ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެ މަގުމަތީ ފިނިބުރު ޖެހުން

ރޯދަ 2024

ރޯދަމަހުގެ ފިނިބުރު، ފުރަތަމަ ދުވަސް

ރޯދަމަހުގެ ފިނިބުރަކީ އާންމު އުސޫލުން ވެސް ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އިއްޔެ ފެށުނު ރޯދަމާ މަހާ އެކު އަނެއްކާވެސް މާލޭ ސަރަހައްދުން މި ފުނިބުރު ފެންނާނެ އެވެ.

ރޯދަމަހުގެ ފިނިބުރަކީ މާލޭގައި 1990ގެ އަހަރުތަކުން ފެށިގެން ފެންނަ މަންޒަރެކެވެ. ބައިސްކަލްގެ ދުވަސްވަރު ގިނަ މީހުން ނުކުންނާނީ މަޑިއަރުވާށާއި، މަންޑި ކަހަލަ އެއްޗެހި ކުޅޭށެވެ. އޭގެ ތެރެއަށް ފަހުން ވަނީ އެންއެސްއޭއިން ހިންގި ރޯދަމަހުގެ ވޮލީބޯޅަ މުބާރާތެވެ.

މިހާރު މިއީ ސައިކަލްގެ ޒަމާނެވެ. އެހެންކަމުން މާލޭގެ އެތައް ހާސް ބަޔަކު ހަވީރު ފިނިބުރު ޖަހާލަން މާލޭގެ ބޭރު މަގުތަކަށް ނުކުމެ އެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެ މަގުމަތީ ފިނިބުރު ޖެހުން

ކުޑަކުދިން ގޮވައިގެންނާއި ގްރޫޕް ގްރޫޕަށް ވެސް މި ފިނިބުރު ޖަހަ އެވެ. ސައިކަލް ދުއްވާ އަންހެނުން ގިނަވުމާ އެކު ދެ ޖިންސްގެ ޒުވާނުން ވެސް ރޯދަމަހު ހަވީރު ވަގުތު މަގުތަކުން ފެނެ އެވެ.

ރޯދައަށް ހުންނަ އިރު ދުވަހުގެ އެންމެ ހިތްފަސޭހަ ވަގުތަކަށް ވަނީ ވެސް ހަވީރެވެ. އެހެންކަމުން ކުޑަކުދިންނާއި ބައެއް ޒުވާނުން މާލޭގެ ދެކުނު ފަރާތަށް ނުކުމެ މަޑިއަރުވަން ވެސް ހަރަކާތްތެރިވެ އެވެ. އިއްޔެ ވެސް އެ މަންޒަރު ފެނުނެވެ.

ބޭރުން އެކި ވައްތަރަށް ހުންނަ މަޑި ރާއްޖެ އެތެކުރުމުގެ ކުރިން މިއީ ދިވެހިން ތައްޔާރުކުރި އެއްޗެކެވެ. އޭރު މަޑި ވިއްކާ މީހުން އުޅެ އެވެ. މަޑި ތޯޅުވުން ވެސް އޮވެ އެވެ. އެއީ އެއް މަޑި އަނެއް މަޑިއާ ޖައްސައި، ކާކުގެ މަޑިއެއްތޯ ސަލާމަތްވަނީ ދައްކާލުމުގެ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވާން ފުޅިތޮށި ގާނައިގެން އެ ވެސް ރޮދީގައި ހާކަ އެވެ.

ބްރިޖުން ހުޅުމާލެ އާއި މާލެ ގުޅުވާލުމާ އެކު ބުރުޖަހަން ދުއްވާލެވޭނެ ސަަރަހައްދު ބޮޑެވެ. އެކަމަކު މި ފޮޓޯގައި އެ ފެންނަނީ މާލޭގެ ބޮޑުތަކުރުފާނު މަގަށް އަޅަންވެގެން ބްރިޖްގެ ޓްރެފިކް ލައިޓް ކައިރީގައި މަޑުކޮށްލައިގެން ތިބި ތަނެވެ. މާލޭގެ ބޮޑު ތަކުރުފާނު މަގުން ބުރެއް ޖަހަން ބޭނުން ނަމަ، ބްރިޖް ލައިޓް ހުރަސްކޮށް ދާން ޖެހެ އެވެ.

ރޯދަ މަސް އަދި ފެށުނީ އެވެ. އެހެންކަމުން ފިނިބުރުތައް ވެސް އަދި އޮތީ އެވެ. ފަހުކޮޅަށް ދާ ވަރަކަށް ހަވީރު ވަގުތު މާލޭގެ މަގުތައް ބިޒީވާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް