ސ. މަރަދޫ ވިކްޓަރީގޭ ދޮންހުސޭނު އޭނާގެ 'ވިކްޓަރީ' ގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ: އަލީ ނާސިރު)

ރާޅުފަށް

ދޮންހުސޭނުގެ ގުދާރުބިންދާލި ދިރިއުޅުމުގެ 'ވިކްޓަރީ'

ބޯޓު ދަތުރުކުރަން އުޅެފައި އައްޑުއަށް ދިޔަ ގޮތަށް މީހަކާ އިނދެގެން ދިރިއުޅުމެއް ފަށައިގެން ލޯބީގެ ގަނޑުވަރެއް އުސްކުރަމުން ދަނިކޮށް ދޮންހުސޭނުގެ ދިރިއުޅުން ބިމާހަމަކޮށްލީ ހަމަ ކުއްލިއަކަށެވެ.
31 މާރިޗު 2024

ދޮންހުސޭނަކީ އަބަދުވެސް މުސާފިރެކެވެ. ލޯބީގައި ބާޒީގަރެކެވެ. އަދި އަމިއްލަ ވަޒަނާއި ގެ އާއި އެ ފިނި ހިޔަލުގައި ވީ ހުރިހާ އަރާމެއް ދޫކޮށް ގުދާރުބިންދާލި ދިރިއުޅުމެއްގެ ބުރު ތެރޭގައި ގޭނި ހަނާވަމުން ދިޔަ ހިތެކެވެ. އަމާޒާއި މިސްރާބުން ކައްސާލައިގެން ގޮސްފައި އޮތް އޭނާގެ އެ ދިރިއުޅުމުގައިވީ ތުރާލާއި ރިހުން އެ ހަތަރެސްފައިގައި ހިފައި ބާރުކޮށްގަތީ އެސްޓީއޯގެ ދަގަނޑު ބޯޓެއްގައި ރާއްޖެއިން ބޭރުގައި އުޅެފައި ގޮސް އައްޑު އަތޮޅުގެ ގަމުގެ ބަނދަރަށް ލެފިތަނުންނެވެ.

ޒުވާން ދޮންހުސޭނާ ބައްދަލުކުރީ އިޝްގީ ލޯބީގެ ސާފުތެދުވެރި ހިތެކެވެ. ބާޖީމެރި ނޭއްދާރު ދިރިއުޅުމުން ފުންމާލި ގޮތަށް އޭނާ ދެން ބޭނުންވީ އެ ލޯތްބަށް ގުރުބާން ވާށެވެ. ކާށިދުއަށް އުފަން 72 އަހަރުގެ ދޮންހުސޭނުގެ ހަޔާތުނާމާގައި އޮތް ފެށުމަކީ މި އެވެ.

ކަސިޔާރު ހިތެއް ދިރިއުޅުމުގެ މުޅިން އައު ގޮންޖެހުމަކަށް ކަމަރު ބަނީ އެވެ. އެކަމަކު ސ. މަރަދޫ 'ވިކްޓަރީ' ގެއަށް ގޮސް ވަނީމާ ފެންނަނީ ދިރިއުޅުމުގެ މި ހިޔަލަށް އައުމަށް ދޮންހުސޭނު ކަޑައްތުކުރި ބުރަ ދަތުރެވެ. އަޑިގުޑަނެވެ.

"އައްޑުއަށް އާދެވުނު ފުރަތަމަ ފަހަރު ބައްދަލުވީ މި ރަށު އަންހެނަކާ. އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެވި އެންމެ ފަހުން ދެ މީހުން ކައިވެނިކުރީ. ދެން އަންހެނުން ބޭނުމެއް ނުވި އަޅުގަނޑު ބޯޓު ދަތުރުކުރަން ދާކަށް. އެ ހިސާބުން އެ ވަޒީފާ ދޫކޮށްލާފައި އައްޑޫގައި މަޑުކޮށްލީ،" އޭނާ ކިޔައިދިނެވެ.

އައްޑު އަތޮޅުގައި ދޮންހުސޭނު ވަޒަންވެރިވިތާ މިހާރު 43 އަހަރެވެ.

ސ. މަރަދޫ ވިކްޓަރީގޭ ދޮންހުސޭނު އާއި އޭނާގެ އަންހެނުން އެމީހުންގެ ފެންޑާގެ އުނދޯލީގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ: އަލީ ނާސިރު)

"އެންމެ ފުރަތަމަ އުޅުނީ މި ރަށު މީހުންނާ އެކު ގްރޫޕް މަސައްކަތްކުރަން. ދެން އެކަން ހުއްޓާލާފައި އަމިއްލައަށް އެކަނި ދާން ފެށީ ހަތާ ނަގަން. އޭރު އެންމެން ވެސް ގެތައް ރާނާނީ ހަތާ ގަލުން. އެ ގަލަކީ އޭރު ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް،" ފެންޑާގައި އުނދޯންޏަށް އަރައި އިނދެ ދޮންހުސޭނު ވާހަކަތައް ކައްކަން ފަށައިގަތެވެ.

"ދެން ހަތާ ނަގަން އުޅެފައި ގާތަޅަން ފެށީ. ދެން ގޯތި ސާފުކުރުމުގެ މަސައްކަތުގައި ގަސްތައް ނެގުމާއި ރުއްނެގުން ކަހަލަ ވަރަށް ބުރަ މަސައްކަތުގައި އެ ދުވަސްވަރު އުޅުނީ އާމްދަނީއެއް ހޯދަން. އޭގެ ފަހުން ގާ އަޅަން ވެސް އުޅުނިން."

"އެއީ އޭރު މި ރަށުގައި ނުވެސް ކުރާ ކަމެއް. ގާ އަޅާ ތައްގަނޑެއް މީހަކު ލައްވައި ހައްދައިގެން ސިމެންތި ގާ އަޅައިގެން ދެން ވިއްކަން ފެށީ."

ދޮންހުސޭނު ވިއްސަކަށް އަހަރު ވަންދެން ގާ އަޅައިގެން ވިއްކައި އުޅުނެވެ. 'ގާއަޅާ ދޮންހުސޭނު' ގެ ވަނަމުން އޭނާ މުޅި ރަށަށް މަޝްހޫވެފައި ވަނީ ވެސް އެހެންވެގެންނެވެ. ނަމަވެސް ގަލަކަށް ފަހު ގަލެއް އަޅަމުން ލޯބީގެ ލަވަތައް ކިޔަމުން މަޑުމަޑުން އޭނާ އުސްކުރަމުން ދިޔަ އެ ދިރިއުޅުން ވެއްޓި ބިމާހަމަވީ ހަމަ ކުއްލިއަކަށެވެ.

"އެހެން އުޅެނިކޮށް އަޅުގަނޑުގެ އަންހެނުން މަރުވީ. އެ ހިސާބުން މުޅި ދިރިއުޅުން ކުއްލިއަކަށް ބަދަލުވެއްޖެ. އަދި އެހެން އުޅެނިކޮށް އަޅުގަނޑަށް ވެސް ބައްޔެއް ޖެހިގެން ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެއްޖެ،" ދޮންހުސޭނު އެއްލަމުން ދިޔަ އުނދޯލި މަޑުކޮށްލި އެވެ.

"އަޅުގަނޑު ގޮސް މާލޭގެ ހަސްފަތާލަށް ދެއްކީމަ އެތަނުން އަޅުގަނޑު ބެލި މީހުން ބުނެފި މި އޮތީ ކަލޭގެ މައިބަދައަށް ކެންސަރު ޖެހިފައޭ."

ދޮންހުސޭނު ދޮންކޮށް ފައްކާކުރަމުން ދިޔަ އޭނާގެ ދިރިއުޅުން އެ ހިސާބުން ހުއްޓުނީ އެވެ. އެކަމަކު އެއީ ކެންސަރެއް ނޫނެވެ.

ދޮންހުސޭނު އިލޮށިފަތީގެ ކުނިކަހާ ދަތްޗެއް ތައްޔާރުކުރަނީ. (ދައުރު ފޮޓޯ: އަލީ ނާސިރު)
ދޮންހުސޭނަކީ އަބަދުވެސް ގުދާރު ބިންދައިގެންދާވަރަށް މަސައްކަތުގައި އުޅުނު މީހެއް. (ދައުރު ފޮޓޯ: އަލީ ނާސިރު)
ބޮޑު ބަލިގަނޑަކަށް ފަހު ރަނގަޅުވި ފަހުން އޭނާ ކުރަނީ މިކަހަލަ މަސައްކަތް. (ދައުރު ފޮޓޯ: އަލީ ނާސިރު)

"އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތްކޮށްގެން ގުދާރު ބިންދައިގެން އުޅުނު މީހެއް އަބަދުވެސް. އެހެން އުޅުނުއިރު އޭރު ދޭތެރެދޭތެރެއިން އުނަގަނޑަށް ތަދު އަރާނެ. އާންމުކޮށް އެގޮތަށް ތަދެއް އަރައިގަތީމަ އޭރު ދަނީ ހަންކެޑެ ތުނޑިއަށް. ގޮސް ވެލިމޮޑެލީމަ ރަނގަޅުވޭ. އެކަމަކު އަނެއްކާވެސް ގޯސްވެދާނެ،" ދޮންހުސޭނު ކިޔައިދިނެވެ.

"ދެން އެއް ދުވަހަކު ހެނދުނު ސިމެންތި ގަށަން އޮތްވާ ވަރަށް ވަރުގަދަ ތަދެއް އެރީ. އެ ތަދު ރަނގަޅު ނުވެގެން ދިޔައީ އިންޑިއާއަށް. ދެން އިންޑިއާއަށް ގޮސް ޓެސްޓް ހަދާފައި، ތިން ފަހަރު ޓެސްޓް ހަދާފައި އެމީހުން ބުނެފި ކެންސަރެއް ނެތޭ."

ކެންސަރުގެ ބިރުވެރިކަން ފިލައިގެން ދިޔަ ނަމަވެސް އެ ދުވަހުން ފެށިގެން ދޮންހުސޭނު ބަލިއެނދަށް ތިރިވީ އެވެ.

"އިންޑިއާއިން ބެލި ޑޮކްޓަރު ބުނީ ބަދައަށް ހުރީ ޓީބީ ޖެހިފައޭ. ދެން ހަމަ އެއްގޮތަކަށް ވެސް ހިނގާބިނގާވެ އުޅެން ނުކުޅެދިއްޖެ. ތަނުއޮވިއްޖެ. އަދި އަޅުގަނޑު ހީނުކުރަން ދެން ދުވަހަކު ވެސް އަޅުގަނޑަށް ހިނގޭނެ ކަމަކަށް،" ދޮންހުސޭނު ކިޔައިދިނެވެ.

"އެއް އަހަރު ވަންދެން ތަންމަތީގައި ނުތެދުވެވި އޮތް ތަނަށް ސީލައިގެން އޮންނަން ޖެހުނު އެ ހާލެއްގައި. އަތުން ފައިން ހަމަ އެއްވެސް ކަމެއް ނުކުރެވި ދެ ތިން އަހަރު ދިޔަ އެގޮތަށް."

އެ ބަލިގަނޑާ އެކު ދޮންހުސޭނުގެ ދިރިއުޅުން އޭނާ ބަދަލުކުރީ އުފަން ރަށް ކާށިދުއަށެވެ. ދެ ދަނޑިގަނޑު ޖަހައިގެން އަލުން ހިނގަން ފެށުނީ އެ ހުރިހާ އުއްމީދެއް އޭނާ އަމިއްލައަށް ކަނޑާލައިގެން އުޅެނިކޮށެވެ. 

"އަހަރެއްހާ ދުވަސް ފަހުން ހިނގަން ފަށައިގެން އަލުން ހެލިފެލިވެ އުޅެން ފެށުމާ އެކު އަނެއްކާވެސް ނުކުތީ މަސައްކަތަށް. އާމްދަނީއެއް ހޯދަން މަސައްކަތެއް ކުރަން ޖެހޭނެތާ ހެލިފެލިވެ އުޅެވޭ ނަމަ،" ދޮންހުސޭނު ބުނެލި އެވެ.

އޭނާ ދެން ދިޔައީ ރިސޯޓަކަށެވެ.

ދޮންހުސޭނަކީ މިހާރު މި ރަށު މީހުންނަށް އިލޮށިފަތީގެ ދަތި ތައްޔާރުކޮށްދޭ މީހާ. (ދައުރު ފޮޓޯ: އަލީ ނާސިރު)
އައްޑޫގައި ދޮންހުސޭނު ވަޒަންވެރިވީ މީގެ 42 އަހަރު ކުރިން. (ދައުރު ފޮޓޯ: އަލީ ނާސިރު)
ދޮންހުސޭނުގެ މި މަސައްކަތަކީ މުޅި ރަށަށް މަޝްހޫރު އަދި އެންމެން ވެސް ބަލައިގެންފައިވާ މަސައްކަތެއް. (ދައުރު ފޮޓޯ: އަލީ ނާސިރު)

"އެކަމަކު ކުރިން ކުރި ބުރަ މަސައްކަތް ހުއްޓާލީ. ރިސޯޓަށް ގޮސް އުޅުނީ ވޮޗަރަކަށް. އެގޮތަށް އުޅުނިން އަހަރެއްހާ ދުވަސް ވަންދެން. ދެން އެ ރިސޯޓުގައި އުޅެފައި ބަދަލުވީ އައްޑުއަށް އަނެއްކާވެސް،" ދޮންހުސޭނުގެ ދަތުރު އައު ފެށުމަކުން ފަށައިގަތް ގޮތް އޭނާ ކިޔައިދިނެވެ.

މަރަދޫގައި އަލުން ވަޒަންވެރިވެ އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އެ ރަށު އިރުޝާދިއްޔާ ސްކޫލްގައި ވޮޗަރަކަށެވެ. އެހެން އުޅެނިކޮށް އޭނާއަށް ފެންނަނީ އެތަނުގައި އުޅުނު އެހެން ވޮޗަރަކު އޭނާގެ ހުސް ވަގުތުގައި ކުރަމުން ދިޔަ ވަރަށް ތަފާތު އަދި ވަރަށް ހުނަރުވެރި މަސައްކަތެކެވެ.

"އެމީހާ މި ކުރާ މަސައްކަތަކީ ދަތި ހެދުން. އިލޮށި މަށައިގެން، ދަނޑިއެއްގައި އިލޮށިބޮނޑިގަނޑު ހަރުކޮށްގެން ކުނިކަހާ ދަތި ހަދާ މީހެއް އެއީ. އޭނާ އެ މަސައްކަތްކުރާތަން ބަލަން އެހެން އިނދެ އެންމެ ފުރަތަމަ އަޅުގަނޑު ދަސްކުރީ އެ މަސައްކަތްކުރާ ގޮތް،" ދޮންހުސޭނު އުނދޯލިން ތެދުވެގެން ގޮސް އޭނާގެ އަމިއްލަ މަސައްކަތްތައް ދައްކައި ކިޔައިދޭން ފަށައިގަތެވެ.

އާމްދަނީއެއް ހޯދުމަށް އޭނާ މިއަދު ކުރާ މަސައްކަތަކީ އިލޮށިފަތީގެ މި ދަތިތައް ހަދައިގެން ވިއްކުމެވެ. ޖޯލިފަތި ގަތައިގެން ވިއްކުމެވެ. އައްޑޫ ބެނޑި އާއި ކުދިގުޅަ ހަދައިގެން ވިއްކުމެވެ. މި މަސައްކަތުގައި އޭނާގެ ބައިވެރިޔަކީ މިހާރު އަނބިމީހާ އެވެ.

"ދެން އެންމެ ފަހުން އެ ވަޒީފާ ދޫކޮށްލާފައި މި މަސައްކަތަށް ހުސްވީ. އޭގެ ފަހުން ޖޯލި ވެސް ހަދައިގެން ގަތަން ފެށީ. މިހާރު މި ގެއިން ކުދިގުޅަ އާއި އައްޑޫ ބެނޑި ވެސް ލިބޭނެ. މި ގެއިން އައްޑޫ ބެނޑި ހުހެއް ނުވާނެ. ހަމަ ކޮންމެ ވަގުތަކު އަޔަސް، ގަންނަން ލިބޭނެ،" މިހެން ބުނެފައި ބެނޑި އާއި ކުދިގުޅަ ގެނެސްދިނުމަށް އަންހެނުން ގާތު ބުނެލުމާ އެކު އަންހެނުން އެތެރެއަށް ވަދެފައި އެނބުރި އައީ ތަށިތައް ފުރާލައިގެންނެވެ.

މި އިންޓަވިއު ނިމުނުއިރު އެ ތަށިތަކުގައި ހުރި ކުދިގުޅަ އާއި އައްޑޫ ބެނޑި ވެސް ހުސްވަނީ އެވެ. އެކަމަކު ހުސް ނުވާނީ ދޮންހުސޭނުގެ މި ކާމިޔާބީ އެވެ. ދިރިއުޅުމުގެ މި ދަތުރުގައި އޭނާ ހޯދި 'ވިކްޓަރީ' އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް