8 އޮކްޓޯބަރު 2023 - ހަމާސްއިން އިޒްރޭލަށް ވަދެ ދޭން ފެށި ހަމަލާތަކާ އެކު، އިޒްރޭލާއި ހަމާސްއާ ދެމެދު މިހާރު މިވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފައި.

ހަމާސް އާއި އިޒްރޭލްގެ ހަނގުރާމަ: ކުއްލި، ބޮޑު ލޭ އޮހޮރުވުމެއް

8 އޮކްޓޯބަރު 2023
އިޒްރޭލް ތެރެއަށް ވަދެ އެހާ ވަރުގަދަ ހަމަލާތަކެއް މީގެ ކުރިން ހަމާސްއަށް ދެވިފައެއް ނުވޭ. މިހާރު މި އޮތީ ބޮޑު ހަނގުރާމައެއް ފެށިފައި

މީގެ 50 އަހަރު ކުރިން، 6 މޭ 1973ގައި، މިސްރާއި ސީރިޔާގެ ސިފައިން ކުއްލިއަކަށް އިޒުރޭލަށް ހަމަލާދިނެވެ. ޔޮމް ކިޕޫރު ވޯގެ ނަމުން މަޝްހޫރުވި މި ހަނގުރާމައިގެ ބޭނުމަކީ 1967ގައި އިޒްރޭލުން ހިފި އަރަބިންގެ ބިންތައް އަތުލުމެވެ. ނަމަވެސް އެ ހަނގުރާމަ 25 އޮކްޓޯބަރުގައި ނިމުނީ އިޒްރޭލް މޮޅުވެގެންނެވެ.

އެ ހަނގުރާމައަށް 50 އަހަރު ވީ ދުވަހުގެ ފަހު ދުވަހު ހަމާސްގެ ހަނގުރާމަވެރިން މި ވަނީ ކުއްލިއަކަށް އިޒްރޭލްގެ ތެރެއަށް ވަދެ، ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިއީ ހަމާސްއިން މިހާތަނަށް އިޒްރޭލާ ދެކޮޅަށް ފެށި އެންމެ ވަރުގަދަ، އެންމެ ބިރުކުޑަ، އެންމެ ރޭވުންތެރިކަން ބޮޑު ވެސް ހަމަލާތަކެވެ.

މީގެ ކުރިން ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގި ހަނގުރާމަތަކުގައި އިޒްރޭލްގެ ތެރެއިން މަރުވަނީ ވަރަށް މަދު ބައެކެވެ. ނަމަވެސް އިއްޔެގެ ފަތިހު ފެށި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރައިފަ އެވެ. އޭގެ އިތުރުން އެތައް ބަޔަކު ވަނީ ރަހީނުކޮށްފަ އެވެ.

ހަމާސްގެ ހަމަލާތައް އަމާޒުވި ހިސާބުގަނޑެއްގައި އިޒްރޭލްގެ ފުލުހުން ހަރަކާތްތެރިވަނީ: މިއީ އިޒްރޭލް މީހުންނަށް ކުރިން ދިމާވި ނުރައްކަލެއް ނޫން

އިޒްރޭލުން ގާޒާ 2007 އިން ފެށިގެން ހިސޯރުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އެތައް ހައްގެއް ގެއްލުވާލައި، ބޮޑު ބަންދެއްގައި އުޅޭތާ މިހާރު 16 އަހަރު ވަނީ އެވެ. އެކަމަކު ގާޒާއާ އިންވެގެން އޮންނަ އިޒްރޭލްގެ ސަރަހައްދުތަކުގައި ޔަހޫދީން ދިރިއުޅެމުން އައީ، މިނިވަންކަމާއި، ހުރިހާ އުފަލެއް ލިބިގެންނެވެ. އިއްޔެ ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލްގެ 22 ހިސާބަކުން ވަދެގަނެ، ދިން ހަމަލާތަކާ އެކު އިޒްރޭލްގެ ރައްޔިތުންނަށް ވެސް، އަމާންކަމުގައި އުޅުމަކީ، ހުވަފެނެއްކަން ވަނީ ސާބިތުވެފަ އެވެ.

ހަމާސް ހަނގުރާމަވެރިންގެ ހަމަލާތަކުގައި އިޒްރޭގެ އަވަށެއްގެ ތަންތަން ހަލާކުވެފައި

މިހާތަނަށް ހަމާސްއިން ވަނީ އިޒްރޭލަށް 3،000 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފަ އެވެ. އަދިވެސް ހަމަލާތައް ދަނީ ކުރިއަށެވެ. ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ފެށި ނަމަވެސް، ހަމާސްގެ ހަނގުރާމަވެރިން ފެންނަނީ ދޫދޭ ގޮތަކަށެއް ނޫނެވެ.

ގާޒާއަށް އިޒްރޭލްގެ ހަމަލާތައް ދޭތެރެ ދޭތެރެއިން އަމާޒުވޭ. އެކަމަކު މިފަހަރު ހަނގުރާމަ ވަރުގަދަވާނެ ކަމަށް ބެލެވޭ

އިޒްރޭލްގެ ތެރޭގައި އަދިވެސް ހަމަލާތައް އެބަ ބަދަލުކުރެ އެވެ. އެކި ހިސާބުތަކުގައި ތިބި ހަމާސްގެ ހަނގުރާމަވެރިން، އިޒްރޭލް ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަނީ، ވީހާ ވެސް ބޮޑު ގެއްލުމެއް ދިނުމުގެ ގޮތުން ކަމަށް ފެނެ އެވެ.

އިޒްރޭލުން ވަނީ ގާޒާގެ އެންމެ އުސް އެއް ޓަވަރު ބިމާ ހަމަކޮށްލާފައި

ހަމާސްއިން ބުނާ ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި އަލަށް ވަޒަންވެރިވާ ޔަހޫދީންގެ ފަރާތުން ކުރިމަތިވާ ހަމަލާތަކާއި، ގާޒާގެ ހިސޯރުކުރުމާއި ގުދުސްގެ މައްސަލައާ ހެދި ކެތްތެރިކަން ވަނީ ކޮޅުންލައިފަ އެވެ. އާ ހަމަލާތަކުގެ މަގުސަދަކީ އެކަން ދައްކާލުން ކަމަށް، ހަމާސްގެ އިސް ބައެއް ވެރިން ވިދާޅުވެ އެވެ.

އިމާރާތެއް ހަލާކުވެފައި: މިއީ ގެއްލުން ބޮޑު އަދި ލޭއޮހޮރުވުން ވެސް ބޮޑުވާނެ ހަނގުރާމައެއް

ސޯޝަލް މީޑިއާގައި މިހާރު ދަނީ އެތައް ވީޑިއޯއަކާއި ފޮޓޯތައް ދައުރުވަމުންނެވެ. އިޒްރޭލުގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންގެ ވީޑިއޯ އާއި ފޮޓޯތަކެވެ. ފަލަސްތީނު މީހުންގެ އަތްދަށުގައި އިޒްރޭލްގެ މީހަކު ރަހީނުވުމަކީ އިޒްރޭލަށް ބަލަން ވަރަށް އުނދަގޫ ކަމެކެވެ. އެއީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން އެއްވެސް ކަހަލަ މަޝްވަރާއަކަށް ދާއިރު އިޒްރޭލަށް ބޮޑެތި ދޫތަކެއް ދޭން މަޖުބޫރު ވެސް ކުރުވާ ކަމެކެވެ.

ހަމާސްއިން ބުނާ ގޮތުގައި އިޒްރޭލުން ހާމަކުރާ އަދަދަށް ވުރެ ރަހީނުކޮށްފައި ތިބި މީހުންގެ އަދަދު މާ ގިނަވާނެ އެވެ.

ގާޒާއަށް ދިން ހަމަލާއެއްގައި މަރުވި މީހެއްގެ އާއިލާ ރޮނީ: އިޒްރޭލުން ހަމަލާތައް ފެށުމުން ގާޒާގައި ވެސް ބޮޑު ލޭއޮހޮރުވުމަކަށް މަގު ފަހިވާނެ

އަބަދުވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. މިހާރު ވެސް އިޒްރޭލްގެ މިސައިލް ހަމަލާތަކުގައި ގާޒާއިން މަރުވި މީހުންގެ އަދަދު 300 ހުރަސްކޮށްފި ކަމަށް، މީޑިއާގެ ބައެއް ރިޕޯޓްތަކުން ބުނެ އެވެ.

އިޒްރޭލުގެ ސިފައިން ގާޒާގެ އެތެރެއަށް ވަދެ، ބިންމަތީގެ ހަމަލާތައް ފެށުން ވެސް ވަރަށް ކައިރި އެވެ. އެހާ ހިސާބުން އަނެއްކާވެސް ގާޒާގައި ފެންނާނީ ލޭއޮހޮރުވުމާއި ބިރުވެރިކަމެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ މީޑިއާތަކުގެ ބޮޑު ސުރުހީން ފަލަސްތީނުގެ މައްސަލަ މި ދުވަސްވަރު ނުފެނުނަސް، އެތެރޭގައި އިޒްރޭލާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ދިޔައީ ހޫނު ގަދަވަމުންނެވެ. ކޮންމެ އިރަކު ވެސް ގޮވާފާނެ ބޮޑު ގޮވުމަކަށް، މަގު ފުޅާވަމުންނެވެ. މިހާރު މި ފެންނަނީ އެ ގޮވުން ގޮވި ތަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް