ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ކޯޗު ކާލޯ އަންޗެލޮޓީ
މި ހުންނަނީ ބޮޑެތި ކަންތައް، ފޮޓޯތަކުން ބަލާލަމާ!
ދުނިޔޭގެ ކްލަބްތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ނިމުނު އިރު ސްޕެއިންގެ ރެއާލް މެޑްރިޑުން ސާބިތުކޮށްދިނީ އެއީ އެ ކްލަބްގެ އެންމެ ކައިރި އެއް ތަށި ކަމެވެ. މެޗު ބަލަން އެތައް ހާސް ބަޔަކު ލަންޑަނަށް ދަތުރުކުރި އެވެ. އޭގެ އިތުރުން މެޗު ފެށުމުގެ މާ ކުރިން ލަންޑަންގައި އޮތް ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ސަރަހައްދަށް ވެސް އެތައް ހާސް ބަޔަކު އެއްވި އެވެ.
އެ އެންމެންގެ ކުރިމަތީގައި އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަކީ ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު ވެސް ނުހަނު ބޮޑު ކާމިޔާބީއެކެވެ. ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް އަތުން 2-0 އިން މޮޅުވުމުގެ މާނަ އެހެން ގޮތަކަށް ވެސް ނެގިދާނެ އެވެ؛ އަހަރެމެންނަކީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެހާ ފަސޭހައިން ބަލިކުރެވޭނެ ބައެއް ނޫން ކަމެވެ. މިހާތަނަށް 18 ފައިނަލްގައި ކުޅުނު އިރު ތަށި ނެގި އަދަދުން އެކަން ސާބިތުވެ އެވެ.
އެކަމަކު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑުން ދެއްކީ ހިތްވަރު ގަދަ އަދި އެހާމެ ނުރައްކާތެރި ކުޅުމެކެވެ. އެހާ ހިސާބަށް މެޗުގެ އެންމެ ހުސް ފުރުސަތު ވެސް ހޯދީ ޖަރުމަން ލީގުގެ ފަސް ވަނާގައި ނިންމި ޓީމުންނެވެ. މައްސަލައަކަށް ދިމާވީ ކަރީމް އަޑެޔެމީއަށް ލިބުނު އެ ހުސް ފުރުސަތު ލަނޑަކަށް ބަދަލުނުކޮށްލެވުމެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފަހު މެޗުތަކަށް ބަލާއިރު ރެއާލްއަކީ މޮޅުވުމުގެ ވެސް މުޅިން ތަފާތު ބައެއްކަން އެނގޭނެ އެވެ. ކްއާޓާ ފައިނަލްގައި މެންޗެސްޓަ ސިޓީ ބަލިކުރި ގޮތެވެ. ސެމީ ފައިނަލްގައި ބަޔާން މިޔުނިކްގެ މައްޗަށް ހޯދި ކުރި އެވެ. އެހެންކަމުން ރެއާލްގެ އެ ޖާދޫ މެޗުގެ ކޮންމެ ހިސާބެއްގައި ވެސް އަތުވެދާނެ އެވެ. ރޭ އެވަގުތު ޖެހުނީ 74 ވަނަ މިނިޓްގަ އެވެ. ޓޮނީ ކްރޫސް ނެގި ކޯނަރު ޑާނީ ކަވާހަލް ބޮލުން ޖަހައިލިލެއް ފުރިހަމަ އެވެ.
މިކަހަލަ ފައިނަލެއްގައި ރެއާލްއިން ލީޑް ނެގުމަކީ އިދިކޮޅު ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ބިރެވެ. އެ ބިރު އުފައްދާފައި ކަވާހަލް ވެސް އުފަލުން ހަޅޭއްލެވުން އެންމެ ރަނގަޅެވެ. ދެން ޑޯޓްމުންޑަށް އޮތް މަސައްކަތް އެތައް ތަނަކުން އެ ވަނީ ބޮޑުކޮށްދީފަ އެވެ.
ގޯހެއް ހެދިއްޖެ ނަމަ އޭގެ ދެވަނަ ގޯހަކަށް އިދިކޮޅު ޓީމު ދުއްވާލުމުގެ ހުނަރާއި ބާރު ރެއާލްގެ ކުޅުންތެރިންނަށް ލިބިގެންވެ އެވެ. އެ ގޯސް އޭރިޔާގެ ކުރިމަތިން ހެދުމުގެ ނަތީޖާ ފެނުނީ ފުރަތަމަ ލަނޑަށް 10 މިނިޓް ނުުވެ އުޅެނިކޮށް ވިނީޝިއަސް ޖޫނިއާގެ ކުޅަދާނަކަމުންނެވެ. އޭނާއަށް އެ ހުސް ބޯޅަ ދިއްކޮށްލީ 20 އަހަރުގެ ޖޫޑް ބެލިންހަމް އެވެ.
ސްޕެއިން ލީގުގެ ޗެމްޕިއަން ރެއާލްއިން މި ބޮޑު ކާމިޔާބީއާ އެކު މެޗު ނިންމާލުމުން ކުޅުންތެރިންނަށް އެ މީހުންގެ އެންމެ ބޮޑު ޒިންމާ ނެގުނީ އެވެ. ސަޖިދާގައި އެ އޮތީ ރެއާލްގެ މުސްލިމް ދިފާއީ ކުޅުންތެރިޔާ އެންޓޯނިއޯ ރުޑިގާ އެވެ.
ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީއަކީ ކުޅުންތެރިން ގެންގުޅެން އެނގޭ ތަޖުރިބާކާރެކެވެ. އޭނާގެ ފިލޯސަފީއަކީ ވަކި ސްޓައިލަކަށް ކުޅުވުމެއް ނޫނެވެ. އޭނާގެ ޓީމު ބިނާކުރަނީ ލިބެން ހުރި ކުޅުންތެރިންނަށެވެ. މިއީ އިޓަލީގެ ކުރީގެ ކުޅުންތެރިޔާއަށް ވަރަށް ކާމިޔާބު އަހަރެކެވެ.
ބައެއް ފަހަރަށް ކުޅުންތެރިންނަށް ގަބޫލު ވެސް ނުކުރެވެ އެވެ. ރެއާލްއަށް ބޮޑު އަގެއްގައި ޑޯޓްމުންޑުން މި ސީޒަންގައި ބަދަލުވި ބަލިންހަމްއަށް އެއީ އެކަހަލަ ވަގުތުކޮޅެކެވެ. މެޗު ނިމެން އުޅެނިކޮށް ބޭލުމާ އެކު އޭނާ ހުރީ ފަހު ކަށިގަނޑަށް އިންތިޒާރުކޮށްކޮށެވެ. ސީޒަންގައި ދައްކަމުން އައި ލަނޑު ޖެހުމުގެ ހުނަރު ރޭގެ މެޗުގައި ނުދެއްކުނަސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ މެޑެލް އަޅުވާލެވިއްޖެ އެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީ އެވެ.
ކޮންމެ ކަމަކަށް ވެސް ނިމުން އަންނަ ފަދައިން ރޭގެ ފައިނަލަކީ ރެއާލްގެ ހުނަރުވެރި ޕްލޭމޭކަރު ޓޮނީ ކްރޫސްގެ ޕްރޮފެޝަނަލް ފަހު މެޗެވެ. މި މެޗަށް ފަހު އޭނާ ދެން ކްލަބްތަކަށް ފުޓްބޯޅައެއް ނުކުޅޭނެ އެވެ. މި މަހު ފަށާ ޔޫރޯގައި އަމިއްލަ ގައުމުގައި ޖަރުމަން ޓީމަށް ކުޅުމާ އެކު ފުޓްބޯޅަ ކުޅުން ވެސް ހުއްޓާލާނެކަން އޮތީ އިއުލާންކޮށްފަ އެވެ. ރޭގެ މެޗަށް ފަހު ރެއާލްގެ ކުޅުންތެރިންގެ ކޮނޑުގައި ކްރޫސްއަށް ފަހު ވަގުތުގެ އުފާވެރިކަން ގެެނެސްދިނެވެ.
މިއީ ސްޕެއިން ލީގުގައި ކްރޫސް ކުޅުނު ފަހު މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން އޭނާގެ އަގު ވަޒަންކުރި މަންޒަރެވެ. މަތީ ފެންވަރުގައި ހުއްޓާ ކުޅުމުން ވަކިވަނީ ވެސް، އޭނާ ބުނާ ގޮތުން، ސަޕޯޓަރުންނަށް އޭނާގެ އެ ހުނަރު ނެތް ދުވަހެއް ކުޅުމުގައި ނުދައްކަންވެގެންނެވެ.
ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ މި ކުރެހުން އާންމުކުރީ ރެއާލް މެޑްރިޑްގެ ފޭސްބުކް ޕޭޖްގަ އެވެ. ކޯޗެއްގެ ގޮތުން ރޭ އަންޗެލޮޓީ އެ ކާމިޔާބުކުރީ ޗެމްޕިއަންސް ލީގުގެ ފަސްވަނަ ތައްޓެވެ. އޭސީ މިލާނަށް ދެ ފަހަރު އަދި ރެއާލްއަށް ތިން ފަހަރެވެ. ތަށީގެ ރަސްކަލަކަށް ވެގެން އިނަސް ކިޔޭނެ އެއްޗެއް ނެތްތާ އެވެ.