26 ޖޫން 2024 - މުހައްމަދު އާރިފް، ބަކާ، (ކ) 2006ގެ އޭޝިއަން ގޭމްސްގައި އީރާނާ ދެކޮޅަށް ކުޅެނީ: އުމުރުން 38 އަހަރުގައި އާރިފް ވަނީ އިއްޔެ މަރުވެފައި

އާރިފް: އިދިކޮޅުގެ ހަމަލާތައް ހުއްޓުވަން ދިވެހި ފުޓްބޯޅައިން ބޭނުންކުރި އައްޑަނަ

ރާއްޖެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑް ކުޅުންތެރިޔާގެ މާޒީގައި ފެންނަނީ ހުނަރާއި ހިތްވަރާއި ދަނޑު މަތީގައި މުޅި ޓީމު ހަމަޔަކަށް އެޅުވުމުގެ ވިސްނުން

އިންޑޮނީޝިއާގައި ޑިސެމްބަރު 2003ގައި އޮތް އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ރާއްޖޭން އެކުލަވާލި 19 އަހަރުން ދަށުގެ ޓީމުގައި، އެހާތަނަށް ފުރަތަމަ ޑިވިޝަނުން ފާހަގަވެފައި ނެތް ކުޅުންތެރިއަކު ހިމެނުނެވެ. އެފްއޭއެމުން ބުނީ އެއީ، އެ އެސޯސިއޭޝަނުން އޭރު އައްޑޫގައި ހިންގަމުން އައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.

އަލީ އަޝްފާގް (ދަގަނޑޭ)ގެ ކެޕްޓަންކަމުގެ ދަށުން ކޮލިފައިންގައި ވާދަކުރި އެ ޓީމުގައި ހިމެނިގެން އެ ކުޅުންތެރިޔާ ދެއްކި މޮޅު ކުޅުމާ އެކު، އޭރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި، އައްޑޫ ވިޔަފާރިވެރިންގެ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން އޭނާ ގެންދިޔަ އެވެ. އެ ހިސާބުން ގަލޮޅު ދަނޑުގައި އެ ކުޅުންތެރިޔާ ވިދަން ފެށި އެވެ. އެ ވިދުވަރަށް އެއްވެސް ފަނޑުކަމެއް ނައިސް، 18 އަހަރު އޭނާ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެ، ކްލަބްތަކަށާއި، ގައުމީ ޓީމަށް އެތައް ކާމިޔާބެއް ހޯދައިދީ ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުން ޖާގަ ހޯދި އެވެ.

އެއީ އުމުރުން އެންމެ 38 އަހަރުގައި އިއްޔެ ހަވީރު ނިޔާވި، މުހައްމަދު އާރިފް، ނުވަތަ ދިވެހި ފުޓްބޯޅައިގެ ބަކާ އެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ތަނުން ބަލިވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިތާ 24 ގަޑިއިރުގެ ތެރޭ މި ދުނިޔެ ދޫކުރީ އެވެ. އާރިފްގެ ކުއްލި ވަކިވުމާ އެކު ލިބުނު މާޔޫސްކަމުގެ ތެރެއިން ވެސް ދިވެހިން އަންނަނީ އެ ކުޅުންތެރިޔާ ފުޓްބޯޅައިގެ ތެރެއިން އެ އެންމެންނަށް ހޯދައިދިން އުފާވެރިކަމުގެ ހަނދާންތައް އާކުރަމުންނެވެ.

މުހައްމަދު އާރިފް (ކ) 2006ގެ އޭޝިއަން ގޭމްސްގައި އީރާނާ ދެކޮޅަށް ކުޅެނީ

އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ނަމަވެސް ރަސްމީކޮށް ރިޓަޔާކޮށްފައި ނުވާ އާރިފަކީ، ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން ވެސް ފާހަގަކުރެވުނު ހުނަރުވެރި މިޑްފީލްޑަރެކެވެ. ފުރަތަމަ ޑިވިޝަނުގައި ރަނގަޅަށް ފައި ހަރުނުކުރެވެނީސް އާރިފް ވަނީ އޭނާގެ ހުނަރު ބައިނަލްއަގްވާމީ މައިދާނުގައި ދައްކަން ފަށައިފަ އެވެ. އެގޮތުން 2006ގައި ގަތަރުގައި އޮތް އޭޝިއަން ގޭމްސް އާއި އެ އަހަރު ސްރީ ލަންކާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ.

ނަތީޖާއަކަށްވީ އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ވެލެންސިއާ އިން އޭނާ ލޯން އުސޫލުން ގެންދިއުމެވެ. އެ ސީޒަން ނިމުމުން އައިއެފްސީ އުވާލައި، ވީބީ ސްޕޯޓްސް އުފެއްދުމުން 2007 ގައި އޭނާ ގުޅުނީ އެ ޓީމާ އެވެ. ނަމަވެސް ޖެހިގެން އައި 2008ގައި އަލުން ވެލެންސިއާ އަށް ބަދަލުވެ އެ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމަކު އެ އަހަރު އޭނާގެ އުސްއައްޔަކީ، ސާފް ޗެމްޕިއަންޝިޕުގެ ތަށި ފުރަތަމަ ފަހަރަށް ރާއްޖޭން ހޯދިއިރު ގައުމީ ޓީމުގައި ހިމެނުމެވެ. 

އާރިފް ދެން ބަދަލުވީ، 2009ގައި ނިއު ރޭޑިއަންޓަށެވެ. އޭރު އެ ކްލަބުގައި ބަލިކަށި ޓީމެއް އޮތުމުން ތަށްޓެއްގައި އަތްނުލެވުނަސް އޭނާ ވަނީ އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގައި ހިމެނި، ފުރަތަމަ 11ގައި ވެސް ކުޅުނެވެ. ތަށްޓާ ވަރަށް ގާތަށް ދިޔަ ނަމަވެސް، އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ އެފަހަރު ގައުމީ ޓީމާ އެކު އެ ތަށީގައި އަތްލުމުގެ ފުރުސަތެއް އާރިފަށް ނުލިބުނެވެ.

ރާއްޖޭގެ ގައުމީ ޓީމު 2008ގައި ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލައިލި އިރު މުހައްމަދު އާރިފް (ވ)އަކީ އެ ޓީމުގެ މެމްބަރެއް

ޖެހިގެން އައި އަހަރު ތަރިން ގިނަ ވިކްޓްރީން އާރިފްގެ ސޮއި ހޯދި އެވެ. އެއީ ކްލަބް ފެންވަރުގައި އޭނާ އެންމެ މޮޅަށް ކުޅުނު ސީޒަނެވެ. ނަތީޖާއަކަށްވީ، ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓްވުމެވެ. އެކަމަކު އޭރުގެ އެންމެ މަޝްހޫރު ކުޅުންތެރިންނާ ވާދަކޮށް އާރިފަށް އެ އެވޯޑް ލިބިދާނެ ކަމަށް ގިނަ ބަޔަކު ހިއެނުކުރެ އެވެ. ނަމަވެސް ދަރުބާރުގޭގައި އޮތް ކުލަގަދަ އެވޯޑް ހަފުލާގައި ކުޅިވަރު ވަޒީރު އަތުން އެ ޝަރަފްވެރި އެވޯޑް އުފުލާލީ އާރިފް އެވެ. އެއާ އެކު، އެ ފަހަރު ހަވީރު އެވޯޑަށް ވަރަށް ބޮޑަށް ފާޑުކިއުން ވެސް އަމާޒުވި އެވެ. ބައެއް ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ފަރާތުން ވެސް މެ އެވެ.

