އައިއޯއައިޖީގައި އިއްޔެ އޮތް 4 ގުނަ 0 މިކްސްޑް ރިލޭއިން ލޯ މެޑެލް ހޯދި ރާއްޖޭގެ ޓީމު. (ކަނާތުން ވާތަށް)، ހަސަން ސާއިދު، ޒިވާ މޫސާ ޝަފީއު، ހުސެއިން ރިޒާ އަދި އައިޝަތު ހިމްނާ (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އައިއޯއައިޖީ 2023

ފުރިހަމަ، ރީތި ދުވުމުގައި ގޮސް އެ ހޯދީ ލޯ މެޑެލް

30 އޯގަސްޓު 2023
އައިއޯއައިޖީގެ 400 މީޓަރު މިކްސްޑް ރިލޭ އިން ހޯދި ލޯ މެޑެއްޔަކީ އެ ދުވުމުގައި ރާއްޖެއަށް މިހާތަނަށް ލިބުނު ފުރަތަމަ ކާމިޔާބު

ކަރުގައި މެޑެލް އަޅުވާލުމަށް ފަހު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ތައުރީފް ދިޔައީ، އޭނާއާ އެކު ދުވި އަންހެން ދެ ދުވުންތެރިންނަށެވެ.

"އަންހެން ދެ ދުވުންތެރިން ވަރަށް ފާހަގަކޮށްލަން. އެ ދުވުންތެރިން ދުވެލި ދުވުން ވަރަށް ފުރިހަމަ، ވަރަށް ކާމިޔާބު، ވަރަށް ރީތި ދުވުމެއް އެ ދުވެލީ،" ސާއިދު ބުނެލި އެވެ.

ލޯ މެޑެލް ހޯދައިދޭން އެންމެ ފަހު 400 މީޓަރުގައި ދުވެ، ކުރި ހޯދި ހަސަން ސާއިދު ރޭހަށް ފަހު ސަޖިދައެއްގައި (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އިއްޔެ މަޑަގަސްކަރައިގައި އޮތް އައިއޯއައިޖީގެ ހަތަރެއް ގުނަ 400 މީޓަރުގެ މިކްސްޑް ރިލޭއިން ރާއްޖެ ތިން ވަނަ ހޯދައި، މެޑެލް އެޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ، އެ ދުވުންތެރިންނަށް 'ޝޮކެކެ'ވެ. އެފަދަ ކާމިޔާބީއަކަށް، ހަތަރު ދުވުންތެރިންގެ ތެރެއިން ބައެއް ދުވުންތެރިން އުއްމީދުކޮށްފައެއް ވެސް ނުވެ އެވެ.

ރޭހަށް ފަހު ހުސެއިން ރިޒާ ޓްރެކް މައްޗަށް ވެއްޓިގެން އޮވެ، ކާމިޔާބު ފާހަގަކުރަނީ (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

"މިއީ ހަމަ ޝޮކެއް. ހަމަ ގަބޫލެއް ނުކުރެވޭ އަސްލު،" މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ބުންޏެވެ.

"އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވަން މުޅި ޓީމަށް."

އައިޝަތު ހިމްނާ ހަސަން މެޑެލް ދައްކާލަނީ: ރިލޭ ފަށައިދިނީ ހިމްނާގެ ދުވުމުން (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އަންހެން އަނެއް ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއުއަށް އޭނާގެ ޝުއޫރުތައް ފާޅުކުރަން އުނދަގޫ ވެސް ވި އެވެ. އެކަމަކު އޭނާ ވެސް ބުނީ 'ވަރަށް އުފާވެއްޖެ' ކަމަށާއި 'މިއީ އެއްގޮތަކަށް ވެސް ހީކުރި ގޮތެއް ނޫން' ކަމަށެވެ.

ހިމްނާ އާއި ޒިވާ ރޭހަށް ފަހު އުފާ ފާޅުކުރަނީ: މިއީ އެ ދެ ދުވުންތެރިން އުއްމީދުކުރި ވަރަށް ވުރެ ވެސް ފުރިހަމަ ކާމިޔާބީއެއް (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

މަޑަގަސްކަރަ އާއި ރިޔޫނިއަންގެ ފަހަތުން ރާއްޖޭގެ ޓީމު ނިންމައި ލޯ މެޑެލް ކާމިޔާބުކުރި ޓީމުގެ ފިރިހެން ދެވަނަ ދުވުންތެރިޔަކީ ހުސެއިން ރިޒާ އެވެ. އޭނާ ބުނީ މިއީ ވަރަށް މަސައްކަތުން ހޯދުނު މެޑެއްޔެއް ކަމަށާއި މި ކާމިޔާބީއާ މެދު 'ވަރަށް ބޮޑަށް ފަހުރުވެރިވާ" ކަމަށެވެ.

ހުސެއިން ރިޒާ މެޑެލް ރަސްމިއްޔާތަށް ފަހު އުފާވެރިކަން ދައްކާލަނީ (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

ރާއްޖޭގެ ޓީމު ރޭސް ނިންމީ 3 މިނިޓް 30.33 ސިކުންތުންނެވެ. ރަން މެޑެލް ހޯދި މަޑަގަސްކަރައިގެ ވަގުތަކީ 3 މިނިޓް 29.6 ސިކުންތެވެ. ރިޔޫނިއަން އިން ދެ ވަނަ ހޯދ ީ3 މިނިޓް 30.33 ސިކުންތުން ނިންމައިގެންނެވެ.

ރާއްޖެ ތިން ވަނާގައި އޮތީ މޮރިޝަސް އާއި މާޔޯޓް އަދި ސީޝެލްސް ފަހަތަށް ވައްޓާލައިފަ އެވެ.

ޒިވާ މޫސާ ޝަފީއު ބުނާ ގޮތުން މި މެޑެލް ގަބޫލުކުރަން ވެސް ދަތި (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އިއްޔެ ފެށި އެތުލެޓިކްސް އިވެންޓްތަކުގައި މި އުފާވެރިކަމާ ހަމައަށް ދިއުމުގެ ކުރިން ސާއިދަށް އޮތީ ހިތްހަމަނުޖެހުމެއް ކުރިމަތިވެފަ އެވެ. އޭނާގެ ރަސްމީ އެއް އިވެންޓް ކަމަށްވާ 100 މީޓަރުގެ ފައިނަލަށް ނުގޮސް، ފުރަތަމަ ފަހަރަށް، ކެޓުމެވެ. 

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ލޯ މެޑެލް ހިފައިގެން: ރިލޭ ކާމިޔާބުކުރީ 100 މީޓަރު ދުވުމުގައި ނާކާމިޔާބުވެފައި އޮއްވާ (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

ސާއިދުގެ އެންމެ ފާހަގަކޮށްލެވޭ އަނެއް އިވެންޓް ކަމަށްވާ 200 މީޓަރު ދުވުމުގައި ވެސް އޭނާ ވާދަކުރާނެ އެވެ. އޭގެ ކުރިން އޭނާއަށާއި، ދެން ހުރި ބައެއް އެހެން އިވެންޓްތަކުގައި ދުވަން ތައްޔާރުވެފައި ތިބި އަނެއް ތިން ދުވުންތެރިންނަށް އޮތީ، ލޯ މެޑެލްގެ ކާމިޔާބު ފާހަގަކޮށްލުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް