އަބްދުﷲ އޭނާގެ ލޯންޗެއް މަރާމާތުކުރުމުގެ މަސައްކަތުގައި: އޭނާގެ މި މަސައްކަތުގެ އާރުކާޓީންނަކީ ދަރިން. (ދައުރު ފޮޓޯ)
ދަރިންކޮޅު ގޮވައިގެން ކޮންމެ ދުވަހަކު ވެސް އައު ދަތުރެއްގައި
ބެޔާގެ އިބިރާ އާއި ބަރަނިބެއްޔާގެ ދިޔެ އަކީ ހީވާގި މުރާލިކަމުގައި އެފަދަ ދެވަނައެއް ނެތް ދެމަފިރިންނެވެ. އެގާރަ ދަރިން ގޮވައިގެން ބަނޑުފުރާނަ މުއްތިކުރުމަށް ގުދާރު ބިންދައިގެންދާ ވަރަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރި ދެ މީހުންނެވެ. މަރު ތަންމައްޗާ ހަމަ އަށް ވެސް ތަންމަތިބަލީގެ އެއްވެސް އަލާމާތެއް އެ ދެމަފިރިންގެ ދިރިއުޅުމަކުން ނުފެނެ އެވެ.
އަބަދުވެސް އަވަދިނެތި އުޅުނީ ކޮންމެވެސް މަސައްކަތެއްގަ އެވެ؛ ވަލަށް ގޮސް ދަރު ހޯދުމުގަ އެވެ. 'ކަޅިބިތަށް' ގޮސް ވެލިހެދުމެވެ. ފަރުމައްޗަށް ގޮސް ބޮލިހިލުމުގަ އެވެ. ފަރުނުހިލާ ނަމަ ގޮނޑުދޮށުގައި ވަޅުލައި ފާކުރި ބޮނބިތައް ކޮނެގެން ނަގައި، މުގުރުބުރިއަކުން ތަޅައި ކުނޑި އާއި ނަރު ވަކިކޮށް ރޯނު ވެށުމުގެ މަސައްކަތުގަ އެވެ.
ނުވަތަ އަރައިގެން އަންނަ އިރާއެކު އިބިރާބެއްޔާ ދާނީ ރުއްއަރާށެވެ. ބަނދިބަނދިތަކުގައި ރުއްރުކުން ރާ ބާލައިގެން ގެއަށް ދިޔައީމަ އޭނާގެ އަންހެނުން އަވަދިނެތި އުޅޭނީ އެ ރަލުން ރާފޮނި ކައްކައި ހަކުރުހިލާށެވެ. ދިޔާހަކުރު ކައްކަމުން ފުޅިފުޅިއަށް އަޅަމުން ހިކި ކެޔޮފަތުގައި 'އައްޑޫ ބެނޑި' ފަރިތަކަމާ އެކު ބަންދުކުރާށެވެ.
އަސާރައަޅަން ބޭނުންވާ ބިލަމަގު އަވީގައި ލުމަށް ފަހު އޮޅަށް ގޮސް އަލަކަނޑައިގެން އައިސް އަލަ ވިއްކައި، ކައްކައި ތެލުލައި، ފޮނި ލޮނުކާޖާ ތައްޔާރުކުރުމުގެ ކުލަގަދަ މަސައްކަތުގަ އެވެ.
ދެމަފިރިންގެ މި ހަޔާތުގައި ރަހަ ހެޔޮވަރުކޮށްދިން މުރާލިކަމަކީ ހަގީގަތުގައި ވެސް ނަމޫނާއެކެވެ. ވަކިން ހާއްސަކޮށް މި ހުރިހާ މަންޒަރެއް އެންމެ ގާތުން ބަލަން ހުރި އަބްދުﷲ ވަހީދަށް ދުނިޔެ ނަގައިދިން އެންމެ ބޮޑު ފިލާވަޅަކީ މި އެވެ؛ ދިރިއުޅުމުގައި ކުރިއަށް ދާން މީހަކަށް ބަރޯސާވާކަށް ނުޖެހޭ ކަމެވެ. ދިރިއުޅުން ކާމިޔާބުކުރަން ބޭނުންވަނީ ސާބިތު ހިތްވަރެއް ކަމެވެ. ދެ ފައި މައްޗަށް ތެދުވާނީ އަމިއްލަ ދެ އަތުން މަސައްކަތްކޮށްގެން ކަމެވެ. އަދި އެއަށް ވުރެ ފޮނި ކާމިޔާބީއެއް އިންސާނެއްގެ ހަޔާތުގައި ނުމެވާ ކަމެވެ.
ބޮލިހިލައި، ބޮނބިތަޅައި، ބެނޑިހަދައި ވެލިހަދަން ނޫޅުނަސް، ސ. މީދޫ އަށް އުފަން އަބްދުﷲގެ 54 އަހަރުވީ ހަޔާތުގެ ދިރިއުޅުން އޭނާ ކޮޅަށް ޖަހާފައި އެ ވަނީ 'ބެޔާގެ އިބިރާ އާއި ބަރަނިބެއްޔާގެ ދިޔަ' ދަސްކޮށްދިން ފަލްސަފާއިންނެވެ.
މި ފަލްސަފާތަކާއި ހަނދާންތަކުގެ ތެރެއިން ނުކުމެގެން ގޮސް އަބްދުﷲ ދައްކާލީ ހަޔާތުގެ މި ދަތުރުގައި އައު މަންޒިލަކަށް ފުރަން އޭނާ ތައްޔާރުކުރަމުން ގެންދާ ސްޕީޑް ލޯންޗެކެވެ.
ސައްބީސް ފޫޓުގެ ފައިބަރު ލޯންޗު އެހެލާފައި އޮތީ އޭނާގެ ގޯތީގެ ބެކްޔާޑްގަ އެވެ. އެއީ ހުވަދޫ މީހެއްގެ އަތުން ގަނެގެން ގެނެސް ދަތުރަށް ފަރިކުރަމުން ގެންދާ ސްޕީޑް ލޯންޗެކެވެ. މި ލޯންޗު ނަލަކޮށް ދަތުރަށް ތައްޔާރުކޮށް ބޭލީމަ އަބްދުﷲގެ އަތުގައި ކަނޑުދަތުރަށް ހާއްސަ ތިން ލޯންޗު އޮންނާނެ އެވެ.
ރަށު ތެރޭގައި ޓެކްސީކުރަން އޭނާ ގެންގުޅޭ ރަތްކުލައިގެ ކާރު ގޭ ކުރިމަތީގައި ޕާކުކޮށްލާފައި އޮތެވެ. ގޭގައި އޭނާ ކުރިން ކަންމަތީ ފިހާރައެއް ހިންގި ތަން މިހާރު ހުރީ ގަރާޖަކަށް ބަދަލުކޮށްފަ އެވެ. ގަރާޖުގައި ސައިކަލުތައް ރޫޅައިގެން މަރާމާތުކުރަން ތިބީ އަބްދުﷲގެ ދަރިންނެވެ.
އޭނާ ދިރިއުޅޭ ކުރެދިމާގެ އަކީ ބައްޕަގެ ގޯތީގައި މަޑުމަޑުން އޭނާގެ ދެ އަތުން ބިނާކުރަމުން އަންނަ ހިޔަލެކެވެ. މުސްކުޅި ގެ ތަޅާލައި މި ގެ ރާނައި ދޮރުތައް އަރުވައި ސިމެންތި ޖަހައި ހިޔާކުރީ ވެސް އަމިއްލަ ދެ އަތުންނެވެ. ކޮންމެ ފަހަރަކު ހުވަދޫ އަތޮޅުން ލޯންޗެއް ގަނެގެން ގެއާ ހަމަ އަށް ގެންނަނީ ވެސް އެކަންޏެވެ. އެ ލޯންޗެއް މަރާމާތުކުރަން ޖެހުނަސް، ހަލްގަނޑެއް ގެނެސްގެން ލޯންޗެއް އެއްކޮށް ބަންނަން ޖެހުނަސް، ސާފުކުރަން ޖެހުނަސް އަދި އޭގައި ރެއާއިދުވާލު ދަތުރު އަޅަން ޖެހުނަސް އަބްދުﷲ ހުންނަނީ އަބަދުވެސް ތައްޔާރުވެގެންނެވެ. އޭނާގެ ދަރިންނާއި ދޮންދަރިން ކޮނޑަށް އަރުވައިގެން ފޫގަޅައިގެންނެވެ. އަބްދުﷲ އަކީ ހުރިހާ ކަނޑަކަށް ވެސް ކުޅަދާނަ އެފަދަ ދެވަނައެއް ނެތް ކައްޕިއެކެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ އިތުރު އެއްވެސް މީހަކަށް ބަރޯސާވެގެން ދިރިއުޅުމުގައި ކުރިއަށް ދާކަށް. އެއްވެސް ކަމެއް ކުރުމުގައި އެހެން މީހެއްގެ ތަޖުރިބާ އާއި އެހީތެރިކަން ވެސް ހޯދަން ވެސް ބޭނުމެއް ނުވޭ. ސަބަބަކީ މީހަކު އެއްވެސް ކަމެއް ދަސްކޮށްދީގެނެއް ނޫން އަޅުގަނޑު މި ހިސާބަށް އައީ. އެކަމަކު ފެނުނު މަންޒަރުން، ކަންކަމުން އަމިއްލަ އަށް ދަސްކުރި ހުނަރުން މި ހިސާބަށް އާދެވުނީ،" އަބްދުﷲ އޮތީ ޖޯލިފަތީގައި ޖައްސާލައިގެންނެވެ.
ފަރިކޮށް ނިމެމުންދާ ސްޕީޑް ލޯންޗާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހަޔާތުގެ މި ދަތުރުގައި އަނެއްކާވެސް އައު މަންޒިލުތަކެއް ފަތަހަކުރުމުގެ ފޮނި ހުވަފެން ބަލަމުންނެވެ.
"އަޅުގަނޑަށް މާ މުހިންމެއް ނޫން މާ ގިނަ ލާރިތަކެއް މިކަމުން ހޯދުން. އެއަށް ވުރެ މުހިންމީ އަމިއްލަ އަށް މަސައްކަތްކޮށްގެން ކައިގެންބޮއެގެން އުޅެވޭ ވަރުގެ ދިރިއުޅުމެއް ހޯދުން،" ލޯންޗާ ދިމާލަށް ބަލަހައްޓައިގެން އޮވެފައި އަބްދުﷲ ބުނެލި އެވެ.
އޮޔާއި ވަޔާ ދެކޮޅަށް
އިބިރާ އާއި ދިޔެ އަށް އަބްދުﷲ ލިބުނުއިރު އެ ދެމަފިރިންގެ 10 ކުދިން ތިއްބެވެ. އަބްދުﷲ އަކީ އެންމެ ހަގު މީހާ އެވެ. އަދި އިބިރާ އާއި ދިޔެގެ ކައިވެންޏަށް ލިބުނު ހަމައެކަނި އައުލާދު ވެސް މެ އެވެ. އެހެންކަމުން ދެމަފިރިންނާ އެންމެ ގާތުގައި، އެ މީހުންގެ ފިޔަވަޅުމަތިން ކޮންމެ ދުވަހަކު ވެސް ހިނގީ އަބްދުﷲ އެވެ.
ފުރާވަރަށް އަރަންދެން އޭނާ އުޅުނީ ރަށުގަ އެވެ. ގޭގަ އެވެ. އެހެން އުޅެފައި އުމުރުން 15 އަހަރުގައި އޭނާ ފުރައިގެން ދިޔައީ ރިސޯޓަކަށެވެ. ވެލިގަނޑުހުރާ އަށެވެ. އެތަނަށް ގޮސް ތިން މަސް ވަންދެން ލޯންޑުރީގައި މަސައްކަތްކުރުމަށް ފަހު ދެން ބަދަލުވީ ފަޅުވެރިޔަކަށެވެ.
އެ ރިސޯޓުގައި އޭނާ ދޯނި ފަޅުވެރިއެއްގެ ގޮތުގައި 11 އަހަރު ހޭދަކުރި އެވެ. ލޯންޗު ދުއްވަން ދަސްކޮށް، ލައިސަންސް ނަގައި، ފަސްއެނބުރި ބެލުމެއް ނެތް ދަތުރަކަށް ގިޔަރުކެނޑީ އެ ހިސާބުގަ އެވެ. އޭރު އޭނާ ގެންދިޔައީ ރިސޯޓުތަކުގެ ލޯންޗު ސެކްޝަންތަކުން ތަޖުރިބާ އެއްކުރަމުން ލޯންޗުފަހަރު މަރާމާތުކުރުމުގެ މަސައްކަތް އެކި ވޯކްޝޮޕްތަކުން ވެސް ދަސްކުރަމުންނެވެ.
ކައްޕިއެއްގެ ތޮފި އަޅައިގެން ފެށި މި ދަތުރުގައި އަބްދުﷲ އާ އުސްމިނަކަށް ގެންގޮސްދިނީ ރިސޯޓް އިންޑަސްޓްރީގައި ހޭދަކުރި 20 އަހަރު ނިމުމަކަށް ގެނެސް ބޭރުގެ ކުންފުންޏަކާ ގުޅުނު ހިސާބުންނެވެ. ރާއްޖޭގެ ރަށްރަށުގެ ބަނދަރުހެދުމާއި ތޮށިލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑެންމާކުގެ ހޯގާޑު ކުންފުނީގައި ލޯންޗު ދުއްވަން އުޅެފައި އެ ހުރިހާ ތަޖުރިބާއެއް ހިފައިގެން ގޮސް އޭނާ އެންމެފަހުން ބީއްސާލީ އުފަން ރަށަށެވެ.
އަބަދުވެސް އަމިއްލަ މަސައްކަތެއް ކޮށްގެން އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ރޭސް އެ ހިސާބުން ފެށުނީ އެވެ.
"އެއްކުރި ފައިސާ އަށް އަޅުގަނޑު ގަތީ ދޯންޏަކާއި ޕިކަޕެއް. އެ ދޯނީގައި އެންމެ ފުރަތަމަ ބިދޭސީން ގޮވައިގެން އުޅުނީ ވެލިނަގަން. އެކަމަކު އެއީ އެއްވެސް މީހަކަށް ބަރޯސާނުވާން އަޅުގަނޑަށް ލިބުނު ރަނގަޅު ފިލާވަޅެއް،" އެ ދޯނި ވިއްކާލާފައި އަބްދުﷲ ދެން އުޅުނީ ރަށުގައި ޕިކަޕް ދުއްވާށެވެ.
"ކުރިއަށް ގޮސް، ފަހަތަށް ގޮސް، އެކަހަލަ ގޮތަކަށް އެންމެ ފުރަތަމަ އުޅުނީ. އެކަމަކު އަޅުގަނޑުގެ އަންހެނުންނާއި ދަރިންނަކީ މި ހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސިއްރު."
އޭނާ ލޯންޗު މަރާމާތުކުރާއިރު ވެސް އެންމެ ގާތުގައި ފާޑުކިޔައި މަގު ދައްކަން ހުންނަނީ އަންހެނުންނެވެ. ލޯންޗުގައި ދަތުރުއަޅައި ވަރުބަލިވީމަ ބާކީ ދަތުރުތަކަށް އަރައި ތިބެނީ އޭނާގެ ކުދިންނެވެ. އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުކުރަން ވެސް އޭނާއާ އެކު ތިބެނީ އަމިއްލަ ކުދިންނެވެ. ގޭގައި ސިމެންތި ޖަހައި ހިޔާކުރިއިރު އަތްގާތްކޮށްދޭން އޭނާގެ އަންހެނުންނާއި ކުދިން ފިޔަވައި އިތުރު ބަޔަކު ނެތެވެ.
ހުރިހާ މަސައްކަތެއްގައި ވެސް އަބްދުﷲ އުޅެނީ އޭނާގެ ކުދިން ގޮވައިގެންނެވެ. އަތުން ފައިން ކުރަން ޖެހުނު ހުރިހާ ކަމަކަށް އޭނާ ވަނީ އެންމެން ތައްޔާރުކޮށްފަ އެވެ. އަމިއްލަ އަށް އަމިއްލަ ދިރިއުޅުން ކޮޅަށް ޖަހަން އޭނާގެ އަމާ އާއި ބައްޕަގެ ދިރިއުޅުން ނަގައިދިން ފިލާވަޅުން އިބްރަތް ހާސިލުކޮށްގެންނެވެ.
"މިގޮތަށް އެކަނި މަސައްކަތްކުރާއިރު އަޅުގަނޑުގެ މި އާއިލާގެ ހުރިހާ ކުދިންނާއި އަންހެނުން ވެސް އުޅޭނެ ސިމެންތި ޖަހަން ވެސް، ރާނަން ވެސް، ސީލިންގު އަޅަން ވެސް. ހިޔާކުރަން ވެސް. އެއީ ސިއްރަކީ،" އަބްދުﷲ ބުނެލި އެވެ.
"ހުރިހާ ކަމެއްގައި އަމަލީ ގޮތުން ހުރިހާ ކުދިން ވެސް ހަރަކާތްތެރިވާނެ. މިހާރު ބައެއް ކުދިން އަމިއްލަ އަށް ރާނައިގެން ސިމެންތި ޖަހައިގެން ދިރިއުޅޭނެ ކޮޓަރިތައް އަމިއްލަ އަށް ހަދައިގެން އެ އުޅެނީ."
މި ދަތުރުގައި ފަސްއެނބުރި ބެލުމެއް ނެތް
އަބްދުﷲގެ ތިބީ އަށް ކުދިންނެވެ. ހަ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. އޭނާ މިހާރު ބަލާ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ދިރިއުޅުމުގައި ފެޅި މި ކުރިތައް އޭގެ އަމިއްލަ ޒާތުގައި ރޯވެ ހެދި ހިޔައު ލިބޭނެ ދުވަހެކެވެ. މިހާރު ވެސް އޭނާ އެ އޮތީ ހަގީގަތުގައި އެ ހިޔަލުގައި ޖޯލި އަޅައިގެން ޖައްސާލައިގެންނެވެ.
އެކަމަކު ހަގަށް ހުރި އަންހެން ދަރި ވެސް ލޯންޗެއްގެ ކައްޕިއަކަށް ހަދަން އޭނާ ބޭނުމެވެ. އަދި އެ ހުރިހާ ދަރިން ވެސް ހަޔާތުގެ އެންމެ ގަދަ ކަނޑަށް ތައްޔާރުކޮށްފައި ބޭތިއްބުމަކީ އޭނާ ބަލާ ހުވަފެނެވެ.
"މިހާރު އަޅުގަނޑާ އެކު ލޯންޗު ދުއްވާ އަޅުގަނޑުގެ އަމިއްލަ ދަރިންނަށް ވެސް ތަމްރީނުދީ ލައިސަންސް ނަގަން ތަމްރީނު ހެދީ ވެސް އަޅުގަނޑުގެ ބެލުމުގެ ދަށުން. އަޅުގަނޑު ވަރުބަލިވީމަ މި ލޯންޗުތަކުން ދަތުރުކުރާނީ އެ ކުދިން،" އަބްދުﷲ ބުނެލި އެވެ.
"އަޅުގަނޑުގެ ދެވަނަ އަންހެން ދަރިފުޅު ވެސް މިގޮތަށް ލޯންޗު ދުއްވޭ ވަރަށް ތަމްރީނުކޮށް ލައިސަންސް ނެގޭ ވަރަށް ތަމްރީނުކުރުމަކީ އަޅުގަނޑުގެ ހުވަފެނެއް. އެއީ އޭނަގެ ވެސް ހުވަފެނެއް."
ލޯންޗުގައި ދަތުރު އަޅަމުން، ކާރުގައި ޓެކްސީކުރަމުން ހަގަށް ތިބި ކުދިން ސްކޫލަށް ގެންގޮސް ގެއަށް ގެނެސް އެ ހުރިހާ ކުދިން ގޮވައިގެން މަސައްކަތުގައި އަވަދިނެތި އުޅޭއިރު އަބްދުﷲ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މި ހަޔާތުގައި ޖެހޭ ފިނި ވަޔެވެ. ސްޕީޑް ލޯންޗެއްގައި ވައިކަފަމުންދާއިރު ހުވަފެންތައް ކުލަކުރަމުންދާއިރު ހިތަށް ލިބޭ އެ ފިނިކަމެވެ.
މި ޖޯލީގައި ޖައްސާލައިގެން އޮންނައިރު ވެސް ކާމިޔާބީގެ ގަސްކަރަ މިހާރު އޭނާ އަށް އެބަ ފެނެ އެވެ. ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއަކަށް އެންމެފަހުން އަބްދުﷲގެ އަމިއްލަ ދިރިއުޅުން ބަދަލުކޮށްލެވުނީމަ އެވެ.
"އަޅުގަނޑުގެ އަމާއި ބައްޕަ އާމްދަނީ ހޯދީ ދަރު ހޯދައިގެންނާއި ބޮލިހިލައިގެންނާއި ރޯނުވަށައިގެން. ރާއަރައިގެން ބެނޑި ހަދައިގެން. ރިހާކުރު ކައްކައިގެން. އޮޅުއަލަ ހައްދައިގެން. ކުރަން ޖެހުނު ހުރިހާ ކަމެއް ކޮށްގެން އަޅުގަނޑު ބަލައިބޮޑުކުރީ އެ އަމާ އާއި ބައްޕަ،" ފަހުރުވެރިކަމާ އެކުގައި އަބްދުﷲ އަނެއްކާވެސް ބުނެލި އެވެ.
މައިންބަފައިންގެ މުރާލި އެ ދިރިއުޅުން އުފެއްދި މޯހިރުގައި އަބްދުﷲ އެ ދަނީ ދިރިއުޅުމުގެ މުޅިން އެހެން ދުވެއްޔެއް އަމިއްލަ ދަރިންނަށް ތަމްސީލުކޮށްދެމުންނެވެ. ކުރަން ޖެހުނު އެއްވެސް ކަމަކަށް އެއްވެސް ފަސްޖެހުމެއް ނެތި ވައިކަފަމުން ކުރިއަށެވެ. އަނބިދަރިން ކޮނޑަށް ލައިގެން ކާމިޔާބީގެ ގަސްކަރަ އަށް ދުރުމިއަޅައި ފޯކަސްކުރަމުންނެވެ.
ކާމިޔާބީގެ އެ ގަސްކަރަ ބަލާފައި އެނބުރި އަންނަ ގޮތަކަށް ނޫނެވެ. އިތުރު އައު މަންޒިލުތައް ހޯދުމުގެ ބުންވަރުގަ އެވެ.
ކޮމެންޓް (2)
ސޯދު
މީދޫ މީހާ