ސ. ހިތަދޫ ކޮށިދޮރޮގޭ އިބްރާހިމް ފިރާގު އޭނާގެ މިއުޒިއަމް ޓުއަ ނިންމާލާފައި ގޮސް ސޯފާގައި އިނދެ ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ރާޅުފަށް

ފިރާގުގެ ކޮށިދޮރޮގެއިން ދޮރު ހުޅުވުނީ ބޯދާ އައްޑޫއަކަށް

ސ. ހިތަދޫ ކޮށިދޮރޮގޭގެ މި ފިނި ހިޔަލަކީ މިއަދު ތުރާސުގެ ސުވަރުގެއެކެވެ. ބާކީކޮށް ހަނދާން ނައްތާލެވިފައިވާ އައްޑޫގެ ބޯދާ ތަރިކައަށް ފިރާގު ހޯދައިދިން ބޯހިޔާވަހިކަމެވެ.
4 ފެބްރުއަރީ 2024
2

ކޮށިދޮރޮގޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. އަނގަ ތަންމިނަށް ހުޅުވައިގެން އޮތް 'ފެންޑާ'ގެ ފާރުބުރި މަތީގައި ޖައްސާލައިގެން އޮތް ކިލާވޭލް އޮތީ އަނގަލައްޕައި ހިމޭންވެފަ އެވެ. އެއް ޒަމާނެއްގައި ފާރަވެރި ޝިކާރަވެރިޔަކަށް ވިޔަސް ފުރާނަނެތި ހަސްނެތެމުންދާ ކަށިގަނޑެއްގެ ސިފައިގަ އެވެ.

ލާނދަލާއި ދިގުދައު ރޮދި އަނބުރައި ނަނު އަޅައިދިން ސަރަކަ ވެސް އެހެރީ އޭގެ ޒަމާނުން ބޭރުގައި ހުއްޓި ދަބަރަށް ގޮސް ފީވެފަ އެވެ. އެ މަންޒަރު ބަލަން ޖެހި ފިތިގެން ތިން ރުނބާ އެތަނުގައި 'ތިއްބެވެ'. އަދި އެ މަންޒަރުގައި ބުރަކި ޖެހުނު ގޮތަށް ހުއްޓި ގައުވެފައި ހުރި ރެލީ ބައިސިކަލުގަނޑެއް ވެސް އެތަނުގައި ހުއްޓެވެ.

ދިރުމެއް ނެތަސް އިހުއެވޭލާ އައްޑޫ އަތޮޅުގެ ހަނދާންތައް ގޭތެރެއިން ބޯދިއްކޮށް ހަނާ އަޅަން ފަށައިފި އެވެ. އޭގެ އަވާގައި ޖެހުނުތަނުން ކުއްލިއަކަށް އައިސް ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ އަޑެވެ. އަނދިރިކަން ވެރިވެފައި އޮތް ގޭތެރެ ހިނިތުންވުމަކުން ދިއްލައި ހަނާ އަޅަމުން އެ އަންނަނީ އައްޑޫ އަތޮޅުގެ ބޯދާ ތާރީހުން ދިރިގެން އަންނަ ޝަހުސިއްޔަތެއް ނޫނެވެ. އެކަމަކު އައްޑޫ އަތޮޅުގެ ބޯދާ ތާރީހަށް ހިތް ހިބަކޮށްދީފައިވާ އުމުރުން 60 އަހަރުގެ އިބްރާހިމް ފިރާގެވެ.

އައްޑޫގެ ތާރީހާއި ތަރިކައަށް ހުސްކޮށްފައި ވަނީ ފިރާގުގެ ހިތް އެކަންޏެއް ނޫނެވެ. އޭނާ ދިރިއުޅޭ މި ކޮށިދޮރޮގޭގެ ކޮންމެ ކައިވަތެކެވެ.

ސ. ހިތަދޫ ކޮށިދޮރޮގޭގެ މި ފިނި ހިޔަލަކީ މިއަދު ތުރާސުގެ ސުވަރުގެއެކެވެ. ބާކީކޮށް ހަނދާން ނައްތާލެވިފައިވާ އައްޑޫގެ ބޯދާ ތަރިކައަށް ފިރާގު ހޯދައިދިން ބޯހިޔާވަހިކަމެވެ. މިއީ އައްޑޫ އަތޮޅުގެ ބޯދާ ސަގާފަތާއި އާދަކާދަ އާއި ގިޔަމުތަކާއި ހުނަރުތަކާއި ބަހަވީ ކުޅަދާނަކަން ތަމްސީލުކޮށްދިނުމަށް އޭނާގެ އަމިއްލަ ގޭގައި ހުޅުވާފައިވާ ދާރުލްއާސާރެކެވެ.

ފެންޑާގައި ހުއްޓިފައިވާ އިހުޒަމާނުގެ މަންޒަރު އެއްފަރާތަކަށް ޖައްސާލާފައި ފިރާގު އޭނާގެ ޓުއަ ފަށައިފި އެވެ. އެއާއެކު އެކި ޒަމާންތަކުން ހަނދާނާއި ތަސްވީރާއި ކުލަ އާއި ވަސް ވަށައިގެން އެނބުރެން ފަށައިގަތެވެ. ފިރާގު ފަށައިގަތީ އޭނާގެ ކާފަ، ޖޭމުގޭ ހުސެންމަނިކުހާނުގެ ފޮޓޯއަކުންނެވެ.

ކޮށިދޮރޮގޭ ފެންޑާ: ފިރާގު މުޅި އައްޑޫ އަތޮޅުން އެއްކޮށްފައިވާ ބޯދާ ތަރިކަތަކަކާ އެކު މުޅި ގެ އޮތީ ފުރާލާފައި. (ދައުރު ފޮޓޯ)
ސ. ހިތަދޫ ކޮށިދޮރޮގޭ އިބްރާހިމް ފިރާގުގެ އޭނާގެ ދާރުލްއާސާރުގައި، ކާފަގެ ފޮޓޯއަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

"މިއީ އަޅުގަނޑުގެ ކާފަގެ ގެ. އަޅުގަނޑު އުޅެ ބޮޑުވި މި ގެއަކީ އަބަދުވެސް ތާރީހާއި ތަރިކައިގެ ހިޔަލެއް. އަޅުގަނޑުމެން ކުޑައިރު ވެސް ގޭގައި ހުންނާނެ ބައްޕަމެން ކާފަމެން އެއްކޮށްފައި ހުރި އިހުޒަމާނުގެ އެއްޗެހި ވެސް. އެހެންވީމަ އަޅުގަނޑު ބޭނުންވީ ތާރީހުގެ އެ ސަފުހާތައް އަމިއްލަ ދެ އަތުން އިހުސާސުކޮށްލުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށް ވެސް ހޯދައިދޭން،" ޕްރައިވެޓް މިއުޒިއަމްގެ ހިޔާލު ހަގީގަތަކަށް ހަދަން ބޭނުންވި ސަބަބު ފިރާގު ކިޔައިދިނެވެ.

ކޮށިދޮރޮގޭގައި ފިރާގާއި އޭނާގެ ބައްޕަ އާއި ކާފަ ދިރިއުޅުނު ކޮޓަރިތައް މިއަދު ފުރާލާފައި މި ވަނީ އައްޑޫ އަތޮޅުގެ އެކި ރަށްތަކުން ފިރާގު އެއްކޮށްފައިވާ ތަރިކަތަކުންނެވެ. އޭގެ ކޮންމެ ކޮޓަރިއަކުން އައްޑޫގެ މުޅިން އެހެން ޒަމާނަކަށް ގެންގޮސްދޭއިރު މިއީ މި އަތޮޅުގެ އެކި ރަށްތަކުގައި އަތްފުނާއަޅައިގެން ފިރާގު އެއްކޮށްފައިވާ ނުވަތަ މީހުންގެ އަތުން ބޮޑު އަގުގައި ގަނެގެން ގެނެސް ރައްކާކޮށްފައިވާ ތަކެއްޗެވެ.

"އޭރު އަޅުގަނޑު މި އެއްޗެހިތައް އެއްކުރަން ހިތްޖެހިފައި ހުރި ވަރުން އަމިއްލަ ކުދިންނަށް އެއްޗެހި ނުގަންނަ ވަރަށް އަޅުގަނޑު ހުންނާނެ މީހުން އަތުން މި އެއްޗެހި ގަންނަން ހޭދަކޮށްފައި،" ހީގެންފައި ފިރާގު ކިޔައިދިނެވެ.

"ކުދިންނަށް އެއްޗެހި ގަނެދޭނެ ލާރިއެއް ވެސް ނޯވޭ އަސްލު އަޅުގަނޑުގެ އަތުގައި މި އެއްޗެހި ހޯދަން ހޭދަކުރާވަރުން. އެއްޗެއް ފެނިއްޖެ ނަމަ އެ އެއްޗެއް ގަންނަހިތުން އަޅުގަނޑަކަށް ނުވެސް ނިދޭނެ. ކިތަންމެ ބޮޑު އަގެއް ކިޔަސް އެ އެއްޗެއް ގަނެގެން ގެއަށް ނުގެންދެވެނީސް އަޅުގަނޑު ހިތްހަމައެއް ވެސް ނުޖެހޭނެ."

ސ. ހިތަދޫ ކޮށިދޮރޮގޭ އިބްރާހިމް ފިރާގުގެ ޕްރައިވެޓް މިއުޒިއަމްގެ ކޮޓަރިއެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)
ސ. ހިތަދޫ ކޮށިދޮރޮގޭ އިބްރާހިމް ފިރާގުގެ އޭނާގެ މިއުޒިއަމްގައި ހުރި އެއްޗެހި ދައްކަމުން ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ތުރާސް ތަރިކައިގެ އެއްޗެހި ސަލާމަތްކޮށް މުސްތަގުބަލުގެ ޖީލުތަކާ ހަމައަށް ގެންގޮސްދިނުމުގެ ޝައުގުވެރިކަމެއް ފިރާގުގެ ކިބައިގައި އުފެއްދީ ކާބަފައިންގެ އެ މުދާތަކާއި މުސްކުޅި ގަހަނާތައް ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ރާއްޖެއިން ބޭރުގެ މީސްމީހުންނަށް ވިއްކައި ހުސްކުރަމުންދާ މަންޒަރު ފެނިގެންނެވެ.

"މާލޭގައި އޭރު އުޅުނުއިރު އަޅުގަނޑު މިއީ ވަރަށް ގިނައިން ސުވެނިއާ ފިހާރަތަކަށް ގޮސް ވަރަށް ގިނަ ވަގުތު އެތަންތަނުގައި ހޭދަކުރި މީހެއް. ދެން އޭރު އެތަންތަނަށް ގޮސް އުޅޭއިރު ފެންނަ މަންޒަރަކީ، މާލޭގެ އެކި ގޭގޭގައި ހުރި ބޯދާ ތަރިކައިގެ އެއްޗެހި ހޯދައިގެން ގެނެސް އެ ފިހާރަތަކުގައި އެކި މީހުންނަށް ވިއްކާ މަންޒަރު،" ފިރާގު ކިޔައިދިނެވެ.

"ރަން ފައްޓަރާއި އަނގޮޓި އާއި އަގުބޮޑެތި ގަހަނާތައް ވެސް ނުއަގުގައި ވިއްކަމުން ދިޔައީ އެ ފިހާރަތަކުގައި. މާލޭގެ އިތުރުން އައްޑޫ އާއި އެހެން ރަށްރަށުގައި ހުރި އެފަދަ މުސްކުޅި މުދާތައް ވެސް މާލެއަށް ގެންގޮސް ވިއްކައި ހުސްކުރަމުން ގެންދިޔައީ އެ ދުވަސްވަރު."

"މި މަންޒަރު ވީ ވަރަށް ހިތާމަވެރި މަންޒަރަކަށް. އެ މަންޒަރު ފެނުމުން، އެ ތަރިކަ ސަލާމަތްކޮށް ހިމާޔަތްކުރުމުގެ ރޫހެއް ހިތުގައި އުފެދުނީ."

އޭރު ވެސް ފިރާގަކީ ހޮބީއަކަށް ސްޓޭމްޕް އެއްކުރަމުން ދިޔަ މީހެކެވެ. ޕޯސްޓް ކާޑު ވެސް ހަމަ އެގޮތަށް އެއްކުރި އެވެ. ނަމަވެސް ފަހުން އޭނާ ނިންމީ ދިވެހިންގެ ތަރިކަ ދިވެހިންގެ އަތުން ވިއްކައި ހުސްކުރުމުގެ ކުރިން އެ ތަރިކަ ސަލާމަތްކޮށް ރައްކާތެރިކަމާ އެކު ޒުވާން ޖީލަކާ ހަވާލުކުރުމަށެވެ. މި އަޒުމުގައި ފަށައިގެން އޭނާގެ މަސައްކަތް ހާއްސަކުރީ އައްޑޫ އަތޮޅުގެ ބޯދާ ތަރިކައާ ގުޅިފައިވާ ހުރިހާ އެއްޗެއް ހޯދައި އެއްކުރުމަށެވެ.

ފިރާގުގެ ޕްރައިވެޓް މިއުޒިއަމްގައި ހުރި ބައެއް ތަކެތި: މިއީ މީހުންގެ އަތުން ގަނެގެންނާއި އުކާލާފައި ހުންނަ އެއްޗެހި ހޯދައިގެން އޭނާ އެއްކޮށްފައިވާ ތަކެތި. (ދައުރު ފޮޓޯ/އަލީ ނާސިރު)
ކޮށިދޮރޮގޭ މިއުޒިއަމްގައި ހުރި އިހުޒަމާނުގެ އިސްތިރި: މި ކަލެކްޝަންގައި ފިރާގު ދައްކާލަން ބަހައްޓާފައި ހުންނަނީ މުޅިން ވެސް އައްޑޫ އަތޮޅުގެ ރަށްތަކުން ހޯދާފައިވާ ތަކެތި. (ދައުރު ފޮޓޯ/އަލީ ނާސިރު)

"އެ ދުވަސްވަރު އަޅުގަނޑު އުޅުނީ އައްޑޫގެ އެސްޓީއޯގައި. އެ ވަޒީފާގެ ފުރުސަތު ވެގެން ދިޔައީ އަޅުގަނޑު އެކި ރަށްތަކަށް ގެންގޮސް އެކި މީހުންނާ އެކުވެރިކުރުވި ތަޖުރިބާއަކަށް. އެ ހިސާބުން ފެށިގެން މީހުންނަށް އަގު ދީފަ ވެސް ގަންނަން ފެށީ އަދި ރަށްތަކުން މީހުން ވެސް ގުޅަން ފަށައިފި އަޅުގަނޑަށް އެއްޗެހި ވިއްކަން،" ފިރާގު ބުނެލި އެވެ.

"އެކަމަކު އެއްވެސް ބަޔަކު ވިއްކަން އަންނަ އެއްޗެއްގެ ވެރިފަރާތުގެ އަސްލު ނުބަލައި އަޅުގަނޑު އެ އެއްޗެއް ނުގަންނަން. ނުހޯދަން. ބައެއް މީހުން އާދޭ ވަގަށް އެއްޗެހި ނަގައިގެން ވިއްކަން ވެސް. ވަގަށް ނަގާފައިވާ އެއްޗެއްކަން ހީވާ ނަމަ އެ އެއްޗެއް އަނބުރާ ފޮނުވާލަނީ. ނުގަންނަން."

މިގޮތަށް އެއްކުރި އާލާތްތައް ގޭގައި އަތުރައިގެން އުޅުނުއިރު އާންމުންނަށް ހުޅުވާލައިގެން މިފަދަ ދާރުލްއާސާރެއްގެ ސިފަ އޭގައި ޖެއްސުމުގެ ވިސްނުމެއް އެންމެ ފުރަތަމަ ނެތެވެ. ނަމަވެސް ރަށު ތެރެއިން ޒުވާނުންގެ ބަޔަކު އިސްނަގައިގެން ހިތަދޫގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކޮށް ފިރާގުގެ މި ކަލެކްޝަން ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލި އެވެ.

"އެހިސާބުން އެންމެ ފުރަތަމަ އާންމުންނަށް އެނގުނީ އަޅުގަނޑުގެ އަތުގައި މިވަރަށް އެއްޗެހި ކަލެކްޓްކޮށްފައި ހުރިކަން ވެސް. ނަމަވެސް އެ ކަލްޗަރަލް ސެންޓަރު ހަދައިގެން މާ ގިނަ ދުވަސްތަކެއް ނުވެ ރަށުގައި ހަމަނުޖެހުން ހިންގައި ހިޔާލު ތަފާތުވެ އެއް ބަޔަކު ނުކުމެ އެތަނުގައި ރޯކޮށްލީ،" ފިރާގު ކިޔައިދިނެވެ.

"ބައެއް އެއްޗެހި އެ އަލިފާނުގައި ހަލާކުވެގެން ދިޔައީ. ސަލާމަތްކުރެވުނު އެއްޗެހިތައް ހޮވައިގެން ގެނެސް އަލުން ގޭގައި އަތުރަން ފެށީ އަނެއްކާވެސް. އެހެން އުޅެނިކޮށް މީހަކަށް ފެނިގެން އޭނަގެ ރައްޓެހިން މިތަނަށް އައިސް ގޮސް ތުންތުންމަތިން މިތަނުގެ ހަބަރު ފެތުރި މަޑުމަޑުން މިތަނަށް ޒިޔާރަތްކުރާ މީހުން އިތުރުވެއްޖެ."

އިންޓަވިއުގެ މި ހިސާބުން ޖެހުނީ ބްރޭކެއް ނަގާށެވެ. ފިރާގު ބިޒީވީ އެވެ. އޭނާގެ މިއުޒިއަމް ބަލައިލުމަށް އައި ޓޫރިސްޓުންގެ ޓީމަކަށް ޓުއާއެއް ނަގައިދޭން ޖެހުނީ އެވެ.

ފިރާގު އޭނާގެ މިއުޒިއަމްގައި ޓޫރިސްޓަކަށް މައުލޫމާތު ދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ފިރާގު އޭނާގެ މިއުޒިއަމްގައި ޓޫރިސްޓުންނާ އެކު: މިތަނަށް ޒިޔާރަތްކުރާ އެއްވެސް ބައެއްގެ އަތުން އޭނާ އަގެއް ނުނަގާ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ސ. ހިތަދޫ ކޮށިދޮރޮގޭ އިބްރާހިމް ފިރާގު އޭނާގެ މިއުޒިއަމްގެ ފެންޑާގައި ފޮޓޯއަކަށް އިށީނދެލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

ފިރާގުގެ ކޮށިދޮރޮގޭ މިއުޒިއަމް އަކީ މިއަދު ހަމައެކަނި ޓޫރިސްޓުންނަށް ހުޅުވާލާފައިވާ ދޮރެއް ނޫނެވެ. އައްޑުއަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ޝައުގުވެރިކަން ވެސް ދަމައިގަންނަ ތަނެކެވެ. މީގެ އިތުރުން މިއަދުގެ ޒުވާން ޖީލަށް ކާބަފައިންގެ ދިރިއުޅުމުގެ އެތައް ފިލާވަޅެއް ނަގައިދޭ މަރުކަޒެކެވެ.

"މި ކަލެކްޝަނުން މި ފެންނަނީ އައްޑޫގެ 200 އަހަރުވީ ދިރިއުޅުމުގެ އަސަރު. މިއީ އަޅުގަނޑުގެ މުދާތަކެއް ވެސް ނޫން. މިއީ އައްޑޫ މީހުންގެ ހައްގު. އަޅުގަނޑު މި އެއްޗެހި އެއްކޮށް ރައްކާތެރިކޮށްފައި ހުއްޓަސް މިއީ މުޅި އައްޑޫ އަތޮޅުގެ ތަރިކަ،" ފިރާގު ބުނެލި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ މި އެއްޗެހިތަކާ އެކު ޒަމާނީ ފެންވަރުގެ މިއުޒިއަމްއެއް ހުޅުވުން."

ކޮމެންޓް (2)

ޢެކްސްޓްރީމް

6 ފެބްރުއަރީ 2024
ރޯކޮށްލި މީހުންނަށް އަދަބެއްވެސް ނުދޭދޯ
3 1

ދަގާލއ

5 ފެބްރުއަރީ 2024
ޖަސްޓް އެމޭޒިނ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް