ލީޝާގެ ފޮތް އިކޯސް އޮފް ސަވައިވަލްގައި ސޮއިކުރަނީ
ހައްވާ ލީޝާ ނުވަތަ އާއްމު ނަމުން ނަމަ ލީޝް ވިސާމް އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މާސްޓާސް އޮފް ކައުންސިލިން ފުރިހަމަކޮށްފައިވާ ޒުވާނެކެވެ. ފުލްޓައިލްކޮށް އޭނާ ކުރާ މަސައްކަތަކީ އަމިއްލަ ހަތަރު ދަރިން ބެލުމެވެ. ޕާޓް ޓައިމްކޮށް އޭނާ ތަފާތު މަސައްކަތް ކުރެ އެވެ. އެގޮތުން އޭނާއަކީ ލިޔުންތެރިއެކެވެ. ބަރާބަރަށް ބްލޮގް ކުރެ އެވެ. ލެކްޗަރާއެއްގެ ޒިންމާ ނަގަ އެވެ. ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރަން ވެސް މަސައްކަތްކުރެ އެވެ.
އެންމެ ފަހުން މިވަނީ 'އިކޯސް އޮފް ސަވައިވަލް' ނަމުގައި ޅެން ފޮތެއް ނެރެފަ އެވެ. އޭގައި ހިމެނެނީ މައިގަނޑު ހަތަރު ތީމަކަށް ހަދާފައިވާ ޅެންތާކާއި އެއާ ގުޅޭ ގޮތަށް ކުރެހުންތެރިޔާ އައިޝާ އަބްދުލް ހަލީމް އިލަސްޓްރޭޓްކޮށްފައިވާ ކުރެހުންތަކެވެ.
ނަފްސާނީ ދުޅަހެޔޮކަން، ލޯބި، އަނިޔާ ނުވަތަ ޓްރޯމާގެ އިތުރުން ހިތާމަ އާއި ވަކިވެދިޔުމާ ގުޅޭ ޖުމްލަ 89 ޅެން މި ފޮތުގައި ހިމެނެ އެވެ.
ލީޝާ ބުނީ އޭނާގެ ޅެންތައް ފުރަތަމަ ފަހަރަށް ފޮތެެއްގެ ސިފައިގައި ނެރެން ދެ އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ.
"ތެދަށް ބުނަންޏާ ޕޮއެމްތައް ލިޔުމަށް އެހާ އުނދަގުލެއް ނުވި. މިއީ އަހަރެންގެ ހަޔާތާ ގުޅޭ އިހްސާސްތަކެއް،" ލީޝާ ބުންޏެވެ.
މި ޅެން ފޮތަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ފުން އިހްސާސްތަކެވެ. އޭގައި ދިރިއުޅުމުގެ ވަށައިގެންވާ ކަންކަން ވެސް ހިމެނޭނެ ކަމަށް ލީޝާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޮޑަށް ލިޔަނީ އަމިއްލަ އިހްސާސްތައް މެނޭޖްކުރުމުގެ ބައެއްގެ ގޮތުގަ އެވެ.
"މި ފޮތަށް އިކޯސް އޮފް ސަވައިވަލް މި ނަން ދިނީ ވެސް މި ސަބަބާ ހެދި. މީގައި އަހަރެންގެ ވަށައިގެންވާ މީހުން މިސާލަކަށް ރައްޓެހިން އެކީގައި މަސައްކަތް ކުރާ މީހުން،" ލީޝާ ބުުންޏެވެ.
ފޮތުގައި އޭނާގެ ޅެންވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މީގައި ކުރެހުންތަކެވެ. އައިޝާ އަބްދުލް ހަލީމް އަކީ ވިލާ ކޮލެޖްގައި ލެކްޗަރާއަކަށް ލީޝާ މަސައްކަތް ކުރި އިރު އޭނާގެ ދަރިވަރެކެވެ. ދެ މީހުންގެ ހިޔާލު އެއްގޮތެވެ. އައިޝާއަކީ ވެސް ނަފްސާނީ ބައްޔަށް ހޭލުންތެރިކުރަން މަސައްކަތްކުރާ މީހެކެވެ. އޭނާ ވެސް ޑިޕްރެޝަނުން އަރައިގަނެ ނަފްސަށް ލުޔެއް ހޯދީ ކުރަހައިގެން ކަމުން މި ޕްރޮޖެކްޓްގެ މުހިއްމު ކަން އޭނާއަށް ވަޒަންކޮށްލެވުނެވެ. އެހެންކަމުން މި ފޮތުގައި ބައިވެރިވުމަކީ ލިބުނު ފަހުރެއް ކަމަށް އައިޝާ ދެކެ އެވެ.
"އައިޝާގެ މަސައްކަތް ސޯޝަލް މީޑިއާއިން އަހަންނަށް ފެނުނު. އަަހަރެން ދެކެނީ އޭނާގެ ކުރެހުމުގެ ހުނަރު ފޮތުގައި ހިމެނޭތީ މިހާ ފުރިހަމަވީ މި ފޮތް،" ލީޝާ ބުންޏެވެ.
ފޮތުގެ އެޑިޓަރަކީ އަޝްފާ ހަމްދީ އެވެ. ލޭއައުޓް އާއި ޑިޒައިން ހެދީ އިބްރާހިމް މޫޝާން އެވެ.
މި ފޮތުގައި ހިމެނޭ ބައެއް ޅެންތައް ކިޔާލުމުން ފުން އިހްސާސްތަކެއް ކުރެވުނެވެ. ސަބަބަކީ މީގައި ހުރި ޅެންތަކަކީ ކޮންމެ މީހެއްގެ ހަޔާތާ ވެސް ކޮންމެވެސް ހިސާބަކުން ގުޅޭ އެއްޗަކަށް ވުމުންނެވެ. ރާއްޖޭގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަށް ކޮންމެވެސް ކަހަލަ އަނިޔާއަކާ ކުރިމަތިލާން ޖެހެ އެވެ. އެކަމުން ރަނގަޅަށް އަރައިނުގަނެވިގެން އުޅޭ އިރު ދިރިއުޅުމުގެ އައު އެހެން މަރުހަލާއަކާ ކުރިމަތިލާން ޖެހެ އެވެ.
ކުޑައިރާއި ފުރާވަރު ގެއްލިގެން ދަނީ އަނިޔާއަކުންނެވެ. އެ ތަދު ނުފިލައިގެން އުޅޭ އިރު ހަޔާތަށް ދެން އަންނަ ލޯތްބެއްގެ ސަބަބުން ހިތް ހަލާކުކޮށްލަ އެވެ. ހަޔާތުގެ ހުވަފެންތައް މުޅިން ހަގީގަތަކަށް ނުވިޔަސް އެ ދިރިއުޅުމުގެ ހިއްޗާއި ފޮންޏާ ކުރިމަތިލައި، ހުވަފެންތަކުގައި ޖެއްސުނު ކުލައެއް ޖައްސައިގެން، އާއިލާ ބިނާކުރަން ދަރިން ހޯދާ އިރު ދުވަސް ނުފުރެނީސް ދަރިފުޅު ބައިގެންގޮސް، މުޅި މީހާ އެއްކޮށް އަލުން ބަލުން ހިތްދަތި ކަމެއްގެ ތެރެއަށް ވައްޓާލަ އެވެ. މިއީ ބައެއް އަންހެނުންގެ ދިރިއުޅުމުގެ ހަގީގަތެވެ.
ލީޝާގެ މި ޅެން ފޮތުގައި މުޅިން އޮތީ ހިތާމަ އާއި ހިތްދަތިކަމެއް ވެސް ނޫނެވެ. އުފަލާއި އުއްމީދު ވެސް ލިބޭ ބައެއް ޅެންތައް ހުއްޓެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވެ، އަމިއްލަ މީހާ ބަލައިގަތުމުގެ މުހިއްމުކަމަށް އޭނާ އަލިއަޅުވާލާފައިވާ ގޮތުން މި ޅެންތަކުގެ ސަބަބުން ކިޔުންތެރިޔާ ބާރުވެރިކޮށްދެ އެވެ.
ކުރިއަށް އޮތީ ދިވެހި ޅެން ފޮތެއް
ގޮންޖެހުންތަކާ އެކު ވެސް މިހާރު މި ފޮތް ނެރުވެމުން އޭނާއަށް ފުން ނޭވާއަށް ލެވި މީހާ ހަމަޖެހިއްޖެ އެވެ. މިދިޔަ ހަފްތާގައި ހައުސް އޮފް ޖޭޑްގައި އޭނާގެ އާއިލާ އާއި އެންމެ ގާތް އެކުވެރިންނާއި ބައެއް އެހެން މެހުމާނުންނަށް ދައުވަތު ދީގެން ރަސްމީކޮށް އެ ފޮތް ވަނީ ނެެރެފަ އެވެ.
މިހާރު އޭނާގެ އިންސްޓަގްރާމް އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް 250 ރުފިޔާއަށް ގަންނަން ލިބޭނެ އެވެ. ކުރިއަށް އޮތް ތަނުގައި އިކޯސް އޮފް ސަވައިވަލް ހުޅުމާލެ އާއި މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށް ވެސް ލީޝާ ބުންޏެވެ.
މިހާރު އޭނާގެ އުއްމީދަކީ ދިވެހި ބަހުން ޅެން ފޮތެއް ނެރުމެވެ.
ކޮމެންޓް (3)
ފާތިން
މީމަ
ހަމްދޫން