ނޮޑީސް ކޮފީ ހިންގާ ދެމަފިރިން، ނާޒިޝް އަހުމަދު އާއި ވެލޭރިއާ އޮގްނެވާ. (ފޮޓޯ/ނޮޑީސް ކޮފީ)
ނޮޑީ އާއި ވެލޭރިއާ: މި ޖޯޑުގެ ވާހަކަ ކޮފީ ޖޯޑަކުން
"އެއް ސަހަރެއްގައި ބޮޑު ބައުކަލޯއެއް އުޅުނެވެ. އަލަ ދަނޑުގަ އެވެ. އިރުއޮއްސި، ރޭގަނޑަށް ދުނިޔެ އަނދިރިވުމުން އަލަ ދަނޑުން މި ބައުކަލޯ ނުކުމެ އެވެ. ދަނީ ރޯ ކުދިން އުޅޭ ގޭގެއަށެވެ."
މިއީ ކުޑަކުދިންގެ ރުއިން ހުއްޓުވަން މީގެ އަހަރުތަކެއް ކުރިން ކިޔައިދީ އުޅުނު ފުލޯކު ވާހަކައިގެ އައްޑޫ ވާޝަން އެވެ. ކުދިން ނިންދަވަން ނާނާއެއްގެ ގޮތުގައި ވެސް ކިޔައި އުޅުނެވެ. އައްޑޫގައި އަދިވެސް އެ ބައުކަލޯ އެބަ އުޅެ އެވެ. މިއީ ނާޒިޝް އަހުމަދާއި ވެލޭރިއާ އޮގްނެވާގެ ދެމަފިރިން އެ ބައުކަލޯ އޮޅުކުރި ގޮތުގެ ވާހަކަ އެވެ.
މި ވާހަކަ އަޑުއަހަން ދިޔައިރު ނާޒިޝް ހުރީ އެ ދެމަފިރިންނަށް "އޮޅިގެން" ހުޅުވުނު ކެފޭގެ ބޭރުގައި ހުރި ގޮނޑިއެއްގަ އެވެ. އަހަރެމެންގެ އިންތިޒާރުގައި، ފޭދޫ ލިންކު ރޯޑުން ދާހާ ބަޔަކަށް ކެފޭ ހާސާކޮށް، ސޭލު އަޅުވައިގެންނެވެ. ކެފޭގެ ފާރުގައި ހުރީ ކިރު ކޮފީގައި ހުންނަ ކްރީމް ކުލަ އެވެ. އެ ކްރީމްގެ މަތިން، ކެފޭގެ ނަން 'ނޮޑީސް ކޮފީ' ޖަހާފައި ހުރީ ކަޅު ކޮފީގެ ކުލައިން، އިނގިރޭސި ބޯލްޑު އަކުރުތަކުންނެވެ. ތަނުގެ ބިއްލޫރިގަނޑުން މާސިންގާ ބުޅަލެކެވެ. އަސްލެއް ނޫނެވެ. ކުރެހުމެކެވެ. ރަމްޒުކޮށްދެނީ ކުޑަކުދިންނަށް ކިޔައިދޭ ވާހަކައިގައި އުޅޭ 'އަލަދަނޑުގެ ބޮޑު ބައުކަލޯ' އެވެ. ސައިކަލުން ފޭބުމާ އެކު އިށީނުމަށް ދައުވަތު ދީ، އެ ބައުކަލޯގެ ވާހަކަ ކިޔައިދޭން ފަށައިފި އެވެ.
ނާޒިޝްގެ ކަމަކީ ދެ 'ބައުކަލޯ' ގޮވައިގެން ކޮފީ ގިރުމާއި ބުއިމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންނަ ކޮފީ ބީންސް މުގުރައި، އެކި ފާޑުފާޑުގެ ކޮފީ ބްލެންޑުތައް އުފައްދަ އެވެ. ކާންބޯން ކުރާ މައިގަނޑު މަސައްތަކަކީ ވެސް އެއީ އެވެ. ހަޔާތުގެ ބައިވެރިޔާ، ރަޝިއާއަށް އުފަން ވެލޭރިއާ އޮގްނެވާއާ ފުރަތަމަ ބައްދަލުވީ ވެސް ކޮފީއަކުންނެވެ. މިއީ މި 'ކޮފީ ޖޯޑު'ގެ ވާހަކަ އެވެ. ކޮފީ ބޮމުން ގޮސް، ވިޔަފާރިއަކަށް އެކަން ފުޅާ ކުރި ގޮތުގެ ވާހަކަ އެވެ. މީހުން އެ ކިޔާ 'ހާޑު ކޮފީ'އަކީ ކޮބައިކަން ދެނެގަތް ގޮތެވެ. އަދި ވިޔަފާރީގެ އެންމެ މުހިންމު ބައިވެރިންގެ ގޮތުގައި ދެ 'ބައުކަލޯ' އަދާކުރާ މުހިންމު ދައުރެވެ.
ހަޔާތުގެ ބައިވެރިޔާ ހޯދީ ކޮފީ އާޓުން
ނާޒިޝްގެ ކޮފީ ދަތުރު ފެށެނީ 2011ގެ ފަހުކޮޅުގައި ރިސޯޓަކަށް ވަޒީފާ އަދާކުރަން ދިޔަ ހިސާބުންނެވެ. ކަން ދިމާކުރި ގޮތުން ނާޒިޝްއަށް ވަދެވުނީ އެ ރިސޯޓު ރީބްރޭންޑު ކުރި ދުވަސްކޮޅުގަ އެވެ. އޭރު އެ ތަނުގައި ދައްކަމުންދިޔައީ ރީބްރޭންޑިންއަށް ފަހު އެ ތަނުގައި އަމިއްލައަށް ކޮފީ ރޯސްޓުކުރަން ފަށާނެ ވާހަކަ އެވެ.
"އަހަރެން އުޅުނީ ވަރަށް ފޫހި ވަޒީފާއެއްގައި،" ރިސޯޓުގައި އުޅުނު ޒަމާނުގެ ވާހަކަ ފަށަމުން ނާޒިޝް ބުންޏެވެ.
ރިސޯޓަށް ގޮސް އެ ތަނުގެ ކެފޭގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނާތީ ވީ ފޫއްސެއްގެ ބޮޑުކަމުން ނާޒިޝް ހިތަށް އެރީ ތަފާތު ކަމެއް ކުރުމަށެވެ.
"މަ ބޭނުންވީ ކޮންމެވެސް ގޮތަކަށް ކޮފީ ތަފާތު ކުރަން. އެހެންވެ، އެތަނަށް އައިސް ކޮފީ އޯޑަރުކުރާ ހުރިހާ ގެސްޓުންގެ ނަންތައް ކޮފީގެ މަތީގައި ޖަހަން ފެށީ،" ނާޒިޝް ބުންޏެވެ.
ރިސޯޓުގައި ހޭދަކުރި މުއްދަތުގައި ނާޒިޝް ފަސް އަހަރު ވަންދެން އުޅުނީ ބާ މޭންއެއްގެ ވަޒީފާގަ އެވެ. ތަމްރީންތަކެއް ހިންގަން އޭރު އެ ރިސޯޓަށް އައިސް އުޅުނު ވެލޭރިއާގެ ހިތް ދަމައިގަތީ ވެސް އެ ތަނުގައި ހުރެ ގިރައިދިން މީރު ކޮފީއަކުންނެވެ.
"ބާގައި އުޅެނިކޮށް އެއް ދުވަހަކު ވެލޭރިއާ އަންނަނީ ކޮފީއެއް ބޯން. އެއީ ދިމާވި ގޮތް،" ނާޒިޝް ބުންޏެވެ.
ވެލޭރިއާ އަކީ ވެސް ކޮފީއަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އެ ދުވަހު ވެލޭރިއާ އޯޑަރު ކުރީ ލާޓޭ އެކެވެ. ނާޒިޝް އެ ކޮފީ ތަށި ދިނީ މަތީގައި ހިތެއް ކުރަހައި، އެ ހިތުގެ ތެރޭގައި ވެލޭރިއާގެ ނަން ޖަހާފަ އެވެ. މި ޖޯޑުގެ ވާހަކަ ފެށެނީ އެ ކޮފީ ޖޯޑުންނެވެ.
ކޮފީގައި ކުރަހަމުން ކޮފީ ކިޔަވަން ބޭރަށް
ކޮފީ މަތީގައި ނަން ޖެހުން އާޓަކަށް ބަދަލުވެ، ނަން ލިޔުމުގެ ބަދަލުގައި ނާޒިޝް ގިރާ ކޮފީގެ މައްޗަށް ފާޑުފާޑުގެ ތަސްވީރުތައް އަރުވަން ފެށި އެވެ. ބަރާބަރު 30 ދުވަސް ވަންދެން، އެންމެ ދުވަހެއް ވެސް ވައްޓާނުލައި، ކޮންމެ ދުވަހަކު އެކަން ކުރި އެވެ. ކޮފީ ގިރުމުގެ ހުނަރު އިތުރަށް ފައްކާ ކުރަން ރިސޯޓުން ޗުއްޓީއެއް ނަގައިގެން ނާޒިޝް ދެން ނައްޓާލީ ދެކުނު އެފްރިކާއަށެވެ. އެހިސާބުން ދެން ފަސް އެނބުރި ބެލުމަށް ނެތެވެ.
ކޮފީ ދަސްކުރަން މި ދެމަފިރިން ދުނިޔޭގެ އެއް ކޮޅުން އަނެއް ކޮޅަށް އުދުހުނެވެ. ޖަރުމަނާއި ދެކުނު ކޮރެއާ އަދި ރަޝިއާ އާއި މެލޭޝިއާއަށް ގޮސް ކޮފީ ރޯސްޓިންގެ ހުރިހާ ކަމެއް ދަސްކުރި އެވެ. މިހާރު ދެ މީހުންނަކީ ވެސް ޑަބްލިއުއެސްއީޓީ ގްރޭޑް 1 އާއި ގްރޭޑް 2 ފުރިހަމަކޮށްފައި ތިބި ދެ މީހުންނެވެ.
"ޑަބްލިއުއެސްއީޓީގައި އަހަރެމެން ޖެހޭ ތަފާތު 100 ނޫނީ 140 ވަހުގެ ވަސް ބަލަން. އެ މީހުން ދޭނީ އެކިއެކި ވަސް. އަހަރެމެން ޖެހޭނީ ލޯ މަރައިގެން ހުރެ ލިޔަން އެއީ ކޯއްޗެއްކަން. 98އިން މަތިން ލިބިގެން ފާސްވާނީ،" ނާޒިޝް ބުންޏެވެ.
ކައިވެނި ކުރަމުން 'އޮޅިގެން' ކެފޭއެއް ހުޅުވުން
ނާޒިޝްގެ ދިރިއުޅުން އުފަން ރަށް ފޭދޫއަށް ބަދަލުކުރުމާ އެކު ބުރައަކަށްވީ މީރު ކޮފީއެއް ހޯދުމެވެ. އިރުއިރުކޮޅާ ކޮންމެވެސް މީހަކު އައިސް "އޭ ހިނގާ ކޮފީއެއް ބޯން" ބުނެ ކޮފީއަކަށް ދައުވަތު ދެ އެވެ.
"އެކަމަކު ތަނަކަށް ދިޔައިމަ ހުސް ޝަކުވާ އޮންނާނީ. މީގައި ލަނީ މިވެނި ރަހައެކޭ ކިޔާފައި. އެހެންވެ ގޭގައި ރޯސްޓު ކުރެވޭ ކަހަލަ ކުޑަ ރޯސްޓަރެއް ގެނައީ، އަހަރެމެން އަމިއްލައަށް ކޮފީ ބޯން ވެގެން،" ނާޒިޝް ބުންޏެވެ.
އެ ހިސާބުން ބާރުބޮޑުވާން ފެށީ ގެއަށެވެ. ވަކި ހިސާބަކުން ކުޑަ ރޯސްޓާއަކުން ހިފަހައްޓާނުލެވޭނެކަން ޔަގީންވި އެވެ. ބޮޑު މެޝިނަކަށް އޯޑަރު ޖެހީ، ވެލޭރިއާއާ ކައިވެނިކުރަން މާލެ އައިސް ކޯޓަށް ވަންނަމުން ކަހަލަ ގޮތަކަށެވެ.
"ކޯޓަށް ވަނުމުގެ 30 ވަރަކަށް މިނެޓު ކުރިން ރޯސްޓިން މެޝިން އުފައްދާ ކުންފުންޏަކަށް މެސެޖުކޮށްފިން، ކަސްޓަމައިޒްކޮށްފައި ރޯސްޓިން މެޝިނެއް ބޭނުންވެއޭ ކިޔާފައި. ކައިވެންޏަށް ދެ ދުވަސް ފަހުން އެއަށް ފައިސާ ވެސް ދައްކައިފިން،" ނާޒިޝް ބުންޏެވެ.
ބޮޑު މެޝިނާ އެކު ހިތްފުރޭ ވަރަށް ކޮފީ ރޯސްޓު ކުރެވެން ފަށައިފި އެވެ. އަދި އާންމުންނަށް ދައުވަތު ދީގެން މި ދެމަފިރިން އުފައްދާ ބްލެންޑްތަކުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ދިނެވެ. މަޑުމަޑުން އެއަށް އޮތް ޑިމާންޑު ބޮޑުވެ، ކޮފީ ޝޮޕެއް ހުޅުވުމުގެ ހިޔާލު އުފެދުނެވެ.
ވަރުގަދަ ޕްލޭނެއް ރާވައި، ތަފާތު ބްރޭންޑަކާ އެކު މި ދެމަފިރިން ނުކުތީ އާންމުންނަށް ރަހަމީރު ކޮފީ ގެނެސްދިނުމަށެވެ. ކުރިން ކޮފީ ރޯސްޓުކުރީ ހަމައެކަނި ހޮބީއެއްގެ ގޮތުގަ އެވެ. ކޮފީ އާޓަކީ ވެސް އެ ހޮބީގެ ބައެކެވެ. އެކަން ފުޅާކުރީ ކޮފީ ރޯސްޓުކުރާ ލެބަކާއި ރަހަމީރު ކޮފީ އެންމެންނަށް ވެސް ލިބޭ އައުޓްލެޓެއްގެ ސިފައިފައި ވިޔަފާރިއަކަށެވެ.
"އަހަރެމެން އެއް ދުވަހު މިހެން (މިހާރު ކެފޭ ހުރި ތަނުގެ ކުރިމަތިން) ދުއްވާފައި ވަނިކޮށް މީހަކު ގޮވާފައި ބުނެފި ކޮފީއެއް ބޯން އެބަ އަންނަމޭ ގެއަށް. ދެން ހިތަށް އަރައިފި ޕްރޮޑަކްޝަން ރޫމަށް އެންމެން އަންނަނީއޭ ކޮފީ ބޯން. ރައްޓެހިން ވެސް، ނުދަންނަ މީހުން ވެސް. ހެލްތު އެންޑް ސޭފްޓީ ހަޒާޑް އޮންނަ ގޮތުން މީހުން ނުވެއްދޭނޭ،" ނާޒިޝް ބުންޏެވެ.
"ދެން އެހެން ބުނީމަ އަހައިފިން ނެތްހޭ ކުއްޔަށް ދޭ ތަނެއް. ބުނީމަ މި ތަން ދައްކާފައި ބުނެފި މިހިރީއޭ. އެހެން ބުނިތާ 12 ދުވަސް ތެރޭގައި މި ކެފޭ ހުޅުވައިފިން. ފަށައިގަންނަން ބޭނުންވާ މެޝިނަރީޒްއާ ހުރިހާ އެއްޗެއް ވެސް ހުރި އަހަރެމެން އަތުގައި."
ކަމުގެ ހުރިހާ ދިރާސާތަކެއް ހެދީ ވެލޭރިއާ އެވެ. އައްޑޫ މީހުންނަށް ކަމުދާ ކޮފީ އާއި މީހުން އާންމުކޮށް ކޮފީ ބޯ ގަޑިތަކާއި މިހެން ގޮސް ހުރިހާ ކަމެކެވެ. އެކަން ހިނގާދިޔަ އަވަސްކަމުން ނާޒިޝް ސިފަކުރަނީ ކެފޭއަކީ އޮޅިގެން ހުޅުވުނު ތަނެއްގެ ގޮތުގަ އެވެ. އެއީ އެއްވެސް އިރެއްގައި އޭނާ އާއި ވެލޭރިއާ ރާވައިގެން ކުރި ކަމެއް ނޫނެވެ.
އެ ބުނާ ހާޑު ކޮފީ 'ބައުކަލޯ'
ބައުކަލޯއަކީ އެންމެ ކުރުކޮށް ބުނާ ނަމަ ކޮފީއަށް ލޯބިކުރާ ދިވެހިން އާންމުކޮށް ކިޔާ 'ހާޑު ކޮފީ' ހޯދަން ކުރި ބުރަ މަސައްކަތުން ނާޒިޝްމެން ނެރުނު އަމިއްލަ ބްލެންޑެކެވެ.
"އެންމެން އައިސް މި ބުނަނީ އޭ ހާޑު ކޮފީއެއް ދީބަލާށޭ. މިއީ ކޮން ހާޑެއްތަ؟ ކޮބާތަ އޭގެ މާނައަކީ؟" ނާޒިޝް ބުންޏެވެ.
އެ ބުނާ ހާޑު ކޮފީއެއް ހޯދަން ނާޒިޝް އާއި ވެލޭރިއާ އަހަރެއްހާ ދުވަސް ވަންދެން އެކި ފާޑުފާޑުގެ ކޮފީ ބީންސްއިން އެކި ކަހަލަ ބްލެންޑުތައް ނެރުނެވެ.
"ވަރަށް މީރު ބްލެންޑުތައް ވެސް އާދޭ. އެކަމަކު ދިވެހިންނަށް ކަމުދާ އެއްޗެއް ނުލިބެނީ. އެ ބުނާ ހާޑު ކޮފީއަކީ ކޯއްޗެއްކަން ދިރާސާކުރަން އެބަޖެހޭތާ؟ އެއީ ހިތިކަމުން ކަރުތެރެ ހަލާކުކޮށްލާ ކޮފީއެއްތޯ ނޫނީ ކެފެއިން މަތިވެގެން މީހާ ހޭލައްވާލާ އެއްޗެއްތޯ."
އެ ބުނާ ހާޑު ކޮފީއަކީ ކޮބައިކަން ހޯދުނީ ތިން ސިންގަލް އޮރިޖިން މިކްސް ކޮށްގެންނެވެ. ބްރެޒިލް، ކޮލަމްބިއާ އަދި ހޮންޑޫރާސްގެ ކޮފީ ބީންސް އެއްކޮށްގެން ނެރުނު ބައުކަލޯ ބްލެންޑް ދިވެހިންނަށް ކަމުދިޔަ އެވެ.
ދެން މިއަށް ބައުކަލޯއޭ ކިޔަން މި ޖެހުނީ ކީއްވެ ހެއްޔެވެ؟ ނާޒިޝް ބޭނުންވީ ދިވެހިވަންތަ، މީހުންގެ ހަނދާނުގައި ހަރުލާފައި ހުންނާނެ ކަހަލަ ނަމެއް ކިޔުމަށެވެ. ކިޔާނެ ނަމެއް ނޭނގިގެން އެނބުރެނިކޮށް މި ނަން ހޯދައިދިނީ ނާޒިޝްމެން ގެންގުޅޭ ބުޅަލެވެ.
"އަހަރެމެން ގާތްގަނޑަކަށް ދެ މަސް ހޭދަކުރިން، މި ބްލެންޑަށް ކިޔާނެ ނަމެއް ނޭނގިގެން،" ނާޒިޝް ބުންޏެވެ.
"އެއް ދުވަހު ވަރަށް ޑީޕް ތޯޓެއްގައި ހުއްޓާ އަހަރެމެން ގެންގުޅޭ ބުޅާ އައިސް ފައިގައި ޖެހެނީ. ދެން މަ ބުނެފިން ބައުކަލޯ ދުރަށް ދާށޭ. އެ ގަޑީގައި ހިތަށް އެރީ ބައުކަލޯއޭ ޕްރޮޑަކްޓަށް ކިޔާނީ. އެއަށް ވުރެ ދިވެހި ނަމެއް ލިބޭނެތަ؟ މަ ވިސްނަމުން ދިޔައީ ދިވެހި ނަމެއް ލިބޭތޯ."
"އަހަރެމެން ގެންގުޅެން ހުދު ބުޅަލަކާއި ކަޅު ބުޅަލެއް. އެހެންވެ (އެއާ ގުޅުވާފައި) ދެ ބްލެންޑެއް ހެދީ. ބައުކަލޯ ބްލެކް އަކީ ސްޓްރޯންގް ކޮފީއެއް. ވައިޓް އަކީ ލައިޓް ކޮފީއެއް."
ކޮފީއަށް ކިޔާނީ ބައުކަލޯއޭ ބުނުމުން ވެލޭރިއާ އަނެއްކާވެސް ހެދީ ކުޑަވަރެއްގެ ދިރާސާއެކެވެ. ބައުކަލޯ ބްލެންޑް ބަންދުކޮށްފައި ހުންނަ ޕެކެޓްތަކުގެ ފަހަތުން ފެންނަނީ އެ ވާހަކަތަކުގެ ކުރު ހުލާސާއެކެވެ.
ބައުކަލޯގެ ވާހަކަ ކިޔައިދެމުން ނާޒިޝް އަހަރެން ގޮވައިގެން ގޮސް ކެފޭއަށް ވަދެފި އެވެ. ހިތްފަސޭހަ މާހައުލެކެވެ. އެއް ފާރުގައި ހުރި ބޯޑަކުން ކުރު ގޮތަކަށް އެތަނުގެ ވާހަކަ ކިޔައިދެ އެވެ. ނާޒިޝްގެ ދެމަފިރިން ގެންގުޅޭ ދެ ބުޅަލުގެ ފޮޓޯގަނޑެއް ވެސް އެ ބޯޑުގައި ހުއްޓެވެ.
ހިދުމަތް ވެސް ތަފާތެވެ. މި ތަނުން އޯޑަރު ނަގަންވެގެން އަހަނީ ހާލު ކިހިނެއްތޯ އެވެ. ބަރިސްތާގެ އަތްމައްޗަށް ދޫކޮށްލުމުން އެ ގަޑިއެއްގައި ކަސްޓަމަރުގެ މޫޑާ ގުޅޭ ބުއިމެއް ތައްޔާރުކޮށްދެ އެވެ. އެއީ ދުނިޔޭގެ އެހެން ތަންތަނުގައި ލިބެން ހުންނަ ކަޕަޗީނޯ ނުވަތަ މިތަނުގައި ކިޔާގޮތުން ނަމަ 'ހުނުޗީނޯ' އެކެވެ. ފިނިކޮށް ބޭނުންވާ ނަމަ 'ފިނިޗީނޯ' އެކެވެ. ނޫނީ 'ސަމްތިން ކޮކޮނަޓް' އަކަށް ވެސް ވެދާނެ އެވެ. ނުވަތަ ނާޒިޝްގެ ކޮފީ ލެބުގައި ފައްކާކުރާ ކޯލްޑް ބްރޫއަކަށް ވެސް ވެދާނެ އެވެ. ކޮފީ ނުބޯ މީހުންނަށް ހާއްސަ އެހެން ބުއިންތައް ވެސް ހިމެނެ އެވެ.
ނަސީބު ރަނގަޅުކަމުން އެ ދުވަހު ބަރިސްތާއަކަށް ހުރީ ވެސް ނާޒިޝް އެވެ. އަހަރެންގެ މޫޑު ހުރި ގޮތުން ނާޒިޝް ދިނީ ބައުކަލޯ ބްލެކް އެކެވެ. ހޫނު ދުވަހަކަށް ވާތީ ފިނިކޮށެވެ. އަހަރެންނަކީ ސްޕެޝަލިޓީ ކޮފީ އެއްގޮތަކަށް ވެސް ނުބޯ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ ކޮފީ ގެނެސްދިނުމަށް ފަހު ކޮފީއާ ބެހޭ ސައިންޓިފިކް ފިލާވަޅެއް ނަގައިދޭން ޖައްސާލައިފި އެވެ. ކޮފީއާ ޖައްސައި ކުކީއެއް ފޯކުރަމުން، ކަމުން، ނިކަން ރަނގަޅަށް އެ ފިލާވަޅު އަޑުއެހީމެވެ.
މި ވިޔަފާރީގެ ހުރިހާ ކަމެއް ވެސް ކުރަނީ ދެމަފިރިން ހިއްސާވެގެންނެވެ. މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ފައިނޭންސްގެ ކަންކަމުގައި ބޮޑަށް އުޅެނީ ވެލޭރިއާ އެވެ. ކޮފީގެ އެކި ކަހަލަ ރެސިޕީ ހެދުމާއި ކޮފީ ރޯސްޓިންގައި އުޅެނީ ނާޒިޝް އެވެ. ކެފޭއެއް ހުރި ނަމަވެސް، ހަގީގަތުގައި އޭނާ ކުރާ ހިތްވާ ކަމަކީ ވެސް އެއީ އެވެ.
"މި ކެފޭއަކީ ވެސް ޕްލޭންގައި އޮތް ކަމެއް ނޫން އަސްލު. މަ ބޭނުންވަނީ ހަމަ ކޮފީ ރޯސްޓުކުރަން ލެބުގައި ހުންނަން. ދެން މީގައި ހުރިހާ ކަމެއް ވެސް ވައިފްއާ ދެ މީހުން ކުރަނީ. އެއީ 'ދަ ވަން'."
ވެލޭރިއާ މިހާރު އެ އުޅެނީ އުފަން ގައުމާ އެތައް ހާސް ކިލޯމީޓަރު ދުރުގަ އެވެ. އެކަމަކު އޭނާ ދެކެނީ ނާޒިޝްގެ އުފަން ރަށް ފޭދޫއަކީ ވެސް އޭނާގެ 'ހޯމް'ގެ ގޮތުގަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަސްކުރި ކަންކަމާއި ލިބުނު ތަޖުރިބާ، އައްޑޫ އާއި ދިވެހިންނަށް ގެނެސްދިނުމަކީ އެ ދެމަފިރިންނަށް މިއަދު ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
މި ކޮފީ ޖޯޑުގެ ވާހަކަ ދިގުލައިގެން ގޮސް، އިރުއޮއްސި އަނދިރިވެއްޖެ އެވެ. ބައުކަލޯ އަންނަ ގަޑި ޖެހުނީ އެވެ. އަހަރެން ނުކުތީ އަވަހަށް ގެއަށް ދިއުމަށެވެ. ނާޒިޝް ގޮސް އިށީނީ، އަހަރެމެންގެ ވާހަކަ ފެށިއިރު ވެސް ތިބި ތަނުގަ އެވެ. ކެފޭގެ ބޮކިތައް ރޭގަނޑަށް ދިއްލާލުމާ އެކު ބިއްލޫރިގަނޑުގައި ކުރާހާފައިވާ އެއްކަލަ ބޮޑު ބައުކަލޯ ވެސް މިހާރު މާ ރީތިކޮށް ފެނެ އެވެ. އިންނަނީ ދެ ލޯ ކުޑަކޮށްލައިގެން، މަގުން ދާހާ މީހަކާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަމަކު ބައުކަލޯއަކީ މިހާރު ފުލޯކް ވާހަކައެއް ނޫނެވެ. އެއީ ނާޒިޝް އާއި ވެލޭރިއާގެ އޮރިޖިނަލް ކޮފީ ބްރޭންޑެވެ.
ކޮމެންޓް (1)
ބާއުކަލޯ