އޮލިމްޕިކްސްގެ ދަންމަރުން ރޯކޮށްލުމާ އެކު މައްޗަށް ދޫކޮށްލި ބޮޑު ހަަން ޖައްވު ތެރޭގައި ރީތި އަލިގަނޑެއްގެ ގޮތުގައި ދަތުރުކުރި

ޕެރިސް 2024

ޕެރިސް އޮލިމްޕިކްސް ހިތްގައިމު މަންޒަރުތަކާ އެކު ހުޅުވައިފި

27 ޖުލައި 2024
މިއީ ސްޓޭޑިއަމުން ބޭރުގައި އޮލިމްޕިކްސް ހުޅުވުމުގެ ރަމިސްޔާތު ބޭއްވި ފުރަތަމަ ފަހަރު. މުބާރާތުގައި ބައިވެރިވާ ގައުމުތައް ތައާރަފުކުރީ ސެން ކޯރުގައި ދުއްވި ބޯޓުފަހަރުގައި ތިބެގެން

ޕެރިހުގެ މަޝްހޫރު ސެން ކޯރުގެ ހަ ކިލޯމީޓަރުގެ ސަރަހައްދެއްގައި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު އޮވެދާނެއެކޭ މީގެ ކުރިން މީހެއްގެ ހިތަށް ވެސް ނާރަފާނެ އެވެ. އެކަމަކު ފްރާންސަކީ ތަފާތު ގައުމެކެވެ. ފްރާންސްގެ ފަންނާނުންގެ ހިޔާލުތައް މުއްސަންޖެކެވެ. ރޭ މުޅި ދުނިޔެ ހައިރާންކޮށްލީ ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ފުރިހަމަ ރަސްމިއްޔާތުންނެވެ.

މީގެ ކުރިން އޮލިމްޕިކް ގޭމްސް ހުޅުވުން އޮންނަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ހާއްސަކޮށްގެން ހަދާ ސްޓޭޑިއަމްގަ އެވެ. ނަމަވެސް ޕެރިސް އޮލިމްޕިކްގެ އިންތިޒާމީ ވެރިން އެ ހިޔާލު ދޫކޮށްލި އެވެ. މުބާރާތުގައި ވާދަކުރާ ގައުމުތައް ތައާރަފުކުރުން އޮތީ ސެން ކޯރުގައި ދުއްވި ބޯޓުފަހަރުގަ އެވެ. އެ އެތުލީޓުން ދަތުރުކޮށްފައި ދާ މަންޒަރު ބަލަން ކޯރުގެ އައްސޭރި ފަށުގައި ވެސް އެތައް ހާސް ބަޔަކު ތިއްބެވެ. ވެހެމުން ދިޔަ ވާރެއާ މެދު ކަންބޮޑުވުމެއް ނެތެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 320،000 މީހުން އެއްވެ، އެ މަންޒަރުތައް ހަމަ ލޮލުން ބަލާފައިވެ އެވެ.

އޮލިމްޕިކްސްގައި އަބަދުވެސް އެމެރިކާއަކީ އެންމެ ވަރުގަދަ ގައުމެވެ. އެމެރިކާގެ އެތުލީޓުން ބޮޑު ބޯޓެއްގައި ތައާރަފުވި އިރު އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނީ ފަލަސްތީނު ތަމްސީލުކުރާ ކުޑަ ކޮންޓިންޖެންޓަށެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަފާތު ފަންނާނުން ތަފާތު ހުށައެޅުންތައް ހުށައެޅި އެވެ. ލަވަކިޔުންތެރިންނާއި ނެށުންތެރިންނެވެ. 

އޮލިމްޕިކްސް އަކީ ކުޅިވަރުގެ ތެރެއިން ދުނިޔެ އެއްބައިވަންތަކުރުމެވެ. ކުޅިވަރުގެ ވާދަވެރިކަމަށް ސިޔާސީ އެއްވެސް ކަމެއް ނުވައްދައި، ކޮންމެ ގައުމަކާއި ކޮންމެ ނަސްލެއްގެ މީހަކު ވެސް، މަތީ ދަރަޖާގައި އެބައެއްގެ ހުނަރު ދައްކާލުމެވެ.

ފްރާންސްގެ ފުޓްބޯޅަ ތަރި ޒައިނުއްދީން ޒިދާން އޮލިމްޕިކްސްގެ ދަންމަރު ހިފައިގެން ދުވާތަން، ވާހަކައެއް ތަމްސީލުކުރާ ގޮތަށް، ވީޑިއޯއިން ވެސް ދެއްކި އެވެ. އަދި އަސްލު ރަސްމިއްޔާތުގެ ތެރޭގައި ދަންމަރާ ހަވާލުވެ، އޭނާ އެ ހަވާލުކުރަނީ ސްޕެއިންގެ ޓެނިސް ތަރި ރަފެއަލް ނަޑާލްއާ އެވެ. ނަޑާލް އާއި ޓެނިހުގެ އެމެރިކާ ތަރި ސެރޭނާ ވިލިއަމްސް އާއި އެމެރިކާގެ އޮލިމްޕިކްސްގެ ތަރި ކާލް ލުއިސްއާ އެކު ލޯންޗެއްގައި ދަތުރުކުރެ އެވެ.

ސެން ކޯރުގެ އައްސޭރި ފަށުގައި ހުރި ފްރާންސްގެ ތާރީހީ ހުރިހާ ބިނާއެއް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރި އެވެ. އޭގެ ތެރޭގައި މި ގަނޑުވަރު ވެސް ހިމެނެ އެވެ. އެންމެ ގިނަ މަންޒަރުތައް ގުޅިފައި އޮތީ ދުނިޔެއަށް ވެސް އެންމެ މަޝްހޫރު އައިފުލް ޓަވަރާ އެވެ.

މިއީ ޕެރިހުގައި އޮލިމްޕިކްސް ބާއްވާ ތިން ފަހަރެވެ. އެކަމަކު 100 އަހަރުގެ ތެރޭގައި އެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ސިޓީގެ ފުރިހަމަކަމާއި މިފަދަ މުބާރާތެއް އޭގެ ދެވަނައެއް ނެތް ފަދަ އިންތިޒާމެއްގެ ތެރެއިން ބޭއްވިދާނެކަން ދުނިޔެއަށް ހާމަކޮށްދިނެވެ.

ރަސްމިއްޔާތު ފެށީ ބްރިޖެއްގައި ފްރާންސްގެ ރަސްމީ ކުލަތަކުން ދައްކާލި މަންޒަރުން
އޮލިމްޕިކްސްގެ ދަންމަރުން ބޮޑު ހަން ރޯކޮށްލަނީ

ދެން އޮންނާނީ ކުޅިވަރުގެ ވާދަ އެވެ. މި މުުބާރާތުގައި 10،000އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް