ފުޑް

'ހާޝިމް ބިރިޔާނި' ނިސްބަތްވާ ހާޝިމް ހުސެއިންގެ ވާހަކަ

ކެއްކުމުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަސް ވީ ކައްކާގެ ނަމަށް ހާޝިމް ބިރިޔާނި ކިޔަން ފެށީ ސީދާ ކަސްޓަމަރުން. އެ މީހުން އޭރު ބުނީ އެ ބިރިޔާނިއަށް ހާއްސަ ނަމަކީ ހާޝިމް ކަމަށް

ހާޝިމް ހުސެއިންއޭ ބުންޏަސް އެއީ މާ ހާއްސަ ނަމަކަށް ވެ، އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގޭނެ އެވެ. ނަމަވެސް 'ހާޝިމް ބިރިޔާނީ' ނުދަންނަ މީހަކު މާލޭގައި މަދުވާނެ ކަމަށް ބަލަމާ ހިނގާށެވެ. 

ކުއްޖަކަށް ނަން ކިޔަން ވެސް ހާޝިމް ބިރިޔާނި އެވެ. ހިތާނީ ދުވަސްވަރުގެ ކެއުންތައް ކަމަށް ވިޔަސް މާހަފަން ވިޔަސް ގިނަ ބަޔަކު ގުޅަނީ ހާޝިމް ބިރިޔާނީގެ ނަންބަރަށެވެ. ބޮނޑިބަތާއި ކުޅިމަސް ހަދަން ވިޔަސް އެ ނަމެވެ. 

ހާޝިމް ބިރިޔާނި މިހާރު މި އޮތީ އާންމު ނަމަކަށް ވެފަ އެވެ.

ހާޝިމް ބިރިޔާނި ނިސްބަތްވަނީ ސޯސަންމަގު ސިޓީ ބޭކަރީ ކުރިމަތީގައި ހުންނަ 'ދަ ބޭކް ހައުސް' އަށެވެ. ހާޝިމް ހަސަންގެ ހިއްސާ އޮންނަ އެތަނުން ހާޝިމްގެ ހާއްސަ ބިރިޔާނީގެ އިތުރުން އޭނާގެ އެހެން ކެއުންތައް އަބަދުވެސް ލިބެން ހުރެ އެވެ.

ހާޝިމް ކެއްކުމުގައި: އޭނާގެ ބޮނޑިބަތާއި ބިރިޔާނި ދިވެހިންނަށް ކަމުދޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިހާ މަޝްހޫރު ބްރޭންޑެއް، ކީއްވެ؟

"ހާޝިމް ބްރޭންޑަކަށް ވަނީ އަމިއްލައަށް ހަވާދު ހަދާތީ. ކޮލިޓީ ހިފެހެއްޓޭތީ ކަމުދަނީ. ހާޝިމް ބިރިޔާނި ތަފާތުވާ ގޮތަކީ ދިވެހިވަންތަ ގޮތަކަށް ދިވެހިންނަށް ކަމުދާ ގޮތަށް އެއްޗެހި އަޅާތީ. ފިޔާ، މޭބިސްކަދުރު، ކެޝޫނަޓް، ފިނިފެނާ އެއްޗެހި އަޅަން. މީހުންނަށް ތަފާތުވޭ،" ހާޝިމް ބުންޏެވެ.

އޭނާ ބޮނޑިބަތް ވެސް ކައްކަނީ ދިވެހިންނަށް ކަމުދާ ގޮތަށް އެންމެ ކުރިއްސުރެ ދިވެހިން ކައްކަން ބޭނުންކުރި އެއްޗެހި އަޅައިގެންނެވެ. 

"ބޮނޑިބަތުގައި ދުވަހަކު ވެސް ހަނޑޫ ރޯކޮށް ހުންނަ ގޮތަކަށް ނޫން ކައްކަނީއެއް،" ބޮނޑިބަތުގެ ވާހަކަ ފަށަމުން ހާޝިމް، 55، ބުންޏެވެ.

"މާފެނާ އެއްޗެހި އަޅައިގެން ވަރަށް ރަނގަޅަށް ތައްޔާރުކުރަނީ. ކާށިކިރު އަޅައިގެން. ފިނިފެނުގެ ބަދަލުގައި މާފެން އަޅާތީ މީހުން ވަރަށް ބަލައިގަނޭ. މާފެން ގަނެގެން އަޅަނީ. ދިވެހި އެއްޗެހި ބޮޑަށް ބޭނުންކުރަން."

ދިވެހިންނަށް ހާޝިމްގެ އުފެއްދުން ކަމުދާ މިންވަރު ދެނެގަންނާނެ އެެއްގޮތަކީ އޭނާއަށް ލިބޭ އޯޑަރެވެ. އާންމުކޮށް އެވްރެޖްކޮށް ދުވާލަކު 300 އެއްހާ އޯޑަރު ނަގަ އެވެ. ހާޝިމް ބިރިޔާނީގެ އުފެއްދުން މަދު އަދަދުން ގަންނަން ބޭނުންވާ މީހުންނަށް 'ދަ ބޭކް ހައުސް'ގެ ލިބެން ހުންނާނެ އެވެ. އޯޑަރު ބޮޑު ނަމަ ވަކިން ތައްޔާރުކުރަނީ އެވެ.

ހާޝިމް ބިރިޔާނީގެ ނަން އައީ ހާޝިމް ހަސަން އެންމެ ފުރަތަމަ ބިރިޔާނި ހަދައިގެން އާންމުންނަށް ވިއްކި ހިސާބުންނެވެ. އެއީ އެ ބިރިޔާނި މީރުވެގެން އޭނާގެ ނަމަށް ނިސްބަތްކޮށް ކަސްޓަމަރުން ސީދާ ކިޔަން ފެށި ނަމެކެވެ.

"ހާޝިމް ބިރިޔާނިއަކަށް ވީ ކަސްޓަމަރުން ކައިފައި ސަޕޯޓުކޮށްފައި އެމީހުން މިއަށް ހާޝިމް ބިރިޔާނީ ނަމުން ދިނީ. ބުނީ އެހެން ނަމެއް މިއަކަށް ކަމަކުނުދެޔޭ. ހާޝިމް ނަމުންނޭ ނަން ދޭންވާނީ،" އޭނާ ބުންޏެވެ.

ހާޝިމް ބުނި ގޮތުގައި އޭނާގެ ނަމަށް ނިސްބަތްކޮށް ބިރިޔާނި މަޝްހޫރުވުމަކީ އޮތް ވަރަށް ބޮޑު އުފަލެކެވެ. އެހެންވެ ބޭކް ހައުސްގެ އިސް ވެރިޔާ ވެސް އެތަނުގެ ނަމަށް ވުރެ ހާޝިމް ބިރިޔާނީގެ ގޮތުގައި އުފެއްދުންތައް މަޝްހޫރުވިޔަސް މައްސަލައަކަށް ނުހަދަ އެވެ.

"ބޮޑުމީހާ ވެސް ބުނާނެ އަޅުގަނޑުގެ ނަމުގައި އަދި ނަންބަރު ދީގެން އިނަސް މައްސަލައެއް ނެތޭ، ގަބޫލުކުރޭ އަޅުގަނޑުގެ ސަބަބުންކަން މިތަން މަގުބޫލުވީ. އެއްފަހަރު ކައިފައި އަލުން އޯޑަރުކުރާނެ ކަމުގެ ޔަގީންކަން އޮވޭ،" އޭނާ ބުންޏެވެ.

ހާޝިމްގެ ބެލުމުގެ ދަށުން ނޫނީ ބޮޑު އޯޑަރެއް ތައްޔާރެއް ނުކުރޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބޭކް ހައުސްއަށް ލިބޭ ބޮޑު އޯޑަރެއް ހާޝިމްގެ ބެލުމުގެ ދަށުން ނޫނީ ތައްޔާރެއް ނުކުރެ އެވެ. ނަމަވެސް ހައްޖު ނުވަތަ އުމްރާ ގްރޫޕަކާ އެކު މައްކާއަށް ދާ ދުވަސްވަރު އޯޑަރުތަކުގެ ޒިންމާ ނަގާނީ އޭނާއާ އެކު މަސައްކަތްކުރާ މުވައްޒަފުންނެވެ.

"ބޭރު ތިން މީހުންނަށް ކައްކަން ދަސްކޮށްދީފައި ހުންނާނީ. އެމީހުން އަޅުގަނޑު ނެތަސް ހަމަ އެގޮތަށް ހުރިހާ ކަމެއް ކުރާނީ. އެކަމަކު ކަސްޓަމަރުންނަށް ނޯޓިސްވެގެން ބުނާނެ ހާޝިމް ނެތީމާ އެނގެޔޭ. އަޅުގަނޑު ބުނާނީ އެމީހުންގެ ކެއްކުން ވެސް ވަރަށް ރަނގަޅޭ،" ހާޝިމް ބުންޏެވެ.

ބޭކް ހައުސްއަށް އޯޑަރު ދޭ ނުވަތަ ހާޝިމް ބިރިޔާނީގެ އުފެއްދުންތަކަށް ގަޔާވާ ގިނަ މީހުންނަށް ހާޝިމް ފެނުނަސް ނޭނގޭނެ އެވެ. ބައެއް ފަހަރަށް އޭނާއަކީ ކާކުކަން ނޭނގި، ތައުރީފްކޮށްފައި ދެ އެވެ.

"އަޅުގަނޑު ކުރިމަތީގައި ހުއްޓާ އެބަ ބުނޭ ހާދަ މީރޭ މި ބިރިޔާނި. ހީވަނީ ހާޝިމް ބިރިޔާނި ހެންނޭ،" އޭނާ ބުންޏެވެ.

ހާޝިމަކީ ވެސް ރާއްޖޭގައި ހޮޓާ/ކެފޭ ހިންގުމުގެ ބާނީއެއްގެ ގޮތުގައި ބެލެވުނު ދަނބުމާ ފާއިޒްގެ ކައިރިން އެކަން ފެށި ކައްކާއެކެވެ. ދާދި ފަހުން ދަނބުމާ ފާއިޒް ވަނީ އަވަހާރަވެފަ އެވެ. މީގެ 35 ވަރަކަށް އަހަރު ކުރިން 1988ގައި މާލެ އައި ގޮތަށް ހާޝިމް އެންމެ ފުރަތަމަ ވެސް ދިޔައީ ދަނބުމާ ފާއިޒުގެ ހޮޓަލަަށެވެ. އޭރު ވެސް އޭނާއަށް ކުޑަކުޑަކޮށް ކައްކަން އެނގެ އެވެ. ނަމަވެސް ރަނގަޅު ކައްކާއަކަށް ހަދައިދިނީ، ހާޝިމް ބުނި ގޮތުގައި، ފާއިޒް އެވެ.

ހާޝިމް 'ދައުރު'އަށް އިންޓަވިއުދެނީ: ކެއްކުމުގެ ތެރެއަށް ބޮޑަށް ވަދެވުނީ ދަނބުމާ ފާއިޒްގެ ސަބަބުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކައްކަން ދަސްކޮށްދިނުމަށް ފަހު ހާޝިމްއާ ހަވާލުކުރީ އޭރުގެ މަޝްހޫރު 'ކޫލް އިކުއިޕްމަންޓްސް' އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ 'ޓޭކްއަވޭ' ތައާރަފްކުރި އެވެ.

"ހެނދުނު 8 އިން 12އަށް ބަތް ޕާރުސަލް ޑެލިވަރީ ކުރާނީ. އަޅުގަނޑު ކުރާ ކަމަކީ އޯޑަރު ނެގުމާއި ޑެލިވަރީ ކުރުން. ބައެއް ފަހަރު ކެއްކުމުގެ މަސައްކަތްކުރަން. އޭރު އެހީތެރިވާ މީހުންނަށް ކެއްކުމުގެ މަސައްކަތް ދަސްކޮށްދީފައި ހުންނާނީ. މުވައްޒަފުން ވަރަށް މަދުވާނެ،" ހާޝިމް ކިޔައިދިނެވެ. 

އޭގެ ފަހުން މިހާރު ހާޝިމްގެ ހިއްސާ އޮންނަ 'ދަ ބޭކް ހައުސް'އަށް ބަދަލުވީ އެވެ. އެތަނުގައި 13 އަހަރު ވަންދެން އޭނާ އުޅުނީ މުސާރައަށެވެ. ނަމަވެސް މިހާރު އެއީ ހާޝިމްގެ ހިއްސާ ވެސް އޮވެގެން ހިންގާ ތަނެކެވެ.

ކައްކަން ފަށައިގަތް ދުވަސްވަރު އުމްރާ އާއި ހައްޖު ގްރޫޕްތަކުން ހާޝިމް ގެންދަން ފެށި އެވެ. އެހެންކަމުން އޭނާ އަންނަނީ 1998 އިން ފެށިގެން އެ ގްރޫޕްތަކާ އެކު ގޮސް ހައްޖުވެރިންނާއި އުމްރާވެރިންނަށް ކައްކައިދެމުންނެވެ. 

ހިލޭ ސާބަހަށް ކޮށްދޭ އެ މަސައްކަތުގައި މައްކާއަށް ދެވުނު އަދަދެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އުމުރާއި ހައްޖުވެރިންނަށް ކެއުން ތައްޔާރުކުރުމަކީ ބުރަ މަސައްކަތެކެވެ. ނަމަވެސް އޭނާ އެކަން ކުރަމުން އަންނަނީ އުފަލުންނެވެ.

ހާޝިމްގެ ހިއްސާ އޮންނަ ދަ ބޭކް ހައުސް: ގިނަ ބަޔަކު އެތަނުން އެއްޗެހި ގަނޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ކައްކަން ބޭނުންވާ ހަވާދު، ކާށިހުނި، މަސް، ހުރިހާ އެއްޗެއް ތައްޔާރުކޮށްގެން މިކޮޅުން ގެންދަނީ. ދެން އެހީތެރިވާނެ ފަސް މީހުން،" ހާޝިމް ބުންޏެވެ.

"ކުރިން އެކޮޅުގައި ތިބެން ޖެހޭނެ މަސް ދުވަސް. މުޅި މަހަށް ވާ ވަރަށް ގެންދަން ހުރިހާ އެއްޗެއް."

"އުމްރާއަށާއި ހައްޖަށް ދާ [ދުވަސްވީ] މީހުން އަޅުގަނޑު ދެކެ ދަރިއެއް ދެކެ ވާ ލޯބިވޭ. އެމީހުން އެހާ ބުރަކޮށް އަޅުކަމުގައި އުޅެފައި އައިސް ރަނގަޅު ދިވެހި ކާއެއްޗެއް ކާން ލިބުނީމަ ވަރަށް ހިތްހަމަޖެހޭ،" ހާޝިމް ބުންޏެވެ.

ހާޝިމް ބަދިގޭގައި: އޭނާއަކީ ވަރަށް ހިތްހެޔޮ ކައްކާއެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބައެއް ރަށްރަށުގެ މީހުން ފާހަގަކުރާ ހާއްސަ ދުވަސްތަކަށް ކައްކަން ވެސް އޭނާ ގެންދެ އެވެ. އެކަމަކު އެއީ އެއްވެސް އަގެއް ނަގައިގެން އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާ ބުނިގޮތުގައި ވަޒީފާގައި އުޅުނުއިރު މުސާރަ އާއި މިހާރު ޕާޓްނާޝިޕްގެ ގޮތުގައި ލިބޭ އާމްދަނީ ފިޔަވާ އޭނާ އަގެއް ނުނަގަ އެވެ. އެހެންކަމުން މިއީ ވަރަށް ހާއްސަ އަދި މީހުން ދެކެ އެހާ ލޯބިވާ ކައްކާއެއްކަން ވެސް އެނގެ އެވެ.

ކަސްޓަމަރުންގެ އިތުރުން އޭނާގެ އެންމެ ބޮޑު ސަޕޯޓަކީ އާއިލާ އާއި ވިޔަފާރީގެ ބައިވެރިޔާ ހަސަން މަނިކުގެ އާއިލާ އެވެ. ހާޝިމްގެ އެންމެ ބޮޑު ޝުކުރެއް އޮތީ އެމީހުންނަށެވެ.

ކޮމެންޓް (6)

ޢަލީއަޙުމަދު

19 ޖޫން 2024
ފުރަމަފަހަރަށް ތިޔަނަން އަޑުމިއެހީ
0 2

އެމްޕީއޭ…

19 ޖޫން 2024
އޮފީހުގަ އުޅުނު އިރު ޚާއްސަ ދުވަސް ތަކަށް ދަނބުމާ/ ފަރީދީ މަގު އިންނަ ތަނަށް އޯޑަރ ދޭނީ. ހާޝިމް އަންނާނީ ވަރަށް ހިތް ހަމަ ޖެހުނު ހާޝިމްގެ ޚިދުމަތާ މެދު. ވ ހިތް ހެޔޮ ރަނގަޅު މީހެއް.
2 0

ލައްލަ

18 ޖޫން 2024
ހާޝިމް ގެ ފަރާތުން ހައްޖު އަދި އުމްރާ ވެރިންނަށް ހިލޭ ސާބަހަށް ކޮށްދިން މަސައްކަތުގެ އަގު ގެ ބަދަލު މިންވަރު ކުރައްވާނީ މާތް ރަސްކަލާނގެ. ރައްޓެހިކަމުގައި އުޅޭތާ 35 އަހަރު ވެއްޖެ. ބަރަކާތް ލައްވާށި.
13 0

މައޫ

18 ޖޫން 2024
މާޝާ ﷲ..އަބަދުވެސް ތިޔަ ގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވާޝި..އަބަދުވެސް މީހުނާގުޅޭ ހިތްހެޔޮ ފަރާތެއް. ލާރިއަށްވުރެ ކުރާ މަސައްކަތްދެކެ ލޯބިވާކަންފާހަގަ ކުރެވޭ.
13 0

ޥިސް

17 ޖޫން 2024
ތިޔަކުރާ މަސައްކަތުގަ ބަރަކާތް ލައްވާށި، ވާހަކައިންވެސް ހެޔޮ މީހެއްކަން ފާހަގަ ކުރެވިއްޖެ، ހެޔޮ ޖަޒާ މިންވަރު ކުރައްވާށި
19 0

ކޮސް

17 ޖޫން 2024
ޙާޝިމަކީ ހުރިހާގޮތަކުންވެސް ހެޔޮލަފާމީހެއް. ވިސްނުން ރަނގަޅު ، ދެގޮތެއްނުވާ ފަރާތެއް.
22 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް