އުރީދޫގެ ބަހުސް މުބާރާތް އަޑުއަހަން ތިބި މުވައްޒަފުން ހެނީ: މިއީ ވަރަށް މަޖާކޮށް ދިޔަ ބަހުސެއް --ފޮޓޯ/އުރީދޫ

ދިވެހި ބަސް

އުރީދޫ މުވައްޒަފުން ހެއްވާލި ބަހުސް

31 މާރިޗު 2024
ކުއްލި މައުލޫއުއަށް ބަހުސްކުރުމުގައި ބައެއް މުވައްޒަފުންގެ ފަރާތުން ފެނުނީ ވާހަކަ ދެއްކުމުގެ ހުނަރަކީ ނެރެވިދާނެ އެއްޗެއްކަން

މި ފޮޓޯގަނޑަށް ބަލާލައިފައި ވެސް އެއް ކަމެއް ލަފާކޮށްލެވިދާނެ އެވެ؛ ކުރިމަތީގައި އެ ހިނގަނީ މަޖާ ކޮންމެވެސް ކަމެއް ކަމެކެވެ.

އާއެނކެވެ. އެއީ ބޮޑު މަޖާގަނޑެކެވެ. އެ މަޖާގަނޑު ބަލަން، އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގެ 10 ވަނަ ބުރިއަށް އެރި މުވައްޒަފުން އެނބުރި ދިއުން ކައިރީ، އޮފީހުގެ މަސައްކަތުގެ ވަރިބަލިކަން އޮތް ނަމަ އެކަމެއް، ނުވަތަ ރޯދައިގެ ވަރުބަލިކަމުގެ އިހުސާސެއް އޮތް ނަމަ އެ އިހުސާސް ވެސް، ހަނދާން ނައްތާލެވޭ ފަދަ ތާޒާކަމެއް ސިކުނޑިއަށް ހޯދައިދިނުމަށް ފަހު އެވެ.

ބަހުސްގެ ބައިވެރިޔަކު މައުލޫއުގެ ގުރު ނަގަނީ

އެކަން ކޮށްދިނީ ވެސް އުރީދޫގެ މުވައްޒަފުންނެވެ. ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކުއްލި މައުލޫއުއަށް ބަހުސްކުރުމުގެ މުބާރާތެއްގެ ތެރެއިންނެވެ. މަޖާވީ ލިބޭ މައުލޫއުތަކާ ބެހޭ މާ ބޮޑު މައުލޫމާތެއް ނެތަސް، ބައެއް ބައިވެރިން ޖެހިލުންވުމެއް ނެތި ދެއްކި ވާހަކަތަކުންނެވެ. ތިމަންނައަށް މިކަމެއް ނުވާނެއޭ ބުނެ، އެކަކު ވެސް މައިކާ ދުރަކަށް ނުދެ އެވެ.

މުބާރާތުގެ ބައެއް ބައިވެރިން ބަހުސަށް ފެށުމުގެ ކުރިން: މިއީ ވާދަވެރިކަމާއި އެކުވެރިކަމާއި މަޖަލުގައި ކުރިއަށް ދިޔަ މުބާރާތެއް --ފޮޓޯ/އުރީދޫ

ބަހުސް ކުރިއަށް ދިޔައީ ދެ ރެއަކަށް ބަހާލައިގެންނެވެ. ދެ ރޭ ވެސް ބައިވެރިން، ވަރަށް މަޖާ މައުލޫއުތަކަށް، އެހާމެ ގަޔާވެ، ވާހަކަ ދެއްކި އެވެ. ޒުވާނުންގެ މެދުގައި ދިވެހި ބަސް 'ނެތިދާކަމަށް' އާންމުކޮށް ހީކުރެވުނަސް، އެކަން އޮތީ އެހެން ނޫންކަން، ބައިވެރިންގެ ފަސޭހަ އަތުރާލުންތަކުން އެނގުނެވެ.

އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ މައުލޫއު ލިބުނީ، ކަންދިމާކުރި ގޮތުން، ބޮލުގައި އިސްތަށި ނެތް ބައިވެރިޔަކަށެވެ. ނަމަވެސް އެ މައުލޫއު އާއި އޭނާގެ އަމިއްލަ ނަފުސާ ގުޅުވާލި ގޮތް މޮޅެވެ. މަޖަލެވެ.

ބަހުސްގެ ފަނޑިޔާރުންނާ އުރީދޫގެ ސީއީއޯ ހާލިދު ހަސަން ސަލާންކުރައްވަނީ -- ފޮޓޯ/އުރީދޫ

'މާމަ ދެކެ ވާ ލޯބި' ކިޔައިދިން ބައިވެރިޔާ ބުނެދިނީ މަންމަ ހުއްޓަސް އާއިލާގެ އަސްލު ލޯތްބަކީ، ގިނަ ފަހަރަށް، މާމަ ކަމެވެ. މަންމަ ނުދޭ އެއްޗެހި ވެސް، ސިއްރުން ދޭނީ މާމަ ކަމެވެ. ރަނގަޅު ކުއްޖަކާ ރައްޓެހިވެގެން، ރަނގަޅު ޒަވާޖީ ހަޔާތެއް ފަށަން ވެސް، އަބަދުމެ، ނަސޭހަތްދޭނީ، މަންމައަށް ވުރެ ބޮޑަށް، މާމަ ކަމެވެ.

ކޮންމެ ބައިވެރިޔަކަށް ވެސް ލިބުނީ ތިން މިނިޓް: މޮޅު ވާހަކަ ދެއްކުންތެރިން ފެނުނު
ބަހުސްގެ ބައިވެރިޔަކު ސިފަކޮށްދެނީ: މިއީ މުވައްޒަފުންގެ މެދުގައި ބާއްވަން ރަނގަޅު ބަހުސެއް

'އަމިއްލަ ގެ'އާ ބެހޭ ގޮތުން ބަހުސްކުރަން ހުއްޓިފައި ފުރަތަމަ ވެސް ބުނީ 'އަޅުގަނޑު ކުޑައިރު ނޫން ގޮތަކަށް އަމިއްލަ ގޭގައި ނޫޅެން' ކަމަށެވެ. އެހެންވެ އަމިއްލަ ގެ ދެކެ ވާ ލޯބި ކިޔައިދޭން އުނދަގުލެވެ. އެކަމަކު އޮފީހުގައި ބުރަކޮށް އުޅެފައި އަރާމުކޮށްލަން އަބަދުވެސް ދާނީ އެ ބުނާ ގެއަކަށެވެ.

ދެން އޮތީ ގެ އާއި އޮފީހާ ގުޅިފައި ތިބި މުވައްޒަފުންނެވެ. އޭގެ މިސާލެއް ދައްކަމުން އޭނާ ބުނީ އުރީދޫ އޮފީހުގައި ވެސް ގެއަށް ނުގޮސް ގެއިން ލިބޭ އުފާ ހޯދޭ ގޮތަށް ދެމަފިރިން އުޅޭ ކަމަށެވެ. އެހެންވެ އެ މީހުންނަށް އޮފީހަކީ ވެސް ގެ އެވެ.

މުބާރާތުގެ 'ރަން ދޫ'ގެ އެވޯޑް ހޯދި އައިމިނަތު ފަސީހާ، 'ދިވެހި ރުކާ' ބެހޭ ގޮތުން ވާހަކަ ދައްކަނީ --ފޮޓޯ/އުރީދޫ

އައިމިނަތު ފަސީހާއަކީ ޖެހިލުންވުމެއް ނެތް ބައިވެރިއެކެވެ. ފަހު ރޭ އޭނާއަށް ލިބުނީ 'ދިވެހި ރުއް' މައުލޫއު އެވެ. ރުކުގެ މުލުން ފެށިގެން އެ ކިޔައިދޭން ފެށި ވާހަކަ، ނިންމާލީ، އޭނާއަށް ވެސް އަދި ގިނަ ދިވެހިންނަށް ވެސް ރުކުގެ އެންމެ މީރު އެއް ބައިގެ ނަން ނުބުނެ، އެކަމަކު އޭގެ މޮޅުކަން ކިޔައިދީފަ އެވެ. އެ ބައި ލިބޭނީ ރުއް މަރާލުމަށް ފަހު އެވެ. ރުއްކުރީގެ ނަން ނުކިޔައި އޭނާގެ ވާހަކަ ނިމުން ގެނައި ގޮތާ މެދު، ފަނޑިޔާރުން ވަރަށް ހިތްހަމަޖެހުނެވެ. އަޑުއަހަން ތިބި މީހުންގެ ހުނުން ބާރުވި އެވެ.

މުބާރާތުގެ 'ރަން ދޫ'ގެ އެވޯޑް ފަސީހާއަށް ލިބުނީ ތިން މިނިޓްގެ ތެރޭގައި ރުކާ ބެހޭ ގޮތުން ފަރިތަކަމާއި މަޖަލުގައި ދައްކާލި ވާހަކަކޮޅު މޮޅުވެގެންނެވެ.

މުބާރާތުގެ ދެވަނަ ނުވަތަ 'ރިހި ދޫ'ގެ އެވޯޑް ހޯދި ނަޖާހު މުހައްމަދު: މިއީ ވެސް އެންމެން ހެއްވާލި ވާހަކަ ދެއްކުންތެރިއެއް --ފޮޓޯ/އުރީދޫ

ބަހުސް އޮތް ދެ ރޭ އެތަނަށް ދިޔަ މުވައްޒަފުންނަށް އެއީ ކިހާ ބޮޑު ހިތްހަމަޖެހުމެއްކަން އެނގޭނެ އެވެ. މިއީ އޮފީސްތަކުގައި އޮންނަ ސީރިޔަސް މާހައުލުން ދުރުވެ،  މުވައްޒަފުންގެ މަޖާ ބައި ދައްކާލަން ވެސް ރަނގަޅު ފުރުސަތެކެވެ. ވާހަކަ ދެއްކުމުގައި ތިމާގެ ހުނަރަކީ ކޮބައިކަން ވެސް ދެނެގަނެވޭނެ އެވެ.

އެއް ފަނޑިޔާރަކު ވިދާޅުވީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި އުރީދޫއަށް ވަނަ ހޯދައިދެވޭ ފެންވަރުގެ ހުނަރުވެރި ވާހަކަ ދެއްކުންތެރިން، މި ބަހުސް ތެރެއިން ފެނުނު ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ގައުމީ މުބާރާތުގައި ބައިވެރިވުމަށެވެ. 

އުރީދޫން އެކަމަށް ތައްޔާރެވެ.

މުބާރާތުން އެއްވަނަ ޓީމަށް، ސީއީއޯ ހާލިދު ހަސަން އިނާމު ހަވާލުކޮށްދެއްވަނީ
ދެވަނަ ހޯދި ޓީމަށް، ސީއޯއޯ ހުސެއިން ނިޔާޒު އިނާމު ހަވާލުކޮށްދެއްވަނީ --ފޮޓޯ/އުރީދޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް