޖުތަމައުގެ ތެރޭގަ ވެސް. ރަށުގަ އުޅޭއިރު ވެސް ފާހަގަވޭ."
އޭނާ ކިޔައިދިން ގޮތުގައި އެޑިކްޓުންނާ ދޭތެރޭގައި އޮންނަ ސްޓިގްމާގެ ސަބަބުން އާއިލާގެ އެހެން މީހުންނަށް ވެސް ނުރުހުން އަމާޒުވެ އެވެ.
"މަންމައާ ދިމާލަށް ވެސް މީހުން އެއްޗިހިކިޔާ، ދަރިން ބަލަން ނޭނގެނީއޭ ކިޔާފަ. އަހަންނަކަށް ނުވިސްނޭ މަންމައާ ދިމާލަށް އެހެން ބުނަންވީ ސަބަބެއް،" އަހުމަދު ބުންޏެވެ.
އެޑިކްޓުންނާ ދޭތެރޭ މުޖުތަމައުން ދެކޭ ގޮތް މިހާ ގޯސްވި ސަބަބުތައް ބައިވަރެވެ. މަސްތުވާތަކެތީގެ މައްސަލަ އާއި އެޑިކްޝަންއާ ބެހޭ ހޭލުންތެރިކަން ކުޑަވުމެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް ހާލަތާއި މަސްތުވާތަކެތި ބޭނުން ކުރުމުން ހަށިގަނޑަށް ކުރާ އަސަރުތައް ނޭނގުމެވެ. ޒަމާނުއްސުރެ، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި، ކުށާ ނުބައްދަލު މާ ބޮޑެތި އަދަބުތައް ދީފައިވުމެވެ.

ވަރަށް ގިނަ ބޭފުޅުން ބުނާ އަޑު އިވޭ ސަރުކާރުން މީގެ ކުރިން ސްކޫލް މަދަރުސާތަކަށް ގޮސް ޑްރަގް ބޭނުންކުރާނެ ގޮތާއި އެކަމާ ބެހޭ ވާހަކަ ދެއްކީމައޭ ރާއްޖޭގައި ޑްރަގް މިހާ އާންމުވެގެން ދިޔައީ. މިއީ ވަރަށް ބޮޑަށް އަންނަ ސްޓިގްމާއެއް. އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެވޭ ވާހަކައެއް ނޫން
މަސްތުވާތަކެތީގެ އާ ގާނޫނަށް 2011ގައި އަމަލުކުރަން ފެށުމުގެ ކުރިން ދީފައިވަނީ ވަރަށް ހަރުކަށި އަދަބުތަކެކެވެ. ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އިތުރުން ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އޮތް ހަމައެކަނި ކުށަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެވެ. ޓެރަރިޒަމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތަކުގައި ވެސް އެއް ކުށަކަށް އެވަރުގެ ބޮޑު އަދަބެއް ކަނޑައަޅާފައެއް ނުވެ އެވެ. ކަން އެހެން އޮތް އިރު، އެންމެ ގްރާމަކަށް ވުރެ ގިނައިން ހުރެއްޖެ ނަމަ އެއީ މަސްތުވާތަކެތި ޓްރެފިކް ކުރަން އަތުގައި ބެހެއްޓުން ކަމަށް ކުރީގެ ގާނޫނުން ބެލިއިރު އެތައް ބަޔަކަށް ބޮޑެތި ޖަލު ހުކުމްތައް އަ އެވެ.

ނަތީޖާއަކީ އެޑިކްޝަންގެ ސަބަބުން ދިރިއުޅުމުގައި ދަތިތައް ކުރިމަތިވެ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ހާލަތުގައި ތިބޭ މީހުންނަށް އެ އެހީތެރިކަން ލިބުމުގެ ބަދަލުގައި ނުރުހުމާއި ފުރައްސާރަ އާއި އިތުރު ގޮންޖެހުންތައް ކުރިމަތިވުމެވެ. ނަމަވެސް އެ އެހީތެރިކަން އެމީހުންނަށް ލިބޭ ނަމަ ނަތީޖާ މާ ރަނގަޅުން ދިރާސާތަކުންނާއި މުޖުތަމައުން ނެގޭ މިސާލުތަކުން ވެސް އެނގެ އެވެ.
"އަހަންނަށް ކުރެވިފަ ހުރި އަމިއްލަ ތަޖުރިބާއިން އެނގޭ އެޑިކްޓެއް [ބާކީކޮށްލުމަށް ވުރެ] ބަލައިގަތީމަ މާ ރަނގަޅުކަން،" އަަހުމަދު ބުންޏެވެ.
