ސައްޔިދު ސަލާހުއްދީން: ރަންދާ ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ޗެމްޕިއަން
ސައްޔިދު: 16 އަހަރުގައި ރާޅާއެޅުމުގެ ރަން ތަރިއެއް
ކުޅިވަރު ނޫން އެހެން އެއްވެސް ކަމަކަށް މާ ބޮޑު ޝައުގެއް ސައްޔިދު ސަލާހުއްދީންގެ ނެތެވެ. އިސްކަންދަރު ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމު އަދާކުރަމުން އަންނަ ސައްޔިދު، 16، ކުޅެނީ އެންމެ ކުޅިވަރެއް ވެސް ނޫނެވެ. ފެތުން، ބާސްކެޓްބޯޅަ، ހޭންޑްބޯލް، އަދި މިހާރާއި ދުރު މުސްތަގުބަލުގައި ވެސް އޭނާ ނުކޮށް ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ރާޅާއެޅުން ވެސް މެ އެވެ.
ރާޅާއެޅުމަށް އޭނާގެ ހުރި ލޮލުކޮޅުން ގެއްލުމެއް ނެތް މާސިންގާ ޖޯޝު އުފެދުނީ މީގެ އަށް އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާޅާއަޅަން ދަސްކުރަން ފެށި ދުވަހު އެވެ. ވިލިމާލޭގެ ފުއްޓަރުން ހޮޅިލި ރާޅުތަކެއް އެ ރަށުގެ ހިތްގައިމު ގޮނޑުދޮށަށް އައިސް ބީއްސާލި ހިނދުކޮޅުގައި ބޫގީ ބޯޑެއްގައި އެންމެ 8 އަހަރުގެ ސައްޔިދު ފުރަތަމަ ފަހަރަށް އެޅި ރާޅު ހީވަނީ އޭނާގެ ހިތުގައި އަދިވެސް ނުހުއްޓި ދާ ހެންނެވެ. ހަމަގައިމުވެސް ސައްޔިދުގެ ވާހަކަތަކުން ސިފަވަނީ އެ ރާޅާ އެކު އޭނާގެ ހިތުގައި ރާޅާއެޅުމަށް އުފެދުނު ލޯބި އަދިވެސް އުތުރިއަރަމުންދާކަމެވެ.
އަބަދުވެސް ބޭނުންވަނީ މޮޅުވާން ކުރާ ކޮންމެ ކަމަކުން. އަބަދުވެސް. އެންމެ ކުޑައިރުއްސުރެ ވެސް. ބަލިވެއްޖެއްޔާ ރޮވެން ވެސް ރޮވޭ. ދެޓް އިޒް ވަޓް ކީޕްސް މީ ގޮއިން. މޮޅުވުމަށް އޮތް ޑްރައިވް
ސައްޔިދުގެ ކިބައިގައި ރާޅާއެޅުމުގެ ހުނަރު އުފައްދައި ކުރިއަރުވަން ފެށީ އޭނާގެ ބޮޑުބޭބެ އަޒްލީ ނަސީމެވެ. ސައްޔިދު ބުނިގޮތުގައި އޭނާގެ އާއިލާ މޫދާ ރައްޓެއްސެވެ. އެފަދަ އާއިލާއަކަށް އުފަންވުމުގެ ނަސީބާ އެކު، ވިލިމާލޭގައި ބޮޑުބޭބެގެ އިރުޝާދުގެ މަތިން، ސައްޔިދު އެންމެ ފުރަތަމަ ފެށީ ބޫގީ ބޯޑުގައި ރާޅާއަޅާށެވެ.
"ފުރަތަމަ ބޫގީ ބޯޑު ދަސްކުރި އިރު ވެސް ވީ ވަރަށް މަޖާ ކަމަކަށް. އެއްވެސް ކަހަލަ ޖެހިލުންވުމެއް ނޯވޭ އޭރު ވެސް،" ހިނިތުންވުމަކާ އެކީ މާޒީ ހަނދާންކުރަމުން ސައްޔިދު ބުންޏެވެ.
ބޫގީ ބޯޑުގައި ރާޅާއަޅަން ދަސްކުރުމަށް ފަހުގައި، އެކަމުގެ އުކުޅުތަކާއި ވައްޓަފާޅި އޭނާގެ ކިބައިގައި ރަނގަޅަށް އަށަގެންފިކަން ޔަގީންވުމުން، ސައްޔިދުއަށް ބޮޑުބޭބެގެ އަތުން ސާފް ބޯޑެއް ލިބުނެވެ. އެއިރުއްސުރެން މިހާތަނަށް އެއް ރާޅުން އަނެއް ރާޅަށް، އެއް ކާމިޔާބީ އިން އަނެއް ކާމިޔާބީއަށް ދިއުމުގެ ފަހަތުގައިވީ ފުރަތަމަ ފިޔަވަޅަކީ އެއީ އެވެ. މިފަހުން ނިމިދިޔަ ރަނދާ ރާޅާއެޅުމުގެ މުބާރާތުން ސައްޔިދުއަށް އެއްވަނަ ލިބުމަކީ އެފަދަ އެއް ކާމިޔާބީ އެވެ. އޭނާގެ ހަޔާތުގެ ފުރަތަމަ ސާފް ބޯޑު ލިބުނު ފަހުން، އެކަމުން ކުރިއަށް ދިއުމަށް ދޮރުތައް ހުޅުވުން ނުހުއްޓެ އެވެ.
މީހުންނަށް ނުފެންނަ ހިތްވަރު
ކަމާ ގަޔާވެގެން ނުކުރެވެންޏާ އެކަމެއް ނިމުމުން އިހުސާސްވާނީ އުފަލަށްވުރެ ބޮޑަށް ލުޔެވެ. އެކަމަކުން ނުކުންނަ ނަތީޖާއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވި، ފަރަށް ދާ އުސޫލުން ކޮށްލެވޭނީ އެވެ.
ރާޅާއެޅުމުގެ ތެރެއިން ސައްޔިދަށް ދަސްވި އެންމެ މުހިއްމު އެއް ކަމަކީ ކުރާ ކޮންމެ ކަމަކުން އެންމެ އެދެވޭ ނަތީޖާ ނުފެނި ހިނގައިދާނެކަމެވެ. ކަން މިހެން އޮތަސް، ކުރާ ކޮންމެ ކަމެއް ގަޔާވެގެން ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އޭނާ ބުންޏެވެ.
"ކުރާ ކޮންމެ ކަމެއް ވެސް އެންޖޯއި ކުރެވޭތޯ ބަލަނީ، ކުރާ ގަޑީގައި އެހާ ރަނގަޅަށް ނުކުރެވުނަސް،" ސައްޔިދު ބުންޏެވެ.
"ބައެއް ފަހަރު އެހާ ސަޅި ރާޅުތައް ނަޔަސް، ބަލަނީ ހަމަ އެންޖޯއި ކޮށްލެވޭތޯ."
ނަމަވެސް އެއީ އެންމެ ދުވަހަކުން އޭނާއަށް ހޯދައިގަނެވުނު ވިސްނުމެއް ނޫނެވެ. އެކަން ސާބިތުވަނީ ސައްޔިދު މިހާތަނަށް އައި އިރު ރާޅާއެޅުމުގައި ހޯދާފައިވާ ކާމިޔާބީތައް ހާސިލްކުރުމަށް ހުރަސްކުރި ހަރުފަތްތަކެވެ. މުބާރާތަކުން ބެލުންތެރިންނަށް ފެންނަ އާޝޯހުވާ ހުނަރު ތަރައްގީކުރުމަށް އޭނާ ކޮށްފައިވާ ގަދަ މަސައްކަތެވެ.
"އެހެން ކުޅިވަރެއް ނުކުޅެ ހަމައެކަނި ރާޅާއަޅާއިރު ހޭލަން ފަތިހާ. ހޭލާފައި ރާޅުތައް ބަލާލާފައި، ރަނގަޅިއްޔާ އެރެނީ ގާތްގަނޑަކަށް 6 ޖަހާއިރު. އެރިފައި ދެން އަރަނީ 9 ހާއިރު. އަރާފައި ސައި ބޮއެފައި ދެން އަނެއްކާވެސް އެރެނީ 10:30 ގަައި. އެއަށް ފަހު އަރަނީ 2 ހާއިރު. އަރާފައި ނަމާދުކޮށްގެން، ކައިގެން، އަނެއްކާ 3:30 ގައި އެރޭ ގޮތަށް 6 ޖަހާކަށްހާއިރު އަރަނީ. އެއީ ނޯމަލް ދުވަހެއް، ރާޅާއަޅާ ދުވަސްތަކުގައި،" ސައްޔިދު ކިޔައިދިނެވެ.
ޖެހިލުމެއް، ފޫހިކަމެއް ނެތި އެފަދަ ބުރަ ތާވަަލަކަށް ތަބާވުމުގެ ފަހަތުގައި އޮތީ ވެސް ވަރުގަދަ ސަބަބެކެވެ.
"އަބަދުވެސް ބޭނުންވަނީ މޮޅުވާން ކުރާ ކޮންމެ ކަމަކުން. އަބަދުވެސް. އެންމެ ކުޑައިރުއްސުރެ ވެސް. ބަލިވެއްޖެއްޔާ ރޮވެން ވެސް ރޮވޭ. ދެޓް އިޒް ވަޓް ކީޕްސް މީ ގޮއިން. މޮޅުވުމަށް އޮތް ޑްރައިވް،" ސައްޔިދު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ހިތްވަރު އިތުރަށް ކުރިއަރުވައިދިނީ އޭނާގެ ދެ ކޯޗުންނެވެ. މުހައްމަދު ޒާހިދު އާއި ކްލައިޑް މާޓިން އެވެ.
ހަށިގަނޑު ވެސް، ވިސްނުން ވެސް ތަމްރީންކުރަން ޖެހޭ
ރާޅާއަޅާ ވަގުތު ވިސްނުން ބަހައްޓަންވީ ގޮތް ކޯޗު ކްލައިޑް މާޓިން އޮންނަނީ އޭނާއަށް ބުނެދީފަ އެވެ.
"[ކްލައިޑް] ކިޔައިދިން ވަރަށް ގިނަ ކަންކަން. އެއް ކަމަކީ ޓު އޯލްވޭޒް ތިންކް އައި އޭމް ދަ ބެސްޓް، އެންޑް ސާފް ލައިކް އައި އޭމް ދަ ބެސްޓް،" ސައްޔިދު ކިޔައިދިނެވެ.
އެ ވިސްނުމަކީ ފެށުމެވެ. ރާޅަކަށް މިސްރާބު ޖެހުމުގެ ކުރިން އިހުސާސްވެދާނެ ޖެހިލުންވުމާއި ހާސްކަމުގެ ގަތުލެވެ. ސައްޔިދު ބުނިގޮތުގައި އަޅާނެ ރާޅަކަށް ފާރަލަމުންދާ ވަގުތު އޭނާ އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ ސިކުނޑީގައި ކޯޗުގެ އެ ބަސްތައް ތަކުރާރުކުރުމެވެ.
"ސްކޯކުރަން ފުރުސަތު ލިބޭ ރާޅުތަކަށް ސައްޔިދު ބަލަނީ. ގިނައިން މީހުން ދަނީ ބޮޑު ރާޅަށް. އެކަމަކު ހުރިހާ ފަހަރަކު އެންމެ ރަނގަޅު ގޮތެއް ނޫން އެއީ. އެންމެ ހަލުވި ރާޅުތައް އަސްލު ރަނގަޅީ. އެއީ އެ ރާޅުތަކުން، އެންމެ ބޮޑު ސްކޯރިން ޗާންސްއެއް ލިބޭނީ،" ސައްޔިދަށް އެންމެ ބަރާބަރު ރާޅު ސިފަކޮށްދޭން އެދުމުން ކިޔައިދިނެވެ.
"ދެން ސައްޔިދު އަބަދުވެސް ބަލަނީ އެންމެ ރަނގަޅު ރާޅަށް ދެވޭތޯ އަވަހަށް. އޭތި ކަޓައިފިއްޔާ ދެން ޖެހިގެން އަންނަ ބޮޑެތި ރާޅުތައް ބިންދާލާނީ ބޮލަށް. ހީވަނީ ކަނޑު އަމިއްލައަށް ސައްޔިދަށް އަދަބު ދޭހެން، އެންމެ ސަޅި ރާޅު ކެޓީމަ."
އެ ބުނާ އެންމެ ސަޅި ރާޅު ނުކަޓާ އެޅިއްޖެއްޔާ ދެން އޮންނާނީ އެންމެ މުހިއްމު ވަގުތެވެ. ބެލުންތެރިންނަށް އެންމެ ފޯރިގަދަ ވަގުތެވެ. ހޮޅިލަމުންދާ ރާޅު މަތީގައި ރާޅާއެޅުންތެރިޔާގެ އާޝޯހުކުރަނިވި ހުނަރު ދައްކާލުމެވެ.
"ރާޅު ތަންދެންޏާ އެ ރާޅުގައި އެ ވަގުތު އެޅޭ ޓްރިކްއަކީ މައި ފޭވަރިޓް. ކޮންމެ ރާޅެއް ވެސް ތަފާތުވާނެ، އެ ރާޅުގައި ހެދޭ ޓްރިކްތައް ވެސް ތަފާތުވާނެ،" ސައްޔިދު ބުންޏެވެ.
'ދުވަހަކުވެސް ހުއްޓާލާކަށް ބޭނުމެއް ނުވޭ'
ސައްޔިދު ވާދަވެރި ފެންވަރެއްގައި ރާޅާއަޅާތާ ވީ ހަމަ އެންމެ ދެ އަހަރެވެ. އެއީ މިކަން ފެށިތާ މި ހޭދަވި ދިގު އަށް އަހަރުގެ ތެރެއިން ދެ އަހަރެވެ. އެ ވީހާ ދުވަސްތަކުގައި އެއްފަހަރު ވެސް އެ ކުޅިވަރު ހުއްޓާލުމުގެ އެދުމެއް ސައްޔިދަކަށް އިހުސާސެއް ނުވެ އެވެ.
"އެއީ، އެބަ އެނގޭ ސާފްކުރާ ކޮންމެ ބުރަކު ވަނީ މޮޅުކަން. އަބަދުވެސް ކުރިއަށް ވުރެ މޮޅުވަމުން ދާނީ. އެއީ ވަރަށް މޯޓިވޭޝަނަލް ކަމެއް މިކަން ނުހުއްޓަން،" ސައްޔިދު ބުންޏެވެ.
ހުއްޓަން ބޭނުންވާނީ ވެސް ކުރާ ހިތް ނުވާ ކަމެއް ނޫން ހެއްޔެވެ؟
މުސްތަގުބަލުގައި ވެސް ސައްޔިދުގެ އަމާޒަކީ ރާޅާއެޅުމާ ގުޅޭ، ނުވަތަ ވޯޓާސްޕޯޓްސް މައިދާނުގައި މަސައްކަތް ކުރުމެވެ.
އެންމެ 16 އަހަރުގައި އޭނާގެ ރާޅާއެޅުމުގެ ހަޔާތް، މިކަމުގައި އުޅޭތާ އަށް އަހަރުވިޔަސް، އަދި ކިރިޔާ ފެށުނީއޭ ބުންޏަސް ދޮގަކަަށް ނުވާނެ އެވެ.
ރާއްޖެއަކީ ރާޅާއެޅުމުގެ މަންޒިލެކެވެ. އަތޮޅުތަކެއްގެ މައްޗަށް ފެތުރިފައި މި އޮތް ޖަޒީރާ ގައުމުގެ ރަށްތަކުގެ ތެރޭގައި، ރާޅާއެޅުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފާހަގަކުރެވޭ ހާއްސަ ރަށްތައް ހިމެނެ އެވެ. ކަމާކަންފަށާ ރާޅާއެޅުމަށް ފަތުރުވެރިން ރާއްޖެ އާދެ އެވެ. ހަމައެފަދައިން، ބޭރު ގައުމުތަކުގައި ވެސް އެފަދަ މަންޒިލްތައް ހުރެ އެވެ. އެފަދަ ތަންތަނަށް ޒިޔާރާތް ކޮށް، ރާއްޖޭގެ ކަނޑު ނޫން އެހެން ކަނޑެއްގެ ރާޅުތައް ތަޖުރިބާ ކޮށްލުމުގެ އެދުން ސައްޔިދުގެ އޮންނާނެކަން ޔަގީނެވެ.
ރާއްޖޭގައި ނަމަ، ރާޅާއެޅުމަށް ސައްޔިދުއަށް އެންމެ ސަޅި އެއް ރަށަކީ މަޝްހޫރު ދެ ސާފް ޕޮއިންޓެއް އޮތް މ. މުއްޔެވެ. އޭނާ މިހާތަނަށް ރާޅާއަޅަން ދިޔަ ހުރިހާ ތަނެއްގެ ތެރެއިން މުލި އެންމެ ކަމުދަނީ، ސައްޔިދު ބުނިގޮތުގައި، އެ ރަށުގެ ރާޅުތައް ދިގުވީމަ އެވެ.
"ވަރަށް ބޮޑު ރައިޓް ހޭންޑް ވޭވްސް އެތާނގައި ނަގާނީ. ބޭނުން އެއްޗެެެއް ޖައްސާލެވޭ އެތާނގައި،" ސައްޔިދު ބުންޏެވެ.
'އެއްފަހަރު ވިޔަސް ރާޅަށް ގޮސްލާ'
ވަކި މީހެއް އެއްކިބާނުކޮށް ސައްޔިދު ބުނަން އޮތް ވާހަކައަކީ މިއީ އެވެ.
"ޕްރޮފެޝަނަލްކޮށް ނުވިޔަސް، ހޮބީއަކަށް ވިޔަސް [ސާފް] ކޮށްލާ އެއްފަހަރު ވިޔަސް،" އިންޓަވިއުގެ ފަހު ސުވާލުގައި ސައްޔިދު ބުންޏެވެ.
ރާޅާއަޅާފައި ހުރި ކޮންމެ މީހަކު ވެސް ބުނާ ވާހަކައެކެވެ. އަހަރެމެން ދިވެހިންނަކީ މޫދަށް ބަރޯސާވާ ބައެކެވެ. ބައެއް މީހުން ހުންނަނީ މޫދަށް ދާން ދެވިހިފާފަ އެވެ. ނުހިފަންޏާ ވެސް ދެރަ އެވެ. އެއީ ރާޅާއެޅިޔަސް ނުވަތަ ހަމަ ފަތާލަން ދިޔަޔަސް، މޫދަށް އެރިލުމުން މުޅި ޖިސްމާއި ނަފްސު ގަންބައިދޭ އަރާމަކީ އެވަރުގެ ދެވަނައެއް ނުވާ އިހުސާސެކެވެ.
ސައްޔިދު ރާޅާއެޅުމަށް ލޯބިކުރާ އަނެއް ސަބަބަކީ ވެސް ހަމަ އެފަދަ އިހުސާސެއް އުފަންކުރުވާ ވަގުތެކެވެ.
"ބައެއް ފަހަރު ރާޅާއަޅާ ނިންމާލަން ތަންކޮޅެއް ލަހުން، އިރުއޮއްސޭ ގަޑީގައި. އެ ގަޑިއަކީ ހަމަ އާދަޔާހިލާފު ވަގުތުކޮޅެއް،" ސައްޔިދު ކިޔައިދިނެވެ. "ކުލަތައް އެއްވެލާ އިރު އެ ފެންނަ މަންޒަރު ވަރަށް ރީތި. މޫދުގައި އޮންނަ އިރު ވަރަށް ރީތިވާނެ އަދި. އެއްވެސް ވަރަކަށް ފޫހިނުވާ މަންޒަރެއް އެއީ."
މަންމައަށް ފަށްފަށުން ޝުކުރު
މަންމައެއްގެ އެއްބާރުލުމާއި ދުއާއަކީ ހަމަގައިމުވެސް ކާމިޔާބުވުމަށް ލިބޭނެ އެންމެ މުހިއްމު ހަކަތަ އެވެ. ހަޔާތުގެ އެހެން އެކަކަށް ވެސް ނުދެވޭނެ ވަރުގެ ލޯތްބާއި އަޅާލުން މަންމައެއްގެ ގާތުން ލިބޭނެ އެވެ. ސައްޔިދަކީ އެ ނަސީބުގެ ވެރިއެކެވެ.
"ނުވާވަރުން ކޮށްދިން ހުރިހާ ކަމެއް ވެސް މަންމަ. ޝީ އިޒް ދަ މޯސްޓް ސަޕޯޓިވް. ސައްޔިދުގެ ހަޔާތުގެ އެންމެ ރަނގަޅު މީހާ މަންމައަކީ،" ސައްޔިދު ބުންޏެވެ.
އޭނާގެ ކާމިޔާބީތައް ވުޖޫދުވުމުގެ ފަހަތުގައި ދެން ހުރީ އޭނާގެ ބޮޑުބޭބެ އަދި އެންމެ ފުރަތަމަ ކޯޗު އަޒްލީ އެވެ.
އެއަށްފަހުގައި މުހައްމަދު ޒާހިދާއި ކްލައިޑް މާޓިންއަށް ވަރަށް ބޮޑު ޝުކުރެއް ސައްޔިދު އަދާކުރި އެވެ. އެ ދެ މީހުންގެ އިރުޝާދާއި ނަސޭހަތާ އެކުގައި އޭނާގެ ރާޅާއެޅުމުން ފެންނާނީ، ސައްޔިދު ބުނިގޮތުގައި، ހަމައެކަނި ކުރިއެރުމާއި ފަސްނުޖެހުމުގެ އަޒުމެވެ.
ސައްޔިދުގެ ރާސްތާ ދާނެ މިސްރާބު އޭނާގެ ތަސައްވުރުގައި ވަރަށް ޔަގީނެވެ. އެއީ، މި ލިޔުމުގެ ކުރީކޮޅުގައި ފާހަގަކުރިހެން "އަބަދުވެސް މޮޅުވާން" މަސައްކަތް ކުރުމެވެ.