ދިވެހި ދެ ހައްޖުވެރިޔަކު މިނާގެ ފޭލިގޭގައި އަރާމުކޮށްލަނީ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)
ދިވެހި ހައްޖުވެރިން ވެސް މިނާގައި
މި އަހަރުގެ ހައްޖުގެ އަޅުކަމުގެ މުހިންމު ރުކުންތައް ފުރިހަމަކުރުމުގެ ދަތުރު ދިވެހި ހައްޖުވެރިން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މިހާރު ހައްޖުވެރިން ތިބީ 'ޓެންޓް ސިޓީ'ގެ ގޮތުގައި އަބަދުވެސް މަޝްހޫރު މިނާގެ ފޭލިގެތަކުގަ އެވެ.
މިނާގައި ހައްޖުވެރިން މިއަދުގެ ބޮޑު ބައެއް ހޭދަކުރާނެ އެވެ. އޭގެ ފަހުން ދަތުރު ފަށާނީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމަށް ދާށެވެ. މިނާ އާއި އަރަފާތާ ދެމެދު 13 ކިލޯމީޓަރުގެ ދުރުމިނެއް އޮވެ އެވެ.
ކުރިއާ ހިލާފަށް ދިވެހި ހުރިހާ ހައްޖުވެރިންގެ ބެލެނިވެރި ފަރާތަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ހައްޖު ކޯޕަރޭޝަނެވެ. މިފަހަރު ރާއްޖެއިން 1،150 މީހުން ހައްޖަށް ދިޔަ އެވެ. މި އެންމެންގެ ކަންކަން ހައްޖު ކޯޕަަރޭޝަނުން ބަލަހައްޓަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށް، އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަންގެ ވެރިން ވިދާޅުވެ އެވެ.
މިނާއިން ނުކުމެގެން އަރަފާތު ބިމަށް ގޮސް ހައްޖު ދުވަހަށް ފަހު އަނެއްކާވެސް އެނބުރި މިނާއަށް އަންނާނެ އެވެ. އެތަނުގައި ތިބެގެން އީދު ދުވަހާއި ދެން އަންނަ ދެ ދުވަހު، ހައްޖު މަހުގެ 11 އާއި 12ގައި، ޖަމްރާއަށް ހިލަ އުކާނެ އެވެ. އެނބުރި މައްކާއަށް ދާނީ ތިން ދުވަހު ހިލަ އުކުމަށް ފަހު އެވެ.
ހައްޖަކީ ކުރިއާ އަޅާބަލާއިރު މިހާރު ކުރަން ފަސޭހަ އަޅުކަމެކެވެ. މިނާ އާއި އަރަފާތު އަދި މުޒުދަލިފާގައި ވެސް ހައްޖުވެރިންގެ ކަންކަން އިންތިޒާމްކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާބަލާއިރު އެ ތަންތަނުން ލިބޭ ހިދުމަތްތައް އެތައް ގޮތަކުން ފަަސޭހަ އެވެ.
ދިވެހިން މިނާގައި ތިބޭ އިރު ދިވެހިންނަށް ކަމުދާނެ ގޮތަށް ކެއުން ތައްޔާރުކުރަން ހައްޖު ކޯޕަރޭޝަނުން މަސައްކަތްކުރެ އެވެ. ހައްޖުވެރިންނަށް ކާން ދިނުމުގައި ދިވެހި ކައްކާއިންގެ ދައުރު ވަރަށް ބޮޑެވެ.
މައްކާއިން މިނާ އަށާއި އަރަފާތު އަދި މުޒުދަލިފާއަށް ހައްޖުވެރިން އާންމުކޮށް ދަތުރުކުރަނީ ބަސްތަކުގަ އެވެ. އެ ދަތުރުތަކަށް އެތައް ހާސް ބަހެއް ބޭނުންކުރެ އެވެ. ގާތްގަނޑަކަށް 1.5 މިލިއަން ހައްޖުވެރިން މިއަދުން ފެށިގެން ހައްޖުމަހުގެ 12 ވަނަ ދުވަހާ ހަމައަށް ދަތުރު ކުރާނީ ބަސްތަކުގަ އެވެ. މިއީ އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އަންނަ އިންސާނީ އެންމެ ބޮޑު ދިރުމެވެ.
މިނާ އަބަދުވެސް މަޝްހޫރުވަނީ އަހަރަކު އެއް ފަހަރު ފުރޭ ޓެންޓް ސިޓީގެ ގޮތުގަ އެވެ. ހައްޖުގެ އަޅުކަމަށް ފަހު އަނެއްކާވެސް މި ސިޓީ ހުސްވެ އެވެ. އުމުރާއަށް ދާ ބައެއް މީހުން މިނާ ބަލައިލަން ޒިޔާރަތްކުރުން ފިޔަވައި އެ ހިސާބު އޮންނަނީ މުޅިން ހިމޭންކޮށެވެ.
ހައްޖުގެ އަޅުމަކީ ދުނިޔޭގައި އޮންނަ އަހަރުގެ އެންމެ ބޮޑު އަޅުކަމުގެ އެއްވުމެވެ. މުސްލިމުންނަށް ހައްޖު ވާޖިބު ވީ ފަހުން ކޮންމެ އަހަރަކު ވެސް މި އަޅުކަމުގައި، ކޮންމެވެސް ބަޔަކު ބައިވެރިވެ އެވެ. އެކި ބަލިތަކާއި ގުދުރަތީ ހާދިސާތަކާ ގުޅިގެން ދުނިޔޭގެ ދުރު ހިސާބުތަކުން ހައްޖުވެރިންނަށް ނާދެވުނަސް ސައުދީ އާއި އަވަށްޓެރި ގައުމުތަކުން ހައްޖުވެރިން އެ ވާޖިބު އަދާކުރެ އެވެ.
ހައްޖުވެރިން މިނާއަށް ދާން ފެށުމުން ހަރަމްފުޅުން ފެންނަ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. އެކަމަކު އީދު ތިން ދުވަހަށް ފަހު އަނެއްކާވެސް މާތްވެގެންވާ މި މިސްކިތް ފުރޭނެ އެވެ.