އެ ހުރިހާ ކަމަކަށް އާރިފް ޖަވާބުދިނީ ދަނޑުމަތިންނެވެ. މިހާތަނަށް އޭނާ އެންމެ މޮޅަށް ކުޅުނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެޗުގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު އީރާނާ ދެކޮޅަށް މާލޭގައި، 2011ގައި ކުޅުނު މެޗެވެ. އޭގެ 14 އަހަރު ކުރިން ރާއްޖެ ކޮޅަށް 17 ލަނޑު ޖަހާފައިވާ އީރާނަށް، އެ މެޗުގައި ރާއްޖެ ކޮޅަށް ވައްދާލެވުނު ގޯލުގެ އަދަދު އެކަކަށް ތިރިކުރެވުނު އެންމެ މުހިއްމު ސަބަބަކީ އެ ޓީމުގައި ތިބި އޭޝިއާ އާއި ޔޫރަޕުގެ މަތީ ފަންތީގައި ކުޅޭ އެޓޭކިން ކުޅުންތެރިން ހުއްޓުވުމުގައި އާރިފް މެދުތެރެއިން ދެއްކި މޮޅު ޑިފެންސިވް ކުޅުމެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުމަށް ފަހު އެ ގައުމުގެ ޝާލްކާއަށް އޭރު ކުޅެމުން އައި އީރާނުގެ އިސްކޮޅުން ދިގު، ބިޔަ ފޯވާޑް އަލީ ކަރީމީ ހިފެހެއްޓުމަށް ބަކާ އެ މެޗުގައި ދެއްކި ކުޅުން ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.

އެ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ މައިބަދައަކީ އާރިފް އެވެ. އެ ފަހަރު ބަކާ ދެއްކި މޮޅު ކުޅުމަށް ސަރަހައްދީ ނޫސްވެރިން ވެސް ތައުރީފުކުރި އެވެ. އިންޑިއާ ކޮމެންޓޭޓަރަކު ބުނީ އިދިކޮޅު ޓީމުގެ މެދުތެރޭގެ ބޯލްޓްތައް ނައްޓާލައި، އެ ޓީމުގެ އެޓޭކް ރޫޅާލުމުގައި އާރިފް ފަދަ ޑިފެންސިވް މިޑްފީލްޑަރެއް އެ މުބާރާތުން ނުފެންނަ ކަމަށެވެ. ނަމަވެސް ސެމީ ފައިނަލުން އިންޑިއާ އަތުން 3-1 އިން ރާއްޖެ ބަލިވި މެޗުގައި، ކަރަށް ނާރެއް އެރުމުގެ ސަބަބުން އޭނާއަށް ކުޅެވޭ ގޮތެއް ނުވި އެވެ. އޭނާ ހުރި ނަމަ ރާއްޖެ މޮޅުވުމުގެ ފުރުސަތު އޮތީސް ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2018ގައި ރާއްޖެއިން ކާމިޔާބުކޮށް ތައްޓަށް އާރިފް ދޮނެއް ދެނީ: އޭނާއަކީ ސަރަހައްދީ މުބާރާތް ދެ ފަހަރަށް ކާމިޔާބުކުރި ރާއްޖޭގެ ދެ ކުޅުންތެރިންގެ ތެރެއިން އެކަކު (ފޮޓޯ/އިމޭޖަސް.އެމްވީ)

އޭރު އާރިފް ހުރީ އަޝްފާގް ނެގުމަށް ފަހު ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެހެންވެ 2012ގައި އީގަލްސްއިން އޭނާ ގެންދަން، އޭރު ދިވެހި ފުޓްބޯޅައިގައި ކުޅުންތެރިޔަކަށް ނުދޭ ވަރުގެ މުސާރައެއް ހުށަހެޅި އެވެ. ގަނޑުކޮށް 600،000ރ. ދީފައި އީގަލްސް އިން އާރިފް ގެންދިއުމަކީ ދިވެހި ފުޓްބޯޅައިގެ އޭރުގެ ރެކޯޑެވެ. އީގަލްސްގައި އާރިފް ފެންވަރުގެ އިތުރު ކުޅުންތެރިން ނެތުމުން އެ ސީޒަނުގައި ވަރަށް ބޮޑު ލޯޑެއް އޭނާ ނަގަން ޖެހުނެވެ. ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވެސް ބުނީ ޓީމުގެ %40 އަކީ އާރިފް ކަމަށެވެ. އެކަށީގެންވާ ސްކޮޑެއް ނެތުމުން ކާމިޔާބު ހޯދަން ދަތި ކަމަށް ބުނެ އާރިފް ޖެހިގެން އައި އަހަރު މާޒިޔާއަށް ބަދަލުވި އެވެ.

އަވަސް އަވަހަށް ކްލަބް ބަދަލުކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު އާރިފް، ފެހި ޓީމުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، ދެން ކްލަބް ބަދަލުކުރީ މުޅިން ތަފާތުކޮށެވެ. ރާއްޖޭން ބޭރު ލީގެއްގައި ދިވެހި ކުޅުންތެރިން ކުޅޭތަން ދެކެން ބޭނުންވެފައި ތިބި ސަޕޯޓަރުންނަށް އޭނާ ދިނީ މިޔަންމާ ލީގުގެ ކަންބަވްޒާ އެފްސީ (ކޭބީޒެޑް) އަށް ސޮއިކުރި ހަބަރެވެ. ދިވެހި ގިނަ ކުޅުންތެރިން ބޭރުން ލިބޭ އެފަދަ އޮފާތައް ބޭނުންނުކުރާތީ އާރިފް އެ ޓީމަށް ބަދަލުވުމުން ސަޕޯޓަރުން އުފާކުރި އެވެ.

އޭނާ އެ ޓީމަށް ސޮއިކުރުމަށް ފަހު 'ހަވީރަ'އާ ވާހަކަދައްކަމުން ބުނީ މިޔަންމާ ޓީމާ ގުޅުނީ ރަނގަޅު އޮފާއެއް ލިބުމުގެ އިތުރުން އޭނާ އާއި ދިވެހި އެހެން ކުޅުންތެރިންގެ ކުރިއެރުމަށް ކަމަށެވެ. އާރިފް ގަބޫލުކުރި ގޮތުގައި އޭނާގެ އެ ބަދަލުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ފައިދާކުރާނެ އެވެ.

"މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމުން އެނގިގެންދޭ ރާއްޖޭން ބޭރުން ދިވެހި ކުޅުންތެރިންނަށް ފުރުސަތު އެބަ އޮތްކަން. އެހެން ކުޅުންތެރިން ވެސް އެ ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށް ދެވޭނީ. އަބަދު ރާއްޖޭގައި ކުޅެގެން ކުރިއަށް ނުދާނެ،" އޭރު އޭނާ ބުންޏެވެ.

ކުޅުމަށް ކުރިއެރުން ލިބުނު ނަމަވެސް، މާލޭގައި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ދިރިއުޅެއް އުޅެފައި ބީރައްޓެހި މާހައުލަކަށް ދާން ޖެހުމުން އާރިފަށް ފުރަތަމަ އުނދަގޫ ވެސް ވި އެވެ. އޭނާ ބުނީ އެނބުރި ދާން ވެސް ހިތަށްއެރި ކަމަށާއި، ނަމަވެސް ކެތްކޮށްލީ ކަމަށެވެ. 

ސާފް ޗެމްޕިއަންޝިޕްގައި މުހައްމަދު އާރިފް (ވ) ރާއްޖޭގެ ގައުމީ ޓީމަށް ކުޅެނީ: އޭނާއަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑް ކުޅުންތެރިޔާ (ފޮޓޯ/އިމޭޖަސް.އެމްވީ)

"އަސްލު އެހާ ފަސޭހަ ކަމެއް ނޫން ފެމިލީއާ ދުރުގައި ގައުމުން ބޭރުގައި ކުޅުމަކީ. ހަނދާންވޭ ފެމިލީ އާއި ރަށްޓިހިން މަތިން. ކުޅުން ފިޔަވައި އިތުރު ކަމެއް ނޯވޭ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިޔަކަށް ވަންޏާ ގުރުބާނީ ވާން ޖެހޭ،" އާރިފް ބުންޏެވެ. 

މިޔަންމާގައި ކުޅުނު 2015ގައި، އާރިފަށް ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ދިނެވެ. އެއީ ވެސް ގައުމީ ޓީމުގައި އޭނާގެ ތަފާތު އަހަރެކެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރު އަތުން ފަހު ވަގުތު 1-0 އިން ރާއްޖެ ބަލިވި މެޗު ފާހަގަކުރެވެ އެވެ. ރާއްޖެއާ ކުޅެން ތައްޔާރުވާން، ނޮދަން އަޔަލެންޑާ ކުޅެ އެއްވަރުކޮށްގެން އައި ގަތަރުގައި ތިބި އޭޝިއާގެ ޗެމްޕިއަނުން ހިފަހައްޓަން، އީރާން މެޗު ފަދައިން ބަކާ ދެއްކީ ވަރަށް ވެސް ވަރުގަދަ ކުޅުމެކެވެ.

ނަމަވެސް ދެން އައީ އާރިފްގެ ކެރިއަރުގައި ބަނަ ދުވަސްކޮޅެކެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުންނާއި، އިތުރު ދެ މުބާރާތެއްގެ ސެމީން ރާއްޖެ ކެޓުމުން، ކޯޗު ރިކީ ހާބަޓަށް ފާޑުކިޔައި އާރިފް އިންޓަވިއު ދިނުމުން، އޭނާއަށް ގައުމީ ޓީމުގެ ދޮރު ކޯޗު ބަންދުކުރީ އެވެ. ދެން ހަވާލުވި ޑަރެން ސްޓެގާޓް ވެސް އާރިފަށް ފުރުސަތު ނުދިނުމުގެ ނަތީޖާއަކަށްވީ، ދެ އަހަރު އޭނާއަށް ގައުމީ ޖާޒީ ލުމުގެ ފުރުސަތު ނުލިބުމެވެ. އެކަމާ ސަޕޯޓަރުންގެ ނުރުހުން ކޯޗަށް އަމާޒުވި ނަމަވެސް، އާރިފް ދެއްކީ ޕްރޮފެޝަނަލިޒަމެވެ. އޭނާ މީޑިއާގައި ބުނީ ފުރުސަތު ނުލިބެނީ އެ ފެންވަރަށް ނުކުޅެވޭތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޓީމަށް ނަގާ ވަރުގެ ކުޅުމެއް ނުދެއްކެނީ ކަމަށް. އެވަރަށް ކުޅޭ ނަމަ ނަގާނެ ކަމަށް ދެކެނީ،" އާރިފް ބުންޏެވެ.

މުހައްމަދު އާރިފް މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި: އޭނާ ނިޔާވީ ހައްޖުން އެނބުރި އައިތަނުން ކުރިމަތިވި ނުރައްކާތެރި ބައްޔެއްގައި

އޭނާއަށް އަލުން ފުރުސަތު ދިނީ 2018ގައި ގައުމީ ޓީމާ ހަވާލުވި ޕީޓާ ސެގާޓެވެ. ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން އޭނާ އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދާން ނެގި ސްކޮޑުން ފުރުސަތު ދިން މަދު ސީނިއާ ކުޅުންތެރިންގެ ތެރޭގައި އާރިފް ހިމެނުނެވެ. ވަރަށް އުނދަގޫކޮށް ފަށައި، ކިރިޔަކިރިޔާ ސެމީ ފައިނަލަށް އެ ފަހަރު ދިޔަ ނަމަވެސް، މުޅި ރާއްޖެ ސިއްސުވާލައި، ރާއްޖޭން އެ މުބާރާތް ކާމިޔާބުކުރުމުގައި އާރިފްގެ ތަޖުރިބާ އާއި ލީޑާޝިޕް މުހިއްމު ރޯލެއް ކުޅުނު ކަމަށް އެ ޓީމުގެ ކުޅުންތެރިން ބުންޏެވެ.

އެ ކާމިޔާބާ އެކު އާރިފްގެ ނަން ތާރީހުގައި ލިޔެވުނީ ގައުމީ ޓީމާ އެކު ދެ ފަހަރު ސާފް ޗެމްޕިއަންކަން ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެކެއްގެ ގޮތުގަ އެވެ. އަނެއް ކުޅުންތެރިއަކީ އޭރުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.

ޓީމަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ކުޅުންތެރިންގެ މެދުގައި އޮތް ނުވަތަސްކަން ފިލުވާލައި، މުބާރާތުގެ ކުރިންނާއި، ފަހުން ވެސް އާރިފް ވަނީ ލީޑާޝިޕް ދައްކައިފަ އެވެ. އެ މުބާރާތުން ކުޅުންތެރިންނަށް އިނާމު ފައިސާ ލިބުން ލަސްވުމުން، އެކަން އަވަސްކުރަން ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑަށް މަސައްކަތްކުރީ ވެސް އާރިފެވެ.

ރޭ ފަތިހު އޮތް އާރިފްގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިދިޔަ ދެ ތިން އަހަރު ފުޓްބޯޅަ މުބާރާތްތައް ގަވާއިދުން ނެތުމުގެ ސަބަބުން، ރަސްމީ ފުޓްބޯޅައިގެ އަޑު މަޑުވި ނަމަވެސް އާރިފް ވަނީ އަމިއްލަ ގޮތުން އެ ކުޅިވަރުގެ ކުރިއެރުމަށް މަސައްކަތްކޮށްފަ އެވެ. އެންމެ ފާހަގަކުރެވެނީ ހއ. ދިއްދޫގެ ބްލެކް ޒީނޯ ކްލަބާ ގުޅިގެން އެ ރަށުގައި ފެށި އަމިއްލަ އެކަޑަމީ އެވެ. ދިއްދުއަށް ކުޅެން ގޮސް އުޅުމުގެ ތެރޭ އެ ރަށުން ހުނަރުވެރި ކުޅުންތެރިން ފާހަގަވުމުން، އެ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދޭން އޭނާ ފެށި މަސައްކަތް ކާމިޔާބު ވެސް މެ އެވެ.

އާރިފް ވަކިވެގެން އެ ދިޔައީ އެފަދަ އެތައް ހިދުމަތަކާއި، އެތައް އުފަލެއް ގައުމަށް ހޯދައިދީފަ އެވެ. އޭނާ ނުކުޅޭ ބޮޑު އެއްވެސް ކްލަބެއް ރާއްޖޭގައި ނެތެވެ. އެހެންވެ އޭނާ އަކީ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ. އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވައި އަދި ޕްރެޝަރު ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ތަނަށް ޕާސް ޖަހައި ޓީމުތައް ހަމަޔަކަށް އަޅުވައިދިން ހުނަރުވެރި މިޑްފީލްޑަރަކީ، ދަނޑު ބޭރުގައި ވެސް ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ ނަމޫނާ ޝަހުސިއްޔަތެކެވެ. 

އެޑިޓަރުގެ ނޯޓު: މުހައްމަދު ހަމްދޫންއަކީ 2008އިން ފެށިގެން ރާއްޖޭގެ ކުޅިވަރު ކަވަރުކުރަމުން އަންނަ އެންމެ އިސް އެއް ލިއުންތެރިޔާ އެވެ. އޭނާ ވަނީ މުހައްމަދު އާރިފް (ބަކާ)އާ ބެހޭ ގޮތުން އެތައް އެއްޗެއް ލިއެ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އާރިފް ކުޅުނު އެތައް މުބާރާތެއް ކަވަރުކޮށްފަ އެވެ. ހަމްދޫން މި ލިއުން ތައްޔާރުކޮށްދިނީ 'ދައުރު'ގެ ހާއްސަ އެދުމަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް