އާބާދީގައި އެއް ހާސް މީހުން ހަމަނުވިވޔަސް ގުޅި އޮތީ އެތައް ގޮތަކުން ފުރިގެން ބަންޑުންވެފައި (ދައުރު ފޮޓޯ)

ކ. ގުޅި

ގުޅިން ގޯޅި: މި ފޮޓޯ ސްޓޯރީން ގުޅިއަށް، ގޯޅިއަކަށް، ހުވަފެނަކަށް

ކުޑަކުޑަ އާބާދީއަކަށް ވިޔަސް، ކުޑަކުޑަ މި ގުޅި މިހާރު އޮތީ ފުރިފަ އެވެ. އެކަމަކު ރަށު ތެރެއިން ފެންނަ ކުލަ ހުވަފެނަކީ މި ގޯޅިތަކެވެ. އަމާން އޮމާން މި ގޯޅިތަކުގައި ވަނީ މުޅިން އެހެން ދިރުމެކެވެ.

ގުޅިއަށް 'އެރުމުން' ފައިބާ ހިތް ނުވެދާނެ އެވެ. މިރަށުގެ ގޯޅިއަކަށް އަޅައިލުމުން ގުޅީގެ މި 'ސުވަރުގެ' މާހައުލަށް ހިތް ގެއްލިދާނެތީ އެވެ. ބީޗަށް ގޮސް ފޭބުމުން އެ ހިތް ގެނބި ހުސްވެދާނެތީ އެވެ. 'އައި ލަވް ގުޅި' އުނދޯލިން ދުވަހަކު ވެސް ފައިބާން ބޭނުންނުވެދާނެ އެވެ. – ކުޑަކުޑަ ގުޅި މި ހުރިހައި ސިފަކުރުމަކަށް ވުރެ ވެސް ފުރިހަމަ އެވެ.

ސްޕީޑް ލޯންޗެއްގައި މާލެއިން ފުރައިގެން ބައިގަޑިއެއްހާއިރު ވަންދެން ލޮނުގަނޑު ކަފަމުން ގޮސް ކ. ގުޅިއަށް ފޭބުމުން ގައިގައި ބައްދައިގަތީ ވަރަށް ބޮޑަށް މިސްވެފައިވީ 'އައިލެންޑް ވައިބެވެ.' ކޮންކްރީޓުގެ ހާއްޔަކުން ނުކުމެވި، 'ގުޅިއެއް' ގެ ސިފައިގައި އޮތް މި ކުޑަކުޑަ ރަށުތެރެއަށް ފުންމާލައިގެން ހިނގައިގަތުމުން ހިޔަނި ވެސް އުފަލުން ނަށައިގަތެވެ. – މި ގޯޅިތަކަށް ވަދެގެން ގޮސް ހަމަ އަސްލު ވެސް ގެއްލިއްޖެ އެވެ.

ރަށް ވަށައިގެން ހެދިފައި އޮތް ހުދު ދޮންވެލީގެ ނަލަ ބީޗު ޝިކާރަކުރަމުން ގެސްޓް ހައުސްތަކާއި ސިޓީހޮޓާތައް މުޅި ރަށް ވަށައިގެން މަޑުމަޑުން މަލަމައްޗަށް އަރަމުން ދިޔަ ނަމަވެސް މި ރަށުގެ ގުދުރަތީ ރީތިކަމާއި ހަމަޖެހުން އަދި އެބަ އޮތޭ ބުނެވިދާނެ އެވެ. ނަމަވެސް ހާހެއްހާ ރަށްވެހީން ކިރިޔާ ހަމަވާ މި ރަށުން މި ފެންނަ ގޯޅިތަކާއި، އެ ގޯޅިތަކުން މި ފެންނަ ހިމޭންކަމާއި އޮމާންކަމާއި އަމާންކަން މިގޮތުގައި ދެމިއޮވެދާނެ ކަމާ މެދު ހިތުގައި އުފެދޭ ސުވާލުތައް ބައިވަރެވެ.

ކ. ގުޅި

ގުޅި ނަލަވެފައި ކިތަންމެ ހިތްގައިމަސް އަދި ހުނަރުތަކުން ފުރިގެން ބަންޑުންވިޔަސް މި ރަށް މިހާރު މި އޮތީ މި ބުނާ 'އައިލެންޑް ވައިބަށް' ޓާޓާ ކިޔާލާ ފައްތަރަކަށް ވެއްޓެން ކައިރިވެފަ އެވެ. ގުޅީގައި ދެ އަތުން ފިރުމާލުމުން ޖާދޫގަރުންހާ މޮޅު ހުނަރުވެރިން ގޯޅިގޯޅިތަކުން ބައްދަލުވެ އެވެ.

އެކަމަކު ގުޅި ގޮސް އަޅާލާފައި އޮތީ ވަރަށް ނުބައި ގޯޅިއަކަށެވެ. ވަކިން ހާއްސަކޮށް ބިމުގެ ދަތިކަމާ އެކު މި ކުޑަކުޑަ ރަށް ވެއްޓިފައި އޮތް ވަޅުގަނޑު ވަރަށް ވެސް ފުނެވެ (އެކަމާ ބެހޭ ރިޕޯޓެއް 'ދައުރު'ގައި ވަރަށް އަވަހަށް ޝާއިއުކުރާނެ އެވެ.]. ގުޅީގެ މި ގޯޅިތައް އެންމެ ހާއްސަ ވަނީ ވެސް މި ސަބަބަށެވެ. -- ގުޅި އޮތީ ފުރިފަ އެވެ. ތޮއްޖެހުމެއް ނެތީ މި ފެންނަ ގޯޅިތަކުގައި އެކަންޏެވެ.

ކޮމެންޓް (3)

ދަތުރުވެރިޔާ

29 މޭ 2023
އެއްވެސް ރީތި ރަށެއް ނޫން. މަގުމަތީގައި ހުސް ކުނި
3 6

އިއްބަ

29 މޭ 2023
@ދަތުރުވެރިޔާ އަދި ނުދެވެނީ
2 1

މޯޑު

29 މޭ 2023
@ދަތުރުވެރިޔާ ތީ ހުސް ދޮގު. އެއީ ވަރަށް ރީތި ރަށެއް. އަދިވެސް ދާހިތްވޭ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް