ކޮކްޕިޓުން ފުންމާލި ލުވެއިޒް މިއުޒިކުގެ ދުނިޔޭގައި އުދުހެނީ
މި ޒުވާނާއަކީ މިއުޒިކުގެ ދުނިޔޭގައި ފިޔަޖަހަމުން، އުދުހެމުން އަންނަ ޕައިލެޓެކެވެ. އޭނާގެ ފަސިންޖަރުންނަކީ ބެލުންތެރިންނާއި އެހުންތެރިންނެވެ. ގިޓާގެ ފްރެޓްބޯޑުގައި ނޯޓު ގަތަމުން، ލަވަކިޔަމުން އެ މީހުން ގެންގޮސްދެނީ ހިޔާލީ، ހުވަފެނީ މަންޒިލަކަށެވެ. މިއީ މިއުޒިކުގެ ދުނިޔޭގައި ލުވެއިޒު ހަސަން އުދުހިގަތް ގޮތުގެ ވާހަކަ އެވެ.
ލުވެއިޒުގެ މިއުޒިކީ ދަތުރުގެ ފެށުން އޮތީ ވަރަށް ސާދާކޮށެވެ. ގިޓާ ކުޅެން ފެށީ ފުރާވަރުގެ ޖޯޝާ އެކު އުމުރުން 14 ވަރަކަށް އަހަރުގަ އެވެ. މިއަދު ސްޓޭޖު މަތީގައި އުދުހިފައި އުޅުނަސް އޭރު، މީހުންގެ ކުރިމަތީގައި ހަމަ އެއްގޮތަކަށް ވެސް ކުޅޭކަށް ނުކެރެ އެވެ. ޒީރޯ ޑިގްރީ އެޓޯލް އާއި ޓްރިއޯ ކަހަލަ ބޭންޑުތަކުގެ ލަވަތައް ނަގައިގެން ކުޅުނީ ކޮޓަރި ތެރޭގައި އެކަނިމާއެކަނި އިނދެ އެވެ. އަމިއްލަ ހިތްހަމަޖެހުމަކަށެވެ. އެކަމަކު ލުވެއިޒުގެ ޝައުގުވެރިކަން އޭރު ހުރީ ހަމައެކަނި މިއުޒިކަކަށް ނޫނެވެ. އޭނާގެ 'ޕައިލެޓް ޗެޕްޓާ'އާ ނުލައި މި ވާހަކަ ފުރިހަމައެއް ނުވާނެ އެވެ.
އެއާ މޯލްޑިވްސް އުދުހުނު ޒަމާނުގައި ލުވެއިޒްގެ ބައްޕައަކީ އެއާކްރާފްޓް އިންޖިނިއަރެކެވެ. ކުޑައިރު ބައްޕަ މަސައްކަތް ކުރާ ތަނަށް ގޮސް، ބޮޑެތި ބޯޓުފަހަރު ވަރަށް ކައިރިން، ހަމަލޮލަށް ފެނުނެވެ. އެކަހަލަ ބޯޓެއްގައި އަމިއްލައަށް އުދުހުމުގެ ޝައުގުވެރިކަމެއް އުފެދުނެވެ. ފަހަރުގައި އެއީ ލުވެއިޒްގެ ބައްޕަ، އޭނާއާ މެދު ދުށް ހުވަފެނަކަށް ވެސް ވެދާނެ އެވެ.
ޕައިލެޓަކަށް ވާން ގިޓާ ހިފައިގެން އުދުހިގަތުން
ކަން ދިމާކުރި ގޮތުން ޕައިލެޓް ކޯހަކީ ރާއްޖޭގައި ވެސް ހެދޭ އެއްޗެކެވެ. އެކަން ކުރަން ބައްޕަ ހޯދައިދިން ފުރުސަތެއްގެ ބޭނުން ހިފައި މީގެ ނުވަ ވަރަކަށް އަހަރު ކުރިން ލުވެއިޒު ނައްޓާލީ އައްޑޫ ފްލައިން ސްކޫލަށެވެ. ކޮޓަރީގައި ކުޅެން ގެންގުޅުނު ގިޓާ ވެސް ހިފައިގެންނެވެ.
ގަމުގައި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހަކީ ލުވެއިޒްގެ މިއުޒިކީ ކެރިއަރުގައި ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ޕައިލެޓް ސްކޫލުން ވެސް އެއް މިޒާޖެއްގެ މީހުންނާ ބައްދަލުވި އެވެ. އޭނާ ކަހަލަ، ހޮބީއެއްގެ ގޮތުގައި މިއުޒިކު ކުޅޭ މީހުންނެވެ. ކިރިޔާ ގިޓާ ކޮށްޓާލަން އެނގޭ މީހުންނާއި މޮޅުކަމުން ގޮސް، ބަލަން ތިބޭ މީހުންގެ އަނގައިން ސޮނި ބާލުވާލާހާ މޮޅު މީހުންނެވެ.
އެކްސްޕެރިމަންޓަކަށް ކުދި ލަވަކޮޅުކޮޅު ހަދަން ފެށީ ވެސް އެ ތަނުގަ އެވެ. މީގެ އަށް އަހަރު ކުރިން، ލުވެއިޒްގެ ފުރަތަމަ އަމިއްލަ ލަވަ، 'ފެވިފާ' ވެސް ހެދީ އެ ދުވަސްވަރު އެވެ. ގޮތް ބަލައިލަން ޕޯސްޓުކޮށްލުމުން އެ ދުވަސްވަރު ސައުންޑްކްލައުޑް ދިޔައީ ފަޅައިގެންނެވެ. މިހާރު ބަލާ ނަމަ ސައުންޑްކްލައުޑުގައި އެ ލަވައަށް އެއް މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފައި އެބަހުއްޓެވެ. ލައިކް ޖަހާފައި ތިބި މީހުންގެ އަދަދު 12،000އަށް އަރަ އެވެ. އެ ލަވައަށް އައި 100 އަށްވުރެ ގިނަ ކޮމެންޓުގެ ތެރޭގައި މީގެ ހަތަރު މަސް ކުރިން، އަދިވެސް ފޭވަރިޓޭ ބުނެ މީހަކު ކުރި ކޮމެންޓެއް ވެސް ފެންނަން އެބަހުއްޓެވެ. މީހުންގެ ހިތުގައި އެ ވަރަށް ފަވާލުމުން ލަވައިގެ ނަމަށް އެ އޮތީ އިންސާފު ލިބިފަ އެވެ.
ސައުންޑްކްލައުޑްގައި އެ ދުވަސްވަރު އެންމެ އުހުގައި އުދުހުނު އެއް ދިވެއްސަކީ ލުވެއިޒް އެވެ. އެކަމަކު އޭރު ލުވެއިޒް ހުރީ އަސްލު ވިލާތަކުގެ ތެރެއިން އުދުހެން ފޫހިވެފަ އެވެ. އޭރު ދިމާވި ކަންތައްތަކަކާއި އައި ބޮޑެތި ބަދަލުތަކެއްގެ ސަބަބުންނެވެ.
"ފުރަތަމަ އައްޑުއަށް ގޮސް އިންޓްރޯ ފްލައިޓް އަޅާ އެ ހުރިހާ ކަމެއް ކޮށްފައި ވަރަށް ބޮޑަށް (އެކަމަށް) ހިތްޖެހުނު. އެ ތަޖުރިބާ ލިބި، އަމިއްލައަށް ފްލައި ކުރާއިރު އެ އަންނަ އިހުސާސް ސަޅި،" ހެޑޯނިއާގެ މަތީ ފަންގިފިލާގައި ކޮފީއެއް ބޮމުން ލުވެއިޒް ބުންޏެވެ.
"ވަރަށް ކުރާ ހިތުން ކުރީ، ދުވަސްކޮޅަކަށް. އެކަމަކު ދުވަސްތައް ދިޔަ ވަރަކަށް މަޑުމަޑުން މީހާ އެކަމާ ޑިޓޭޗްވި. ކުރާ ހިތްވޭ އެކަމަކު އޭރު ވެސް ނުފެނޭ އަބަދު އޭގެ ތެރޭގައި އުޅޭތަން."
ލުވެއިޒްގެ ބޮލުތެރޭގައި އޭރު އުފެދިފައި އޮތް ސުވާލަކީ، މިއީ މުޅި އުމުރަށް ކުރަން ބޭނުންވާ ކަމެއް ބާވަ އެވެ؟ ތާއަބަދު ހުންނަންވީ ބޯޓެއްގެ ކޮކްޕިޓު ތެރޭގައި ބާވަ އެވެ؟ ކިޔެވުމުން ނެގި ބްރޭކްއާ އެކު އެ ސުވާލުގެ ޖަވާބު އޮތީ، ލަވައެއްގައި ދެން ކުޅެންވީ ނޯޓުހާ ސާފުކޮށް ފެންނާށެވެ.
"އެކަމާ ތަންކޮޅެއް ދުރުގައި އުޅެފައި، ރިފްރެޝް ވެލީމަ އެނގިއްޖެ، އޯކޭ މިކަން ކުރަން ބޭނުންނުވަނީއެއް ނޫނޭ، އެކަމަކު 'އައި ވުޑް ރާދާ އިންވެސްޓް މައި ޓައިމް އިން އަދާ ތިންގްސް' ކަން،" ޓްރެސް ލެޗަސް ކޭކުކޮޅު ހުސްކޮށްލުމަށް ފަހު ލުވެއިޒް ބުންޏެވެ.
"ލުވެއިޒް މިއީ އެއްވެސް އިރެއްގައި ޗެއިން އޮފް ކޮމާންޑެއްގައި މަސައްކަތް ކުރަން އެހާ ކަމުދާ މީހެއް ނޫން. އެއްވެސް އިރެއްގައި ބޭނުމެއް ވެސް ނޫން އެގޮތަށް މަސައްކަތް ކުރާކަށް ވެސް. މަޖުބޫރުވެގެން ކޮންމެ ދުވަހަކު މިވެނި ގަޑިއަކުން މިވެނި ގަޑިއަކަށް. އެއީ ގޯސް ގޮތެކޭ ނުބުނަން، އެކަމަކު ބައެއް މީހުން އުޅޭނެއެއްނު އެ ސްޓައިލްއާ ނުގުޅޭ."
މުޅިން އެއްކޮށް ހުއްޓާލަން ނިންމުމުން އާއިލާ މީހުން އެކަން ނެގީ، ލުވެއިޒް ބުނި ގޮތުގައި، ވިސްނޭ ކޮންމެ މީހަކު ވެސް ނަގާނެ ގޮތަށެވެ. އެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ވަރަށް މާޔޫސްވެފަ އެވެ. ވަރަށް ރުޅި ވެސް އައިސްފަ އެވެ.
"އޭރު (އެކަން) އަންޑަސްޓޭންޑް ނުވެ ކިތަންމެ ފައިޓް ކުރިޔަސް، މިހާރު އެނގޭ، އެ އޭންގަލުން ވިސްނާލެވޭ، ކީއްވެކަން (އާއިލާ) އަޕްސެޓް ވީ،" ލުވެއިޒް ބުންޏެވެ.
"އެކަމަކު ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް، މާ ބޮޑަށް މަޖުބޫރެއް ނުކުރޭ އޭތި އިމްޕްލިމެންޓް ކުރާކަށް. އާނ މީތި ކިޔަވަން ޖެހޭނޭ، މަޖުބޫރުވާނޭ. ހިތްހަމަނުޖެހިފައި ތިބެ ވެސް އެ މިނިވަންކަން (ބޭނުން ކަމަކުން ކުރިއަށްދާން) ދިން."
ގަމުގެ ރަންވޭއިން އުދުހިގަތް ލުވެއިޒް އައިސް ދެން ތިރިކޮށްލީ މުޅިން ތަފާތު ރަންވޭއަކަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ރަންވޭއަކީ ފަންނާނުންގެ ސްޓޭޖު މައްޗެވެ.
ތުރުތުރެއްގައި ގޮސް މުޅިން މިއުޒިކަށް ހުސްވުން
ސްޓޭޖަށް އެރުމުގެ ކުރިން ލުވެއިޒްއަށް ފުރަތަމަ މަސައްކަތް ކުރަން ލިބުނީ ސްޓޭޖުގެ ފަހަތުގަ އެވެ. އެއީ ބޭބެއަކާ އެކު 'ސައުންޑް ސްކޮޑް' އިވެންޓު ކުންފުނީގައި އެކި އިވެންޓުތަކުގެ ސައުންޑް ސެޓަޕް މަސައްކަތްތަކެވެ.
މާ ގިނަ ދުވަސްތަކެއް ނުވަނީސް، އިވެންޓް މެނޭޖުކުރަން އުޅުނު ރައްޓެއްސެއްގެ ފަރާތުން ލައިވްކޮށް ކުޅެލާނެ ފުރުސަތެއް ލިބުނެވެ.
"އޭނަ ބޭނުންވީ ވެޑިންއެއްގައި ކުޅޭނެ މީހެއް. ކުރިން ހަމަޖައްސާފައި ހުރި މީހާއަށް ފަހު ގަޑީގައި ނާދެވުނީމަ، 30 ވަރަކަށް މިނެޓު ކުޅެން،" ލުވެއިޒް ބުންޏެވެ.
އޭރު ލުވެއިޒްއަށް ލަވަކިޔަމުން ކުޅެން އެނގެނީ ވެސް ހައެއްކަ ލަވަ އެވެ. ނަމަވެސް ރައްޓެއްސެއް އެވަރަށް ކިޔުމުން ނުގޮސް ވާކަށް ވެސް ނެތެވެ. ކައިވެނި ހަފްލާ އޮތީ ލެމަންގްރާސްގަ އެވެ. ނަސީބަކުން އެހާ ބޮޑު ހަފްލާއެއް ނޫނެވެ. އެތަނުގެ ކަނެއްގައި އިނދެ ހުށަހަޅައިދިން ފުރަތަމަ ލައިވް ޕާފޯމެންސްގެ ތަޖުރިބާ، ލުވެއިޒް ސިފަކޮށްދިނީ މިގޮތަށެވެ: "ގޮސް އަރާފައި މީހަކާ ހަތަރުކަޅި ހަމަކުރަން ނުކެރި، ބިންމައްޗަށް ބަލަހައްޓައިގެން އިނދެ، އަޑު ތުރުތުރުއަޅަމުން، މީހާ ތުރުތުރުއަޅަމުން ވެޑިންގައި ކުޅުނީ."
ނަސީބަކުން އެ ދުވަހު އެންމެން ވެސް ތިބީ ކައިވެނީގެ ފޯރީގައި ޖެހިފަ އެވެ. ކަނަކަށް ވަދެ ފިލައި، ލަދުން އިސް އުފުލާލަން ނުކެރިފައި ހުރި ލުވެއިޒްގެ ކުޅުމަށް އިންސާފު ކުރާ ވަރަށް ވުރެ އެ މީހުން މާ ބިޒީ އެވެ.
ކައިވެނި ހަފްލާތަކުން ފުންމަމުން އުޅޭ މަންޒަރު އަޅައިގަތީ ޑިންބާ ހައިޝަމްގެ ލޮލުގަ އެވެ. ހައިޝަމް ހޯދައިދިން ފުރުސަތެއްގައި ލުވެއިޒްގެ އަޖުމަ ބަލައިލަން އެއް ދުވަހަކު ނޮވެލްއިން ގުޅައިގެން ގޮސް ކުޅެފި އެވެ. ކުޅުނީއެއް ނޫނެވެ. ލުވެއިޒް ބުނާ ގޮތުން ނަމަ ރަނގަޅަށް ތައްޔާރުނުވެ، ނުކެރިފައި ހުރެ ގޮސް "ހަޑިހޭވީ" އެވެ.
އެ ދުވަހުގެ ޕާފޯމެންސަށް ކޮންމެވެސް ވަރަކަށް ފާޑުކިޔުން އަމާޒުވި އެވެ. އޭރު އެއީ އަޑުއަހަން މާ ފަސޭހަ ފާޑުކިޔުންތަކެއް ނޫނެވެ. އެކަމަކު ހަގީގަތުގައި އެއީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަން ލުވެއިޒް މިއަދު ގަބޫލުކުރެ އެވެ.
"އެ ޝޯއިން ރިސޯޓް މިއުޒީޝަނަކަށް ފެނިގެން އޭނާ ފުރަތަމަ އޮފާ ކުރީ ރިސޯޓް ގިގެއް. އެއީ ވެލަންޓައިންސް ޑޭއެއްގައި ކުޅެން. ރައްޓެއްސަކާ ދެ މީހުން އެ ދުވަހަށް ވާ ވަރަށް ލަވަކޮޅެއް ނަގައިގެން، ލަވަތައް ޕްރެކްޓިސް ކޮށްލައިގެން ގޮސް ކުޅުނީ،" މިހާރު މީހުންނަށް ސްޓޭޖު މަތިން ފެންނަ ލުވެއިޒްއަށް ވީ ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
ފެވިފާ: މިހާރު ކުޅޭ ލަވައެއް ނޫން
ލޯކަލް މިއުޒިކް އިންޑަސްޓްރީގައި ލުވެއިޒް އަރައިގެންދިޔަ ނަމަވެސް އެ ދަތުރުގައި އޭނާ ދޫކޮށްލި އެކަތި އެބައޮތެވެ. އެއީ ސައުންޑްލައުޑްގައި މަޝްހޫރުވި އޭނާގެ ފުރަތަމަ އަމިއްލަ ލަވަ 'ފެވިފާ' އެވެ. އެ ލަވަ ޖަހާ މީހުން މިހާރު ތިއްބަސް، ލުވެއިޒް ބުނާ ގޮތުގައި އޭނާގެ ޝޯތަކުގައި އެ ލަވަ ކުޅެނީ ހާހަކުން އެއް ފަހަރު ކަހަލަ ގޮތަކަށެވެ.
ސަބަބަކީ އެ ލަވަ ހެދިއިރު ލުވެއިޒްގެ ސިކުނޑީގައި މިއުޒިކްގެ ކޮންސެޕްޓް މާ ހަނިކޮށް ވިސްނިފައި އޮތުމެވެ. އޭގެ ފަހުން ދަސްވި ކަންކަމުން އަމިއްލަ ލަވައެއް ހަދާއިރު ހެދެން ހުރި ގިނަ ގޮތްތައް އޭރު ނޭނގުމެވެ. މިއުޒީޝަނެއްގެ ގޮތުގައި ކޮންމެ މީހަކު ވެސް ފައްކާވަމުން އަންނައިރު އެ މީހެއްގެ އަމިއްލަ ސައުންޑެއް ވެސް އުފެދެ އެވެ. ފެވިފާއަކީ، ލުވެއިޒް ބުނާ ގޮތުގައި، މިހާރު އޭނާގެ އެ ބުނާ ސައުންޑާ ދިމާވާ ލަވައެއް ނޫނެވެ. ނަމަވެސް އޭގެ ފަހުން ވެސް އަމިއްލަ ލަވަ ހެދުން ހުއްޓައެއްނުލަ އެވެ.
"ބައެއް ލަވަތައް ލިޔެފައި ގެއްލިފައި ވެސް ހުންނާނެ. ލިޔެ ނިންމާފައި އޮންނާނެ ދެ ލަވައެއް. ދެން ލުވެއިޒްއާ އެހާ ނުގުޅޭ ދެ ލަވަހެން ހީވާތީ ބަހައްޓާފައި. އަދި ބައިވަރު ލަވަ ހުންނާނެ ތަންކޮޅުކޮޅު ހަދާފައި ބެހެއްޓިފައި ވެސް،" ލުވެއިޒް ބުންޏެވެ.
ލުވެއިޒްގެ ލަވަ އަޑުއަހާ މީހުންނަށް މިވަގުތު އޮތް އުފާވެރި ހަބަރަކީ، ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އަމިއްލަ ލަވަތަކެއް ނެރޭނެ ކަމުގެ ވާހަކަ އެވެ.
'މާޒީ އަލުން ލިބޭ ނަމަ ދެން ވެސް ދާނީ މި މަގުން'
ލުވެއިޒްގެ ޝަކުވާ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖެއިން މިކަމުގައި ލިބެން ހުންނަ ފުރުސަތުތައް މަދުވުމެވެ. ދިވެހި މިއުޒިކް ދާއިރާ އޮތީ، އޭނާ ބުނާ ގޮތުގައި، ވަރަށް ބޮޑަށް "ހިނދިފަ" އެވެ. މިއުޒިކުން ރޯޔަލްޓީ ލިބޭ ކަހަލަ ނިޒާމެއް ނެތެވެ. ކޮޕީރައިޓް ގާނޫނެކޭ ކިޔާވަރުގެ ގާނޫނެއް ނެތެވެ. އެއީ އެހެން ފަންނާނުންގެ ވެސް ޝަކުވާއެކެވެ.
"ރާއްޖޭގައި މި އުޅޭ މިއުޒީޝަނުން މިއުޒިކުން ލާރި ލިބޭތީއެއް ނޫން މިއުޒިކް ހަދަނީ. 'އައުޓް އޮފް ޕެޝަން.' މާ ބޮޑު ރިޓާންއެއް ނުލިބޭ އަދި،" ލުވެއިޒް ބުންޏެވެ.
މިވެނި ކަމެއް މިހެން ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަކީ، ކުޑައިރު ގިޓާ ކުޅުމުގައި ހޭދަކުރި ވަގުތު މާ މަދުވުމެވެ. އޭރު އެކަން ކުރީ ވަގުތު ވީ ވަރަކުންނެވެ. އެކަމަށް ސީދާ ވަގުތު ހުސްކޮށްގެނެއް ނޫނެވެ. މިހާރު ވިސްނޭ ގޮތަށް ވިސްނޭ ނަމަ، އޭރު ދުވާލަކު މަދުވެގެން 4-5 ގަޑިއިރު ލުވެއިޒް ހުސްކުރާނީ އެކަމަށެވެ.
އޭނާގެ މި ވާހަކަތަކުން އެއް ކަމެއް ސާފުވެ އެވެ. ދެރަވަނީ މާ މަދުން ގިޓާ ކުޅެވުނީމަ އެވެ. ޕައިލެޓަކަށް ނުވެގެނެއް ނޫނެވެ.
"ޕައިލެޓް ޓްރެއިނިން ވާނެ 'އަ ޕާޓް އޮފް މައި ލައިފް ދެޓް އައި އެންޖޯއީ އެންޑް އެޕްރިޝިއޭޓް'، އެކަމަކު ނޫން، (އެކަން ހުއްޓާލީމަ) ދެރައެއް ނުވޭ،" ލުވެއިޒް ބުންޏެވެ.
"އިފް އައި ކުޑް ގޯ ބެކް، އަނެއްކާ ވެސް ހިޔާރުކުރާނީ މިއުޒިކްގައި އުޅެން. އެކަމަކު ކުރެވުނު މަސައްކަތާއި ދެވުނު ޓައިމް އާއި ޑެޑިކޭޝަން ތަންކޮޅެއް ރަނގަޅު ކުރީސް."
ކޮމެންޓް (1)
މިދީބު