ސަލްމާން މިސްކިތުގައި ތަރާވީހު ނަމާދުކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތަރާވީހާއި ރޯދައިގެ ފުރަތަމަ ހުކުރު
ފޮޓޯ: މުހައްމަދު މުޒައްޔިން ނާޒިމް
އަޅުކަމުގެ މަހާ އަނެއްކާވެސް މި އޮތީ ކުރިމަތިލައިފަ އެވެ. މިސްކިތްތައް ފުރިއްޖެ އެވެ. ތަރާވީހު ނަމާދާއި އެހެން ނަމާދުތަކުގެ ޖަމާއަތް ވެސް ބޮޑުވެއްޖެ އެވެ.
ރޯދަމަހުގެ ދަރުމަ ހޯދުމުގެ ނިޔަތް އެންމެންގެ ވެސް އުފެދެ އެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު ޖަމާއަތުގައި ނަމާދުކުރާށާއި ތަރާވީހު ނަމާދަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެ އެވެ. މާލޭ ސަރަހައްދުގައި މި ދުވަސްވަރު ނުފުރޭ މިސްކިތެއް ނެތެވެ.
ދިވެހިން ހަނދާނެ ނުނެތެ އެވެ. ފަލަސްތީނު ރައްޔިތުންނަށް ލިބެމުން ދާ އަނިޔާ އާއި ވޭނާ މެދު ހިތާމަކުރެ އެވެ. މި މިސްކިތުގައި ހަރުކޮށްފައި ހުރި ފަލަސްތީނުގެ ދިދައަކީ، އަބަދުވެސް ދިވެހިންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުން ވާކަމުގެ ހެއްކެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތް އިސްލާމީ މަރުކަޒަކީ ދިގުކޮށް ތަރާވީހު ނަމާދުކުރަން ރާއްޖޭގައި އެންމެ ފުރަތަމަ ފެށި އެއް މިސްކިތް ވެސް މެ އެވެ. އެ މިސްކިތަށް މިހާރު ވެސް ކޮންމެ ރެއަކު އެތައް ހާސް ބަޔަކު ޖަމާވެ އެވެ.
ތަރާވީހު ނަމާދުގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ބައިވެރިވެ އެވެ. ހުރިހާ މިސްކިތެއްގެ ވަކި ބައެއް އަންހެނުންނަށް ހާއްސަކުރެ އެވެ. ވަރަށް ގިނަ އަންހެނުން ދުރާލައި މިސްކިތަށް އަރަ އެވެ. ބައެއް މީހުން ގެއިން ރޯދަ ވީއްލައިގެން ދާ ގޮތަށް މިސްކިތުން ފައިބަނީ ތަރާވީހު ނަމާދު ނިންމައިފަ އެވެ.
އިއްޔެއަކީ މި ރޯދަމަހުގެ ފުރަތަމަ ހުކުރެވެ. މިއީ ރާއްެޖެއަށް އެންމެ ހޫނު ދުވަސްވަރުކަމުން ފުދޭވަރަކަށް ހޫނެވެ. ނަމަވެސް މިސްކިތްތައް ފުރުމުން ބޭރުގަައި ވެސް އެތައް ހާސް ބަޔަކު ނަމާދުކުރި އެވެ.
ރޯދަމަހަކީ ހަޔާތުގައި އަންނަ ކިހާ މުހިންމު މަހެއްކަން، މި ދުވަސްވަރު ގިނަ މީހުންގެ އަޅުކަމުގެ އާދައިން އެނގެ އެވެ. ރޯދަ ހާއްސަވަނީ ވެސް އެހެންވެ އެވެ. ރޯދައާ ދިމާވާ މީހާއަށް އެއީ މާތްﷲ ދެއްވާ ރަހުމަތެކެވެ. އޭނާއަށް އޮތީ ރޯދަމަސް ހެޔޮ ގޮތުގައި ބޭނުންކުރުމެވެ. އަޅުކަން އިތުރުކުރުމެވެ.