ސ. ހުޅުދޫ އިން ފެނުނު ހިރިގަލުގެ މުސްކުޅި ވީރާނެއް: މިގޮތަށް ވީރާނާވެ ހަސްނެތެމުންދާ ވަރަށް ގިނަ ފަޅު ގެތައް މި ރަށުގައި އެބަހުރި. (ދައުރު ފޮޓޯ/އަލީ ނާސިރު)
ހިރިގަލުގެ ނަލަކަން، އެކަމަކު ހުޅުދޫ އިން ފަޅުކަން
ހިރިގަލުގެ މުސްކުޅި ގެއެއް ހޯދައި ފޮޓޯ ނަގަން ފޮޓޯގުރާފަރު ގޮވައިގެން ސައިކަލުގައި ނުކުމެއްޖައީމެވެ. މީދޫ ހުސްކޮށްލާފައި އައިސް މިހާރު މި ތިބީ ހުޅުދޫ އާއި މީދޫ ގޮސް ގުޅޭ ބޯޑަރުގެ 'ބޮނޑޮމަގި މެދެ' އެވެ. ތާރު އަޅައި އޮމާންކޮށްލާފައި އޮތް ސަރާސަރު ބޮޑު މަގުން ސިޓީއެއްގެ ހުވަންހިލަން ވެސް ނުވެ އެވެ. ބޯމަތިން އިރު މެދުޖެހެނީ އެވެ. މަގުމަތިން އަވާމެންދުރެއްގެ އަވާގައި ޖެހެނީ އެވެ. އަދި ހަނި ގޯޅިތަކުން ދެމެމުން އައި ފަޅުކަން އެންމެފަހުން ހަފަރާތުން އައިސް ވަށައިޖެހިއްޖެ އެވެ.
އެ ފަޅުކަން ފޮޅާލާފައި ރޫސްލައްވަމުން އަހަރެމެން ނައްޓާލައިފީމެވެ. ހަނި ގޯޅިތަކަށް އަޅަމުން ގޮސް ހިތުން ފިލައިފީމެވެ. ނުވަތަ ރަށުގެ އެ ފަޅުކަމުގެ ތެރެއަށް ވަދެ ގެއްލުނީ އެވެ.
"މީ ހައުދަހައި ފަޅަ ރަށަކޭ،" ކެމެރާގެ ލެންސަށް ހުޅުދޫގެ ދިރުން ފޯކަސްކޮށް ދެ ލޯ ކުނާކުރަމުން ގެންދިޔަ ފޮޓޯގްރާފަރު ބުނެލި އެވެ.
އޭނާ އެ އައީ ހިތަދޫގެ ހަލަބޮލި މަގުތަކުން ގޮސް ފޭދޫގެ ހަލަބޮލިކަމުން ހަނާވެ ކެމެރާގަނޑު ފުރާލައިގެންނެވެ.
"އެކަމަކިޔަސް މި ރަށް ހައުދަހައްޔޭ ފަޅީ،" އޭނާ އަނެއްކާވެސް ބުނެލި އެވެ.
"ބަލަ ހިތަދޫ އަކީ ތޭރަ ހާސް އެތައް ބަޔަކު ދިރިއުޅޭ ރަށެކެވެ. ފޭދޫގައި ވެސް ފަސް ހާހެއްހާ މީހުން ދިރިއުޅެ އެވެ. މި ރަށުގައި ދިރިއުޅޭ އާބާދީއަކީ ކިހާވަރެއްކަން ކަލެއަށް އެނގޭ ހެއްޔެވެ؟"
މިއީ އައްޑޫ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށުގެ ވަޒަންވެރި އާބާދީގައި ހާހެއް ހަމަނުވާ ހަމައެކަނި ރަށެވެ. ރަށުގައި ތިބި ބިދޭސީން ނުހިމަނައި، ބޯހިމެނުމުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުޅުދޫގައި މި ވަގުތު ދިރިއުޅެނީ 996 މީހުންނެވެ.
ހުޅުދޫގެ ވަރަށް ބޮޑު އާބާދީއެއް ވަނީ ގްރޭޓާ މާލޭ ސަރަހައްދަށް ހިޖުރަކޮށް ރަށުން 'ގެއްލިފަ' އެވެ. އެހެންކަމުން، މި އަތޮޅު މީހުން ބުނާ ގޮތަށް ބުނަނީ ނަމަ އައްޑޫ ސިޓީގައި އޮތް "އެންމެ ފަޅަ ރަށަކީ" ހުޅުދޫ އެވެ.
މި ސަބަބާ ހެދި، މި ރަށުން 'ފަޅު' ގެތައް ހޯދުންވީ ފެން ފޮދެއް ބޯލުންހާ ފަސޭހަ ކަމަކަށެވެ. ހުޅުދޫ އަކީ ހިރިގަލު ފަޅު ގެތަކުގެ 'ސުވަރުގެ' އެކެވެ. ހަތާ ގައު ތަޅައިގެން އުވައިން ރާނައި އުސްކޮށް ހިޔައުކޮށް ފަޅުވެ ވީރާނާވެފައިވާ ގެތަކުން މި ރަށް އޮތީ ފުރާލައިފަ އެވެ. ނަމަވެސް މި ހިރިގަލުގެ ނަލަކަމުގެ ތެރޭގައި ވަނީ މަސްތުގެ މުޑުދާރު 'ނަރަކަ' އެކެވެ. އަދި މިއީ ހުޅުދޫގެ މި މާހައުލާއި ޖައްވާއި ވެށި ވަރަށް ފުރިހަމައަށް ސިފަކޮށްދޭ ސުރުހީއެކެވެ.
ހިރިގަލުގެ މި ނަލަކަމަށް ވެރިވެފައިވާ ފަޅުކަން މުޑުދާރުކޮށްފައި ވަނީ މަސްތުގެ ދާންޏާއި ހާލިތަކެވެ. ފޮޓޯ ނަގަމުން ގޮސް އަހަރެމެން ވަން ވަރަށް ގިނަ ފަޅު ގެތަކަކީ މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކަށް ބަދަލުވެފައިވާ ފަޅު ގެތަކެވެ. މި ގެތަކުގައި ދިރުމެއް ނެތަސް އެތަންމިތަން ހަޑިކޮށް ނަޖިސްކޮށްފައި ވަނީ މަސްތުގެ ކުނިބުންޏެވެ.
ހުޅުދޫގެ ފަޅު ގެތަކަށް މި މުޑުދާރުކަން ވެރިވެފައި އޮތަސް މި ރަށަކީ އަތޮޅުގެ ނިސްބަތުން އަދި ރާއްޖޭގެ ނިސްބަތުން ވެސް ވަރަށް ފަހުރުވެރި އާބާދީއެއް ކުރިއަށް ނެރެފައިވާ ރަށެކެވެ. ވަކިން ހާއްސަކޮށް ތައުލީމާއި ތަހުޒީބުގެ ކުރީ ސަފުންނެވެ. އަދި އައްޑޫ އަތޮޅަށް ނިސްބަތްވާ ބޮޑެތި ވިޔަފާރިވެރިން ވެސް އެންމެ ގިނައިން 'މާލެ އަށް އެކްސްޕޯޓް' ކޮށްފައިވާ އެއް ރަށަކަށް ހުޅުދޫ ވާނެ އެވެ.
އެކަމަކު ހުޅުދޫގެ 'އަސްލު އާބާދީ' އިން މި ފަހުރުވެރިކަން ވިދައި ބަބުޅަމުން ދިޔަޔަސް، ރަށުގެ ވަރަށް ބޮޑު މާހައުލެއް މި އޮތީ ފަޅުކަންމަތީގައި ނިދައި މަރުވެފަ އެވެ. ހުޅުދޫގެ މި ފަޅު ގެތަކަށް ބޯދިއްކޮށް ފޮޓޯ ނަގަމުން ގޮސް ރަށުގެ އަނެއްކޮޅަށް އެރިތަނުން އަހަރެމެންނާ ދެން ބައްދަލުވީ އަދި މިއަށް ވުރެ މާ ބޮޑު ފަޅުކަމެކެވެ. އަދި ހައިރާންކޮށްލި ބޯހިޔާވަހިކަމުގެ ޒަމާނީ ޕްރޮޖެކްޓެކެވެ؛ ރަށުގައި އޮތް 'ބޯހިޔާވަހިކަމުގެ މައްސަލަ' ހައްލުކުރަން ތަރައްގީކޮށްފައިވާ ފްލެޓްގެ ކުޑަކުޑަ އަވަށެކެވެ.
މި ރަށުގެ ރަޖިސްޓްރީ އާބާދީގެ 90 ޕަސެންޓް ރަށުގައި ދިރިނޫޅޭކަން ޔަގީނެވެ. ރަށުގައި ގެތައް ފަޅުވެފައިވާ ގޮތް މީހަކަށް ސިފަކޮށްދޭ ނަމަ، އެއް ގެ ދޫކޮށްފައި ދެން މި ހުންނަނީ ފަޅު ގެއެކެވެ. އެއަށް ފަހު އެއް ގެ ދޫކޮށްފައި އަނެއްކާވެސް ފަޅު ގެއެކެވެ. އެހެންވީމަ ހުޅުދޫއަށް ކުރިމަތިވެފައި މި އޮތީ ބޯހިޔާވަހިކަމުގެ ކޮން ކަހަލަ މައްސަލައެއްތޯ އެވެ؟
ގެތައް ވެސް ފަޅުވެފަ އެވެ. އަޅައިދިން ފްލެޓްތައް ވެސް މިހިރީ ފަޅަށެވެ. ކަންތައް މި ހިސާބަށް ދިއުމުން ފޮޓޯގްރާފަރާއި އަހަރެން ތެޅިގަތީ ހުޅުދޫގެ މި ފަޅުކަމުގެ ތެރެއިން ނުކުމެވޭނެ ދޮރެއް ހޯދާށެވެ. އެކަމަކު ކޮންމެ ގޯޅިއަކުން ވެސް އަހަރެމެންނާ ބައްދަލުކުރީ ރަށުގެ އެ ފަޅުކަމެވެ.
ފޮޓޯ ނަގައި ނިމުނު އިރު އިރުއޮއްސެނީ އެވެ. ހިޔަނިތައް ބިރުން ފިލައިފި އެވެ. ފަޅުކަން މިފަހަރު އެ އައީ އަނދިރިކަން ވެސް ގޮވައިގެންނެވެ.
ކޮމެންޓް (4)
ރަދީފްއޮފިޝަލް
ހުޅުދޫ ޟިރާރު
ހުޅު-މާލޭ މީހާ
މުދައްރިސު