ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައި ފޯރިއަށް ހުންނަ ނާސިރު އިންޓަވިއުއަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

ރާޅުފަށް

ކޯގަންނުން ގަބުރު ހިނގާ އަޑު އަދި ސުވާދީބުން ބަޑިތަޅާ އަޑު

އުމުރުން 81 އަހަރުގެ ނާސިރަކީ ކޯގަންނު ގަބުރުސްތާނުގައި 24 ގަޑިއިރު ފޯރިމަރަން ކައުންސިލުން ހިންގާ ހާއްސަ 'މިޝަންއެއް' ގައި ހިމެނޭ ހަތަރު މެމްބަރުންގެ ތެރެއިން އެކަކެވެ. އަދި ޔަގީނަށް ވެސް މި ސްޕެޝަލް ފޯސްގެ އެންމެ ސްޕެޝަލް މެމްބަރެވެ. ސަބަބުތައް އޭނާ ކިޔައިދިނެވެ.
21 ޖެނުއަރީ 2024
5

"މިހެން އޮންނައިރު ގަބުރުތައް ތެދުވެ ހިނގާ އަޑު އިވޭ. އެކަމަކު މަށަކީ އަދި ގަބުރަކަށް ހަންޑިއަކަށް ބިރުގަންނާނެ މީހެއް ނޫން. މަށަކީ ސުވާދީބު ސަރުކާރުގައި ފުލުހަކަށް އުޅުނު މީހެކޭ. މާލެއިން ސިފައިން އާދޭތޯ ބަލަން ރަށު ތެރޭގައި ވެސް ނުނިދާ އުޅުނު މީހެކޭ. މި މުލައްދަނޑި އާއި އަތުކުރި ވެސް ހީވާނީ ބޮޑު ދެ ރުއްބުރިހެން އޭރު،" ގޮނޑީގައި ހަމަޖެހިލައިގެން އޮވެފައި ކުއްލިއަކަށް ފުންމައިގެން އައިސް ދެ އަތް އަހަންނާ ދިމާލަށް ދިއްކޮށް މުއްކަވައި އެ އަތުގައިވީ ބާރު އޭނާ ދައްކާލި އެވެ.

އެއް ޒަމާނެއްގައި ދެ ރުއްގަނޑުހެން ހީވިޔަސް އެ ދެ އަތުގައި މިއަދު އެ ވަނީ ރޫޖެހި، މަސްގަނޑު ދޫވެ މުސްކުޅިވެފަ އެވެ. ތުރުތުރުއަޅަމުން ދިޔަ ދެ އަތް މަޑުމަޑުން ދަމައި އުނގަށް ލައިގެން އޭނާ އަނެއްކާވެސް އެ ޕްލާސްޓިކު ގޮނޑީގައި ހަމަޖެހިގަތެވެ. މިއީ ސ. މީދޫ ހުވަނދުމާވާދީ މުހައްމަދު ނާސިރެވެ.

"މުހައްމަދުރަހާގެ އަހައްމަދު މަނިކުހާނުގެ މުހައްމާދީއައު މަށް ކޭނެއި. ނުވަތަ ކަޅިހާރި ތައްކާނުގެ އައިސާއްދީގެ މުހައްމާދީ އައު. އެކަމަކު ހުވަނދުމާ ވާދީ މުހައްމަދު ނާސިރުއޭ ބުނީމަ ނޭނގޭ އެކަކު ވެސް ހީއެއް ނުވޭ މި ރަށުގައި ހުންނާނެހެން."

ނާސިރު އޭނާގެ ހަޔާތުގެ ވާހަކަތައް ކޯގަންނު ގަބުރުސްތާނުގައި އިނދެ ކިޔައިދެނީ. (ދައުރު ފޮޓޯ)
ނާސިރު ބުނަނީ އޭނާ އެއްވެސް ކަމަކަށް ޖެހިލުންނުވާ ކަމަށް. (ދައުރު ފޮޓޯ)

މީގެ 65 އަހަރު ކުރިން ސުވާދީބު ޖުމްހޫރިއްޔާގެ ދިފާއުގައި މުގުރުބުރިއެއް ހިފައިގެން 'ފުލުސް ޔުނިފޯމު' އަޅައިގެން ރޭގަނޑު ދަންވަރު ނުނިދައި ރަށު ތެރޭގައި ފޯރިމަރަން އުޅުނު ނާސިރު މިރޭ ދަންވަރު ބާރަ ޖަހަންދެން އިންނާނީ މި ކޯގަންނު ގަބުރުސްތާނުގައި ފޯރި އަށެވެ.

ކޯގަންނުގެ ފަނޑިޔާރު މިސްކިތުގެ ފެންޑާގައި ގޮނޑިއެއް އަޅައިގެން އެ އިން ގޮތަށެވެ.  ގަބުރުތައް ތެދުވެ ހިނގާބިނގާވެ އުޅޭތޯ ބަލާކަށް ނޫނެވެ. އެކަމަކު ކަށްގަލަށް ހަމަލާ ދޭ މީހަކު ވަގުޖަހަމުން އާދޭތޯ ބަލާށެވެ.

އުމުރުން 81 އަހަރުގެ ނާސިރަކީ ކޯގަންނު ގަބުރުސްތާނުގައި 24 ގަޑިއިރު ފޯރިމަރަން ކައުންސިލުން ހިންގާ ހާއްސަ 'މިޝަންއެއް' ގައި ހިމެނޭ ހަތަރު މެމްބަރުންގެ ތެރެއިން އެކަކެވެ. އަދި ޔަގީނަށް ވެސް މި ސްޕެޝަލް ފޯސްގެ އެންމެ ސްޕެޝަލް މެމްބަރެވެ. ޒަމާނީ ޓެކްނޮލޮޖީއަށް ވުރެން ވެސް ތޫނުވެފައި ހުސިޔާރު ދެ ލޮލެވެ.

މުސްކުޅިވެ ގައިން ބާރު ދޫވެފައިވިޔަސް، ރަށުގެ އެންމެ އަގުބޮޑު އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ފޯރިމަރަން ނުކުތުމުގެ ޝަރުތު އެންމެ ފުރިހަމައަށް ފުރިހަމަވާ ފަހުލަވާނަކީ އޭނާ އެވެ.

"އަޅުގަނޑު ގޭގައި އިންދައި މިވެރިން އައިސް ބުނީ މިކަމަށް ހަމަ އެންމެ ކުޅަދާނަ މީހަކަށް ވާނީ އަޅުގަނޑޭ،" މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ލިބުނު ވަޒީފާއާ ބެހޭ ގޮތުން ނާސިރު ބުނެލި އެވެ.

އެކަމަކު މި ވަޒީފާ އަކީ އޭނާ އެހާ ގަޔާވާ ވަޒީފާއެއްހެނެއް ހިއެއްނުވެ އެވެ.

ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައި ފޯރިއަށް ހުންނަ ނާސިރު ދައުރުގެ ރާޅުފަށަށް ދިން އިންޓަވިއުގެ ތެރެއިން. (ދައުރު ފޮޓޯ: އަލީ ނާސިރު)

"ރަމަޟާން ބޯނަސްއެއް ނުދޭ. އަހަރީ ޗުއްޓީއެއް ނުލިބޭ. އެއްވެސް ބަންދު ދުވަހެއް ނުލިބޭ. އެހާ ވަރަށް މަދިރި ހަފާއިރު މަދިރި ދުންދަނޑިގަނޑެއްހާތާ ވެސް ނުދޭ. ބޯލާނެ ފެން ފުޅިއެއް ވެސް ނުދޭ. ފާހާނާކުރެވޭނެ ގޮތެއް މިތަނުގައި ނެތް. އެހެންވީމަ މިއީ ތުރާލެއް ކަހަލަ ވަޒީފާއެއް ނޫންތޯ؟" ސަމާސާ ރާގެއް އަޅުވައިގެން ގޮސް އަމިއްލަ ރާގަކުން ނިންމާލި އެވެ.

ފަހަރުގައި މި ވަޒީފާ އޭނާއަށް އެހާ ކަމުނުދަނީ އެ ކިޔައިދިން ސަބަބުތަކާ ހެދިއެއް ނޫނެވެ. ފަހަރުގައި، އެއްވެސް ކަމެއްނުކޮށް އެތައް ގަޑިއިރެއް ވަންދެން ގޮނޑިއެއްގައި އިންނަން ޖެހޭ ޒާތުގެ ވަޒީފާއަކަށްވީމަ އެވެ.

"ޔާރައްބީ. ދަރިޔާ ބޭބެ މިއީ ހާދަ މަސައްކަތެއް އަތުން ފައިންކޮށް އުޅުނު މީހެކޭ. އަޅުގަނޑު ކުރަން ނުދަންނަ ކަމެއް، ކުރަން ނުކެރޭ ކަމެއް ލާހިކެއް ނޫން އެހެން މީހަކަށް ކުރާކަށް. އެކަމަކު މިހާރު މިތަނުގައި ހަމަ މިހެން އިންނަން މި ޖެހެނީ،" ނާސިރު ބުނެލި އެވެ.

ކޯގަންނު ގަބުރުސްތާނުގައި ފޫހިވެފައި އިންނަން ޖެހުނަސް ނާސިރު އަނގަތަޅުވަން ފެށީމަ އެ ފޫހިކަން އިސާހިތަކު ބިރުން ފިލައިފި އެވެ. އަދި އޭނާ ކިޔައިދެމުން ދިޔަ ވާހަކަތައް އަހަރެން ގޮވައިގެން އެ ހަޔާތުގެ އެކި ޒަމާންތަކުގައި ބުރުޖަހަމުން އެތަންމިތަނަށް ތިރިކުރަން ފަށައިފި އެވެ.

ނާސިރު މި ގަބުރުސްތާނުގައި ފޯރިމަރާތާ މިހާރު ހަތަރު އަހަރުވެއްޖެ. (ދައުރު ފޮޓޯ)

ހުވަނދުމާވާދީ މުހައްމަދު ނާސިރަކީ މީދޫ މުހައްމަދުރަހާގެ އަހައްމަދު މަނިކުހާނަށް ލިބުނު ފަސް ކުދިންގެ ތެރެއިން ތިންވަނަ އެވެ. އޭނާގެ ބައްޕަ އަކީ ދަނޑުގޮވާންކޮށްގެން އެ ޒަމާނުގެ ނިސްބަތުން ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ހީވާގި މުރާލި ހިތްވަރެކެވެ. އެކަމަކު އަހައްމަދު މަނިކުހާނު އޭނާގެ ކުދިންނާ ވަކިވެގެން ދިޔައީ މާ އަވަހަށެވެ.

"އަޅުގަނޑުގެ ބައްޕަ މަރުވި ހަފުތާގައި އަޅުގަނޑުގެ އަމާ ވެސް މަރުވެއްޖެ. އޭރު އަދި އަމާގެ އެންމެ ހަގު މީހާއަށް އަހަރު ވެސް ނުފުރޭ،" ނާސިރުގެ އަޑު އެ ހިސާބުން އިރުކޮޅަކަށް ކެނޑިއްޖެ އެވެ.

އެއަށް ފަހު ފަށައިގަތީ ބައްޕަ އޭނައަށް ދަސްކޮށްދިންހާ ދަނޑުގޮވާމުގެ މަސައްކަތްތަކުންނެވެ. އުފާވެރި ހަނދާންތަކެއްގެ ކުރި އަނެއްކާވެސް ނުކުމެ ރޯވެގަތެވެ.

"އަޅުގަނޑު ކުރި ޖެހިން. ކުރިއަކީ ކައްޓަލަ ކުރި ވާހަކަ. އަލަ ހެއްދިން. ފުރައްދެ އަލަ ވެސް ހެއްދިން. ޒުވާރި އިންދިން. ދެން ކޯއްޗެއް؟ ކުދިބަތް، ބިންބި ވެސް ލިން. އަޅުގަނޑުގެ އަތުގައި އޭރު އޮންނާނެ ހަތަރު އޮޅު. ހާދަ ބަޔަކު އާދެއޭ އަލަ އާއި ކައްޓަލަ ގަންނަން އޭރު،" ނާސިރުގެ އަޑުގައި އަނެއްކާވެސް ފޯރި ހިފައި ދޮންވެ ފައްކާވެއްޖެ އެވެ.  

"އަޅުގަނޑުގެ ބައްޕަ އަކީ ވެސް ހައެއްކަ މީހުން ގޮވައިގެން ދަނޑުގޮވާންކުރަން އުޅުނު މީހެއް. އަޅުގަނޑު އެ ހުރިހާ ކަމެއް ދަސްކުރީ ބައްޕަ ކައިރިން. ބައްޕަ ދަނޑަށް ދާނީ އަޅުގަނޑު ވެސް ގޮވައިގެން. އަޅުގަނޑު އުޅޭނީ އަތްގާތްކޮށްދޭން. ދެން ގޮވާންކޮށް ނިމިގެން އެތަނުގައި ކައްކައިގެން ކައިގެން ގެއަށް ވެސް ދާނީ. އެއީ ވާ ޒަމާނަކީ."

އެ ޒަމާނުގައި އުޅެފައި ކުއްލިއަކަށް ފަލިޖަހައިގެންފައި ގޮސް ދެން ނުކުތީ މާ ކަނޑަށެވެ. ދިހަ ފަލީގެ މަސް ދޯންޏެއްގަ އެވެ. މަސްއޮޑިރައިވަރު ކިޔަމުން ދެ ރުއްބުރިހެން ހީވާ މުލައްދަނޑީގައިވީ ބާރު ސާބިތުކޮށްދެމުންނެވެ.

ކޯގަންނު ގަބުރުސްތާނުގެ ފަނޑިޔާރު މިސްކިތުގެ ފެންޑާގައި ނާސިރު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

"އަޅުގަނޑު އިންނާނީ ފަލިޖަހަން. ފަލީގެ މަސްވެރިކަމުގައި އުޅުމަށް ފަހު ލާނދާ އުކަން ވެސް ދިޔައީމޭ. އެކަން ވެސް ދަސްކުރީ ބައްޕަ ކައިރިން. ބައްޕަ އަކީ ވެސް ގަދައަށް ލާނދާ އުކަން ގޮސް އުޅުނު މީހެއް،" ނާސިރުގެ މަސްވެރި ވާހަކަތަކުގައި އަހަރެން ގޮސް ޖެހުނީ އެއްވެސް ބާރެއް ނެތް ފަރު މަހެއް ފަދައިންނެވެ.

"މިހާރު ވެސް އަޅުގަނޑުގެ އަތުގައި އޮންނާނެ ނުލާހިކު ފެންވަރުގެ ލާނދަލެއް. އެކަމަކު މަސްވެރިކަމެއްގައި ނުދާތާ ވަރަށް ދުވަސްވެއްޖެ."

ނަމަވެސް ނާސިރުގެ މި ހަޔާތަކީ އަބަދުވެސް ކޮންމެވެސް އެޑްވެންޗާއަކުން އަރަމުން ވެއްޓެމުން ދިޔަ ދަތުރެކެވެ. އަދި އޭނާ ކިޔައިދިން ގޮތުން ނަމަ ދިރިއުޅުމުގެ އެންމެ ޗާރާ ޒަމާނެއް ފެނި ތަޖުރިބާކޮށްލަން ލިބުނީ މައި ސަރުކާރުން ވަކިވެ އައްޑޫގައި އުފަންކުރުވި ސުވާދީބު ދައުލަތުގެ ކުލަ ބޮކިތައް ދިއްލެމުން ދިޔަ ޖައްވުގަ އެވެ.

"މުޅި އައްޑޫ އަތޮޅުން އޭރު ތިބޭނީ ހުރިހާ ރަށްތަކުން އެންމެ ވަރުގަދަ 'ދެޅެހި' މީހުންތައް ހޮވައި ރަށް ބަލަހައްޓަން ނެރެފައި. އޭރު 24 ގަޑިއިރު، ހަތަރު ޝިފްޓަކަށް ބަހައިގެން ފޯރިމަރަން ތިބޭނީ މުޅި ރަށުގައި. މުޅި ރަށް ވަށައި ފޯރިމަރަން ތިބޭނީ މާލޭ ސިފައިން އާދޭތޯ ބަލަން،" އެންމެ ޒުވާން ދުވަސްވަރުގެ އެންމެ ވަރުގަދަ ހަނދާންތަކުން ނާސިރު އެތިފަހަރެއް އަޅުވައިލި އެވެ.

"ދެން މައި ސަރުކާރުގެ އެއްވެސް ސިފައިންގެ ބަޔަކަށް އައްޑޫއަކަށް އެތެރެ ނުވެވުނީމަ އަހަރެމެންނާ ދިމާލަށް އެމީހުން ކިޔަން ފެށީ މަގޫދަނޑި ސަރުކާރޭ. ހިތުން އަހަރެމެން ދެރަކޮށްލަންވެގެން. އެކަމަކު މަނަވަރުން ބަޑި ތަޅާލީމަ ބިރުން ދުއްވައިގަތީ މާލެއިން އައި ސިފައިންނޭ."

"އެހެންވީމަ ކޮން ބައެއްތަ މަގޫދަނޑި މިވީ މިހާރު؟"

ނާސިރުގެ އަޑުން ސުވާދީބުގެ ބޮޑު ބަޑި ޖަހައިގަތެވެ.

"ސުވާދީބުގެ ދައުލަތް ދެމިއޮތް ނަމަ މިއަދު ވެސް އައްޑޫއަށް މާ މޮޅުވާނެ. އޭރު ހުރިހާ ކަމެއް ވެސް މާ ރަނގަޅޭ. މިއަށް ވުރެ މާ ރަނގަޅަށް ކަންކަން އިންތިޒާމުވެ ހަމަޖެހިފައި އޮތީ. ބޭނުން ހުރިހާ އެއްޗެއް ލިބޭ، ބޭނުން ކޮންމެ ކަމެއް ކުރެވޭ. އަދި ބޭނުން ކޮންމެ އެއްޗެއް ނުލާހިކު އަގުހެޔޮކޮށް ލިބޭ،" އޭނާގެ މި ފަތިވަރު ހުސްނުވާނެ ކަމުގެ އިންޒާރު ދެމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަނެއްކޮޅުން އިނގިރޭސި ސިފައިން ގަމުގައި ތިބީމަ މުޅި އައްޑޫ ރައްޔިތުން އުޅުނީ ވަރަށް ތަނަވަސްކޮށް."

އިންޓަވިއުއަށް ފަހު ނާސިރު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

މިހައި ހިސާބުން އެ ރަން ޒަމާނުން ނާސިރުގެ ކުލަ ފޮޓޯގަނޑެއް ސިފަކޮށްދޭން ފެށުމުން އޭގައިވީ ހުރިހާ ކުލައަކާއި މަންޒަރެއް ދިރިގެން ލޯ ކުރިމަތީގައި ދައުރުވެގަތެވެ.

މަސައްކަތް ނިންމާލާފައި ހަވީރު ފިންޏަށް ނަލަވެ ބޮލުގައި ތެޔޮލައި އޮމާންކޮށްލައިގެން އިނގިރޭސި ޑަންހިލް ސިނގިރޭޓެއް ރޯކޮށް ދުންއަރުވަމުން، ޕައުންޑުން ކަނޑަމުން މީރު ބުއިންތަކާއި ރިވެތި ހެދުންތައް އަންހެންކުދިންގެ އުނގަށް އުކަމުން، ހިތްތައް ކަތިލަމުން ގެންދިޔަ ފިލްމީ މަންޒަރެކެވެ.

"ރަށުގައި ތިބި އަންހެންވެރިން އެ ދުވަސްވަރު އަޅުގަނޑާ ހެދި ހަމަ ދަންޖެހުނީ. އެންމެ ޒުވާން ކުދިންތައް. އެންމެ ރީތި، އެންމެ ދޮން ކުދިންތައް،" ސަމާސާ ޕައުންޑުން ކަނޑައި ނާސިރުގެ ވާހަކަ މާރުކޮށްލި އެވެ.

"އަޅުގަނޑު އިނީމޭ ހަތް މީހުންނާ. އެއީ މި ރަށުގައި ތިބި އެންމެ ރީތި އަންހެންކުދިން އޭރު. އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަކީ އެއްވެސް ހަޔާތެއް ނެތް ބައެއް."

ނާސިރުގެ ފިލްމީ އެ ހަޔާތުގައި ލޯތްބާ އެއްވަރަށް ބޭވަފާތެރިކަމުގެ ކެއްސުން ވެސް އޮތެވެ. އެ ހުރިހާ ވާހަކަތައް ތަފްސީލުކޮށް ކިޔައިދޭ ހިތުން އޭނާ ކިޔައިދިން ނަމަވެސް އެ މަންޒަރުތައް ސެންސަރުކުރުމަށް ފަހު އޭނާގެ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލީމެވެ. އަދި މިއީ އޭނާ އެންމެ ފަހުރުވެރިވާ އުސް ހަޔާތް ވެސް މެ އެވެ.

"އަޅުގަނޑު އެންމެ ގިނަ ދުވަހު އުޅުނީ އިލެކްޓުރީޝަނަކަށް،" ނާސިރުގެ ހަޔާތުގެ އެންމެ ފަހުރުވެރި އެ ޗެޕްޓަރު ހުޅުވައި ކަރަންޓު ދޫކޮށް ދިއްލާލި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު އުޅުނީ އިނގިރޭސި ސިފައިންނާ އެކު އެމީހުންނަށް އަތްގާތްކޮށްދޭން. އެގޮތަށް ފަށައިގެން ކަރަންޓު ވަޔަރުކުރާ މީހަކަށް އަޅުގަނޑު އުޅުނީމޭ 15 އަހަރު ވަންދެން. އޭރު ރަށުން ފުރައިގެން ބޮއްކުރާއެއްގައި ފަލިޖަހާފައި ގަމަށް ދާތީ ހަ ޝިލިންގު ހަތަރު ޕެނީ ލިބޭނެ،" އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަށް އޭރު ކަރަންޓުގައި ކުރަން ނޭނގޭ ކަމެއް ނޯންނާނެ. މިހާރު ވެސް ކަރަންޓު ވަޔަރިންކުރުމުގެ ދާއިރާ އިން އަޅުގަނޑުގެ އަތުގައި އޮންނާނެ ދިވެހި ސަރުކާރުން ދީފައި އޮންނަ ރަސްމީ ސަނަދެއް ވެސް. އިނގިރޭސި ބްރިޓިސް ސަރުކާރުން ދީފައި އޮންނަ ސަނަދެއް ވެސް އޮންނާނެ."

"އޭރު ލިބޭނީ ޕައުންޑު. އަދި ސުވާދީބު ދައުލަތާ އެކު ދިވެހި ދޯނި ޖެހި ކަރުދާސް ފައިސާތައް ވީދައި ކުދިކުދިކޮށްލީ އަޅުގަނޑުމެން."

"އިނގިރޭސި ސިފައިންގެ އެންމެ ފަހު ފްލައިޓު ފުރަންދެން އަޅުގަނޑު އުޅުނިން ގަމުގައި މަސައްކަތްކުރަން. ފަހުން އޯޝަން ރީފުގައި. އީކުއޭޓާ ވިލެޖުގައި ހަތަރު އަހަރު އުޅުނިން. އެއާޕޯޓް އޮތޯރިޓީގެ އޮފީހުގައި ވެސް 15 އަހަރު މަސައްކަތްކުރިން އިލެކްޓްރިޝަނަކަށް."

ނާސިރު ފަނޑިޔާރު މިސްކިތުގެ ފެންޑާގައި ގޮނޑިއެއް އަޅައިގެން ޑިއުޓީ މަރަނީ. (ދައުރު ފޮޓޯ)
ނާސިރު ފަނޑިޔާރު މިސްކިތުގެ ބޭރުގައި އޭނާގެ ރަސްމީ ޑިއުޓީގައި. (ދައުރު ފޮޓޯ)

ނަމަވެސް ނާސިރުގެ ހަޔާތުގައި އެ ޒަމާނުން ކަރަންޓު ގޮސް، އެ ކުލަ ބޮކިތައް ނިވި އަނދިރިވިތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އެ ހަނދާންތައް އަދިވެސް، މިއަދު ވެސް އޭނާގެ ބޮލުތެރޭގައި ކުލައިން ނިވިދިއްލޭކަމީ ޝައްކެއް އުފެދޭ ކަމެއް ނޫނެވެ.

އެންމެފަހުން މި އަނގައެއްތަޅަން ތިއްބައި ކޯގަންނު ގަބުރުސްތާނަށް ވެސް އަނދިރިކަން ވެރިވެއްޖެ އެވެ. މިސްކިތުގެ ފެންޑާގައި އޮތް ކުޑަ ވަށް ބޮކި ކުއްލިއަކަށް ހުދު އައްޔަކުން ދިއްލިއްޖެ އެވެ. އެކަމަކު ދެން ވެސް ވަށައިގެން ވަނީ ނާމާން އަނދިރިކަމެވެ. ގަބުރުތަކެވެ.

އިރުކޮޅެއް ނުވެ ފިޔަވަޅުތަކެއްގެ އަޑު ގަބުރުސްތާނުގެ ކަށިވެލިލީ ހަނި މަގުތަކުން އިވެން ފަށައިފި އެވެ. އެއާ އެކު ނާސިރު އެންމެ ކުރިން ދިން އިންޒާރު ވަގުތުން ބޮލަށް ވަދެއްޖެ އެވެ.

"މިހެން އޮންނައިރު ގަބުރުތައް ތެދުވެ ހިނގާ އަޑު އިވޭ."

އެ ފިޔަވަޅުތައް ގަދަވަމުން އައިސް އަހަރެމެން މަޑުކޮށްލައިގެން ތިބި ފަނޑިޔާރު މިސްކިތާ އަރައި ހަމަވެއްޖެ އެވެ. އަދި ކުއްލިއަކަށް ބިތްދޮށުން ފައުޅުވީ ހުދު ހެދުމުގައި ހުރި ޒުވާން ފިރިހެނެކެވެ. އެކަމަކު އެއީ ތެދުވެގެން އައި ގަބުރެއް ނޫނެވެ. އެއީ ކޯގަންނުގެ ކުދި މިސްކިތްތައް ފޮޅައި ސާފުކޮށް ބަލަހައްޓާ މީހާ އެވެ. މި ނާސިރަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެކަކެވެ.

ކޯގަންނުގެ އާސާރުތަކާ ބެހޭ ގޮތުން އަނގަތަޅަން ހުރެފައި އޭނާ އެންމެފަހުން ނުކުމެގެން ހިނގައްޖެ އެވެ. އަހަރެން ވެސް ނައްޓާލީމެވެ. އެކަމަކު ނާސިރުގެ ޑިއުޓީ ނިމެން އަދި ގާތް ވެސް ނުވެ އެވެ.

ކޮމެންޓް (5)

މާރަނގާ

21 ޖެނުއަރީ 2024
މުހައްމަދު ނާސިރޭ ބުނެގެން އެނގޭނީ ވަރަށް މަދުމީހަކަށް ތިބޭބެ އަށް މިރަޓުމީހން ކިޔަނީ " އަހައްމަދު ބެއްޖާއްކަލޯގެ މުހުއްމާއްދީ" އައު، އަންޖު އެކޭ އެއްވަރަށް ތިދީދީ ވެސް ފޮނި ކަނޑާނެ
6 2

ސައީދު

21 ޖެނުއަރީ 2024
އަބަދުވެސް ގަދަބަސް ބުނެ ފޮނިކަނޑަމުން ދިޔަ މުށްބާރު ނުލަފާ މީހެއް. މާތް ﷲ ހެއު ވިސްނުން ދެއްވާށި!
6 3

އަންޖޫ

29 ޖެނުއަރީ 2024
@ސައީދު ބެނަފެލަ ނިލަފާވެގެން ކެޑެކަމައް މީހާކާ ދިން އަނިޔާއް
0 0

އެދުރުގޭ ހިޔާޒް

21 ޖެނުއަރީ 2024
"މުހުއްމާބޭ"އޭ ތިޔަރަށު މީހުން މުޙައްމަދު ނާސިރުއަށް ކިޔާނެ.
5 1

މީދޫ

21 ޖެނުއަރީ 2024
ކުރިން ވަރައް މުޅައް ފުޓް ބޯޅަސް ޖެހި މުހުއްމާދީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް