ޓީޓީގެ ސިންގަލްސް އާއި ޑަބަލްސް އަދި ޓީމު އިވެންޓުން ރަން މެޑެލް ހޯދި ފާތުމަތު ދީމާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ. ދީމާ އާއި އޭނާގެ ޑަބަލްސް ޕާޓްނަރު އައިޝަތު ރަފާ ނާޒިމް ރަން ތިން މެޑެލް ހޯދި (ފޮޓޯ/ރައީސް އޮފީސް)
އައިއޯއައިޖީގެ ކާމިޔާބީއަށް ރަތް މަރުހަބާއެއް
ސަރުކާރުން ބުނާ ގޮތުގައި މި ކާމިޔާބީއަކީ ކުޅިވަރަށް ދެމުން އަންނަ ސަމާލުކަމާއި ހޯދައިދިން ފުރުސަތުތަކުގެ ނަތީޖާ އެވެ. ކުޅިވަރުގެ ބައެއް އޮފިޝަލުން ފަހުރުވެރިކަމާ އެކު ބުނަނީ މިއީ ކުޅިވަރުގައި ރާއްޖެއިން ވެސް ހުސް އަތާ ދެން އަންނަން ނުޖެހޭކަމުގެ ހެއްކެކެވެ.
ހަގީގަތަކީ މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ކާމިޔާބު ގޭމްސްއަށް ވުމެވެ. މަޑަގަސްކަރާގައި މި މަހު 3ގައި ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އިން 28 މެޑެލް ރާއްޖެއިން ހޯދި އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން އޮތް ގޭމްސްގައި ހޯދި 15 މެޑެއްޔަށް 13 މެޑެލް އިތުރުވުމެވެ.
ރާއްޖޭގެ ކޮންޓިންޖެންޓް ރާއްޖެ އައުމުން ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔަން ޖުމްހޫރީ މައިދާނުގައި ރޭ އޮތް އިވެންޓް ކުލަގަދަ އެވެ. މި ރަސްމިއްޔާތު ފުރިހަމަކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ.
މީގެ ހަތަރު އަހަރު ކުރިން މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ރާއްޖެއިން 15 މެޑެލް ކާމިޔާބުކުރި އިރު ރައީސްގެ ދެކަނބަލުން އެ ގައުމުގައި ތިއްބެވި އެވެ. އަދި ގޭމްސްގެ ބައެއް މުހިންމު ވާދަކުރުންތަކަށް ވަޑައިގެން ހިތްވަރު ދެއްވައި ފޯރި ވެސް ނެންގެވި އެވެ. އެކަމަކު މިއީ ރިޔާސީ އިންތިހާބުގެ އެންމެ ބުރަ ދުވަސްވަރުކަމުން މަޑަގަސްކަރައަށް ރައީސް ވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި ކޮންޓިންޖެންޓާ އެކު ވަޑައިގަތީ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.
މިފަހަރުގެ ގޭމްސްގައި އެންމެ ގިނަ މެޑެލް ހޯދީ ޓީޓީންނެވެ. އެގޮތުން ނުވަ މެޑެލް ކާމިޔާބުކުރި އެވެ. އޭގެ ތެރޭގައި އަންހެން ސިންގަލްސް އިން ފާތުމަތު ދީމާ އާއި ޑަބަލްސް އިން ދީމާ އާއި އައިޝަތު ރަފާ ނާޒިމް އާއި އަންހެން ޓީމު އިވެންޓް އަދި މިކްސްޑް ޑަބަލްސްގައި ރަފާ އާއި މޫސާ މުންސިފް އަހުމަދު ހޯދި ރަން މެޑެލް ހިމެނެ އެވެ.
ދެން ރަން މެޑެލް ކާމިޔާބުކުރީ ބެޑްމިންޓަންގެ އަންހެން ޑަބަލްސް އިން އެއްމާބަނޑު ދެބެން ކަމަށްވާ ފާތުމަތު ނަބާހާ އަބްދުއްރައްޒާގާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.
ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު ނިންމާލީ 10 މިނިޓަށް ދެމިގެން ދިޔަ ހަވާ އެރުވުމުންނެވެ.