މިއީ ބައްޔެއް؛ ބޭނުންވަނީ ފަރުވާ
މަސްތުވާތަކެތި ނުވަތަ 'ސަބްސްޓެންސް'ގެ ގޮތުގައި ބަލާ އެއްޗެއް (ރާ، އެކި ބާވަތުގެ ޑްރަގް، ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ އިތުރަށް ނުވަތަ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް ބޭނުންކުރާ ޑޮކްޓަރީ ބޭސް) ބޭނުން ކުރުން ހުއްޓާލަން އުނދަގޫވެ، އެތަކެއްޗަށް ދެވިހިފުމަށް ސިއްހީ މާހިރުން ދީފައިވާ ނަމަކީ 'ސަބްސްޓެންސް ޔޫޒް ޑިސްއޯޑާ'އެވެ.
ސައިންސްގެ ދިރާސާތަކާއި އެޑިކްޝަންއާ ބެހޭ ގޮތުން ހޯދާފައިވާ މައުލޫމާތާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަބޫލުކުރާ ގޮތުގައި ސަބްސްޓެންސް ޔޫޒް ޑިސްއޯޑާ އަކީ ސިއްހީ ފަރުވާ ބޭނުންވާ ބައްޔެކެވެ.
އެގޮތުން:
-
ސަބްސްޓެންސް ޔޫޒް ޑިސްއޯޑާ ހުންނަ ނަމަ މީހާގެ ސިކުނޑި އާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، މަސްތުވާތަކެތި ބޭނުން ކުރުން ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ގެއްލުވާލާ
-
ފުރަތަމަ ބޭނުން ކުރާ ފަހަރު އެޑިކްޓް ނުވިޔަސް، ބޭނުން ކުރަމުންދާ ވަރަކަށް ބޭނުން ކުރަން ޖެހޭ މިންވަރު އިތުރުވެ، އެ މަސްތުވާއެއްޗަކާ ނުލާ އުޅެން އުނދަގޫވޭ
-
އެ އެއްޗެއް ބޭނުންކުރުން ހުއްޓާލައިފި ނަމަ އިންތިހާއަށް ބޭނުންވޭ؛ ބޭނުން ނުކޮށް ހުންނަން މަސައްކަތް ކުރިޔަސް ސިކުނޑި އާއި ހަށިގަނޑަށް ކޮށްފައިވާ އަސަރުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވޭ
-
ހުއްޓާލައިފި ނަމަ 'ވިތުޑްރޯވަލް' އަށް ގޮސް ޖިސްމާނީ އަލާމާތްތައް ފެނޭ (އޭގެތެރޭގައި ގަދައަށް ހުން އައުން، އާދަޔާހިލާފަށް ގަދަޔަށް ދާހިއްލުން، މޭނުބައިކޮށް ހޮޑުލެވުން، ގައިގައި ރިއްސުން، ނުނިދުން، ބޭރަށް ހިންގުން، ބާރަށް ހިތް ތެޅުން، ނޭވާހިއްލުން އަދި ފިޓުޖެހުން ފަދަ ކަންކަން ހިމެނޭ)
-
ބައެއް ކަހަލަ މަސްތުވާތަކެތީގެ 'ވިތުޑްރޯވަލް' ގައި ފެންނަ އަލާމާތްތައް ވަރުގަދަކަމުން ކުއްލިއަކަށް އެ މަސްތުވާއެއްޗެއް ބޭނުންކުރުން ހުއްޓާލައިފި ނަމަ މަރުވުމުގެ ފުރުސަތު ވެސް އޮވޭ
-
މަސްތުވާތަކެތި މާ ގިނައިން ހަށިގަނޑަށް އެތެރެވުމުން 'އޯވާޑޯޒް'ވޭ؛ އެކަމުގެ ސަބަބުން ސިކުނޑިއަށް އަދި ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކޮށް، ފުރާނައަށް ގެއްލުންވާ ހިސާބަށް ދޭ، އަދި އަވަސް ފަރުވާ ނުލިބިއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑު

އެކި ޑްރަގްގެ ސަބަބުން މީހާއަށް ކުރަނީ އެކި އަސަރެވެ. އެޑިކްޓުވާ މިންވަރާއި ބޭނުންވާ ފަރުވާ އާއި އެކަމުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތާއި ހޭދަވާ މުއްދަތު ވެސް އެކި ސަބްސްޓެންސަށް ތަފާތެވެ.
"މިސާލަކަށް ހެރޮއިންގެ މި ހުންނަނީ ތިން ވައްތަރު. ތަންކޮޅެއް ޕިޔޯ ހެރޮއިންއަކާ، ތަންކޮޅެއް ޓާ ގިނަ ހެރޮއިން އަކާ، ދެން އެކި ކަހަލަ އޮޕިއޮއިޑްސް ވަރަށް ކުޑަ ހެރޮއިންކޮޅަކާ އެއްކޮށްފަ ހުންނަ 'ވައިޓް' އޭ ކިޔާ ޑްރަގެއް،" މަސްތުވާތަކެތީގެ މައުލޫމާތު ހުރި މީހަކު، ރާއްޖޭގައި އެންމެ އާންމުކޮށް ވިއްކާ ހެރޮއިންއާ ބެހޭ ގޮތުން ބުންޏެވެ. ނަން ނުޖަހާ ގޮތަށް އޭނާ ކިޔައިދިން ގޮތުގައި:
-
ޕިޔޯ ހެރޮއިން އަކީ ހައި-ކްލާސް، ސާފު ހެރޮއިން؛ ބޭނުން ކުރާ މީހުން ގިނަ ފަހަރަށް ފާހަގައެއް ނުވާނެ
-
ޓާ ހެރޮއިން އަކީ ކޮލިޓީ ދަށް، ގަޑުބަޑުކޮށްފައި ހުންނަ ހެރޮއިން؛ "އެ އެއްޗިހި ޖަހައިގެން ގޮސް މީހުން މި ތިބެނީ ހޮޅިދަނޑީގަ ހިފައިގެން ނިދާފަ،" އެ މީހާ ބުންޏެވެ.
-
ވައިޓް އަކީ އެކި ކަހަލަ އިތުރު ޑްރަގް އެއްކޮށްފައި ހުންނަ ހެރޮއިން؛ އެ ބާވަތް ބޭނުންކުރުން ހުއްޓާލަން އުޅޭ އިރު ވަރަށް ބޮޑެތި ވިތުޑްރޯވަލްތައް އާދޭ
"މީހަކު އަމިއްލައަށް، އިންސްޓިޓިއުޝަނެއްގެ އެހީތެރިކަމާ ނުލާ ހެރޮއިން އިން ޑީޓޮކްސްވުމަކީ ވަރަށް އުނދަގޫ ކަމެއް. ހަމަ ފިޓެއް ޖެހިގެން މަރު ވެސް ވެދާނެ. ގިނަ ހެރޮއިން އެޑިކްޓުން ބިރުގަންނާނެ މަރުވެދާނެތީ ނުޖަހާ މާ ގިނައިރު ހުންނަން. ގިނައިން ބޭނުން ކުރާ މީހުން ބޭނުން ކުރުން ހުއްޓާލައިފިއްޔާ ހާޓް އެޓޭކެއް ވެސް ޖެހިދާނެ،" އޭނާ ކިޔައިދިނެވެ.
ހަކުރަށް އެޑިކްޓު ވެފައިވާ ބޭބެއަށް އެހީތެރިވެދީ، އެ ބަލީގެ އަލާމާތްތައް ކައިރިން ފެނިފައި ހުރި އަހުމަދު އޭނާއަށް ފާހަގަ ކުރެވުނު ބައެއް ކަންކަން 'ދައުރު' އަށް ކިޔައިދިނެވެ. އަހުމަދު ބުނީ މީހާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުންނަ އިރު ގިނަ ފަހަރަށް މާ ބޮޑަށް ފާހަގަ ނުވާ ކަމަށެވެ. ވާނުވާ ނޭނގުމާއި ގައިގައި ވަރު ނެތުމާއި ގައި ކެހުން ފަދަ ކަންކަން ފެންނަނީ، އޭނާ ބުނި ގޮތުގައި، ވިތުޑްރޯވަލް އަށް ގޮސް ހަށިގަނޑަށް އެ މަސްތުވާ އެއްޗެއް އިތުރަށް ބޭނުންވުމުންނެވެ.
"ވިތުޑްރޯވަލްސް ފެނިގެން މި ޖަޖު ކުރަނީ. ވަރަށް ތާކުންތާކު ނުޖެހޭ ދޯ، އޭތި؟ [ހަކުރު] ނުޖަހާ، މީހަކު ކެތްކޮށްލައިގެން ހުންނަ ތަން ފެނިފަ މި ބުނަނީ [އެހެރީ މަސްތުވެގެންނޭ]. އެ ވެސް ގެޓެއް ނުވާނެ ގިނަ މީހުންނަކަށް. ހޭލުންތެރިކަން ނެތީ، އެއްވެސް ވަރަކަށް، ކޮންމެ ސަބްސްޓެންސަކީ ތަފާތު ގޮތްގޮތް ވާ އެއްޗެއްކަން،" އޭނާ ބުންޏެވެ.

ބޭނުންވަނީ 'ނޯމަލް ވިސްނުމަކުން ވިސްނުން'
"މަސްތުވާތަކެތި ބޭނުން ކުރުމަކީ އެކްސެޕްޓެބަލް ކަމެއް ނޫން. އެހެންނަމަވެސް، ހަގީގަތަކީ، އެބަ ބޭނުންކުރޭ. އެކަމަކު ބޭނުން ކުރުމުގެ މާނައަކީ އަޅުގަނޑުމެން އެމީހުން ދޫކޮށްލުމެއް ވެސް ނޫން، މުޖުތަމައުން އެކަހެރި ކުރުމެއް ވެސް ނޫން. އެއާ އެކީގަ އެމީހުން ރަނގަޅުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހުރިހާ އިދާރާތައް ގުޅިގެން ކުރުން ވަރަށް މުހިއްމު،" އިމާދު ވިދާޅުވި އެވެ.
"އެއީ ހޭލުންތެރިކަން އިތުރުކުރުން ކަމަށްވިޔަސް، ކްލަޔަންޓުންނަށް ރީޗްވުން ކަމަށް ވިޔަސް، ނުވަތަ ފަރުވާގެ ޕްރޮގްރާމު ފުރިހަމަ ކުރުމަށް ފަހު އެމީހުން މުޖުތަމައަށް އެނބުރި އަންނައިރު އެމީހުން ބަލައިގަތުން ކަމަށް ވިޔަސް، ވަޒީފާދިނުން ކަމަށް ވިޔަސް، މި ހުރިހާ ކަމެއްގަ އަޅުގަނޑުމެން އެބަ ޖެހޭ ތަންކޮޅެއް 'ނޯމަލް' ވިސްނުމަކުން ވިސްނަން."
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުވައިގެން މުޖުތަމައުގައިވާ ނުރަނގަޅު ވިސްނުންތަކަށް ހޭލުންތެރިކަން ވަރަށް މުހިއްމެވެ. ދެވިހިފުމަކީ ކޮބާކަން، މަސްތުވާތަކެއްޗަށް މީހުން ހުށަހެޅިގެންދާ ސަބަބުތައް، އެކަމުގެ ސަބަބުން ވާ ގެއްލުންތައް، އަދި އެކަމުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތް ދެނެގަނެ، އެޑިކްޓެއްގެ ނަޒަރުން އެކަން ވަޒަންކޮށްލުން މުހިއްމެވެ.
އެޑިކްޓުންނަކީ ވެސް އިންސާނުންކަން ދަނެ، ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ އަޅާލުމާއި ހިތްވަރާއި ބަލައިގަތުން އެމީހުންނަށް ވެސް ދޭން ޖެހޭނެކަން ގަބޫލުކުރަން ޖެހެ އެވެ.
މަސްތުވާތަކެތި ގަތުމަށާއި ބޭނުންވާ އެހެން ކަންކަމަށް ހުސެން ލާރި ހޯދަނީ އަމިއްލަ މަސައްކަތް ކޮށްގެންނެވެ. މިވަގުތު އުޅެނީ ސައިކަލު ފޮހޭށެވެ.
"ދަރިއަށް ވެސް ހަރަދު ކުރަން، ހުރިހާ ކަމެއް ވެސް ކުރަން. މަގުމައްޗަށް [ސަލާންޖަހަން] ނުނުކުންނަން ވެގެން މިހެން މި އުޅެނީ. މީހުން ކައިރިން ސަލާންޖަހައިގެން އުޅުމަށް ވުރެ އަހަންނަށް މާ ރަނގަޅު މަސައްކަތެއް ކޮށްގެން އުޅެން،" ހުސެން ބުންޏެވެ.
ހުސެންގެ ވާހަކައިން ހާމަވީ އެޑިކްޝަނުން އަރައިގަންނަން އޭނާ ބޭނުންވެފައި ހުރި މިންވަރެވެ.
ފުރަތަމަ ފަހަރަށް ފަރުވާގެ ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، އޭނާ މިވަގުތު ހުރީ އެންޑީއޭއިން ފަރުވާ ފަށަން ގުޅާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެ އެހީތެރިކަން ލިބިއްޖެ ނަމަ ހެރޮއިން ބޭނުން ކުރުން މުޅިން ހުއްޓާލާ، މުޖުތަމައުއަށް ފައިދާ ހުރި މީހަކަށް ވެވޭނެ ކަމުގެ އުންމީދުގަ އެވެ.
ކޮމެންޓް (1)
އިބްރޭ